بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
އާދެ، ކޯވިޑް-19އާ ގުޅިގެން ވަރަށްދަތި އުނދަގުލުގައި ގާތްގަނޑަކަށް ދެ މަސްދުވަހު ހޭދަކުރުމަށްފަހު، ﷲގެ ރަޙްމަތާއެކު އިރާދަފުޅުން އަޅުގަނޑުމެން މިއަދު މިވަނީ ކޯވިޑުގެ ޙާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިފައި. ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި، ގްރޭޓަރ މާލެއޭ އަޅުގަނޑުމެން މި ކިޔާ ސަރަޙައްދުގައި ކޯވިޑަށް ޕޮޒިޓިވްވާ ޢަދަދު، ދުވަހެއް ދުވަހަކަށް މިހާރު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. އެހެންކަމުން، ހެލްތް އެކްސްޕަރޓުންނާއި، ޑޮކްޓަރުންނާއި، އެޗް.އޯ.ސީ. އާއި، މިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންގެ މަޝްވަރާއާ އެކީގައި އަޅުގަނޑުމެން މިވަނީ ލުއިތަކެއް ދޭން ނިންމާފައި. މި ލުއިތައް ދިނުމަށް ފަށަން ގަސްދުކޮށްފައި މިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން.
އެގޮތުން، އަޅުގަނޑު ބައެއް ކަންތައްތައް ފާހަގަކޮށްލާނަން. އަދި އޭގެ ތަފްޞީލުތައް، ކުރިއަށް އޮތް ޕްރޮގްރާމްތަކުގައި، އަދި އަޅުގަނޑާ އެކީގައި މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ދެއްވަމުން ގެންދަވާނެ.
މި ޕްރެސްގައި އަޅުގަނޑާ އެކުގައި މިއަދު ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ބައިވެރިވެވަޑައިގަންނަވާނެ.
ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަޅުގަނޑުމެން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި، ކަރފިއު ގަޑި މިހާރު ރޭގަނޑު 8 ޖަހާއިރު ފަށާގޮތަށް ބަދަލުކުރުން ހިމެނޭ. ކަރފިއު ދެން އޮންނާނީ، ރޭގަނޑު 8 ން ފަތިހު 4 އާ ހިސާބަށް. ކަރފިއު ނޫން ގަޑިތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވައިލުމަށް މިވަނީ ހުއްދަ ދެވިފައި. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަށްވެސް މިވަނީ ހުޅުވައިލެވިފައި. އަދި ކަރފިއު ނޫން ގަޑިތަކުގައި ފާހާނުލައި، ކޮންމެ ރައްޔިތަކަށް، ކޮންމެ ބޭފުޅަކަށް ބޭރަށް ނުކުމެވަޑައިގަތުމުގެ ފުރުޞަތު އޮންނާނެ.
އަދި ހަމަ އެގޮތަށް، ކަރފިއު ނޫން ގަޑިތަކުގައި، ކެފޭ، ރެސްޓޯރެންޓްތަކުގައި އިންޑައިނިންގގެ ފުރުޞަތު ހުޅުވައިލެވިގެންދާނެ. ކެފޭތަކަށާއި ރެސްޓޯރެންޓްތަކަށް ވަޑައިގެން، އެތަނުން ޚިދުމަތް ލިބިގަތުމުގެ ވާހަކަ، އަޅުގަނޑު މި ދެންނެވީ. އެއީ ރޭގަނޑު 8 ޖަހަންދެން. ފަތިހު 4ން ރޭގަނޑު 8 ޖަހަންދެން މިކަން ކުރިއަށް ގެންދެވޭނެ.
ކޯވިޑުޖެހި ރަނގަޅުވެފައިވާ މީހުންނަށް، 60 ދުވަހުގެ ތެރޭގައި، ކަރަންޓީނުވުމަކާ ނުލައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުޞަތު އެބަ ލިބިދޭ.
އަދި ހަމައެއާއެކުގައި، ސައުތު އޭޝިއާއިން މިހާރު އަޅުގަނޑުމެން މިވަނީ އެއްވެސްގޮތަކަށް މީހުން އައުން މަނާކޮށްފައި. މިއަދު މި ދެވޭ ލުއިތަކުގެ ތެރޭގައި، ސައުތު އޭޝިއާގެ ޤައުމުތަކުގައި ހިމެނޭ މީހުންގެ ތެރެއިން ރާއްޖޭގައި ވަރކް ޕަރމިޓާއެކު މަސައްކަތްކުރާ ފަރާތްތަކަށް ވަރކް ޕަރމިޓް، ރާއްޖެއަށް އައުމުގެ ފުރުޞަތު ހުޅުވައިލެވިގެންދާނެ. އެއީ ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ މަތިން، ކަރަންޓީނު ކުރެވޭގޮތަށް.
އެއާއެކުގައި، ސައުތު އޭޝިއާގެ ޓޫރިސްޓުންނަށް، އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވައިލުމަށް ނިންމާފައި މިވަނީ، ޖުލައި 15 ވަނަ ދުވަހު. އެހެންނަމަވެސް، އެކަން އަޅުގަނޑުމެން ކުރާނީ، އަދި ކުރިއަށް މިއޮތް ހަފްތާގައި، ސައުތު އޭޝިއާގެ ކޯވިޑް-19ގެ ޙާލަތަށް ބެލުމަށްފަހު. އެހެންނަމަވެސް، މިވަގުތަށް ނިންމާފައި މިވަނީ ޖުލައި 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރުތައް އެކީގައި ހުޅުވައިލާގޮތަށް.
އަޅުގަނޑުމެން މިހާރު އެންމެބޮޑު ސަމާލުކަމެއް ދީފައި މިވަނީ، ވިޔަފާރިތައް ހުޅުވާލައި، އިޤްތިޞާދު ހިނގައިގަތުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް. އެހެންނަމަވެސް، ކޯވިޑް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އަދި ދިގު މުއްދަތެއްގައި، ކޯވިޑަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ފެސިލިޓީޒް ޤާއިމުކޮށް، އެ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތްވެސް ކުރިއަށް މިހާރު އެބަގެންދޭ.
މީގެތެރޭގައި، ހެލްތު މިނިސްޓްރީން ކުރައްވަމުން ގެންދަވާ އެއްކަމެއް އެއީ، އީ.އެމް.އެސް، އިމަރޖެންސީ މެޑިކަލް ސަރވިސް ތަޢާރުފު ކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ޖުލައިމަހުގެ ތެރޭގައި އެކަން ފެށިގެންދާނެ. އަދި މޯލްޑިވްސް ހެލްތު ސަރވިސް، އެމް.އެޗް.އެސް ތަޢާރުފްކޮށް، ޕްރައިމަރީ ހެލްތު ކެއަރ، ކުރިއަށްވުރެ ރަނގަޅަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދެވޭނެ ފުރުޞަތު، ހެލްތު މިނިސްޓްރީން ހުޅުވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދޭ.
އަޅުގަނޑު ދެންނެވިފަދައިން، ކޯވިޑް-19އާ ގުޅިގެން، ވިޔަފާރިތަކަށް މިވަނީ ވަރަށް ބޮޑެތި ދަތިތަކާއި ގެއްލުންތައް ކުރިމަތިވެފައި. އެކަމާ ގުޅިގެން ސަރުކާރުން މިވޭތުވެދިޔަ އަހަރުވެސް ވަނީ ވިޔަފާރިތަކަށް، ޚާއްޞަކޮށް، މެދުފަންތި، ކުދިފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން، ލޯނު ސްކީމްތަކެއް ތަޢާރުފްކޮށްފައި. އެގޮތުން، މިހާތަނަށް 1.7 ބިލިއަން ރުފިޔާގެ އެހީތެރިކަން މިވަނީ ދެވިފައި. އޭގެތެރޭގައި، ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމްގެ ދަށުން 1.1 ބިލިއަން ރުފިޔާއާއި، އިންކަމް ސަޕޯޓް އެލަވަންސް 22945 ފަރާތަކަށް 420 މިލިއަން ރުފިޔާއާއި، ކަރަންޓް ބިލުން ޑިސްކައުންޓުގެ ގޮތުގައި 143 މިލިއަން ރުފިޔާއާއި، ފެން ބިލުން 26 މިލިއަން ރުފިޔާގެ އެހީތެރިކަން މިވަނީ ސަރުކާރުން ފޯރުކޮށްދެވިފައި.
އެހެންނަމަވެސް، ކޯވިޑުގެ ޙާލަތާ ގުޅިގެން މިދިޔަ ދެތިންމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަނެއްކާވެސް ވަރަށްދަތި އުނދަގޫތަކަކާ، މި ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކާ ކުރިމަތިލާން ޖެހިފައި މިވަނީ. މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިވަނީ އަނެއްކާވެސް އިތުރު އެހީތެރިކަމެއް ދިނުމަށް މަސައްކަތް ފަށާފައި. މިގޮތުން، މިކަން ފެށުމުގެ ކުރިން އަޅުގަނޑު ވާނީ މިދިޔަ ދެ ހަފްތާގެ ތެރޭގައި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ސެލޫން ހިންގާ ފަރާތްތަކާއި، ރެސްޓޯރެންޓް/ކެފޭ ހިންގާ ފަރާތްތަކާވެސް ބައްދަލުކޮށްފައި.
އެބޭފުޅުންނާ އަޅުގަނޑަށް ބައްދަލުކުރެވުނު ބައްދަލުކުރުމުގައިވެސް އިތުރަށް އެހީތެރިކަން ބޭނުންވާކަމުގެ ވާހަކަ ދެކެވިފައި އެބައޮތް. އަދި ކުރިންވީ އެހީތަކުގެ ސަބަބުން ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް، ވިޔަފާރި ހަލާކުވެދިޔަނުދިނުމަށްޓަކައި ލިބިފައިވާކަން އެބޭފުޅުން ފާހަގަކުރެއްވި. މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، މި ވާހަކަ އަޅުގަނޑު ވާނީ ކުރީ ދުވަހުގެ ޕްރެސްއެއްގައިވެސް ތިޔަބޭފުޅުންނަށް ދަންނަވާފައި. ބީ.އެމް.އެލް މެދުވެރިކޮށް ލޯނުތަކެއް ހަމަޖައްސާ ވާހަކަ.
އެގޮތުން، މިހާރު މިވަނީ 371 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް، ބީ.އެމް.އެލް މެދުވެރިކޮށް ފަށާފައި. އެ ލޯނު ސްކީމަށް އެޕްލައި ކުރާ ފަރާތްތަކަށް 10 މިލިއަން ރުފިޔާއާ ހިސާބަށް ފައިސާ ހޯދުމަށް ހުށަހެޅޭނެ. އަދި އޭގެއިތުރުން، އެސް.ޑީ.އެފް މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މިވަނީ ލޯނު ސްކީމެއް ހުޅުވައިލެވިފައި. އެއީ ގާތްގަނޑަކަށް 350 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް. މި ލޯނު ސްކީމްގެ ދަށުން ކޮންމެ ފަރާތަކަށްވެސް 1 މިލިއަން ރުފިޔާއާ ހިސާބަށް ދޫކުރެވޭނެ.
މި ލޯނު ސްކީމް އަޅުގަނޑުމެން ބޮޑަށް އަމާޒުކޮށްފައި މިއޮތީ، ކުދި ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ކެފޭ/ރެސްޓޯރެންޓް، ޖިމް، ސެލޫން އަދި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް. އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޒު، މީގެ ތަފްޞީލުތައް، ތިޔަބޭފުޅުން ކުރައްވާ ސުވާލުތަކާ ގުޅިގެން ދެއްވަމުން ގެންދަވާނެ.
އަދި މިވޭތުވެދިޔަ މޭ މަހުގެ ކަރަންޓް ބިލާއި ފެން ބިލުންވެސް މިވަނީ ޑިސްކައުންޓްތަކެއް ދެވިފައި.
ބޯހިޔާވަހިކަމާ ގުޅިގެން، އަޅުގަނޑު ތިޔަބޭފުޅުންނާ ކުރިން ބައްދަލުކުރި ފަހަރުވެސްވާނެ ކަންތައްތަކެއް، މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ރާވައި އަދި ކުރިއަށްގެންދާ ވާހަކަ ދަންނަވާފައި. އެގޮތުން، އަތޮޅުތަކަށް ޚާއްޞަކޮށްގެން، "ގެދޮރުވެރިޔާ ލޯނު ސްކީމް" މިހާރުވަނީ ހުޅުވައިލެވިފައި. އެއީ އަތޮޅުތަކުގެ ތެރޭގައި، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ހަދަން ފަށައި ނުނިމިހުރި، އަދި ލިބިފައިވާ ގޯތީގައި ޢިމާރާތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި. މި ލޯނު ސްކީމްގެ ދަށުން 7 ލައްކަ ރުފިޔާއާ ހިސާބަށް ކޮންމެ މީހަކަށް ދޫކުރެވޭނެ. އަދި ލޯނު ސްކީމަށް އިތުރުކޮށް، މި ޢަދަދު، ކުރިއަށް އޮތް ތަނުގައި މައްޗަށް ޖެއްސުމަށްވެސް އަޅުގަނޑުމެންވަނީ ވިސްނާފައި.
އަތޮޅުތެރޭގައި، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަސައްކަތް ކުރިއަށްދާއިރު، މާލޭގެ ބޯހިޔާވަހިކަމާ ދޭތެރެއަކު އަޅުގަނޑުމެން ހަނދާންނައްތައެއްނުލަން. އެގޮތުން، ކުރީފަހަރުވެސް ދެންނެވިފަދައިން، މިހާރު މިވަނީ 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށި، އަނެއް 6000 ޔުނިޓް، 3 ފަރާތަކާ ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، މި 3 ފަރާތާ ހަވާލުކުރެވުނު 6000 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް، ކުރިއަށް އޮތް ޖުލައި، އޮގަސްޓުގެ ތެރޭގައި، ޢަމަލީ މަސައްކަތް ފެށިގެންދާނެ.
އޭގެއިތުރުން، 4000 ޔުނިޓެއް އެޅުމަށްޓަކައި ބޭނުންވާ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އެ 4000 ހައުސިންގ ޔުނިޓް، ކުންފުނިތަކާވެސް ހަވާލުކުރެވިގެންދާނެ.
އާދެ، މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދެވުނު ޓެރަރިޒަމްގެ ޙަމަލާގެ ތަޙުޤީޤާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތްވެސް ހަލުވިކަމާ އެކުގައި ކުރިއަށްދާ ވާހަކަ އަޅުގަނޑު ދަންނަވާލަން.
މީގެ ދެ ދުވަސް ކުރިން އަޅުގަނޑަށް ލިބުނު އަޕްޑޭޓްގައި، ޕޮލިހުން އަޅުގަނޑަށް ދެއްވި އަޕްޑޭޓްގައިވާ ގޮތުން، މިކަމާ ސީދާ ގުޅުންހުރި 8 ފަރާތެއްގެ ތަޙުޤީޤު މިހާރު ބާރަށް ކުރިއަށް އެބަދޭ. އޭގެތެރެއިން 4 ފަރާތެއްގެ ތަޙުޤީޤު ނިންމައި، ވަރަށް އަވަހަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައި. އަދި އޭގެއިތުރުން، ވަށައިގެން ހުރި މީގެ ދުރުމިން ގޮސްފައި އޮތްވަރު ބަލައި، މި ތަޙުޤީޤު މެދުނުކެނޑި އަދިވެސް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. އަޅުގަނޑު މިކަން ހިނގަމުންދާގޮތް ވަރަށްގާތުން ބަލަމުން އެބަގެންދަން.
އަދި އެއާއެކީގައި، އިންޓެލިޖެންސްގެ އޭޖެންސީތަކުގެ މަސައްކަތްތައް މިއާ ގުޅިގެން އިތުރަށް ބަދަލުކުރަންޖެހޭ، އިޞްލާޙު ކުރަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް އަޅުގަނޑު އެކުލަވައިލި އިންކުއަރީ ކޮމިޝަންގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިންމާފައި. އޭގެ ތަފްޞީލުތައް އަޅުގަނޑާ ހިސާބަށް އެބަހުރި ބްރީފިންގއެއް ލިބިފައި. ފައިނަލް ރިޕޯޓާ އެކީގައި، އިންޓެލިޖެންސް އިދާރާތަކުގެ ކަންތައްތައް އިޞްލާޙުކޮށް، ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.
