ވިވަންތާ ކޮރަލް ރީފް މޯލްޑިވްސް ބައި ތާޖް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު ހުޅުއްވައިދެއްވައިފިއެވެ.

މި ރިޒޯޓް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު، ވިވަންތާ ކޮރަލް ރީފް މޯލްޑިވްސް ބައި ތާޖްގައި ބޭއްވުނު ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، އިންޑިއާގެ އަދި ދުނިޔޭގެވެސް އެންމެ ބޮޑު އަދި ވިޔަފާރި ހިންގުމާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނީގެ ވިޔަފާރި، ރާއްޖެއަށް ތަޢާރުފް ވެގެންދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިންޑިއާގެ މިފަދަ ވިޔަފާރި ކުންފުނިތަކަށާއި ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށްވެސް ސަރުކާރުން މަރުޙަބާ ވިދާޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ތެރޭގައި ހުރި ވަރަށް ގިނަ ކަންތައްތަކަކީ، ވިޔަފާރީގެ އުޞޫލުން ހިންގިއްޖެނަމަ ރައްޔިތުންނަށް މާބޮޑަށް ފައިދާ ކުރާނެ ކަންތައްތަކެއްކަން ފާހަގަކުރައްވަމުން، މި ސަރުކާރުން މިހާރު މިފަދަ ކަންކަން ޕްރައިވަޓައިޒް ކުރެއްވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން، ޔޫޓިލިޓީޒްއާއި، ދަތުރުފަތުރާއި އަދި އެހެނިހެން ޢާންމު ޚިދުމަތްތައް، ވިޔަާފާރީގެ އުޞޫލުން ހިންގުމަށް އިންވެސްޓްކުރާނެ ފަރާތްތައް ހޯއްދެވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެކުރިން، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރެވިފައިހުރީ ފަތުރުވެރިކަމުގެ ދާއިރާއާއި އެ ދާއިރާއާ ގުޅުންހުރި ކަންތައްތަކުގައިކަން ބަޔާންކުރައްވަމުން، ފަތުރުވެރިންނަށާއި އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތްތައް ވިޔަފާރީގެ އުޞޫލުން ފޯރުވައިދިނުމަކީ، ރާއްޖޭގައި ފަތުރުވެރިކަމުން ލިބޭފަދަ ނަފާއެއް ވިޔަފާރިވެރިންނަށް ލިބޭނެކަމެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު އެކަށައަޅުއްވަމުން ގެންދަވާ ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ، ރިޒޯޓްތަކާއި، އެ ރިޒޯޓްތައް ކައިރީގައިވާ، މީހުން ދިރިއުޅޭ ރަށްރަށުގެ ކަރަންޓާއި، ފެނާއި، އަދި ނަރުދަމާގެ ނިޒާމުފަދަ އަސާސީ ޚިދުމަތްތައް ގުޅުވާލައި ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގުމުން ލިބޭ ވިޔަފާރީގެ ފައިދާ، މިފަދަ ޚިދުމަތްތައް ވިޔަފާރީގެ އުޞޫލުން ފޯރުވައިދޭ ފަރާތްތަކަށް ލިބޭނެ މަގުފަހިކޮށްދެއްވުން ކަމުގައިވެސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ އަބަދުވެސް އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއްކަމަށް ވިދާޅުވެ، މިފަދަ ބަދަލުތަކަށް ހޭނުމާއި މިފަދަ ބަދަލުތަކުން ސަލާމަތްވުމުގެ ފިޔަވަޅުތައް އެޅުމުގައި ރާއްޖޭގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަނީ ރިޒޯޓްތައް ހިންގާ ފަރާތްތަކުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.