ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދުނިޔޭގެ ޤައުމުތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފުރަތަމަ ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ވަސީލަތްތައް ހުރީ އެއްގޮތަކަށްވެސް އެފަދަ ބަލިމަޑުކަމަކާ ކުރިމަތިލެވޭނެ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަބަބާހުރެ ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ރާއްޖޭގެ ޞިއްހީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުން ކަމަށެވެ. އަދި ހަމައެހެންމެ މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާއީ އިޤްތިޞާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކުރުންކަމަށާއި މިހާރު އައު ޢާންމު ހާލަތަކަށް ދިއުމަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެފައި މި ވަނީ އެ ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އައު ޢާންމު ހާލަތަކަށް ދިއުމަށްޓަކައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާރު ރާއްޖެއަކީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމާއި އަދި އޭގެ އިތުރުން ރާއްޖެއަކީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ފުރުޞަތު ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކޮވިޑް-19ގެ މަޑުމަޑުކަން ކޮންޓްރޯކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންގެންދާ ލުއިތަކާއެކު ރާއްޖޭގެ އިޤްތިސާދީ ޙާލަތުވެސް ރަނގަޅުވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އެކްސްޕޯޓް %19 އަދި އިމްޕޯޓު %45 އިތުރުވެފައިވާކަމާއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ އާމްދަނީ %14 އިތުރުވެ، ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %23 އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އިއާދަކުރުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މީހުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާކަމާ ބޯޑަރު ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ހިންގާ ރިޒޯޓްތަކުގެ 95 އިންސައްތަ ރިޒޯޓް މިހާރު ހުޅުވާފައިވާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހާތަނަށް 655,000 އަށްގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ކޮވިޑް-19ގެ ހާލަތުން، އައު ޢާންމު ހާލަތަކަށް ބަދަލުވުމަށް މަސައްކަތްކުރާއިރު، މިހާރު ދީފައިވާ ލުއިތަކާއެކު ޤައުމުގެ ހުރިހާކަމެއް ޢާންމު ހާލަތާ އެއްގޮތަށް ކުރިޔަށްގެންދެވޭނީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިންޖެހުމަށް ކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރެއްވިއެވެ، އެހެންކަމުން ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންވެސް ވީހާ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ. މިއަދު ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.