އަދި އޭގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަމުންގެންދާ މަސައްކަތްވެސް، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ މިހާރުވަނީ ފައިނަލް ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތާ ހިސާބުގައި. އެ ރިޕޯޓާ ގުޅިގެން އަޅުގަނޑާ ހިސާބަށް އަޅުގަނޑު ހިތުން އެ ރިޕޯޓް އެބޭފުޅުން ފޮނުއްވާނެ. ފޮނުއްވީމާ، އޭގައިވާ ގޮތުގެ މަތިން، އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތައް، އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދާނަން.
އާދެ، ތިމާވެށި ޙިމާޔަތް ކުރުމާއި، ތަރައްޤީގެ ކަންކަމުގައި ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަވާނެގޮތަށް މަސައްކަތް ބައްޓަން ކުރުމަކީ، މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން ކުރަމުންގެންދާ އެއް މަސައްކަތް. މިއީ ވަރަށްދިގު މުއްދަތެއްގައި އޭގެ ފައިދާ ފެންނާނެ ކަންކަން.
މި މަސައްކަތުގެ ތެރެއިން މި މަހުގެ ތެރޭގައި، ރާއްޖެއަށް މިވަނީ ފަޚްރުވެރިވާފަދަ ލަނޑުދަނޑިއެއް ހާސިލުކުރެވިފައި. އިއްޔެ ދިވެހިރާއްޖެއިން މިވަނީ އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާނުކޮށްފައި.
ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން، އެންމެ ފުރަތަމަ މި ގޭސް ބޭނުންކުރުން ހުއްޓާލި ޤައުމަށްވެގެން މިދިޔައީ. މިކަން ހާސިލުކޮށްފައި މިވަނީ، މިކަމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ 10 އަހަރު ކުރިންކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން.
ތިމާވެށްޓާ ބެހޭގޮތުން ޚާއްޞަކޮށް، އެޗް.ސީ.އެފް.ސީ ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމަށްޓަކައި ފުރަތަމަ މި މަސައްކަތް ފެށިގެން ގޮސްފައި މިވަނީ 2010 ވަނަ އަހަރު. އޭރުއޮތް ސަރުކާރުން، އޭރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން މި މަސައްކަތް ފެށިގެން އައީ. އަދި އޭގެކުރިން 1990ގެ އަހަރުތެރޭގައި، ރައީސް މައުމޫންވެސް ވަނީ ތިމާވެށްޓާ ގުޅިގެން ސީ.އެފް.ސީ ރާއްޖެއިން ނައްތާލުމަށްޓަކައި ކުރެވެންހުރި މަސައްކަތް އިސްނަންގަވައިގެން ފަށްޓަވާފައި. މިކަމަށްޓަކައި އެ ދެބޭފުޅުންނާއި، އެ ދެބޭފުޅުންގެ ސަރުކާރުން ކުރެއްވި މަސައްކަތްވެސް އަޅުގަނޑު މިވަގުތު ފާހަގަކުރަން.
އާދެ، ބ. އަތޮޅު ބައޮސްފިއަރ ރިޒަރވް، ޔުނެސްކޯއިން ކަނޑައެޅިތާ 10 އަހަރު ފުރުންވެސް މިވަނީ ފާހަގަކުރެވިފައި. ބައޮސްފިއަރ ރިޒަރވްގެ ގޮތުގައި ބ. އަތޮޅު ކަނޑައެޅުމުން، ފާއިތުވި އަހަރުތަކުގެ ތެރޭގައި، މިކަމުގެ އިޤްތިޞާދީ ވަރަށްބޮޑު ނަފާތަކެއް އަޅުގަނޑުމެންނަށް މިވަނީ ލިބިފައި. ބ. އަތޮޅަށް އައި ޓޫރިސްޓުންގެ ޢަދަދާއި، އެތަނުގައި ޓޫރިޒަމަށް އިންވެސްޓްކޮށްފައި ހުރި ޢަދަދު މިވަނީ ވަރަށްބޮޑުތަން އިތުރުކުރެވިފައި.
މަތީ ތަޢުލީމަށް ސަރުކާރުންދޭ ލޯނުތަކުގެ ލިސްޓް މިހާރު މިވަނީ އިޢުލާނު ކުރެވިފައި. އެގޮތުން، 449 ފަރާތަކަށް މަތީ ތަޢުލީމުގެ ލޯނު މިވަނީ ދޫކުރެވިފައި. ކުރިމަތިލީ ކުދިންތަކުގެ ތެރެއިން ޝަރުޠުހަމަވާ ވަރަށްގިނަ ކުދިންނަށް، ގާތްގަނޑަކަށް މިވަނީ ލޯނު ދެވިފައި. އޭގެތެރޭގައި، ޕައިލެޓް، އެމް.ބީ.ބީ.އެސް އަދި ޕީ.އެޗް.ޑީ އަށް ކުރިމަތިލި ދަރިވަރުން ފިޔަވައި އެހެން ހުރިހާ ފަރާތަކަށް މިވަނީ ދެވިފައި. އޭގެތެރޭގައި ނުދެވޭ ބައެއް ކުދިން އެބަހުރި. އަދި އަޅުގަނޑަށް ބައެއް ކުދިންގެ ފަރާތުން މިހާރުވެސް ބައެއް ޝަކުވާތައް، ލޯނު ނުލިބިގެން އެބަ އާދޭ، ސީދާ ޑައިރެކްޓްކޮށް. އަޅުގަނޑު އެދެނީ، އެ ކުދިންގެ ފަރާތުން އެ ޝަކުވާތައް، ލިޔުމުން އަޅުގަނޑުމެންނާ ހިސާބަށް ލިބުން. އަދި އިތުރަށް އެކަން އަޅުގަނޑުމެން ބަލަމުން ގެންދާނަން. އަދި މީގެއިތުރުން، މިހާރު ލޯނު ދީފައިވާ 6046 ދަރިވަރެއްގެ ސްޓޫޑެންޓް ލޯނު މިވަނީ ޑިސެންބަރު މަހާ ހިސާބަށް ފަސްކޮށްވެސް ދެވިފައި.
މިއީ، މިވަގުތު ތިޔަބޭފުޅުންނަށް އަޅުގަނޑު ފެށުމުގެ ގޮތުން ދަންނަވާލަން ބޭނުންވާ ވާހަކައަކީ. އެއަށްފަހުގައި، ހެލްތު މިނިސްޓަރ އެއްޗެއް ވިދާޅުވުމަށްފަހު، މިނިސްޓަރ ފައްޔާޒު ވިދާޅުވުމަށްފަހު، ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ހުށަހަޅާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ.
السَّلَامُ عَلَيْكُمْ.
އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السَّلَامُ عَلَيْكُمْ.
އެންމެހައި ބޭފުޅުން.
ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރެވުނު މަސައްކަތުން ޕޮޒިޓިވް ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި. އެއީ މުޅި ރާއްޖޭގައި. ޚާއްޞަ ގޮތެއްގައި މާލޭ ސަރަޙައްދު، މިއީ ވަރަށް އުނދަގޫ ސަރަޙައްދެއް ކޮންޓްރޯލް ކުރުމަށް. އެކަމަކު ރައްޔިތުންގެ އެއްބާރުލުމާއި، އަޅުގަނޑުމެންގެ ވޮލަންޓިއަރުންގެ ޚިދުމަތާއި، އަޅުގަނޑުމެންގެ ކަންތައްތައް އިންތިޒާމުކޮށްގެން ހިންގެވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
މިހާތަނަށް އެނދުމަތި ކުރެވިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ނިސްބަތުން ވަނީ ވަރަށް ބޮޑުތަން ދަށްކުރެވިފައި. އަދި ބަލީގެ ހާލަތު ގޯސްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައި. ވޭތުވެދިޔަ ރާޅުގައި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް އޭގެ އަސަރުވަނީ ކޮށްފައި. މީގެ ތެރެއިން 72 ރަށެއް އެއްފަހަރާ މޮނިޓަރިންގ ހާލަތަށް ގެނެވުނު. އަތޮޅު ކައުންސިލުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެހެނިހެން މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތްތަކުން މިހާރުވަނީ މިހާލަތު ބަދަލުކުރެވިފައި. މިހާރު މޮނިޓަރިންގގައި އޮތީ 40 ރަށް. އެއީ، މިއަދު މި ވަގުތަށް. އެހެންނަމަވެސް، މިވެސް ތިރިވަމުންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަދި މަދުވާނެ.
އަތޮޅުތެރޭގެ ހާލަތުވެސް މިއަންނަނީ ވަރަށް ގާތުން އަޅުގަނޑުމެން މިނިސްޓްރީން ބަލަމުން. އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ރަށްތައް މޮނިޓަރިންގ ހާލަތުން ނެގުމުގެ މަސައްކަތް ދަނީ ކުރަމުން. ކޯވިޑުގެ ހާލަތަކީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބަދަލުވަމުން އަންނަ އަދި ބައެއް ފަހަރަށް ދިގުދެމިގެންދާ ހާލަތްތަކެއްކަން އަޅުގަނޑު ފާހަގަކުރަން. މި މަސައްކަތް ކުރިއަށް ގެންދެވޭނޭ ގޮތްތައް އަޅުގަނޑުމެން މިދަނީ ރާވަމުން، ދިރާސާކުރަމުން. ބޭރުގެ ދުނިޔޭގައި މިކަންތައް ހިނގާގޮތް ތަޖުރިބާ ހާސިލުކޮށްގެން، އެތަންތަނުން ކުރަމުންގެންދާ ގޮތްތައް އަޅުގަނޑުމެން މިގެންދަނީ ބަލަމުން.
ކޯވިޑުގެ ނޭޝަނަލް ޕްރޮގްރާމެއްގެ ގޮތުގައި ކަނޑައަޅައި ރައްކާތެރިވުމަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް މިގެންދަނީ ހަމަޖައްސަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ފަދައިން. އަދި ބައްޔަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް ހަސްފަތާލެއް ޤާއިމުކުރުމުގެ މަސައްކަތް، ހުޅުމާލޭގައި އަޅުގަނޑުމެން މިހާރު މިދަނީ ކުރަމުން. މިކަންތައް މިހާރު ވަނީ ފެށިފައި. މި ފެސިލިޓީ ތައްޔާރު ކުރަމުންދާނީ ދިގު މުއްދަތަކަށް މި ބައްޔަށް ފަރުވާ ކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރުވާ އެ ގޮތަށް ލިބޭނެ ގޮތަށް.
ރައްޔިތުންނަށް ކޯވިޑް ވެކްސިން ހޯދުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން އަޅުގަނޑުމެންނަށް ލިބޭނެ. ކަނޑައެޅިގެން މިވެނި ދުވަހެއްގައޭ އަންނާނީ އަޅުގަނޑަށް ނުދެންނެވުނު ކަމުގައި ވީނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ލިބިފައި ހުރި ހުރިހާ މަޢުލޫމާތުން ދައްކަނީ ޖުލައި މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދޭތެރޭގައި އަޅުގަނޑުމެންނަށް އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެކަމަށް. ލިބޭނީ އެސްޓްރާޒެނެކާ ވެކްސިން. އެމެރިކާއިންވެސް ވެކްސިން ދިނުމަށް އަޅުގަނޑުމެން އެ ލިސްޓުގައި ހިމަނާފައި ވަނީ. އަޅުގަނޑުމެންނަށް އެ އަންނާނެ ދުވަހެއް އަދިއެއް ޔަޤީންކޮށް ސާފުކޮށް ދަންނަވާކަށް ނޭނގެ. ސުޕްޓްނިކް ވެކްސިން ހޯދުމަށްވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އެކަމާ ގުޅިގެން މިހާރު މިވަނީ ނޮން-ޑިސްކްލޯޝަރ އެގްރިމަންޓެއްގައި ސޮއިކުރެވިފައި. ރަޝިޔާއިން ޑިސްޓްރިބިއުޓްކުރާ ފަރާތުން މިކަންތައް ވަނީ ބަލައިގެންފައި. އަދި އަޅުގަނޑުމެން މިހާރު މިގެންދަނީ އެގްރިމަންޓުގައި ހުރި ކުދިކުދި މައްސަލަތަކާ ބެހޭގޮތުން އެމީހުންނާ މަޝްވަރާ ކުރަމުން، ވާހަކަ ދައްކަމުން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މި ޕާޗޭސް އެގްރިމަންޓުގައި ސޮއިކުރެވޭ ހިސާބަށް އަޅުގަނޑުމެންނަށް ގެންދެވޭނެ.
އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ދެވޭ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި މޯލްޑިވްސް ހެލްތު ސަރވިސަސް އިފްތިތާޙް ކުރެވިގެންދާނެ މާތް ﷲ ގެ ވާގިފުޅާއެކު މި ޖުލައި މަހުގެ ތެރޭގައި. މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ދެން ޚިދުމަތް ދެމުން ގެންދާނީ، މި އިންސްޓިޓިއުޝަންގެ ދަށުން. އޭގެ މާނައަކީ މިނިސްޓްރީ އޮފް ހެލްތުން ކޮލިޓީ ކޮންޓްރޯލް ކުރުމަށްދޭ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއި އަދި އެ ޚިދުމަތްތަކަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ދެވޭ ޚިދުމަތްތަކެއް ކަމުގައި ހަމަޖައްސައި، އެ މޮނިޓަރ ކުރުމުގެ ރޯލް އަޅުގަނޑުމެން އަދާކުރަމުން ގެންދިޔުން. މިހެން މި ދަންނަވަނީ ހެލްތު މިނިސްޓްރީގެ ފަރާތުން ވަކި އިންސްޓިޓިއުޝަނެއް ނެތި ސީދާ ހެލްތު މިނިސްޓްރީން އެ ތަންތަން ހިންގާ ކަމަށްވަނީވިއްޔާ އަޅުގަނޑުމެންނަށް އެ ތަންތަން މޮނިޓަރކޮށް، ކޮންޓްރޯލްކޮށް، ނޫނީވިއްޔާ އެ ރެގިއުލޭޓް ކުރުމަކީ ދަތިކަމަކަށްވާތީ، އަޅުގަނޑުމެން އެމް.އެޗް.އެސް (މޯލްޑިވްސް ހެލްތު ސަރވިސަސް) ޤާއިމް މިކުރަނީ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ހެލްތު ޚިދުމަތް ދޭ 180 އެތައް ތަނެއް ދާނީ މި އިންސްޓިޓިއުޝަންގެ ދަށަށް. އަޅުގަނޑުގެ މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން. މިގޮތުން އަތޮޅުތެރޭގެ ފަސް ސަރަޙައްދެއްގައި ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުން. މީގެއިތުރުން، އެހެނިހެން ސަރަޙައްދުތަކުގައި ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
މިހާރު މި ފުޅާކުރުމުގެ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން 60 އެތައް ޕްރޮޖެކްޓެއް، ރާއްޖެތެރޭގެ އެކިއެކި ރަށްރަށުގައި އެބަ ހިންގަން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންނަށް އެ ތަންތަން ހަމަ ފުލީ ޔުޓިލައިޒް ކުރެވި، އެ ތަންތަނުން ދެވޭ ޚިދުމަތްތައް މިހާރަށްވުރެ މާބޮޑުތަން ރަނގަޅު ކުރެވިގެންދާނެ. މި ކަންތައްތައް މިކުރަނީ ދުރު ރާސްތާއަކަށް ބަލައިގެން. މިހާރު މި ތައްޔާރުކުރެވޭ، ނޫނީވިއްޔާ ޢިމާރާތް ކުރެވޭ ކޮންމެ ހޮސްޕިޓަލެއްވެސް އިތުރަށް އެ ތަންތަނަށް، ތަންތަންކޮޅު އިތުރުނުކޮށް، 2040ވަނަ އަހަރާ ހަމައަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެޅުއްވި ފިޔަވަޅުތަކުން ކޭސްތައްވަނީ ދަށްކުރެވިފައި. ކުރިންވެސް އަޅުގަނޑު ދެންނެވި ގޮތަށް އަޅުގަނޑުމެން މިހާރުވަނީ އީ-އެމް.އެސް.ގެ ޚިދުމަތެއް ފެށުމުގެ މަސައްކަތް ފަށާފައި. އިރާދަކުރެއްވިއްޔާ، އެ އީ-އެމް.އެސް.ގެ ޚިދުމަތް ރާއްޖެތެރޭގެ ހުރިހާ ރަށެއްގައި އަޅުގަނޑުމެންނަށް ދެވޭނެ. މިއަށް ވަކި އިންސްޓިޓިއުޝަނެއް އެބަ ޤާއިމުކުރަންޖެހޭ. މި ޖުލައި މަހުގެ ތެރޭގައި އޭގެ މަސައްކަތް ކޮށް ނިންމޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަޅުގަނޑުމެންނަށް އެމްބިއުލަންސް އޯޑަރު ކުރެވިއްޖެ. 96 އެމްބިއުލަންސެއް އަޅުގަނޑުމެން އެބަ ގަންނަން. ޖަޕާނު ސަރުކާރުން އަޅުގަނޑުމެންނަށް އެމްބިއުލަންސް އެބަދޭ. ދެނީ 10 އެމްބިއުލަންސް. އަދި އޭގެއިތުރުން 15 ސީ-އެމްބިއުލަންސް އަޅުގަނޑުމެން އެބަ ހޯދަން. ޖަޕާނުގެ އެހީގައި 9 ސީ-އެމްބިއުލަންސް އެބަ ލިބޭ. ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންގެ މި އީ-އެމް.އެސް.ގެ ޚިދުމަތް ރަނގަޅު ގޮތެއްގައި ކުރިއަށްދާނެ. މިހާރު އަޅުގަނޑުމެން ހަމަޖައްސާފައި އޮތްގޮތުން، މާލޭ ސަރަޙައްދުގައި އީ-އެމް.އެސް.ގެ ޚިދުމަތް އަޅުގަނޑުމެން މިދަނީ ދެމުން. އިރާދަކުރެއްވިއްޔާ އެއްވެސް ލަސްތަކެއްނުވެ ހިކަޕެއްނާރާ، މިހާތަނަށް އަޅުގަނޑުމެން ފެށުނީއްސުރެ މިހާރު މިދަނީ މި ޚިދުމަތް ރަނގަޅަށް ދެވެމުން. މިއީ، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ ކުރުގޮތެއްގައި.
