ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަންގަވައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެ ދެ ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ޤާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް އިރުޝާދު ދެއްވިއެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޓަރނީ ޖެނެރަލަށް އަންގަވާފައެވެ.

މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން މަޖިލީހުގެ މެންްބަރުންނާވެސް ހިއްސާ ކުރައްވާފައެވެ.