ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޝާހިދާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިންއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރ 21 ވާ އަންގާރަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.