މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް މި ދައުރު ނިމޭއިރު، ރާއްޖޭގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ ފަރާތްތަކަކަށް އެކަން ހާޞިލް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިރޭ ސޯޝަލް މީޑިއާގައި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ "ގެދޮރުވެރިޔާ ލޯން ސްކީމް" އިފްތިތާހްކޮށްދެއްވާފައެވެ. އަދި ހަމަ އެއާއެކު އެމަނކުފާނު ވަނީ މާލެ ރަށްވެހިންނަށް ޚާއްޞަކޮށް މި ސަރުކާރުން ފައްޓަވާދެއްވުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢާއި ގުޅޭ މުހިންމު މަޢުލޫމާތުވެސް ރައްޔިތުންނާއި ޙިއްޞާކުރައްވާފައެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފައްޓަވައިދެއްވި ލޯން ސްކީމަކީ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުން ދައްކައި ޚަލާސްކުރާ ގޮތަށް ތައާރަފުކުރާ ލޯން ސްކީމެކެވެ. މި ލޯން ސްކީމްގައި ބައިވެރިވުމަށްޓަކައި މޯގޭޖްގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫނީ އެމީހާއަށް ލިބިފައި އޮތް ގޯތީގައި ހަދަން ފަށާފައިވާ އިމާރާތް އެކަންޏެވެ. އަދި މި ލޯން ސްކީމްގެ ދަށުން ހަދަން ފަށާފައިވާ ގެ ނިންމައިލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގިނަވެގެން 7 ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫ ކުރާގޮތަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. އަދި މި ލޯނަށް ފައިސާ އަނބުރާ ދައްކާއިރު އެންމެ ގިނަވެގެން މަހަކު ދައްކަން ޖެހެނީ 5000 ރުފިޔާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ރައްޔިތުންނަށް ޚާއްޞަ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ދަނީ

ސަރުކާރުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ސޮއި ކުރެވި މަސައްކަތް ފެށުމަށްޓަކައި 7000 ފެލެޓްގެ މަސައްކަތް ވަނީ ތައްޔާރުވެފައިކަމަށެވެ. އަދި އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައިވެސް އެމަނިކުފާނުގެ ވަނީ މިއަދުގެ މެސެޖުގައި ފާހަގަކުރައްވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވި ލޯން ސްކީމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ލުއި ގޮތެއްގައި އެކަން ކޮށް ނިންމައިލުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.