ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާފައި ވަނީ މަގުހަދާ ވެހިކަލް ބޭނުން ކުރައްވައިގެންނެވެ.

ހަނިމާދޫ މަގުހެދުމުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ކުރިޔަށްގެންދަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ޖުމްލަ 6.4 ކިލޯ މީޓަރުގެ ދިގު މިނުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް މަގު ހަދާނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ހދ. ހަނިމާދޫ ކައުންސިލާއި،ހެލްތު ސެންޓަރަށާއި، ހަނިމާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ވެސް މިއަދު ބައްލަވާ ލައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.

ހަނިމާދޫގެ ޞިއްޙީ ދާއިރާގެ ފެންވަރު މަތިކުރުމުގެ ގޮތުން އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް މިއަހަރުގެ ފަހުކޮޅު ބިޑަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ހަނިމާދޫ ބަނދަރު އަޕްގްރޭޑްކުރުން ކުރިޔަށްދާއިރު އެމަސައްކަތް ކުރިޔަށްދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިހާރު ކުރިޔަށްދަނީ ބަނދަރުގެ ބްރޭކްވޯޓަރގެ މަސައްކަތެވެ. ހަނިމާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސްކޫލުގައި މަލްޓިޕާޕަސް ހޯލްއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށްދެއެވެ.