ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޙިއްޞާކުރައްވައިފިއެވެ. އެމަނިކުފާނު މި މަޢުލޫމާތު ޙިއްޞާކުރައްވާފައިވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ހާލަތު މިހާރު ކުރިއަށްވުރެ ރަނގަޅު ވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރަށްވުރެ ބޮޑަށް ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މާލޭ ސަރަހައްދާއި އެހެނިހެން ރަށްރަށުގައި، އަޅާފައިފައިވާ ޚާއްޞަ ފިޔަވަޅުތައް ކުރިއަށްއޮތް 1 ހަފްތާގެ މުއްދަތަށް އިތުރުކުރުމަށްނިންމަވާފައިވާ ކަމުގައި އެމަނިކުފާނު ހާމަކުރެއްވެވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި ހަފްތާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ބަލީގައި ކުޑަކުއްޖަކު ދުނިޔެ ދޫކުރުމާއި ގުޅިގެން، އެކަމާ ހިތާމަ ފާޅުކުރައްވާ ފާޠިމަތު މިޝްކާ މުޙައްމަދުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ މި ޙާދިސާ ހިނގާދިޔަ ގޮތް ބެލުމަށްފަހު މިފަދަ ހިތާމަވެރި ޙާދިސާއެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސަރުކާރުން އިތުރަށް އަޅުއްވާފައިވާ ފިޔަވަޅުތައް ރައްޔިތުންނަށް ސާފުކޮށްދެއްވައިފައެވެ. އެގޮތުން، ކޮވިޑް-19 އަށް ފައްސިވާ ފަރާތްތަކަށް އޯޕީޑީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި މިހާރު ހަމަޖައްސާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމްބިއުލާސްގެ ޚިދުމަތްވެސް ހަރުދަނާކުރުމަށް އިތުރު އެމްބިއުލާންސް އިމަޖެންސީތަކަށް ޚާއްޞަކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ފާހަގަކުރައްވާ އެކަންކަން ބަޔާންކޮށްދެއްވާފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގެ ތަފްޞީލުވެސް އެމަނިކުފާނު ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެދެއްވާފައެވެ.

ހަމައެއާއެކު، ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯންތައް ފަސްކޮށްދިނުމަށް ނިންމަވާފައިވާކަންވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބޮޑު އަޤްލަބިއްޔަތަކުން ހޮވި ވަޑައިގެންނެވުމުން، މި ކާމިޔާބީއަށް މިނިސްޓަރ އަށާއި، ޓީމު ޚާރިޖިއްޔާއަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މި ކާމިޔާބީއަކީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، އަދި މިއީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.