ދެން ސުވާލު ހުރިކަމަށް ވަނީވިއްޔާ، އަޅުގަނޑު އެ ސުވާލަކަށް ޖަވާބު އަރުވާނަން. ޝުކުރިއްޔާ!
އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السَّلَامُ عَلَيْكُمْ.
އާދެ، އަޅުގަނޑު ކުރުގޮތަކަށް ދަންނަވާލާނަން، މިހާހިސާބަށް ބީ.އެމް.އެލް. އާއި އެސް.އެމް.އީ. ބޭންކް މެދުވެރިކޮށް ކޯވިޑް ރިލީފް ލޯނުގެ ގޮތުގައި ދެވިފައި ހުރި އަދަދުތައް. މިގޮތުން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 357 މިލިއަނަކާއި، 585 މިލިއަނެއްވަނީ ބޮޑަށް މެދު ފަންތިއާއި ބޮޑެތި ވިޔަފާރިތަކަށް، ކޯވިޑާ ގުޅިގެން ފުރަތަމަ ގެނައި ސްޓިމިއުލަސްގެ ތެރޭގައި ދޫކުރެވިފައި. އޭގެއިތުރުން، އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް އަޅުގަނޑުމެންނަށް ފުރަތަމަ ކޯވިޑް ރިލީފް ލޯނުގެ ގޮތުގައި 363 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކުރެވިފައި. އެއީ ގާތްގަނޑަކަށް 1,519 ވިޔަފާރިއާއި، އަމިއްލަ މަސައްކަތްކުރާ 685 ފަރާތް. ޖުމްލަ 2,200 ފަރާތަކަށް މިވަނީ ދެވިފައި.
މީގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޚާއްޞަކޮށް، ކެފޭ، ރެސްޓޯރަންޓުތަކުގެ ވާހަކަ އިއްޔެ ކޮންމެވެސް ވަރަކަށް ނޫސްތަކުގައި އޮތުމާ ގުޅިގެން ބައެއް މަޢުލޫމާތު ރަނގަޅުނޫން ކަމުގައި ވާތީ، އަޅުގަނޑު އެކަން ފާހަގަކޮށްލަން ބޭނުންވޭ. ބީ.އެމް.އެލް.ގެ ފަރާތުން އެ ދޫކުރި ލޯނުތަކުގެ ތެރޭގައި ފަސް ފަރާތަކަށް ޖުމްލަ 16 މިލިއަން ރުފިޔާގެ ލޯނު، ކެފޭ، ރެސްޓޯރަންޓުތަކަށް ދޫކުރެވިފައި އެބަވޭ. އަދި އޭގެއިތުރުން އެސް.އެމް.އީ. ބޭންކުގެ ފަރާތުން 156 ކެފޭ، ރެސްޓޯރަންޓަށް ޖުމްލަ 33 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. އަދި 156 ފަރާތުގެ ތެރެއިން 90 ފަރާތަކީ ގްރޭޓަރ މާލޭ ރީޖަންއަށް ނިސްބަތްވާ ކެފޭ، ރެސްޓޯރަންޓުތައް. އެހެންވީމާ، އެ މަޢުލޫމާތު އަޅުގަނޑު ރަނގަޅުކޮށްލަން ބޭނުންވޭ.
މީގެއިތުރުން، އަޅުގަނޑު ކުރުކޮށް ދަންނަވާލަން ބޭނުންވޭ މިހާހިސާބަށް މި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ދިޔަ ވަރަށް މުހިންމު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ދަތިވާ އެއް ކަމަކަށް ވެފައި އޮތީ ބޮޑެތި ރަހުނުތަކާ އެއްޗެހި ނުކޮށް ވިޔަފާރި ކުރެވޭނެ ފައިސާ ލިބޭނެ ގޮތެއް ނެތިފައި އޮތުން. އެގޮތުން އުފެދުނު އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް މިއަދާ ހިސާބަށް 765 ފަރާތަކަށް އެއް ބިލިއަނާ ކައިރިވާ އަދަދަކަށް ލޯނު ވަނީ އެޕްރޫވް ކުރެވިފައި. އަދި އޭގެތެރެއިން 524 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކަށް ދޫކުރެވިފައި. އެއީ 2019 ގައި އެސް.ޑީ.އެފް.ސީ. އުފެދިގެން މިއަދާ ހިސާބަށް. މި އެއް ބިލިއަންގެ އިތުރަށް އަޅުގަނޑު މިދަންނަވަނީ، އަދި 363 މިލިއަން ކޯވިޑް ރިލީފުގެ ވާހަކަ. އެހެންވީމާ 1.3 ބިލިއަން ރުފިޔާގެ ލޯނު، ކުދި އަދި މެދު ފަންތީގެ ފަރާތްތަކަށް ކޯވިޑާ ގުޅިގެންނާއި، އަދި ހަމަ ބޭންކުގެ އާންމު އުސޫލުން މިވަނީ އެޕްރޫވް ކުރެވި އަދި ޖުމްލަ 800 މިލިއަނާ ކައިރިވާވަރަށް ދޫކުރެވިފައި.
ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަށް މި އެރި ރާޅު މިވަނީ ހެލްތު ދާއިރާގެ ބޭފުޅުންގެ ވަރަށް ބުރަ މަސައްކަތާއެކު އަނެއްކާވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި. ދެން މިހާރު މިއޮތީ އަޅުގަނޑުމެންނަށް ޖެހިފައި އިޤްތިޞާދު އާރާސްތު ކުރަން. އެކަމާ ގުޅިގެން ބީ.އެމް.އެލް.އިން މިހާރު އެވަނީ ހުޅުވާލެވިފައި. ދެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން ޖުލައި 1 ގައި އެޕްލިކޭޝަންސްތަކަށް ހުޅުވާލެވޭނެ. އޭގެތެރޭގައި ހަމަ މައިގަނޑު ތިން ކަމެއް މިއޮތީ. ތިން ވައްތަރެއްގެ ލޯނެއް އަޅުގަނޑުމެން ދޫކުރާނީ. އޭގެތެރޭގައި އެއް ޕެކޭޖަކީ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ދިނުން. އެއީ، ވަރކިންގ ކެޕިޓަލް. ދެން ހިނގަމުންދާ ޕްރޮޖެކްޓުތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ތަޢާރުފުކުރާ ލޯނެއް. އޭގެއިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކޮށް އަދި ވިޔަފާރި ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އަޅުގަނޑުމެން ތަޢާރުފުކުރާ ތިން ލޯނެއް.
އަޅުގަނޑުމެންގެ މިފަހަރުގެ ލޯނުގެ އަމާޒަކީ، ރިލީފަކަށްވުރެ ބޮޑަށް ދިރުވައި ކުރިއަރުވާނެ ގޮތްތަކެއް މި ލޯނުގެ އެހީގައި ލިބުން. މީގެތެރޭގައި އިތުރު ކޮމްޕޯނަންޓެއް އަންނާނެ. އަޅުގަނޑުމެންގެ ބިޒްނަސް ކްލިނިކްތަކެއްގައި ކަމާބެހޭ ދާއިރާގެ ވިޔަފާރިއަށް ކޮންސަލްޓަންޓުން ތިބޭނެ. ތިބެގެން އެ ވިޔަފާރި އެޕްލައިކުރާ ވިޔަފާރިތަކާއި ކޮންސަލްޓަންޓުންނާ އެންގޭޖް ކުރެވިގެން ހަމައެކަނި ފައިސާގެ އެހީއެއް ނޫން، ވިޔަފާރީގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯއާއި، އަދި ފަންނީ ލަފާދީގެން ކުރެވެންހުރި ކަންކަމަކީ ކޮބައިތޯއާއި، އަދި މިހާރު ހިނގަމުންދާ ވިޔަފާރިއެއް ހުއްޓާލާފައި އެހެން ވިޔަފާރިއެއް ކުރުން ރަނގަޅުކަމަށް ފެންނަ ކަމަށްވަންޏާ އެފަދަ އެހީތެރިކަމެއް އަޅުގަނޑުމެން މި ލޯނާ އެއްކޮށް ފޯރުކޮށްދިނުމަށް މިއޮތީ ހަމަޖެހިފައި އިނގޭތޯ.
ދެން މި ލޯނުގައި މައިގަނޑު ގޮތެއްގައި އެންމެ ގިނަވެގެން ދޭނީ އެއް މިލިއަން ރުފިޔާ. 6 ޕަސެންޓް އިންޓްރަސްޓެއްގައި އަދި އަނބުރާ ދެއްކުމަށް ފަސް އަހަރާއި އަށް އަހަރާ ދޭތެރޭގެ މުއްދަތެއް ދެވޭނެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތު އޮންނާނެ. ދެން ރަހުނު ބޭނުމެއް ނުވާނެ. މިވަގުތަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވި ކަންކަމަކީ އެއީ. އިތުރު ސުވާލެއް އޮތްކަމަށްވަންޏާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ޖަވާބު ދެވޭތޯ ބަލާނަން. ޝުކުރިއްޔާ، ވަރަށް ބޮޑަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑު ސުވާލުތަކަށް ހުޅުވާލާނަން.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދާދިފަހުން އެމް.ޑީ.ޕީ.ގެ އަހަރީ ދުވަހާ ގުޅިގެން ޕާޓީގެ، ހަރުގެއެއް ތަޢާރުފް ކުރުމަށް ކްލަބް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި، ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި އެބަވޭ، ސަރުކާރުން ފަހަތުފަޔަށް ބުރަވާކަމަށް. އަދި އޭގެއިތުރުން، އެއްފަހަރާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި.
އަޅުގަނޑުގެ ސުވާލަކީ، ޓެރަރިޒަމްގެ ޢަމަލުތަކާއި އަދި މިނޫންވެސް ރާއްޖޭގައި މި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ފަހަތުފަޔަށް އެބަ ބުރަވޭތޯ؟ އެފަދަ އެއްވެސް ކަމެއް އެބަ ހިނގާތޯ؟ އަދި ހަމައެޔާއެކީގައި، ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރަންޖެހޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅަކީ ކޮބައިތޯ، އެކަމުގެ ތެރޭގައި. އެ ވިސްނުމާއިގެން ކުރިއަށްދާންތޯ މަނިކުފާނު ހުންނެވީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޝުކުރިއްޔާ އިނގޭތޯ.
ފުރަތަމަ ކަމަކަށް، ގިނަ މީހުން ހިފައި ހައްޔަރު ކުރުމުގެ ވާހަކަ ތިޔަ ވިދާޅުވީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެމް.ޑީ.ޕީ އަބަދުވެސް ގަބޫލުކުރަނީ، ޕްރޮސެސްއެއްގެ ތެރެއިން ކަންތައްތައް ކުރުމަށް. އުޞޫލެއްގެ ތެރެއިން ކަންތައްތައް ކުރުމަށް. އެކަން އޮތީ އެގޮތަށް. ސަރުކާރުން މިއަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އެގޮތަށް. ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަޅުގަނޑުމެން އިސްކަންދެނީ. އަދި ޤާނޫނުގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތައް ހުރިކަން ދެނެގަނެ، އެ އިޞްލާޙުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން، އެ މަސައްކަތް ކުރަމުން މިގެންދަނީ.
އެނގިވަޑައިގަންނަވާނެ، ހަރުކަށި ފިކުރާއި، ގޭންގް ވައިލަންސާއި، ޓެރަރިޒަމްގެ ކުށްތަކަކީ، ރާއްޖޭގައި މިހާރު އޮތް ކަންތައްތައް. އިއްޔެއަކު މިއަދަކު ކަމެއް ނޫން. މިކަން ވަރަށް ސާފުކޮށް ޢާންމުކުރީ އަޅުގަނޑުމެން، މި ސަރުކާރުން.
އެނގިވަޑައިގަންނަވާނެ، ސެޕްޓެންބަރު 19، 2019 ގައި ފުރަތަމަފަހަރަށް ޓެރަރިސްޓް ޖަމާޢަތުގެ ގޮތުގައި ޖަމާޢަތްތަކެއް، ސަރުކާރުން އިޢުލާނުކުރީ. އެއީ ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ކުރަންޖެހި، ނުކޮށް އޮތް ކަމެއް. އަޅުގަނޑުމެންނަށް އެނގޭ، އެއާ އެކީގައި ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން.
އާދެ، އެނގިވަޑައިގަންނަވާނެ، ކޮމިޝަނަރ އޮފް ޕޮލިސް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވި، ރާއްޖޭގައި ކުށްތަކަށް އަރައިގަތުމަށް، މިފަދަ ކުށްތަކަށް އަރައިގަތުމަށް 1000 އަށްވުރެ ގިނަ މީހުން ތިބިކަން. އަޅުގަނޑުމެން ޕްލޭނެއް ރޭވިން. މިކަމުގައި ޝައްކުކުރެވޭ، ނޫނީވިއްޔާ މިކަން ކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތައް ބަންދުކޮށް، ތަޙުޤީޤުކޮށް، ޝަރީޢަތާ ހިސާބަށް ގެންދިޔުމަށް. އެގޮތުން، ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ތަޙުޤީޤީ އިދާރާތަކުން އަޅުގަނޑުމެންނާ ހިސާބަށް ގެނައި.
އެހެންކަމުން، އެ ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި 10 އޮކްޓޫބަރު 2019 ގައި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ފޮނުވިން. އިޞްލާޙުތަކެއް ގެންނެވި. އެހެންނަމަވެސް، ގެންނެވި އިޞްލާޙުތަކުގެ ތެރޭގައި، ތަޙުޤީޤީ އިދާރާތަކުން ބޭނުންވި ބައެއް އިޞްލާޙުތައް އޭރަކު ނުގެނެވުނު، އެކިއެކި ސަބަބުތަކާހުރެ. ރާއްޖޭގައި، ގޭންގް ކުށްތަކާއި، ނޫނީވިއްޔާ ޓެރަރިޒަމްގެ ހަރުކަށި ފިކުރުގެ ހަމަލާއެއް، ނޫނީވިއްޔާ މިއިން ކޮންމެ ކަމެއް ހިނގުމާ އެކީގައި ތަޙުޤީޤީ އިދާރާތަކާ އަޅުގަނޑު ބައްދަލުކުރަން. ކޮށްފައި އަވަސްކޮށް މިކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑު މަޝްވަރާ ކުރަމުން ގެންދަން. އެއިން ކޮންމެ ފަހަރަކުވެސް އަޅުގަނޑާ ހިސާބަށް އަންނަ އެއްކަމަކީ، ޤާނޫނުގައި އަދިވެސް އެބަހުރި ކަމަށް އިޞްލާޙު ކުރަންޖެހޭ ކަންތައްތައް. ބަންދުކޮށް، މީހާ ބައިންދައި، ތަޙުޤީޤު ކުރުމަށް އަދި އިތުރަށް ޤާނޫނު އިޞްލާޙު ކުރަންޖެހޭ ކަމަށް.
