ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް މިރޭ ދެވުނު ޙަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ހުންނަވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގައި އެ މަނިކުފާނުގެ ހަށިކޮޅަށް އެކިވަރުގެ ޒަޚަމްތައް ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ މަނިކުފާނު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، ޑޮކްޓަރުން އެންމެފަހުން ދެއްވި މަޢުލޫމާތުން، އިތުރު އޮޕަރޭޝަނެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޙަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޙަމަލާ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރުން ތަޙުޤީޤު ކުރަމުންދާ ކަމަށާއި މި ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯއްދަވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޙުޤީޤު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށާއި، އިޤްތިޞާދަށް ދިން ޙަމަލާއެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން، މިފަދަ ޢަމަލުތަކަށް ދިވެހި ބިމުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މާތް ﷲ ގެ ވާގިފުޅާއެކު، ފަސްޖެހުމެއް ނެތި އަޅުއްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެ މަނިކުފާނު އަރުއްވާފައިވެއެވެ.