بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި  މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ފުވައްމުލަކު މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފް، ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަޙްމަދު ސަޢީދު، ފުވައްމުލަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފުވައްމުލަކު މެންބަރުކަން ކުރިން ކުރެއްވި އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީ، ފުވައްމުލަކު ކައުންސިލްގެ މެންބަރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއީ، އަޅުގަނޑުމެން އެންމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ދުވަހެއް. އަދި މިފަދަ ދުވަހެއްގައި ބޭއްވޭ މި ޙަފްލާގައި އަޅުގަނޑަށް ބައިވެރިވެވޭކަމަށްޓަކައި އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް އުފާކުރަން. އާދެ، މިއަދު މި ފެށިގެންދާ މަޝްރޫޢުތަކުގެ ސަބަބުން އަޅުގަނޑު ދަންނަވާނީ، ރައްޔިތުން ގިނަ ދުވަހެއް ވަންދެން އުފުލަމުން ގެންދިޔަ ތަކުލީފުތަކަށް ޙައްލެއް ލިބިގެންދާނެއޭ.

އާދެ، ވޭތުވެދިޔަ އަހަރުތަކުގައި ފުވައްމުލަކަށް މާބޮޑު އަޅައިލުންތަކެއް ލިބިފައި ނެތް ނަމަވެސް،  މި ސަރުކާރު ވުޖޫދުވެގެން އައިފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރައްވާ. އާދެ، ދިވެހިސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ފުވައްމުލަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުން އެކަންތައް ވަރަށް ބޮޑަށް ސާފުވެގެންދާނެ.

އާދެ، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ، މިއަދު މި ފެށިގެންމިދާ ދެ މަޝްރޫޢުގެ ތެރެއިން، ނަރުދަމާ ނިޒާމު، އާދެ، ކުރީގައިވެސް ފާހަގަކުރެވިގެން ގޮސްފި، އަޅުގަނޑުމެންނަށް އާދެ، ރައްޔިތުންނަށް ވަރަށް ގިނަގުނަ އުނދަގޫތަކެއް، ވަރަށް ގިނަ ބޮޑު ތަކުލީފުތަކެއް އެކަމުގައި އުފުލަން ޖެހުނު.

އާދެ، މިއަދު އަޅުގަނޑު ޤަބޫލުކުރަނީ މި ފެށޭ މަސައްކަތާއެކު، އިރާދަކުރެއްވިއްޔާ ދާދިއަވަހަށް އެކަމުން މިންޖުވެ، ރައްޔިތުންނަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް. އާދެ، ހަމައެއާއެކު އިންޖީނުގޭގެ މައްސަލަތަކަކީ، މި ސަރުކާރު އައުމުގެ ކުރިން ވަރަށް ބޮޑަށް އުނދަގޫވެފައި އޮތް ކަމެއް. އެހެންނަމަވެސް، މި ސަރުކާރު އައުމާއެކު، އަޅުގަނޑުމެންނަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް އެކަމަށް ލިބި، އަދި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދާއިމީ ޙައްލަކާ ދިމާއަށްގޮސް، މުޅި ރަށަށް ބޭނުންވާ ޒަމާނީ އިންޖީނުގެއެއްގެ ބިންގާއެޅި، އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް އަޅުގަނޑުމެންނަށް މި އިންޖީނުގޭގެ ފަސޭހަކަން، މުޅި ރައްޔިތުންނަށް ލިބިގެންދާނެ.

އާދެ، މިއަދު މި މަސައްކަތްތައް ކުރެވިގެންދާއިރު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް ގިނަގުނަ ކަންތައްތަކެއް ރޭވިފައި އެބަހުރި. އާދެ، އޭގެތެރެއިން ގިނަ ކަންތައްތަކެއް މިހާރު ކުރެވެމުންދާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އިރާދަކުރެއްވިއްޔާ، ފުވައްމުލަކު ރައްޔިތުންނަށް އެންމެ ބޭނުންވާ އެއް ކަންތައް ކަމަށްވާ، ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތިގޮސް އިރާދަކުރެއްވިއްޔާ، އެކަންތައް ކަނޑައެޅިފައިވާ ގޮތަށް އަޅުގަނޑުމެންނަށް ނިންމައިލެވޭނެ.