އެހެންނަމަވެސް، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، އެ ޤާނޫނު އޭރު މަޖިލީހަށް ހުށަހެޅުނީމާ، ބައެއް މެންބަރުން، އަޅުގަނޑު މި ދެންނެވީ ހުރިހާ މެންބަރުންނެއް ނޫން. ބައެއް މެންބަރުންނަށް ހީފުޅުވެފައި އޮތީ މުޅިން އެހެން މަޤްޞަދެއްގައި އަޅުގަނޑުމެން ޓެރަރިޒަމްގެ ޤާނޫނު އިޞްލާޙުކުރާ ކަމަށް. ވަކި ބަޔަކު ހިފައި ހައްޔަރު ކުރުމުގެ މަޤްޞަދުގައި ގެންނަ އިޞްލާޙުތަކެއް ކަމަށް. އެހެނެއް ނޫން އަޅުގަނޑުމެން އެ ހުށަހެޅީކީ.
އެހެންވީމާ، މި ދެންނެވި ބަދަލުތައް ގެނައުމަށްޓަކައި، އަނެއްކާވެސް ޤާނޫނަށް އިޞްލާޙު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިހާރުވާނީ އަނެއްކާވެސް އެ ބިލް ހުށަހަޅާފައި.
އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ އިލްތިމާސަކީ، ވީހާވެސް އަވަހަކަށް ތަޙުޤީޤީ އިދާރާތަކުން އެ ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް، އެ ޤާނޫނު އިޞްލާޙުކޮށްގެން ގެނައުން. އޭރުން އަޅުގަނޑުމެން، އެމް.ޑީ.ޕީ. އިން މި ގަބޫލުކުރާ އުޞޫލުތަކާ އެއްގޮތަށް، އަޅުގަނޑުމެންވެސް މި ގަބޫލުކުރާ އުޞޫލުތަކާ އެއްގޮތަށް، ޤާނޫނީ އިމުގެ ތެރޭގައި، ޕްރޮސެސްއެއްގެ ތެރެއިން މިކަން ކުރެވޭނެ. އަޅުގަނޑުމެން މިތިބީ މިކަން ކުރަން ނުކުމެ. އިރާދަކުރެއްވިއްޔާ، ފަހަތަކަށް ނުޖެހޭނަން. މިކަމުގައި ހިމެނޭ ފަރާތްތައް ބަންދުކުރަން ޖެހިއްޖިއްޔާ ބަންދުކޮށް، ތަޙުޤީޤުކޮށް، ޝަރީޢަތާ ހިސާބަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
އަޅުގަނޑު ހިތުން ސުވާލަށް ޖަވާބު ދެވިއްޖެ ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ.
ނާޒިމް ޙަސަން - ޢަދަދު އޮންލައިން:
ފުރަތަމަ، ރައީސާ ކޮށްލަން ބޭނުންވާ ސުވާލަކީ، ރައީސް ވިދާޅުވެއްޖެ ދެންމެ، ބޯހިޔާވަހިކަމަށްމި ސަރުކާރުން އިސްކަންދޭ ކަމަށް. ދެން އޭގެ މަޝްރޫޢުތަކެއްވެސް ފަށާ ކަމަށް. ހިޔާ ފްލެޓުތަކުގެ ތަޅުދަނޑި، އަންނަ މަހުގެ ތެރޭގައި ހަވާލުކުރާއިރު، އެ ފްލެޓުތައް ލިބޭ މީހުންނަށް، ފްލެޓުތައް މި ލިބެނީ ހަމައެކަނި ފާރުތަކެއް ގޮތަށް އެކަނި. އެއްވެސްގޮތަކަށް ދިރިއުޅެވޭ ޙާލަތެއްގައެއް ނޫން އެތަން މިހުރީ. އެހެން ހުރިއިރު، އަމިއްލައަށް ތަން މަރާމާތު ކުރުމާއި، ތަނަށް ވަދެވޭ މިންވަރަށް އެތަން ހެދުމަށްޓަކައި، އެންމެކުޑަވެގެންވެސް ތިރީސް ފަސްހާހެއްހާ ރުފިޔާ އެބަ ޚަރަދުވޭ. އެއަށްވުރެންވެސް މަތިން މި ޚަރަދުވަނީ.
ދެން މި ޙާލަތަކީ، ކޯވިޑާ ގުޅިގެން ގިނަ ބަޔަކަށް އާމްދަނީއަށްވެސް އެތައް އަސަރުތަކެއްކޮށް، ވަރަށް ހާލުގައި ތިބި ދަނޑިވަޅެއްގައި މިކަހަލަ ބޮޑު ޚަރަދެއް، ގިނަ މީހުންނަށް ކުރެވޭގޮތް ނުވެފައި މިވަނީ. ޢާއްމުކޮށް، ދިރިއުޅެވޭ ފެންވަރުގައި، ސަރުކާރުން ސޯޝަލް ހައުސިންގ މީގެކުރިންވެސް ހަވާލުކޮށްފައި މިވަނީ. އެކަމަކު އެއާ ޚިލާފަށް، ހިޔާ ފްލެޓުތަކަށް ވަންނައިރުވެސް އެތާ ދިރިއުޅެވޭ ޙާލަތެއްގައި ނޫން ހިޔާ ފްލެޓުތައް މިހުރީ. ދެން ރައީސް ވިދާޅުވެފައި އެބަވޭ މީގެކުރިން މުއްދަތު އިތުރުކޮށްގެން ނަމަވެސް، މި އަގުތައް ކުޑަކުރުމަށް ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެނެއްނުދޭ މި މަންޒަރެއް. ހަމަ ކުލިވެސް އަށްހާހަށް އަރައިގެން ގޮސްފައި މިވަނީ.
އެހެންވީމާ، މަނިކުފާނު އެއްވެސްވަރަކަށް އިތުރަށް ވިސްނަވާނަންތޯ މިކަމުގައި ތިންމަހަށް ބަދަލެއް ގެނައުމަށް، ނޫނީ މި ވަންނަން މަރާމާތަށް މިދާ ޚަރަދުތަކާ، މިކަންކަމަށް ލުޔެއް ލިބޭނެ ގޮތެއް ހަދައިދިނުމަށް އެއްވެސްވަރަކަށް ވިސްނުންފުޅުގައި އެބަހުރިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެނގިވަޑައިގަންނަވާނެ، މި ހިޔާ ފްލެޓުތަކަކީ، ކުރީގެ ސަރުކާރުން އިސްނަންގަވައިގެން، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ފަށައިގެން ކުރިއަށްގެންދިޔަ މަޝްރޫޢެއް. އަޅުގަނޑުމެންގެ ވެރިކަމުގެ ތެރޭގައި މި ނިމުނީ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައި މިއޮތީ، ކޮމާޝަލް ލޯނެއް ނަންގަވައިގެން، އޭރުގެ ސަރުކާރުން. 8 ޕަސެންޓުގެ އިންޓްރެސްޓްގައި 20 އަހަރުން ދައްކާގޮތަށް މިއޮތީ އެ ލޯނު ނަގާފައި. އޭރު އެބޭފުޅުން އަގުކޮށްފައި އޮތްއިރުގައި، ފްލެޓެއްގެ އަގު އެބަޖެހޭ 1.2 މިލިއަން ރުފިޔާއަށް. އޭރު 20 އަހަރުން ދައްކާގޮތަށް މިއޮތީ. އެހެންވީމާ، ފްލެޓެއްގެ އަގު، މަހުގެ ކުލި އެބައަރާ، ގާތްގަނޑަކަށް ދިހަހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާއަށް. އެއީ ކުރީގެ ހިސާބު ހަދާފައި އޮތްގޮތުން ޖެހޭ ޢަދަދު.
އަޅުގަނޑުމެންނަށް އެނގޭ އެއީ ބޮޑު ޢަދަދެއްކަން. ސޯޝަލް ހައުސިންގ އެއަށްވުރެ އަގުހެޔޮކޮށް، އަތްފޯރާފަށުގައި ހުންނަންޖެހޭނެކަން. އެހެންކަމުން، އަޅުގަނޑުމެން އަލުން އެ ރިވިއުކޮށް، އަގުތަކަށް ބަދަލެއް ގެނެސްފައި ވާނެ. އެގޮތުން، ބިމުގެ އަގު ކަނޑައި، އަދިވެސް އެހެން މެނޭޖްމަންޓް ފީތަކާ އެއްޗެހި ކަނޑާލީމާ، ފްލެޓެއްގެ އަގު މިޖެހެނީ، އެއް މިލިއަން ރުފިޔާ. އެއް މިލިއަން އަށްޑިހަ ތިންހާސް ބާވީސް ރުފިޔާ. އެއީ އަޅުގަނޑުމެން އަލުން ހިސާބުކުރި ޢަދަދަކީ. ދެން އަދި އިންޓްރެސްޓް ރޭޓް މިއޮތީ 6.78 ޕަސެންޓަށްވެސް ކުޑަކޮށްފައި. އަދި 25 އަހަރުން ޕޭމަންޓް ދައްކައި ނިންމާގޮތަށް ހެދީމާ، ހަތްހާސް ފައްސަތޭކަ ރުފިޔާއަށް މިޖެހެނީ.
އެހެންވީމާ، ކުރިން އޮތް އަގުން މިވަނީ ވަރަށްބޮޑުތަނެއް، މި ގެނެވުނު ބަދަލާއެކީގައި ކުޑަކުރެވިފައި. މިއަށްވުރެ ކުޑަކުރާކަމަށްވަންޏާ ވަރަށްބޮޑު ތަކުލީފެއް، ސަރުކާރުން އިތުރަށް އުފުލަންޖެހޭނެ. މިހާރުވެސް ސަރުކާރުން ގާތްގަނޑަކަށް ޕޭމަންޓް ދައްކައި ނިންމަން، ލޯނު ދައްކައި ނިންމަން އިތުރަށް ފްލެޓުތަކަށް ފައިސާ ދައްކައި ނިންމަން ސަރުކާރުގެ ބަޖެޓުން އެބަ ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ. މިއީ ސަރުކާރަށް އެކިގޮތްގޮތުން، ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާއިން ހަމައެކަނި މި ހަތްހާސް ފައްސަތޭކަ ފްލެޓަށް އަޅުގަނޑުމެން ހޭދަކުރަންޖެހޭވަރު.
އެހެންވީމާ، މިހާރު މިއޮތީ ވަރަށްބޮޑުތަން ކުޑަކުރެވިފައި. މީގެއިތުރަށް، އަޅުގަނޑަކަށް ނުފެނޭ، މާބޮޑު ތަނެއް މިއިން ކުޑަކުރެވޭނެކަމަށް. އަޅުގަނޑު ހިތުން އަޅުގަނޑުމެން މި އަޅާ ފްލެޓުތަކުގައި މިހާރުވަނީ އެކަމަށް ވިސްނައި، މިއަށްވުރެ ހެޔޮއަގުގައި އަދި މާ ރަނގަޅު، މުޅިން ހަދައި ނިންމައި، ސީދާ ތަޅުދަނޑި ދޭގޮތަށް ނިންމާފައި. އޭރުން ފްލެޓުގެ އަގުވެސް ކުޑަވާނެ.
ދެން ތިޔަ ވިދާޅުވީ ތިންމަސް ދުވަހުގެ ތެރޭގައި މިހާރުހުރި މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް ނުފެންނަ ކަމަށް. އެޗް.ޑީ.ސީ. އިން ވިދާޅުވަނީ، މިހާރުހުރި މަސައްކަތްތައް، އެ މުއްދަތުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެބޭފުޅުން ގަބޫލުފުޅު ކުރައްވާ ކަމަށް. އަދި ނުނިމޭ ކަމަށްވަންޏާ، އެއްވެސް ކަމެއް ދިމާވެގެން ނުނިމޭ ކަމަށްވަންޏާ، އިތުރަށް މުއްދަތު ދިނުމާ ދޭތެރޭގައި ވިސްނާނެ ވާހަކަވެސް ވިދާޅުވެފައި އޮތީ. މިއީ ތިޔަ ސުވާލަށް އަޅުގަނޑަށް މިވަގުތު ދެވެން އޮތް ޖަވާބަކީ.
މުޒައްޔިން ނާޒިމް - ސަން.އެމް.ވީ:
އާދެ، ޝުކުރިއްޔާ، އަޅުގަނޑުގެ ސުވާލަކީ، އެއަރޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްތައް ބޮޑުކުރުމަށް ޤާނޫނަށް އޭރު އިޞްލާޙު ހުށަހެޅުމަށް 2019 ވަނަ އަހަރުގެ ފަހުކޮޅު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި. އެހެންނަމަވެސް، އޭގެ ދެ އަހަރާއި ބައި ފަހުން މިއަދު މަޖިލީހުގެ މުޅި ކޮމިޓީއިން ވަނީ ފާސްކޮށްފައި، އަންނަ އަހަރުން ފެށިގެން ޓެކްސްތައް ބޮޑުކުރުމަށް. ބިލު އޭރު މަޖިލީހަށް ހުށަހެޅިއިރުގައި އޮތް ޙާލަތެއްގައެއް ނޫން މިއަދު ޤައުމު މިއޮތީކީ. ކޯވިޑާ ގުޅިގެން ޓުއަރިޒަމަށް އަސަރުކޮށް، ޓޫރިސްޓް އެރައިވަލްވެސް ދަށަށްދާން ފަށާފައިވާ މި ދަނޑިވަޅެއްގައި، ރައީސް ގަބޫލުކުރައްވަންތޯ، މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަން ޓެކްސް ބޮޑުކުރުމަށް. އަދި ރިޒޯޓުތަކުގެ އޮކިއުޕަންސީވެސް މިހާރު ދަށްވާން ފަށާފައިވާއިރު، ކިހިނެއްތޯ، މިނިސްޓަރ ފައްޔާޒަށް ކުރިއަށް އޮތް ދުވަސްތަކުގައި ޓުއަރިޒަމް އެރައިވަލް ފޯރސީ ކުރެވޭނީ، އަދި ކޮންކަމެއްތޯ ކުރެވޭނީ އެކަން އިތުރުކުރުމަށް.
ދެން ހަމައެއާއެކީގައި އަދި އަހާލަން ބޭނުންވޭ، ރައީސް ނަޝީދު ވިދާޅުވެފައިވޭ، ރާއްޖޭގައި ކުރިއަށް އޮތް ދުވަސްތަކުގައި، ޖާނުން ފިދާވުމުގެ ޙަމަލާއެއްވެސް ދިނުމުގެ ފުރުޞަތު އެބައޮތް ކަމަށް. ރައީސް ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟ އެފަދަ ޙާލަތެއްގައިތޯ ޤައުމު އޮތީ؟ މިފަދަ މަޢުލޫމާތެއް ލިބިފައިވޭތޯ އަދި އެއާއެކީގައި ކޮބައިތޯ މިހާރު އަޅުއްވާ ފިޔަވަޅުތަކަކީ އެކަމުގައި؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެއަރޕޯޓުން ނަގާ ފީތަކުގެ ވާހަކަ ފުރަތަމަ ވިދާޅުވީ. އެނގިވަޑައިގަންނަވާނެ، އެއީ 2020 ވަނަ އަހަރަށް، އަޅުގަނޑުމެން މަޖިލީހަށް ފާސްކުރަން ހުށަހެޅި ބަޖެޓާ އެކީގައި، ރެވެނިއުގެ ގޮތުގައި ހިމަނާފައި އޮތް ބިލެއް. އެހެންނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެކަން ނުވެ ގޮސްފައި އެއޮތީ. އެއީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިޔުމުގެ ސަބަބުން ކަމަށް ވެދާނެ. ދެން މިހާރު އެ ބިލު މަޖިލީހުގެ ފްލޯރއަށް އައިސް އެ ކުރިއަށް ދަނީ.
