ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ސްކޫލް ހިންގުމުގައި އެބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ސްކޫލް ގެ އިސް ވެރިންނާއި އެސްއެމްޓީގެ ބޭފުޅުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ސްކޫލް ހިންގުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އިތުރު 6 ކްލާސްރޫމް ތަރައްޤީކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި، ސްކޫލް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާ ރީސްޓްރަކްޗަރިން މަސައްކަތްތަކާއި، ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލް މަރާމާތަށް ބޭނުންވާ ބަޖެޓް އަދި، ފަންނީ މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތައް ޚާއްޞަގޮތެއްގައި ވަނީ ފާހަގަކުރައްވާފައެވެ. ބެލެނިވެރިން ވަނީ އެޑިއުކޭޝަނުން ދޫކޮށްފައިވާ ޓެބްލެޓްތައް ޙަލާކުވުމުން އެ އަލުން ހޯދުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވަން ރައީސް އަރިހުގައި ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އަދި ބެލެނިވެރިން ފާހަގަކުރެއްވެވިި ކަންކަން ފަހިކުރުމުގައި ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން އެރަށުގައި އަލަށް ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަކީީ 71،510،250.00 ރުފިޔާގެ މަޝްރޫޢެކެވެ. އެއް އަހަރުދުވަހުގެ މުއްދަތެއް ތެރޭގައި ނިންމުމަށް ރާވާފައިވާ މި މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިގޮތުން 64 ގޭގެ ރޫފްބީމް މަސައްކަތާއި، ރޭނުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި، 42 ގޭގެ ސިމެންތި ޖެހުމުގެ މަސައްކަތާއި، 56 ގޭގެ ރޫފް ޓްރަސް ހަރުކުރުމާއި، 32 ގޭގެ ހިޔާކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމަރަފުށީގައި ކުރިޔަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވެސް ބައްލަވާލައްވާފައެވެ. މިގޮތުން، ޞިއްޙީ މަރުކަޒުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވައި، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާ ބެހޭގޮތުން ތަނުގެ މުވައްޒަފުންނާ އެމަނިކުފާނު ވާހަކަފުޅުދައްކަވާފައިވެއެވެ.