މި މަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި އަދި ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުންނާއި ޕެރަލިމްޕިކް ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ޖަޕާނުގައި މި މަހުގެ 24 އިން އަންނަ މަހުގެ 5 އަށް ބާއްވާ ޕެރަލިމްޕިކްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ފުރުޞަތު ލިބިފައި ވަނީ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕެރަލިމްޕިކްގައި ރާއްޖެއިން ވާދަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަންވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މި ދެ އެތުލީޓުން ވަނީ މުބާރާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެބޭފުޅުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށްފައެވެ. އަދި މި މުބާރާތުގައި ކާމިޔާބު ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށްބޮޑު އުންމީދެއްކަން މި ދެ އެތުލީޓުންވެސް ފާހަގަކުރިއެވެ. ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރާއްޖޭގެ ޕެރަލިމްޕިކް ޑެލިގޭޝަނުން ވަނީ ޕެރަލިމްޕިކް ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުކޮށްދިނުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފް އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދަވައި އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑްސް ގޭމްސްގައި ފުރަތަމަ ޕެރާ އެތުލީޓެއްގެ ގޮތުން މުޙައްމަދު މާޒިން ބައިވެރިވެ ރާއްޖެއަށް ވަނީ ބްރޮންޒް މެޑަލް ހޯދައިދީފައެވެ. ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ ޕެރަލިމްޕިކުގައި ބައިވެރިވުމުގެ ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށްދާއިރު، މި ސަރުކާރުން ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ދާއިރާއިން ފުރުޞަތުތައް ތަނަވަސް ކޮށްދިނުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.