ތިއާ ދޭތެރޭގައި ވިސްނާލަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑުވެސް ދެކެން. އަދި މަޖިލީހުން ފާސްކުރިޔަސް، ފާސްކުރަމުންދާއިރުގައި ކޮމިޓީ ސްޓޭޖުގައި، އެ ބިލަށް ޢަމަލުކުރާ ތާރީޚާ ދޭތެރޭގައި އަޅުގަނޑު ވިސްނާނަން. 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމަށް އޭރު ހުށަހެޅި ބިލެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އެހެންވީމާ، ފާސްވުމުގެ ކުރިން އަޅުގަނޑުމެން އެއާ ދޭތެރޭގައި ވިސްނައި، ކޮމިޓީ ސްޓޭޖުގައި، ކޮމިޓީގައި ތިއްބެވި ބޭފުޅުންނާ މަޖިލީހާ މަޝްވަރާކޮށްގެން އެއަށް ގޮތެއް ހޯދާނީ.
ދެން ޓުއަރިސްޓް އެރައިވަލް، އަޅުގަނޑުމެން ޓާގެޓްކޮށްފައި އޮތީ އެއް މިލިއަނަށް، އަޅުގަނޑު ހިތުން މިހާރު މި ފެންނަ ގޮތުން އެއަށް ރީޗް ކުރެވޭނެ ކަމަށް އަޅުގަނޑުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތް. އިތުރަށް މިނިސްޓަރ ފައްޔާޒް އެއްޗެއް ވިދާޅުވެދެއްވިއްޔާ ރަނގަޅުވާނެ.
އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓް:
އާދެ، ޝުކުރިއްޔާ. އަޅުގަނޑުމެންނަށް މިހާރު މިވަނީ ޓާގެޓްކުރި ޢަދަދުގެ ދެބައިކުޅަ އެއްބަޔާ ހިސާބަށް އަހަރުގެ މެދާ ހިސާބަށްދިޔައިރު އިރާދަކުރެއްވިއްޔާ ރީޗްވެފައި. ދެން އެމް.އެމް.ޕީ.އާރު.ސީ އާއި ޓުއަރިޒަމް މިނިސްޓްރީއާ އެއްކޮށް ހަމަ ވަރަށްބުރަ މަސައްކަތްތަކެއް، ދިވެހިރާއްޖެއިން މި ޙާލަތުގައިވެސް މާކެޓް ކުރުމަށްޓަކައި ކުރެވެމުންދަނީ.
އެހެންވީމާ، ކޯވިޑުގެ ކަންތައްތަކަކީ، އަޅުގަނޑުމެންނަށް ސާފުކޮށް ދެންވާނެ ގޮތެއް އެހާބޮޑަށް ނޭނގޭ ކަންކަންވީމާ، އެ ބަޔާނުލައި އަޅުގަނޑު މި ދަންނަވަނީ އިނގޭތޯ. މިހާރު މިއޮތްގޮތަށްވިޔަސް އަޅުގަނޑުމެންނަށް އުއްމީދު އެބައޮތް، އެއް މިލިއަނަށް، ނޫނީ އެއަށްވުރެ ބޮޑު އަދަދެއް ލިބޭނެކަމާ ދޭތެރޭގައި.
ދެން ހަމަ ޓެކްސްގެ ވާހަކައިގައި، ދެން ރައީސްވެސް ފާހަގަކުރެއްވި ފަދައިން، ވިސްނާލަން ރަނގަޅު ކަމެއް. އެހެންނަމަވެސް، މައިގަނޑު ގޮތެއްގައި ޓެކްސްގެ ބަދަލު ބޮޑަށް އެއޮތީ ހަޔަރ އެންޑް ކަސްޓަރމަރޒަށް. މިސާލަކަށް، އަމިއްލަ ޖެޓުތަކުގައި އަންނަ މީހުން، ފަސްޓްކްލާސް ޓްރެވަލަރޒް.
ދެން އަޅުގަނޑުމެންނަށް މިހާ ހިސާބަށް ފެނިފައި ހުރި ކަންކަމަށް ބަލާއިރުގައި، 10 ޑޮލަރު، 15 ޑޮލަރު އިތުރުވެގެންނެއް، އެމީހުން ރާއްޖެއަށް އައުމަކަށެއް ހުރަހެއް ނެތް. އެހެންނަމަވެސް، ދެން އަޅުގަނޑުމެން އެ ހުރިހާ ކަމަކަށް އަދި ވިސްނާނަން އިނގޭތޯ. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ކުރެއްވި އެއް ސުވާލެއް، ސުވާލުގެ އެއްބައި އެއީ، ޖާނުން ފިދާވުމުގެ ޙަމަލާއެއް ދީފާނެކަމުގެ ވާހަކަ، ރައީސް ނަޝީދު ވިދާޅުވި ވާހަކަ. އެނގިވަޑައިގަންނަވާނެ، ދިވެހިން އެބަހުރި، ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުގައި، ޖާނުން ފިދާވެގެން ޙަމަލާދީފައި މިހާރުވެސް.
އެހެންވީމާ، ރާއްޖޭގައި އަޅުގަނޑުމެން މިކިޔާ ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި، އެފަދަ މީހުން ތިބޭނެ. ތިބީމާ އެކަންތައް އެހެންވެފައި އެއޮތީ. އެހެންވީމާ، ރާއްޖޭގައި އެފަދަ ކަމެއް ހިނގިޔަނުދިނުމަށްޓަކައި އަޅުގަނޑުމެންގެ އިންޓެލިޖެންސް ވަރުގަދަކޮށް، އަދި އެފަދަ ކަމެއް ކުރިމަތިވިޔަނުދިނުމަށްޓަކައި ދެންވެސް ކުރަންހުރި ކަންތައްތައް މިހާރުވެސް ކުރަމުން އެބަގެންދޭ.
އެނގިވަޑައިގަންނަވާނެ، ގަބޫލުފުޅު ކުރައްވަންވާނެ، އެއީ ދެން އިންޓެލިޖެންސަކީ ހަންޑްރެޑް ޕަސެންޓް ޕްރޫފް އެއްޗެއް ނޫން. ހުރިހާ ކަމެއް އެނގިގެނެއް ނޫން ހިނގަނީކީ. އެހެންނަމަވެސް، އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް ވަރުގަދަކުރުމުގެ މަސައްކަތް އަޅުގަނޑު އެބަ ކުރިއަށް ގެންދަން. އަދި އެމް.އެން.ޑީ.އެފް. އަށް އިތުރަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް މިހާރުވެސް އަޅުގަނޑުމެން ކުރަމުން އެބަގެންދަން.
އަޅުގަނޑުމެން ހަމަ ބަލަމުން ގެންދާނަން. ހަމަ ރާއްޖޭގައި ހަރުކަށި ފިކުރުގެ ތެރޭގައި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގާނެ ފަރާތްތަކެއް ތިބޭނެ މިހާރުވެސް. އެބަތިބިކަން އަޅުގަނޑުމެންނަށް އެބަ އިނގޭ.
ފާޠިމަތު އުދުމާ - ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެ ސުވާލަކީ، ރައީސް ދެންމެ ފާހަގަކުރައްވައިފި، ކޯވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންނަށް ރަށްރަށަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް. ދެން މީގެކުރިން ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން ދެ ޑޯޒް ފުރިހަމަކުރައްވާ ފަރާތްތަކަށް ރަށްރަށަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލި. އެހެންނަމަވެސް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެ ފުރުޞަތުވަނީ ހިފަހައްޓާފައި. އެކަމަކު މިހާރު މި ދެވޭ ލުއިތަކުގެ ތެރޭގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ލިބިގެންދާތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އަޅުގަނޑުމެން ރޭގައިވެސް ޕޮލިސީ ލެވެލްގައި ތިޔަ މަޝްވަރާ ކުރެވުނު. އެހެން ނަމަވެސް، އަދި ޓެކްނިކަލް ޓީމުގެ ބޭފުޅުންގެ އެއްބަސްވުމަކަށް އޭގައި ނާދެވިގެން އަޅުގަނޑުމެންނަށް މިއަދު އިޢުލާނު ނުކުރެވުނީ. މިނިސްޓަރ ނަސީމް، އަޅުގަނޑަށް ފެނޭ މީގައި ނެގޯސިއޭޝަންގައި، ޕޮލިސީ ލެވެލްގައި، ދެކެވުނު ވާހަކަތަކުގެ އަލީގައި އެއްޗެއް ވިދާޅުވެދެއްވުން.
އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:
އާދެ، ޝުކުރިއްޔާ، ޢިއްޒަތްތެރި ރައީސް.
އަޞްލުގައި ދެ ޑޯޒް ޖެހުނީމާ، ގިނަ ރަށްރަށުގައި ވަރަށްބޮޑު ލުއިތަކެއް އެބަ ލިބޭ. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ ކަމަކީ، އަދި ދެ ޑޯޒް އަޅުގަނޑުމެން ބޭނުންވާވަރަށް ޖެހިފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް މި ރެސްޓްރިކްޝަން މި އަންނަނީ. މުޅި ރާއްޖޭގައި އަޅުގަނޑުމެންނަށް ދެ ޑޯޒް ޖެހިފައި އޮތް ކަމުގައިވަނީނަމަ، ނޫނީވިއްޔާ އަޅުގަނޑުމެން ބޭނުންވާވަރަށް، އެއީ 75 ޕަސެންޓަށް މި ކަންތައް ގެންދެވިފައި އޮތްނަމަ، މިކަންތައް ކުރެވިއްޖައީސް. އަޅުގަނޑުމެންނަށް ދެ ޑޯޒް ޖެހިފައި މިވަނީ އަދި 38 ޕަސެންޓަށް. މިހާރު 40 އަށް އަރައިފިހެން އަޅުގަނޑަށް ހީވަނީ.
އެހެންވީމާ، އެހިސާބުން އިރާދަކުރެއްވިއްޔާ ޖުލައި މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ވެކްސިން ލިބިގެން ދެ ޑޯޒް ހަމަކުރެވުނީމާ، އެ މިނިވަންކަން އަޅުގަނޑު ދެކޭގޮތުގައި ލިބިގެންދާނެ. މިއީ މިއުޅޭ ޚިލާފަކީ އަޅުގަނޑުމެންގެ މި މެޑިކަލް ބޭފުޅުންގެ ތެރޭގައި.
އެހެންވީމާ، އެކަންތައް އަޅުގަނޑުމެންނަށް ޙައްލުކުރެވޭނީ، އަދި މިއަށްވުރެ ތަންކޮޅެއް ގިނައިން ވެކްސިން ޖެހިގެން. ޝުކުރިއްޔާ.
ޢަޒްމީ ޢަލީ - ދުވަސް:
އަޅުގަނޑުގެ ސުވާލަކީ، ޖެންޑަރ މިނިސްޓްރީ އިން މިވަނީ މީޑިއާއެއް ޖޫރިމަނާކޮށް، އިތުރު ބައެއް މީޑިއާތަކަށް ނަޞޭޙަތްދީފައި. ރައީސް މިކަމުގައި ދެކެވަޑައިގަންނަވާ ގޮތެއް ބަލައިލަން ބޭނުންވަނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، މީޑިއާތަކުގައި ފާޅުކުރާ ޚިޔާލާއި، ލިޔާ ލިޔުންތަކާ ގުޅިގެން ސަރުކާރުން ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ހިތްވަރުދޭ ކަމެއް ނޫން. ތާއީދުކުރާވެސް ކަމެއް ނޫން. އެހެންނަމަވެސް، ކުޑަކުދިންނާ ގުޅިގެން ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ކުޑަކުދިންނާބެހޭ ވާހަކަތައް ދައްކާއިރު، ހާމަކުރާއިރުގައި، ކުރަންޖެހޭ މިންގަނޑުތަކެއް އެބައޮވޭ، ޤާނޫނުގައި ވަރަށް ސާފުކޮށް ހާމަކޮށްފައި.
އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ ރިކްއެސްޓަކީ ތިޔަބޭފުޅުންނަށް، ކުޑަކުދިންނާބެހޭ ވާހަކަތައް ލިޔާއިރު، އެ ޤާނޫނުގައި ކަނޑައަޅާފައި އޮތް އިމުގެ ތެރޭގައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ނޭދެން، އަޅުގަނޑުމެންނެއް ތާއީދެއް ނުކުރަން، ނޫސްތަކުގައި ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން، އެ ފިޔަވަޅު އެޅުމަށް. އެއީކީއެއް ސަރުކާރުން އަޅުގަނޑުމެން ތާއީދުކުރާ ކަމެއް ނޫން. އެހެންނަމަވެސް، މި ދެންނެވި ގޮތަށް ކުޑަކުދިންނާ ބެހޭގޮތުން ލިޔާ ތަކެތީގައި މި މިންގަނޑުތައް ހިފަހައްޓަން އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ އިލްތިމާސް ކުރަން މިއަދު.
އިބްރާހީމް ޒަކީ - ވަން އޮން ލައިން:
އާދެ، އަޅުގަނޑުގެ ސުވާލަކީ، ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ. ދެން އެއަށް ބަލައިލާއިރު، މި ދެއްވި ލުޔާއެކު ކޮންގޮތެއްތޯ އޮތީ؟ އޭގެތެރޭގައި އެބަ ހިމެނޭ، ވެކްސިން ފުރަތަމަ ފުރިހަމަކުރި މީހުންވެސް. އަދި އޭގެއިތުރުން، ޕޮޒިޓިވްވެ ރަނގަޅުވެފައި ތިބި މީހުންވެސް ހަމަ އެގޮތަށް މިހާރު މި އޮންނަނީ. ދެން އެފަރާތްތަކާ ދޭތެރޭގައި އެބައޮތްތޯ ވިސްނުމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިނިސްޓަރ ނަސީމް އެބައޮތްތޯ އޭގެ ޑީޓެއިލް؟
އަޙްމަދު ނަސީމް - މިނިސްޓަރ އޮފް ހެލްތު:
އަދި އެބައި ދޫކޮށްލާކަށް، އަޅުގަނޑުމެންގެ ޑޮކްޓަރުންނެއް އަދި ވިސްނަވާފައެއްނުވޭ. އެއީ ބައެއްފަހަރަށް މިވާގޮތަކީ، އެއްފަހަރު ޕޮޒިޓިވްވެފައި ހުއްޓަސް އަދި ވެކްސިން ޖަހާފައި ހުއްޓަސް އެބަ ޕޮޒިޓިވްވޭ. އެހެންވީމާ، ރާއްޖެއިން ބޭރުން އަންނަ މީހުން، އަޅުގަނޑުމެން އެބަ ކަރަންޓީނު ކުރަންޖެހޭ. އެއީ ތަފާތު ވޭރިއަންޓްތައްވެސް އުޅުމާއެކީ، އަޅުގަނޑުމެން އެބަ ބަލަންޖެހޭ، މިއަށް ސަމާލުވެސްވާންޖެހޭ. މިހާރު އަދި މިގޮތުން އަޅުގަނޑުމެން މިބައި އަދި ކޮންޓިނިއު ކުރާގޮތަށް، ކުރިއަށް ގެންދާގޮތަށް އޮތީ. ރާއްޖެއިން ބޭރުން އަންނަ މީހުން ހަމަ 14 ދުވަސް ކަރަންޓީނު ކުރާގޮތަށް މިއޮތީ އިނގޭތޯ. ދެން އެއަކަށް ބަދަލެއް ނާދޭ.
އަޅުގަނޑުމެން ބަލަމުން ގެންދާނަން، މިއަށް ލުޔެއް ދެވޭކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ ސަރަޙައްދު ރަނގަޅުވާ ކަމަށްވަނީވިއްޔާ، އަޅުގަނޑުމެން އެ ލުއި، ރައްޔިތުންނަށް ދޭނަން. އަދި ބޭރުން އަންނަ އަޅުގަނޑުމެންގެ އެހެން މީހުންނަށްވެސް ދޭނަން އިނގޭތޯ. ޝުކުރިއްޔާ.
