ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ކަނޑޫދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މި ސަރުކާރު ވެރިކަމަށް އައިފަހުން މިވީ މަދު ދުވަސްކޮޅުގައި ކަނޑޫދޫގައި މިދިޔަ 15 އަހަރު ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢު ކުރިޔަށް ގެންދާ ކަމަށް ކަނޑޫދޫ ކައުންސިލުން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ކަނޑޫދޫގައި މިހާރުވެސް 9 ވަރަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓް އެކި މަރުޙަލާތަކުގައި ކުރިޔަށް ދާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަނޑޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، މަޝްރޫޢުތައް ހިންގަމުން ދިޔަ ނަމަވެސް ދިމާވާ ބައެއް ކަންކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރ އާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ފަށާފައިވާ ބައެއް މަޝްރޫޢުތައް ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްޤީގެ އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ ޑީޓެއިލްޑް ޑިޒައިން ނިމިފައިވާކަމަށާއި، އެޑްމިން ބިލްޑިންގގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، އަދި މިހާރު މި މަޝްރޫޢުގައި ކުރިޔަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތްކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ބަނދަރުގެ މިހާރު ކުރިޔަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތްކަމުގައި ވިދާޅުވެ، ޞިއްޙީ މަރުކަޒުގެ އަޕްގްރޭޑިންގެ ގެ މަސައްކަތް އޮތީ ބަޔަކާ ޙާވާލުކުރެވިފައި ކަމަށާއި، ރަށްގިރުމުގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީއިން ހަދަންޖެހޭ އެސެސްމަންޓް ހައްދަވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިިލްގެ ބައްދަލުކުރެއްވުމަށްފަހު، ކަނޑޫދޫގެ ޓީޗަރުުންނާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާ ތަޢުލީމީ ދާއިރާގައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. މިގޮތުން އެރަށު ޓީޗަރުން ވަނީ ސްކޫލަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތަކާއި ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޓީޗަރުން ވިދާޅުވިގޮތުގައި، މިހާރު އެރަށު ސްކޫލްގައި ޢިމާރާތްކުރާ ތިން ކްލާސްރޫމްގެ މަސައްކަތް ނިމުމުން ސްކޫލްގެ ހުރިހާ ކުދިންނަށް އެއްދަންފަޅިޔަށް ކިޔަވައިދެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ޖީލެއް ބިނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ކަންތައްކަމުގައި ވިދާޅުވެ، އަންނަ އަހަރު ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެކަން ހާމަކުރައްވާފައެވެ. އަދި އެބޭފުޅުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ޙައްލު ހޯއްދަވަން މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.