‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގުރައިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި ގުރައިދޫގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައިވެއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދު މެންދުރުފަހު ގުރައިދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި، ކ. އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކުރެއްވި ޒިޔާރަތުގައި، އެތަނުގެ ހާލަތު ބައްލަވާލައްވާ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ގުރައިދޫ ޞިއްޙީ މަރުކަޒާއި އެރަށުގައި އަލަށް ހިއްކި ސަރަޙައްދު ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ގުރައިދޫ ރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގަވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ރަށުގެ ބިމުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވަމުން ގެންދަވާކަމަށްޓަކައި ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ތަރައްޤީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ހިނގަމުންދާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައްވެސް ހިއްސާ ކުރައްވާފައެވެ.

‎ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ޚިދުމަތް ޤާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

‎ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ، އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީ އާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.