ފާޠިމަތު ރިފާތު - ވީ. މީޑިއާ:
އާދެ، ޝުކުރިއްޔާ އިނގޭތޯ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، ކޯވިޑްޖެހި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި، ކަރަންޓީނަކާ ނުލައި، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ވާހަކަ ދޮގެއްތޯ. ދެން މިހާހިސާބުން ފާހަގަކޮށްލާނަން، ކޯވިޑް-19 އަށް އެންމެ ބޮޑުކޮށް ޕޮޒިޓިވް ވެގެންދިޔައިރުގައި، އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔަ އެއްކަމެއް މިއީ، މިސާލަކަށް، އޭ.ޑީ.ކޭ، ނުވަތަ ޓްރީޓޮޕް ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓް ހައްދަވާ ބޭފުޅުންނަށް، އެބޭފުޅުންގެ ނަތީޖާ، ޕީ.ސީ.އާރު ކޯވިޑް ޕޮޒިޓިވްވެގެން ލިބިގެންދާއިރުގައިވެސް އެޗް.ޕީ.އޭ.ގެ ޕޯޓަލުން ނުދައްކާ. ނަތީޖާ މި ފެނިގެންދަނީ ޓްރާންސިޓް ނަތީޖާއެއްގެ ގޮތުގައި. އެހެންނަމަވެސް، ކަރަންޓީނުގެ މުއްދަތު ބައެއް ބޭފުޅުން، 14 ދުވަސް ނުވަތަ 21 ދުވަސްވެސް ފުރިހަމަކުރައްވާފައި އެބަތިއްބެވި. އެހެންވީމާ، މިފަދަ ބޭފުޅުން ނުވަތަ މިފަދަ ފަރާތްތަކަށް ކޮންގޮތަކަށްތޯ، ރައީސް ތިޔަ އިޢުލާނު ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކޮންކޮން ކަހަލަ ލުއިތަކެއްތޯ ލިބިގެންދާނީ. ނުވަތަ އެބޭފުޅުންނަށް އެންމެ ޞައްޙަ މަޢުލޫމާތެއް، އެޗް.ޕީ.އޭ.ގެ ހިސްޓްރީގައި ނޯންނާނެ ދޮގެއްތޯ، މިހެން ޓްރާންސިޓްގެ ގޮތުގައި ނަތީޖާ ފެންނަން ނޯންނަ ކަމުގައިވާނަމަ. އެހެންވީމާ، ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ޖެހޭނީ ތީގައި ސާފުކޮށްލަން. އެޗް.ޕީ.އޭ.އާ މަޝްވަރާކޮށްލާފައި، އޭގައި ނިންމާފައި އޮތް ގޮތެއް ސާފުކޮށްލައިދެވޭނީ.
ތިޔަ ވިދާޅުވީ، މަޢުލޫމާތުތައް އަޕްޑޭޓްނުވާ ވާހަކަތޯ؟ އަޅުގަނޑަށް ސުވާލު މުޅިން ސާފުނުވާތީ.
ފާޠިމަތު ރިފާތު - ވީ. މީޑިއާ:
އާދެ، ރިޒަލްޓް ޕޮޒިޓިވް ކަމަށް، ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާ ލިބިގެންދާއިރުގައިވެސް އެޗް.ޕީ.އޭ.ގެ ޕޯޓަލުން މި ދައްކަނީ އެއީ ނަތީޖާ ޓްރާންސިޓް ނަތީޖާއެއްގެ ގޮތުގައި. އެހެން ކަމަށްވާނަމަ، ޕޯޓަލުން އެ ނުދައްކަނީ ދޮގެއްތޯ، އެއީ ޕޮޒިޓިވް ބޭފުޅެއްގެ ގޮތުގައި. ހިސްޓްރީގައި ނޯންނާނެ ނޫންތޯ. އެހެންވީމާ، ތިޔަފަދަ މުހިއްމު ކަމެއް ނިންމަވާއިރުގައި، އެޗް.ޕީ.އޭ.ގެ މިފަދަ ޝަކުވާތަކެއްވެސް އަޅުގަނޑު ހިތުން ހަމަ ލިބިވަޑައިގެންފައި އޮންނާނީ. އެހެންވީމާ، ޖުމްލަގޮތެއްގައި މިކަންކަމާމެދު މަޝްވަރާ ކުރައްވާފައި ދޮގެއްތޯ، މިފަދަ މުހިއްމު ކަމެއް ނިންމަވާނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑަށް ހީވަނީ ތިޔައީ އިންފޮމޭޝަން ޝެއަރ ކުރުމުގެ މައްސަލައެއްކަންނޭނގެ ތިޔައުޅެނީ. އަޕްޑޭޓްނުވެ ހުރި އިންފޮމޭޝަންތަކެއްގެ ވާހަކަ ތިޔަ ވިދާޅުވަނީ. އަޅުގަނޑު ތިޔަކަން ބަލާނަން. ބަލާފައި، ނަތީޖާއެއް ޕޮޒިޓިވްވެފައި އޮތް ކަމަށް ދައްކާ ކަމަށްވަންޏާ، ރަނގަޅު ރިޒަލްޓެއް، އެއީ ޞައްޙަ ރިޒަލްޓެއް ކަމަށްވަންޏާ، އެއީ ޖެހިފައި ރަނގަޅުވެފައި ހުރި ފަރާތެއް ކަމަށް ބަލަންވާނީ. އެޗް.ޕީ.އޭ. އިން އެފަރާތަކަށް އެ ލުއި ދެއްވަންޖެހޭނެ. އެގޮތަށް ހަދަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
އެހެންވީމާ، އެކަން އަޅުގަނޑު ސާފުކުރާނަން. ކޮށްފައި، އެހެން ނެތްކަމަށްވަންޏާ، އޭގެތެރެއަށް އެ ހިމަނައިދޭނަން.
މަރްޔަމް ނިމާ ޙަސަން - ޖަޒީރާ:
ޝުކުރިއްޔާ. އަޅުގަނޑުގެ ސުވާލަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން، ސަރުކާރުން މިވަނީ ރިއަލައިޒް ލޯނުތަކެއް ތަޢާރުފްކޮށްފައި. ދެން އެ ލޯނަށް ހުށަހަޅަން ބަލާއިރުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުންވެސް މިޖެހެނީ ބޮޑެތި ކުންފުނިތަކެކޭ އެއްފަދައިން، އޯޑިޓް ރިޕޯޓާއި ކްލިއަރެންސްތަކެއް ހުށަހަޅަން. އޯޑިޓް ރިޕޯޓުތައް ހެދުމަކީ ޢާއްމުކޮށް ކުދި ވިޔަފާރިތަކުން ކުރާ ކަމެއްނޫން. ދެން ލޯނަށް އެދުމަށްޓަކައި ކުދި ވިޔަފާރިތަކަށް މިފަދަ ގޮންޖެހުންތަކެއް ހުރިއިރު ވިޔަފާރިތަކަށް މިއަށްވުރެ ފަސޭހަކޮށް، މި ލޯނަށް އެދެވޭނެ ގޮތަކަށް ހަދައިދިނުމުގެ އެއްވެސް ވިސްނުމެއް އެބަހުރިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިނިސްޓަރ ފައްޔާޒް، އެ ލޯނުތައް ދޫކުރެއްވުމުގައި އިސްކޮށް އެ އުޅުއްވަނީ.
އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓް:
އާދެ، ޝުކުރިއްޔާ ރައީސް. އަޅުގަނޑުމެން ލޯނު ދޫކުރާއިރުގައި، ފައިސާއަކީ ދިވެހިރައްޔިތުންގެ ޓެކްސް ފައިސާ. އެހެންވީމާ، ކޮންމެވެސްވަރެއްގެ ސޭފްގަރޑްސްތަކެއް އަޅުގަނޑުމެން ބަހައްޓަންޖެހޭ ލޯނުދިނުމުގައި އިނގޭތޯ. ވަރަށް ލުއިކޮށް މި ދެނީ ރަހުނެއްވެސް ނުނަގާ. އެހެންވީމާ، ރިސްކުވެސް ބޮޑު. އެހެންނަމަވެސް، ރަހުނު ބަހައްޓަން ޖެހުމަކީ ކުދި ވިޔަފާރިތަކަށް އުނދަގުލަކަށްވާތީވެ، ސަރުކާރުންއެ ރިސްކް ނަގައިގެން އެ މި ދެނީވެސް އިނގޭތޯ. އެހެން ދޭއިރުގައި އޮޑިޓެޑް ސްޓޭޓްމަންޓްސް، ނޫނީ އެކައުންޓް ސްޓޭޓްމަންޓްސް އާއި، އެ ކުރަން އުޅޭ ކަމަކާއި، އޭގެ ފީސިބިލިޓީއާ އެއްޗެހި އެބަޖެހޭ އެނގެން. ދެން، އޭގައި ވަރަށް ސިމްޕަލްކޮށްވެސް ހެދޭނެ، ވަރަށް ބޮޑުކޮށްވެސް ބައެއް ބޭފުޅުން އެ ޕްރޮޕޯސަލްތައް ހައްދަވާ. އެހެންނަމަވެސް، އަޅުގަނޑުމެން ރައްޔިތުންގެ ފައިސާ ދޫކުރާއިރުގައި މިންގަނޑުތަކެއް ބަލަންޖެހޭ. އޭގެ އެންމެ ލުއިކޮށް ކުރެވޭނެވަރަށް މިހާރު އެ ހުރީ އިނގޭތޯ. އެހެންނަމަވެސް، އޮޑިޓް ސްޓޭޓްމަންޓްސްއަކީ މިހާރުވެސް މީރާއަށް ހުށަހަޅުއްވަންޖެހޭ އެއްޗެހި އިނގޭތޯ. އެއީ ހަމަ ޤާނޫނީގޮތުން ކުރައްވަންޖެހޭ ކަމެއް.
އެހެންވީމާ، ހުރިހާ ވިޔަފާރިއަކުންވެސް އޮޑިޓް ސްޓޭޓްމަންޓްސް ހަދާނެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ އަމިއްލަ ސެލްފް އެމްޕްލޯއިޑް މަސައްކަތް ކުރައްވާ ބޭފުޅުން ފިޔަވައި. ދެން، އެހެންނަމަވެސް، މިފަހަރުގެ އެޕްލިކޭޝަންސްތަކުގައި، ވަރަށް ސިމްޕަލް އެޕްލިކޭޝަނެއް އޮންނާނީ އިނގޭތޯ. އެއަކުއެއް އެ ހުރިހާ ޑޮކިއުމަންޓްސްތަކެއް ހުށަހަޅާކަށް ނުޖެހޭނެ. އެޕްލިކޭޝަންގެ އެ ކޮންސެޕްޓާ އެއްކޮށް ހުށަހެޅުއްވީމާ، އަޅުގަނޑު ކުރިން ފާހަގަކުރި ގޮތަށް، ބިޒްނަސް ކްލިނިކްތަކުގައި މީޓިންގއެއްގެ ތެރޭގައި އެ ކުރައްވަން އުޅޭ ކަންތައްތަކާއި، އޭގެ މަޢުލޫމާތުތަކާ އެއްޗެހި ހޯދައިގެން، އަޅުގަނޑުމެން ބައިވެރިވެގެން، މި ދެންނެވީ މަސައްކަތުގައި ބައިވެރިވެގެން ކުރިއަށް ގެންދާ ކަހަލަ ގޮތަކަށް މި އޮތީ.
އެހެންވީމާ، އެ ލުއިކަމެއް މިފަހަރު ލިބޭނެ، ފުރަތަމަ ހުށަހަޅާ މަރުޙަލާގައި. ދެން، އެ ކުރިއަށް ގެންދެވޭއިރުގައި އެހެންނަމަވެސް، އެ ކުންފުންޏަށް ލިބިފައި ހުރި އާމްދަނީއާ އެއްޗެހި އަޅުގަނޑުމެންޖެހޭނެ ބަލަން އެހާ ހިސާބަށް. އަދި ލިބިފައިތޯ، ލިބިފައި ނެތްތޯވެސް. އަދި އެ ހުށަހަޅާ ޢަދަދުތަކަކީވެސް ޞައްޙަ ޢަދަދުތަކެއްކަންވެސް އަޅުގަނޑުމެން ސާފުކުރަންޖެހޭ. މިހާރު އަޅުގަނޑުމެންނަށް މިދިޔަ ފަހަރު އެ ޙާލަތުގައި ވަރަށް ލުއިކޮށް ދޫކޮށްލީމާ، އެބަ ފާހަގަވޭ އިނގޭތޯ، ޖީ.އެސް.ޓީ. އެއްޗެހި އަސްލާ ޚިލާފުކޮށް ހުށަހަޅާފައި ހުރި ފަރާތްތައްވެސް.
އެހެންވީމާ، މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ބަލަންޖެހޭތީވެ، ވަކި މިންގަނޑަކަށްވުރެ ދަށަކަށް އަޅުގަނޑުމެންނަކަށް ލުޔެއް ނުކުރެވޭނެ. އަނެއްހެން ބަހާލާ ގްރާންޓެއްނަމަ، އަޅުގަނޑުމެންނަށް އެ ގޮތަށް ދޫކުރެވިދާނެ. އެހެންނަމަވެސް، ރައްޔިތުންގެ ފައިސާ، ލޯނެއްގައި ދޭއިރުގައި އަޅުގަނޑުމެން ބޭސިކް ބައެއް ކަންތައްތަކެއް ހިފަހައްޓަންޖެހޭ އިނގޭތޯ.
ޝުކުރިއްޔާ!
ޝިފްޒާން އަޙްމަދު - ދިޔަރެސް:
السَّلَامُ عَلَيْكُمْ.
އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން. އެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ހަރުކަށި ފިކުރުގެ ބޮޑެއް ކަމުގައި ބުނެ، ޢަބްދުﷲ ޢަލީމަނިކު ނަމަކަށް ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައި. މި މީހާއަކީ، 2007 ވަނަ އަހަރު ހިމެންދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެއިރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ހިންގައި، 10 އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އިއްވައިފައި ވަނިކޮށް، ޖަލުން ދެ ފަހަރެއްގެ މަތިން ފިލާފައިވާ މީހެއް. އޭގެ ފަހުން އޭނާގެ މައްޗަށް، ފިލި މައްސަލަތަކާ ގުޅިގެން، އަނެއްކާ އިތުރު ހުކުމްތަކެއް ކުރެވި، އެ ހުކުމްތަކުގެ މުއްދަތުގެ ތެރޭގައި އޭނާ ހުއްޓައި، އޭނާގެ ހުކުމުގެ މުއްދަތު 3 ދުވަހަށް ކުރުކޮށްލުމަށްފަހު، އޭނާ ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސިލް، ކަމާބެހޭ އިދާރާތަކަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުގައި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނަށް މަޢާފްދިނުމަކީ ހުއްދަކޮށްފައިވާ ކަމެއްނޫން. އަދި އޭގެއިތުރަށް، މީނާއަކީ ރީހިބިލިޓޭޓުވެފައި ހުރި މީހެއްކަމަށް ބެލޭނެކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއީ، ދެ ފަހަރެއްގެ މަތިން ޖަލުން ފިލާފައިވާތީ. އެހެންވީމާ، ޤާނޫނުގައި އޮތް ލޫޕްހޯލެއް ބޭނުންކޮށްގެން މިފަދަ މީހަކު މުޖުތަމަޢުގެތެރެއަށް ދޫކޮށްލައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮންކަހަލަ އަސާސްތަކަކަށް ބައްލަވާފައި، ކޮން މިންގަނޑަކުންތޯއޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޝުކުރިއްޔާ!
ޢަބްދުﷲ ޢަލީމަނިކު، 6 މޭގެ ހަމަލާއާ ގުޅިގެން ބަންދުކޮށްފައި މިހާރު އެ ހުރީ. އޭނާ ކުރިން ޖަލުގައި ހުއްޓައި މަޢާފުދީ މިނިވަންވީ ވާހަކައެއް. ތިޔަ ވިދާޅުވާހެން ޢަބްދުﷲ ޢަލިމަނިކަކީ، އެއީ ހިމެންދޫ މައްސަލައިގައި 10 އަހަރުދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ހުރި ފަރާތެއް. ހިމެންދޫ މައްސަލައިގައި ޖަލަށްލީ ގިނަ މީހުން ވަނީ އޭގެ ގާތްގަނޑަކަށް ދެތިން އަހަރު ކުރިން މިނިވަންކޮށް ދޫކޮށްލެވިފައި. އެއީ މި ސަރުކާރަކުނޫން. އޭގެ މާކުރިން.
