ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިއަދު ހަތަރު މެންބަރަކު ޢައްޔަން ކުރައްވައިފިއެވެ. މިއަދު ޢައްޔަން ކުރެއްވި ހަތަރު ބޭފުޅުންނަކީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ހަލަވެލި ޢަބްދުﷲ ޙިލްމީ އާއި، އައްޑުއަތޮޅު ހުޅުދޫ ވައިލެޓްފެހި އަލްއުސްތާޛާ ޚަދީޖާ ރަޝީދާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ގަޒީރާ އަލްއުސްތާޛު މުޢައްވިޒު ރަޝީދާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ވައިޖެހޭގޭ މުޙަންމަދު ޝަފީޢެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއާއި މިބާވަތުގެ ޢަމަލުތައް ނުހިނގާގޮތަށް ސަރުކާރުގެ އެންމެހާ ކަންތައްތައް ހިންގެވުން ކަމުގައި ވިދާޅުވިއެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިނގާ ކޮރަޕްޝަންގެ ކަންތައްތައް ރަނގަޅަށް ބައްލަވައި، ކޮރަޕްޝަން މުޅިން ނައްތާލެއްވުމަށް މަސައްކަތް ކުރެއްވުމަށް ކޮމިޝަންގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، މިބޭފުޅުން ކުރެއްވިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ހުށަހަޅުއްވާ މެންބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ 14 ޖޫން 2009 ގައެވެ. މިހުށަހެޅުން ފޮނުއްވާފައިވަނީ ހަމަޖެހިފައިވާ އުޞޫލުން އެބޭފުޅުންނާމެދު ސާފުކުރަންޖެހޭ މަޢްލޫމާތު ހޯއްދަވައި ބެއްލެވުމަށްފަހުގައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ މެންބަރުންގެ ނަންތައް ފޮނުއްވި ތާރީޚަށްވުރެ ފަހުގެ ތާރީޚެއްގައި އޭގެތެރެއިން އެއްބޭފުޅަކާ ގުޅޭ މަދަނީ އަދި ޖިނާއީ ތަޙްޤީޤެއް ހިނގަމުންދާ ކަމުގެ މަޢްލޫމާތު ލިބުމާ ގުޅިގެން، އެބޭފުޅެއްގެ ނަންފުޅު 25 ޖޫން 2009 ގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނބުރާ ގެންނަވާފައެވެ.

މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އެތާރީޚާ ހަމައަށް އެ ނަންފުޅު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަނޭޅި، އެ ނަންފުޅާމެދު މަޖިލީހުގެ ތަޅުމުގައި ބަޙުޘް ނުކުރެވިއެވެ. މި ނަން އަނބުރާ ގެނެވިފައިވުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އިތުރު ނަމެއް ފާސްކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެންދަވަނީ ކުރައްވަމުންނެވެ.