ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެކެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެން.އެސް.ސީ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.