އަޅުގަނޑަށް އެނގިފައި އޮތްގޮތުންވިއްޔާ ޢަބްދުﷲ ޢަލީމަނިކުވެސް އޭރު ހުރީ ޝަރުޠުތަކާއެކު، މިނިވަންކޮށްފައި. ހަމައެކަނި ޝަރުޠަކަށް އޮތީ، ހިމެންދުއަށް ދިއުން މަނާކުރުން. އެހެން އޮއްވައި ހިމެންދުއަށް ގޮސްގެން، އަލުން އަނބުރާ ޖަލަށް ގެންދިޔަކަމަށް މިވަނީ. ތިޔަ ވިދާޅުވާހެން ޓެރަރިޒަމްގެ ކުށްތަކަކީ މަޢާފުދޭ ކުށްތަކެއް ނޫން، ޤާނޫނުގައި އޮންނަ ގޮތުން. އެހެންނަމަވެސް، ލުއިދެވޭނެ. އަޅުގަނޑު އެކަން ނިންމިއިރުގައި، ޢަބްދުﷲ ޢަލީމަނިކުގެ އެ ޙުކުމުގެ ބާކީއޮތީ 8 މަސްދުވަސް. އަދި އިތުރު ޙުކުމްތަކެއް ހުރި. މިއިން ކޮންމެ ކަމެއް ކުރަން ނިންމާއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ ލިޔުންތަކާ އެއްޗެހި ހޯދަން. ޢަބްދުﷲ ޢަލީމަނިކާ ބެހޭގޮތުން ކަރެކްޝަންސް އިން ލިބިފައި އޮތް މަޢުލޫމާތަކީ، އޭނާއަކީ މިހާރު އިޞްލާޙުވެ މުޖުތަމަޢަށް ނުކުންނަން ތައްޔާރުވެފައި ހުރި މީހެއްކަމަށް. އަދި އޭނާ ބަލަންޖެހޭ 17 އަހަރުން ދަށުގެ ވަރަށް ގިނަ ކުދިން ތިބިކަމަށް. އަދި އޭނާއަކީ މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެވޭނެ މީހެއްކަމަށް ދެކޭކަމަށް. އެ ހުރިހާ ކަމެއްގެ އަލީގައި، މި ދެންނެވި ބާކީއޮތް 8 މަސް ދުވަހުގެ ހުކުމް، އަޅުގަނޑު 3 މަސް ދުވަހަށް ކުޑަކުރީ. ކުޑަކޮށްފައި ދެން ހުރި ހުކުމްތައް ނިމިގެން އޭނާ މުޅިން މިނިވަންވެގެން ދިޔައީ.
އެހެންވީމާ، ޓެރަރިޒަމްގެ ކުށް އަޅުގަނޑެއް މަޢާފެއް ނުކުރަން. އޭގައި ލުއިކޮށްދިނީ ބާކީއޮތް 8 މަސް ދުވަސް. ވަކި މުއްދަތަކަށް ކުޑަކޮށްދިނީ. އަދި އިތުރު ހުކުމްތަކެއް ހުރުމާއެކީގައި އެހެން އެކަން ކޮށްފައި އޮތީ. މިއީ ޢަބްދުﷲ ޢަލީމަނިކާ ދޭތެރޭގައި އަޅުގަނޑު އެކަންކޮށް ނިންމި ގޮތަކީ.
ޝަފްރާޒް އަޙްމަދު - ވޮއިސް އެމް.ވީ:
އާދެ، ޝުކުރިއްޔާ!
ޢިއްޒަތްތެރި ރައީސް، މި ޕްރެސްގައި ހިޔާ ފްލެޓާ ބޭހޭގޮތުން ނޫސްވެރިއެއް ކުރި ސުވާލެއްގެ ޖަވާބު އަދި ފުރިހަމަ ނުވާތީ އެ ކުޑަކޮށް އަދިވެސް އެއަށް ސްޓްރެސް ކޮށްލާނަން. މި ހިޔާ ފްލެޓަށް ނެގި ލޯނު ދެއްކުމުގައި، މި ލޯނާއެކީ ގްރޭސްޕީރިއަޑްވެސް މި ލިބެނީ މިތަން ހެދުމަށްޓަކައި. އެހެންވީމާ، އެއާ ގުޅިގެން ސަރުކާރުން ލުޔެއް ދެންތޯ؟ ޕޮލިސީ ލެވެލުން އަދިވެސް މަނިކުފާނުގެ ފަރާތުން ޖަވާބެއް ނުލިބޭތީވެ، އެ ހިސާބު ޖައްސަވާ ގޮތަށްވުރެ ބޮޑަށް ސަރުކާރުން ދޭ ލުޔާ ބެހޭގޮތުން އަސްލު ނޫސްވެރިންވެސް، ރައްޔިތުންވެސް މި ކޮންސަރންވަނީ.
ދެން އަޅުގަނޑު އަސްލު ސުވާލަށް ޖެހިލާނަން. ދެން، ކޯވިޑް- 19 އާ ގުޅިގެން ރާއްޖެއަށް މި ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ސަރުކާރުން މިވަނީ ލުއިތަކެއް، ލޯނުތަކެއް ދެވި، މި ވަޒީފާތައް ގެއްލުނު ފަރާތްތަކަށްވެސް އިންކަމް ސަޕޯޓުތަކެއް ދެވިފައި. ދެން ރާއްޖޭގެ އިޤްތިޞާދު ކުރިއަށް އޮތްތާނގައި ގޯސްނުވާނެކަމަށް އިޤްތިޞާދީ މާހިރުންވެސް ލަފާކުރައްވާފައިވާއިރު، މި ގޯސްތެރޭގައި ޒުވާނުންނަށް ވަޒީފާ ނެތް މީހުންނަށް ކިހާ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށްތޯ މި ބެލެވެނީ. އަދި މީގެތެރެއިން، މި ވަޒީފާގެ ފުރުޞަތުގެ ތެރެއިން ކިހާ މިންވަރަކަށްތޯ ޚާއްޞަކޮށް، ދިވެހިންނަށް އިސްކަންދެވިގެން ވަޒީފާތައް ލިބޭނީ. މިހާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އަވަށްޓެރި ޤައުމުތަކުގެ ފަރާތްތައް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިތުރުވެ، ޓެކްނިކަލް ދާއިރާތަކަށް އިތުރުވަމުންދާކަން ފާހަގަކުރާތީ، ދިވެހިންނަށް އިސްކަންދީގެން، އަދި އޭގެ އިތުރުން ސިޔާސީކަންކަމާ ދުރު، ކިޔަވައިގެން ތިބި، ތަޢުލީމީ ޒުވާނުންނަށް އިސްކަންދީގެން، ސަރުކާރުން ކީއްތޯއޭ ކުރާނީ މި ޙާލަތަށް ރިޢާޔަތްކޮށް.
ވަރަށް ބޮޑަށްޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، މި ހިޔާ ފްލެޓުގެ ކުލި އަޅުގަނޑު ކުރިން މި ދެންނެވީ، އޭގައި މިހާރުވެސް އަގު ކަނޑައަޅާފައި އޮތްގޮތުން މުޅި އެ ލޯނު ދައްކައި ނިންމުމަށް ސަރުކާރުން އިތުރަށް ދައުލަތުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ އެބަ ޚަރަދުކުރަންޖެހޭ. އެއީ، 7500 ރުފިޔާއަށް މަހުކުލި ހެދީމާ ވާވަރު. އެވަރުވެސް މި ޖެހެނީ 25 އަހަރަށް އަޅުގަނޑުމެން މުއްދަތު އިތުރުކުރީމާ. ދެން މީގައި އިތުރަށް މަޝްވަރާ އަދިވެސް ކުރެވިދާނެ. އަޅުގަނޑު ބޭނުން ހަމަ ވީހާވެސް ހެޔޮއަގެއްގައި މިކަން މި ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭން. އެހެންވެގެން ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ހައުސިންގ ޕްރޮޖެކްޓްތައް މިއަށްވުރެ އަގުހެޔޮކޮށް މި އަޅައިދީ، އެ މަސައްކަތް މި ކުރިއަށް ގެންދަނީ. ސަރުކާރުގެ، އަޅުގަނޑުމެންގެ ޕްރޮޖެކްޓްތައް ކުޑަކޮށް ލަސްވެގެންދިޔައީވެސް، މި ހެޔޮއަގުގައި މިކަން އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތަށް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ، މިހާރު މިވަނީ ގާތްގަނޑަކަށް 11000 ހައުސިންގ ޔުނިޓު، އަޅުގަނޑު މި ދެންނެވި އަގުގައި އަޅައިދޭނެ ފަރާތްތައް ހޯދިފައި. އެހެންވީމާ، މި ހިޔާ ފްލެޓާ ބެހޭގޮތުން އަދިވެސް އަޅުގަނޑަށް މަޝްވަރާ ކުރެވިދާނެ. ގޮތެއް ހޯދޭތޯ ބެލިދާނެ. އެހެންނަމަވެސް، އެއިން އަނެއްކާވެސް ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެންދާނެކަން ތިޔަބޭފުޅުން ގަބޫލުކުރައްވަންވާނެ. އަޅުގަނޑު މި ދައްކަނީ ސަރުކާރަށް، ދައުލަތަށް ޓެކްސްގެ ފައިސާގެ ގޮތުގައި ހުރިހާ ރައްޔިތުން ދައްކާފައި ހުރި ފައިސާއިން އިތުރު 3 މިލިއަން ރުފިޔާ ނަގައި، އަނެއްކާވެސް ހަމައެކަނި މި 7000 ފްލެޓަށް ލޯނު ދެއްކުމަށް ދޭވާހަކަ. އެހެންވީމާ، ތިޔަކަން އަޅުގަނޑު ނޯޓުކޮށްފިން. އަދިވެސް ތިޔަކަމާ ބެހޭގޮތުން މަޝްވަރާ ނުކުރާނެ ވާހަކައެއް ނޫން އަޅުގަނޑު މި ދެންނެވީ.
ދެން މިއޮތީ ރާއްޖޭގައި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމާ ބެހޭގޮތުން ކުރެއްވި ސުވާލު. އާދެ، ދިވެހިންނަށާއި ޚާއްޞަކޮށް ޒުވާނުންނަށް. އަޅުގަނޑު ހިތުން އިކޮނޮމިކް މިނިސްޓްރީގައި އެބަ ގެންގުޅޭ ޚާއްޞަކޮށް ދިވެހިންނަށް އިސްކަންދޭ ޕްލޭނެއް. ޓުއަރިޒަމް އިންޑަސްޓްރީގައިވެސް ހުސްވާ މަގާމުތަކަށް މީހަކު ނެގުމުގެ ކުރިން އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ހުރިތޯ ނުބަލައެއް ބޭރު މީހަކު ރާއްޖެއަށް ގެނައުމުގެ ހުއްދައެއް އެ މިނިސްޓްރީއަކުން ނުދޭނެ. އެއީ، އަޅުގަނޑުމެން ހަމަޖައްސާފައި އޮތްގޮތް. އަނެއްކާ، ވަޒީފާ ބޭނުންވާ މީހުން އެބަޖެހޭ، އިކޮނޮމިކް މިނިސްޓްރީގައި އެ ޕޯޓަލްގައި ރަޖިސްޓްރީވެފައި އޮންނަން. އެއިރަށް އަޅުގަނޑުމެންނަށް ހުސްވާ ވަޒީފާތަކަށް ދިވެހިންނަށް އެ ޖާގަ ހޯދައިދިނުމަށް މަސައްކަތް ކުރެވޭނީ. މިކަމާ ދޭތެރޭގައި، އަޅުގަނޑު ހިތުން އަދި މިނިސްޓަރ ފައްޔާޒް މީގެ އިތުރަށް ތަފުސީލުވެސް ކޮށްދެއްވައިފާނެ. މީގައި އިތުރަށް ތިޔަބޭފުޅުން ބޭނުންފުޅުވާ ބައެއް މަޢުލޫމާތުތައް ހުންނާނެ. އެހެންވީމާ، އަޅުގަނޑު މިނިސްޓަރަށް ފުރުޞަތު އަރުވާނަން.
އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓް:
އާދެ، ޝުކުރިއްޔާ!
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ވަރަށް ރަފް އެސްޓިމޭޓެއްގައި ދަންނަވާ ކަމަށްވަންޏާމުން، ކޯވިޑުގެ ޙާލަތާއި މިއަދާ ހިސާބަށް ދައުލަތުގެ ރެވެނިއުއަށް ގާތްގަނޑަކަށް 45 ބިލިއަންވަރު މިވަނީ ގެއްލިފައި. ޓުއަރިޒަމް އެރައިވަލްއާއި ޓެކްސްތަކާ އެއްޗެހި ނުލިބުމުން. އަނެއްކޮޅުން އަޅުގަނޑުމެން މިވަނީ ރައްޔިތުންގެ ބައިވަރު އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި. އަނެއްކޮޅުން ދަރަނި މައްޗަށް އެބަދޭ. އެހެންވީމާ، ތިޔަ ކުރެއްވި ސުވާލުގައި އަޅުގަނޑުމެން އެހީތެރިކަން ދިނުމުގައި ހުރި ދަތިތަކަކީވެސް އެއީ. ދަރަންޏަށް ނަގާނެ ޖާގަވެސް ކުޑަ. އަޅުގަނޑުމެންގެ ރެވެނިއު މިވަނީ އެތައް ގުނައެއް ދަށްވެފައި. އެކަމަކު ސްޕެންޑިންގ އެބަ އިތުރުކުރަންޖެހޭ.
ސަރުކާރުގެ ޚަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންނަމަވެސް، ރެވެނިއު ބޭނުންވާވަރަށް ނުލިބޭތީވެ، އަޅުގަނޑުމެން ބޭނުންވާވަރަކަށެއް އެހީތެރިކަން ފޯރުކޮށްދެވޭނެ ޙާލަތަކުއެއް ނޫން މިއަދު މި ތިބީކީ.
ދެން މި ލޭބަރގެ ސުވާލުގައި، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާނެ، ޖޮބް ސެންޓަރ މިހާރު ލައިވްކޮށް އެހުރީ، ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރަން ވަޒީފާ ބޭނުންވާ ފަރާތްތައް. އަދި އަޅުގަނޑުމެން މިހާރު ހުރިހާ އެމްޕްލޯޔަރުން އޭގައި އެބަ ރަޖިސްޓްރީ ކުރަން. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންނެއް ކޯޓާއެއް ދުލެއްނުކުރާނަން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައި އޮތް އެމްޕްލޯޔަރަކަށް ނޫނިއްޔަކާ. އެއީ އެއަށް މައިގްރޭޓް ކުރުމަށް. ދެން އެހިސާބުން އަޅުގަނޑުމެން ބަލާނީ، އެ ޖޮބް ސެންޓަރުގައި ވަޒީފާއެއް ހޯދަން ރަޖިސްޓްރީވެފައި ތިބި މީހުންނާއި، ވަޒީފާތަކަށް ކުންފުންޏަކުން ބޭނުންވެގެން އޭގައި އިޢުލާނު ކުރީމާ، އެ ނުލިބިއްޖެ ކަމަށްވަންޏާ، ދިވެއްސަކު އޭގައި ނެތިއްޔާ، އަޅުގަނޑުމެން ބޭރުމީހަކަށް ދޭނީ. އެއަށް ދިޔުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. އަޅުގަނޑުމެންނަށް އަދި ވަރަށް ތަރުޙީބު ކުޑަ އިނގޭތޯ. ޖޮބް ސެންޓަރުގައި ވަޒީފާ ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވާލެއް ވަރަށްވަރަށް ކުޑަ. ދެން އޭގައި އަޅުގަނޑުމެން ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް ނުކުރެވިފައި މިއޮތީ ކޯވިޑުގެ ޙާލަތުގައި
މި ލޮކްޑައުންއާއި، މި ދިމާވާ ކަންކަމުގެ ތެރޭގައި. އަޅުގަނޑުމެން ވަރަށް ގިނަ ރަށްރަށަށް ޓްރެވަލްކޮށް، މިއަށް އަހުލުވެރިކުރުމާއި އަދި އަލަށް އައި ކައުންސިލްތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވާނެ، ކުރިއަށް އޮތްތަނުގައި ކޮންމެ ރަށެއްގައިވެސް ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޖޮބް ޕޯޓަލްގައި ރަޖިސްޓްރީވުމަށް.
