ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ވިލިމާލެއަށް މިއަދު ހެނދުނު ވަޑައިގެން، އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ، އިސްވެރީންނާއި ބައްދަލުކުރައްވައިފިއެވެ. ނައިބު ރައީސްވަނީ މިދަތުރުފުޅުގައި މުޙްޔިއްދީން ސްކޫލާއި، އެސްކޫލްގެ ޕްރީސްކޫލް ކެމްޕަހުގެ އިތުރުން ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މުޙްޔިއްދީން ސްކޫލާއި، އެ ސްކޫލްގެ ޕްރީސްކޫލް ކެމްޕަހަށް ކުރެއްވި ދަތުރުފުޅުގައި ދެ ސްކޫލްގެ ކިލާސްތަކަށް ޒިޔާރަތްކުރައްވާ، ކިޔަވާ ކުދިންނާއި ވާހަކަފުޅު ދެއްކެވިއެވެ. އަދި، ކިލާސްތަކަށް ޒިޔާރަތްކުރެއްވުމަށްފަހު، މުޙްޔިއްދީން ސްކޫލްގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޤައުމަށް ފައިދާހުރި، މަސައްކަތްތެރި، ސްކޫލް ނިމޭއިރު ދިރިއުޅުމަށް ތައްޔާރުވެ މުޖުތަމަޢުއަށް ފައްކާވެފައިވާ ދަރިވަރުން އުފެއްދުމުގައި މުދައްރިސުންގެ ދައުރު ފާހަގަކުރައްވާފައިވެއެވެ. އަދި، ތަޢުލީމީ ދާއިރާގެ މީހުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމަހޫރިއްޔާވެފައިވާ ވައުދުފުޅުގެ ވާހަކަވެސް ހަނދުމަކޮށްދެއްވިއެވެ. މީގެ އިތުރުން، ޓެލެކިލާހާއި، އިންކްލޫސިވް އެޑިއުކޭޝަނާއި ސެން ދަރިވަރުން، އަދި ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ އެކި މަސައްކަތްތަކާއި މެދު މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ އިސްވެރިން ވަނީ ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މިބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން، ނައިބު ރައީސްވަނީ މުޙްޔިއްދީން ސްކޫލުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ނައިބު ރައީސް ވިދާޅުވެފައެވެ.

ވިލިމާލެ ހޮސްޕިޓަލަށް ކުރެެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ އިސްވެރިންވަނީ ހޮސްޕިޓަލުގައި ދިމާވާ ދަތިތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. ޙާއްސަގޮތެއްގައި، ވިލިމާލެ ހޮސްޕިޓަލުގައި ޖާގައިގެ ދަތިކަންވަނީ ފާހަގަކުރައްވާފައެވެ. ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސްވަނީ ވިލިމާލެ ފެރީ ޓަރމިނަލްއަށް ވަޑައިގެން، ފެރީއަކަށް އަރުއްވާ، ޓަރމިނަލްގައި މަސައްކަތް ކުރިޔައްދާގޮތް ބައްލަވާ، އެތަނުގައި މަސައްކަތްކުރާ ބޭފުޅުންނާއި ކުރުކޮށް ވާހަކަފުޅުދައްކަވާލައްވައިފައެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަޙްމަދު ސަމީރު އާއި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް އަދި، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.