ވިއެޓްނާމް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ ހޯ ތީ ތަން ތުރުޚް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ވިއެޓްނާމްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ވަނީ ދެޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭއިރު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާ ފަދަ އެދެވޭ ކަންތައްތަކެއްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ މަތީ ފަންތީގެ ވާހަކަތަކާއި، ޒިޔާރަތްކުރުންތައް މެދުވެރިކޮށް ދެޤައުމުގެ ދޭތެރޭގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ދެނެގަތުމާގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ކޮވިޑް-19 ކޮންޓޯރޯލްކުރުމަށް ވިއެޓްނާމް ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ވިއެޓްނާމް ސަފީރުގެ އަރިހުން ރާއްޖެއަށް އާސިއާންގެ އޮބްޒަރވަރ ސްޓޭޓަސް ހޯދުމަށް އެހީތެރިކަން ފޯރުކޯށްދިނުމަށް އެދިވަޑައިގެންފައެވެ.

ވިއެޓްނާމް ސަފީރުގެ ވާހަކަފުޅުގައި، ވިއެޓްނާމުން ރާއްޖޭގެ އެކުވެރިއެއްގެ ރޯލު އަބަދުވެސް އަދާކުރާނެކަމަށާއި، ރާއްޖޭއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް އެޤައުމުގެ ފަރާތުން ދޭނެކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަކޮށް ބައިނަލްއަޤްވާމީ ދުނިޔޭގެ ގިނަ ކަންކަމުގައި ރާއްޖެއާއި ވިއެޓްނާމްގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭހެން އ.ދ. އާ ގުޅޭ ކަންކަމުގައި އެކުގައި މަސްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.