އެހެންވީމާ، އަޅުގަނޑުމެން މި ކުރާ މަސައްކަތް ނިމިގެންދާއިރުގައި އެއަށް ޙައްލެއް އަންނާނީ. ދެން، މަޑުމަޑުން މިކަންކަން ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ. ބޮޑު ޝޮކެއް މުޅި އިންޑަސްޓްރީތަކަށް އަޔަނުދީ ގެންދެވޭނެ ގޮތަކަށް. އޭގެ އިތުރުން، އަޅުގަނޑުމެން އެބަ ގެންދަން އިނގޭތޯ، ހަޔަރ އެޑިޔުކޭޝަނާއި އަދި ވަރލްޑް ބޭންކާ އެއްކޮށް، އަޕްސްކިލިންގ ޕްރޮގްރާމްތަކާއި، އެކިއެކި ކަންކަމަށް ސްކިލް ކުރެވޭނެ ޕްރޮގްރާމްތަކާއި، އޭގެވެސް ބައިވަރު ޕްރޮގްރާމްތަކެއްގެ މަސައްކަތްތަކެއް. އެހެންވީމާ، އަޅުގަނޑުމެން މި އުންމީދުކުރަނީ ޚާއްޞަކޮށް ސްކިލް، ބޭރުގެ ވަޒީފާތައް، ބޭރު ފަރާތްތަކުން ބޮޑަށް ވަޒީފާތައް އަދާކުރާ ދިމަދިމާލަކީ ކޮބައިތޯ، މިހާރު ހުރީ ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު އައިޑެންޓިފައި ކުރެވިފައި. އެ ދާއިރާތަކަށް ދިވެހިންނަށް ތަމްރީނު މަދުވާ ކަމަށްވަންޏާ، އެ ތަމްރީނުތައް ދީގެން އެ ކަންކަން ކުރަން. މިހާރުވެސް އަޅުގަނޑުމެން ވަރލްޑް ބޭންކާއެކީ އިތުރު ޕްރޮޖެކްޓެއްގެ މަޝްވަރާތައް ކުރަމުން މިދަނީ. އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް، ޤައުމީ ޔުނިވަރސިޓީއާއެކީ. އެހެން ހުރި ދާއިރާތަކަށް، އަޅުގަނޑުމެން ޓްރެއިން ކުރަން ބޭނުންވާ ފަރާތްތަކަށް ޓްރޭނިންގ ޕީރިއަޑްގައި އެލަވަންސެއްވެސް ދީގެން. އެއީ ކުރިން އަޅުގަނޑުމެން ހިލޭ ފަށައިގެންވެސް އެއަށް މާބޮޑު ތަރުހީބެއް ނުލިބުނު. މިފަހަރު އަޅުގަނޑުމެން އެ ޕްރޮގްރާމް ހިލޭކޮށްފައި، އޭގެ އިތުރުން އެލަވެންސެއް ދީގެން، އެ ޕްރޮގްރާމްގައި ބައިވެރިކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ. އެހެންވީމާ، އެކަހަލަ ވަރަށް ގިނަގިނަ ޕްރޮގްރާމްތަކެއް އެބަހުރި، އަޅުގަނޑުމެން މުޅި މައްސަލަ ޙައްލުކުރަން. ބޮޑު މައްސަލައަކަށްވާތީވެ، އަޅުގަނޑުމެންނަށް އެކިއެކި މަރުޙަލާތަކުގައި މިކަން މި ކުރެވެނީ. އަނެއްކާވެސް ކޯވިޑަކީ މިކަންކަން ކުރުމަށްވެސް އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. ޚާއްޞަކޮށް، ޓްރެވަލް ކުރުމާއި މި ކަންކަމުގައި ހުރި ދަތިތަކާއެކީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މި ހިޔާ ފްލެޓްތަކާ ބެހޭގޮތުން ދެންމެ ތިޔަ ކުރެއްވި ސުވާލުގައި އަދިވެސް އިތުރު ބައެއް މަޢުލޫމާތު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނަން. މީގައި އަޅުގަނޑުމެންނަށް އަގުތައް ކުޑަނުކުރެވިގެން މިއުޅޭ ސަބަބު. އަދި އެއަށް ބަދަލުތަކެއް ނުގެނެވިގެން މިއުޅޭ ސަބަބު. ހިޔާ ފްލެޓުތަކުގައި، ދެ ރޫމްގެ ފްލެޓެއް އެއީ 580 ސްކެއަރ ފީޓް މި އޮންނަނީ. އޭގެ އަގަކީ 62,000 ޑޮލަރު. އަނެއްކާ އެ ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ހެޔޮއަގު ހުށަހެޅި ފަރާތެއް ނޫން. ދެވަނައަށް އެންމެ ބޮޑު އަގު ހުށަހަޅާފައިވާ ފަރާތަށް މިއޮތީ ދީފައި. މި ސަރުކާރުން އަޅުގަނޑުމެން މި ހިންގާ ޕްރޮޖެކްޓުތަކުގައި، ދެ ރޫމްގެ ފްލެޓެއް އެއީ 650 އާއި 700 ސްކެއަރ ފީޓުގެ ތަނެއްގައި އުޅޭނީ 45,000 އާއި 47,000 ޑޮލަރާ އެ ދޭތެރޭގައި. އެއީ އަގަކީ. އަދި 3 ބެޑްރޫމްގެ ފްލެޓެއް އެއީ 900 ސްކެއަރ ފީޓުގެ އަގު މި ޖެހެނީ 65,000 ޑޮލަރަށް. އެހެންވީމާ، އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ހިޔާ ފްލެޓުތައް އެޅުމުގައި ކަންކޮށްފައި އެއޮތީ ހަމަ އެންމެ ރަނގަޅަކަށް ނޫނޭ. އެއަށްވުރެ ރަނގަޅަށް، އެއަށްވުރެ ހެޔޮއަގުގައި އެޅޭނެ. އަދި ކުރިން މި ދެންނެވިހެން، ހިޔާ ފްލެޓުތަކުގައި 62,000 ޑޮލަރަށް ފްލެޓެއްގެ އަގު ޖެހޭއިރުގައި މިއީ، އެތެރޭގެ އެއްވެސް މަސައްކަތެއް ނުނިންމާ. ޓައިލްސްއެއް ނެތް ޖަހާފައެއް އެތެރޭގައި. ދޮރުތަކެއް ނުލާ. އެހެންނަމަވެސް އަޅުގަނޑުމެން މިދެންނެވީ، މިހާރު އަޅާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރާއިރުގައި ހުންނާނީ ފިނިޝިންގއާ އެކުގައޭ. ދެން، އިތުރަށް ކުރަންޖެހޭ އެކަހަލަ އެއްވެސް ކަމެއް ނޯންނާނެ. ހިފާގެންގުޅޭ ތަކެއްޗާ މިކަހަލަ އެއްޗެހި ބޭނުންވާނީ. އެ އަގުގައި އަޅުގަނޑުމެންނަށް އެބަދެވޭ 45,000 އާއި 47,000 ޑޮލަރުގެ ދޭތެރޭގައި 650 އާއި 700 އަކަފޫޓުގެ ތަނެއް. އެހެންނަމަވެސް، މިހާރު ހިޔާ ފްލެޓުގައި މިހުރީ 680 އަކަފޫޓުގެ ތަނެއް، އެތެރެ ނުނިންމާ 62,000 ޑޮލަރަށް. މިއީއަކީ، ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނޫންކަމަށް އަޅުގަނޑު ހަމަ މިއަދުވެސް ތަކުރާރުކޮށް ދަންނަވާނީ.
އެހެންނަމަވެސް، ބޯހިޔާވަހިކަމަކީ، ޚާއްޞަކޮށް މާލެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމަކަށްވާތީ، ރައްޔިތުން އޭގެ ބޭނުން އެ ލިބުނު ގޮތަކަށް ހިފަން ބޭނުންވާނެ. އެހެންވެގެން މި ރިކްއެސްޓުތައް އެ އަންނަނީ. ސަރުކާރުން އަދިވެސް އަޅުގަނޑުމެން ބަލާނަށް، މީގައި ކުރެވެން އޮތީ ކޮންކަމެއްތޯ. އެކަމަކު ވަރަށް އުނދަގޫ، ވަރަށްދަތި ކަމަކަށްވާނެ މިގޮތަށް ކުޑަކުރަން.
މުޙައްމަދު އަފްރާޙް - އެޓޮލް ނިއުސް:
އާދެ، ޝުކުރިއްޔާ އިނގޭތޯ، ހަމަ ދެއްވި ފުރުޞަތަށް.
މި އަޅުގަނޑުގެ ވަރަށް ބޮޑު ކޮންސަރނެއް މިއީ އިނގޭތޯ، ރައީސާއި އަދި އިތުރު ދެ މިނިސްޓަރުން ތިއްބެވިއިރުގައި، އަޅުގަނޑުމެންނަށް އެންމެ ސުވާލެއް ކުރަން ފުރުޞަތެއް ދެއްވީމާ. އަޅުގަނޑުމެން ޖަރނަލިސްޓުންގެ ވަރަށް ގިނަ ސުވާލުތަކެއް ހުންނާނެ ހަމަގައިމުވެސް އެހެންވެގެން. އެހެންނަމަވެސް އަޅުގަނޑުގެ ސުވާލަކީ، މިހާރު ޖުލައި 1 އިން ފެށިގެން ރެސްޓޯރެންޓްސްތަކާއި ތަންތަނުގެ އިންޑައިނިންގ ޚިދުމަތްދޭން ފަށްޓަވަން ތިޔަ ނިންމާފައި އޮތީ. މީގެ ކުރީގައި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެބައޮތް މަޢުލޫމާތު ދެއްވާފައި އަޅުގަނޑުމެންނަށް، އެ ބޭފުޅުން ރައީސް އޮފީހަށް ފޮނުއްވި މެއިލްތައް ރައީސް އޮފީހަށް ނުލިބޭކަމުގެ ޝަކުވާކޮށްފައި އެބައޮތް. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟ މިއީ ހިނގާފައިވާ ކަމެއްތޯ؟
ޝުކުރިއްޔާ ވަރަށް ބޮޑަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެއީ ކޮންއިރަކު ފޮނުވި މެއިލެއްތޯ؟
މުޙައްމަދު އަފްރާޙް - އެޓޮލް ނިއުސް:
އާދެ، އެއީ ފެބުރުވަރީ މަހުން ފެށިގެން މެއިލްތައް ފޮނުވާފައި އޮތްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. ފެބުރުވަރީ މަހުން ފެށިގެން ފޮނުވާފައި ހުރި މެއިލްތައް އެންމެފަހުން އަޅުގަނޑަށް މި މަހުގެ 26 ވަނަ ދުވަހު "ރޭމް" އިން ސީދާ އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވާފައި މިއޮތީ، އެ ބޭފުޅުން ފޮނުއްވި މެއިލްތައް، ރައީސް އޮފީހަށް ނުލިބޭކަމަށް ވިދާޅުވެފައޭ ވަނީ. އެހެންވީމާ، އެއަށް ވީނުވީގޮތެއް ނޭނގިފައޭ ވަނީ. އެހެންވީމާ، އޭގެފަހުން އިއްޔެ އެ ބޭފުޅުންވަނީ އިޙްތިޖާޖުކޮށްފައި. ދެން، އެއަށްފަހުގައި ޖުލައި 1 އިން ފެށިގެން މިވަނީ ހުޅުވައިލެވިފައި. އެ ކޮންސަރން އަޅުގަނޑުގެ އޮތީ. އެހެންވީމާ، އެ ނުލިބޭ ކަމަށް އެ ވިދާޅުވަނީ އެއީ ކީއްވެގެންތޯ؟ ކޮބައިތޯ އޭގެ މައްސަލައަކީ؟
ރައީސުލުޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑުމެންނަށް ރިކްއެސްޓެއް އައިސްފައި އޮތްކަން، އަޅުގަނޑާ ހިސާބަށް އައިސްފައި އޮތީ އެޕްރީލް ފަހުކޮޅު އަޅުގަނޑު ހަނދާންވާގޮތުން. ތާރީޚެއް މުޅިއެއްކޮށް ހަނދާނެއް ނެތް. އެޕްރީލް މަހުގެ ތެރޭގައި އެބައޮތް. އެހެންނަމަވެސް، ކޯވިޑާ އެކީގައި ލޮކްޑައުންވެގެން އަޅުގަނޑަށް އެ މީޓިންގ ނުބޭއްވުނީ. އެއާކީގައި މިދިޔަ، މީގެ ދެ ހަފްތާ ކުރިން އަޅުގަނޑު އެ މީޓިންގ ބޭއްވީ. ބާއްވާފައި މިކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި، ކޯވިޑުގެ ޙާލަތު ރަނގަޅުވީމާ، ކެފޭ ރެސްޓޯރެންޓްތަކަށް ލުއިތަކެއް ދޭނެކަމަށް އަޅުގަނޑު އޮންނާނީ އެ ދުވަހު ވާހަކަދައްކާފައި. މިއަދު މިކަން މި އިއުލާނުކުރީ ހަމަ އެކަމާ ގުޅިގެން ޑޮކްޓަރުންނާއި، އެޗް.ޕީ.އޭ.އާއި މެޑިކަލް އެކްސްޕަރޓުންނާ މަޝްވަރާކޮށްފައި، މި ވަގުތަކީ އެ ލުއިތައް ދެވިދާނެ ވަގުތެއްކަމަށް ގަބޫލުކުރެވިގެން ކޮށްފައި އޮތްކަމެއް. އެ ބޭފުޅުން ފޮނުވި މެއިލްތައް އަޅުގަނޑުމެންނަށް ނުލިބޭކަމަށްވަންޏާ ވަރަށް ދެރަ. އަޅުގަނޑު ބަލާނަން އެ ކިހިނެއްތޯ ވެފައި އޮތީ. ރައީސް އޮފީހަށް ލިބިފައި އޮތިއްޔާ އަޅުގަނޑު ގަބޫލުކުރަނީ އެއަށް އެޓެންޑުވެފައި، ކުރަންވާ ކަންތައް ކޮށްފައި އޮންނާނީ.
އާދެ، މިހާރު ދެން ގާތްގަނޑަކަށް ދޮޅުގަޑިއިރާ ހިސާބަށް މިއަދު މިދިޔައީ. މިހާ ހިސާބުން އަޅުގަނޑު ދެން ނިންމާލާނަން. ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، ކޯވިޑުގެ ޙާލަތު ކުރިއަށްވުރެ ރަނގަޅުވުމާ ގުޅިގެން، އަޅުގަނޑުމެން އިތުރު ލުއިތަކެއް ދިން ނަމަވެސް، މިނިސްޓަރ ނަސީމް އެ ވިދާޅުވިފަދައިން، ކޮންމެ ވަގުތެއްގައިވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް.
އެހެންވީމާ، ރައްކާތެރިކަމާ އެކީގައި އެޗް.ޕީ.އޭ އިން އަންގާފައި އޮތްގޮތަށް މާސްކު އެޅުމާއި، އަތް ދޮވުމާއި، ގައިގޯޅިކޮށް ނޫޅުމާއި، އެއްތަނަކަށް އެއްނުވުމާ، މި ހުރިހާ ކަމަކަށް އިސްކަންދީގެން އުޅުއްވާށޭ. އަނެއްކާވެސް، ކޯވިޑް އިތުރަށް ފެތުރިގެން ދާން ފަށައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ޖެހޭނީ އިތުރު ފިޔަވަޅުތައް އަޅަން. އެހެންވީމާ، މި ވާހަކަ ދަންނަވާލުމާއެކީގައި އަޅުގަނޑު ނިންމާލާނަން.
ނިންމާލުމުގެ ކުރިން، މިހިސާބަށް އަޅުގަނޑުމެންގެ ކޯވިޑުގެ ޙާލަތު ރަނގަޅުވެގެން އައި އައުމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އެ ގޮތުން ޚާއްޞަކޮށް، ހެލްތު މިނިސްޓަރު ކުރެއްވި ބުރަ މަސައްކަތާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ވޮލަންޓިއަރުންނާއި، އެމް.އެން.ޑީ.އެފް، ޕޮލިސް އަދި މިހެންގޮސް ހެލްތު ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން، އައި.ޖީ.އެމް.އެޗް، ހުޅުމާލޭ ހޮސްޕިޓަލް، އޭ.ޑީ.ކޭ، ޓްރީ ޓޮޕް، މިހެންގޮސް މިކަމުގައި ބައިވެރިވީ ހުރިހާ ފަރާތެއް، ވަކިވަކިން ނަންތައް ނުދެންނެވުނަސް، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަރުވައި، ވިޔަފާރިތައް ހުޅުވައިލުމަށް މި ލިބުނު ފުރުޞަތުގައި ރަނގަޅު ދިމާއަކަށް އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ ކަމަށް.
ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށް ބައިވެރިވެވަޑައިގެންދެއްވީތީ.