އާދެ، އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ބޮޑު "މައުންޓަން"އެއްގެ ސިފައިގައި ފެނިފައި އޮތް ކުނިގޮނޑު. އެ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް މިހާރު މިވަނީ ވެމްކޯއިން ފަށާފައި. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ވަރަށް ބާރަށް ކުރިއަށްގޮސް، އެ ކަންތައް އަޅުގަނޑުމެންނަށް އެއްކޮށް ނިންމައިލެވޭނެ.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އޭގެ އިތުރަށްވެސް ފުވައްމުލަކުގެ ސްކޫލްތަކުގެ ކްލާސްރޫމްތަކާއި، މަލްޓިޕަރޕަސް ހޯލް އަދި ޒުވާނުންނަށް ކުޅިވަރުކުޅެ، މުނިފޫހިފިލުވުމަށްޓަކައި ކުޅިވަރުގެ ދަނޑުތަކާއި އަދި ފުވައްމުލަކަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއްކަމަކީ، ފުވައްމުލަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މައްސަލަ. އިރާދަކުރެއްވިއްޔާ، މި މަސައްކަތްވެސް ދާދި އަވަހަށް ފެށިގެންދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެކަމުގެ އެންމެފަހުގެ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ.

އާދެ، އަޅުގަނޑުމެންގެ ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ހޭލާ. ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ އިޙްސާސްތައް ދަނެގެން، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މި ސަރުކާރު މިއޮތީ. އަޅުގަނޑު މި ފުރުޞަތުގައި، ފެނަކަ ކޯޕަރޭޝަންގެ މެނެޖިންގ ޑައިރެކްޓަރ  އަދި ފެނަކަ ކޯޕަރޭޝަންގެ ސީ.އީ.އޯ.އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން ބޭނުންވޭ. އާދެ، ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ފެނިގެންމިދިޔައީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް ގިނަ ޢަދަދަކަށް ޖަނަރޭޓަރު، ގާތްގަނޑަކަށް 158 ޖަނަރޭޓަރު އެކި ރަށްރަށަށް ފޮނުވިފައިވޭ. އަދި ހަމައެއާއެކު، ވަރަށް ބާވެފައި ހުރި އިންޖީނުގެތައް ބަދަލުކުރެވި، ގާތްގަނޑަކަށް ނަވާރަވަރަކަށް   އާ އިންޖީނުގެ އެޅި، އަދި ތިރީހަށްވުރެ ގިނަ އިންޖީނުގެ މިހާރުވެސް މަރާމާތު ކުރެވެމުން އެބަދޭ. އާދެ، މިއީ މީގެކުރިން އަޅުގަނޑުމެންނަށް ފެނިފައިނުވާ ކަންތައްތަކެއް.

އާދެ، އަޅުގަނޑު މިއަދު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ އިންތިޚާބެއް. އާދެ، އަޅުގަނޑުމެންނަށް ފެނުނީ ލާމަރުކަޒީ ނިޒާމުގައި އާދެ، ކައުންސިލްތަކުގައި ހަމަ އެއްކޮށް ތަޅުއެޅުވިފައި އޮތްތަން. އެހެންނަމަވެސް، މިހާރު މިވަނީ މި ސަރުކާރުން، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް، ކައުންސިލްތަކަށް އެ ބާރުތައް ދޫކޮށްލެވިފައި. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ރަށްތަކުގައި ޚާއްޞަކޮށް ފުވައްމުލަކަށް މި ކަނޑައެޅޭ މަޝްރޫޢުތައްވެސް، އާ ކައުންސިލާއެކު، ވަރަށް ބާރަށް ކަންތައްތައް ގެންގޮސް، ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ރަށުގެ ކަންތައްތައް ނިމިގެން ދިޔުން.

އާދެ، ކޮންމެ ރަށެއްގައިވެސް ހުންނަ މުއްސަނދިކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން އެބަޖެހޭ. އެ ކަންތައްތައް ކުރެވެން އޮތީ، އެކަން ކުރެވޭފަދަ ވަރުގަދަ ޓީމެއް، އާދެ، ވަރުގަދަ ކައުންސިލެއް އައިސްގެން. އަދި ހަމައެއާއެކު، އަންހެނުން ކުރިއެރުވުމަށްޓަކައި، ބާރުވެރިކުރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ. އަޅުގަނޑު ޤަބޫލުކުރަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، އާދެ، އަންނަ ހޮނިހިރު ދުވަހު މި އޮންނަ އިންތިޚާބުން އަޅުގަނޑުމެންނަށް ކާމިޔާބުވުމުން، ގިނަގުނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް.

އާދެ، އަޅުގަނޑަށް ތަންކޮޅެއް ދުރުގައި ހުންނަން މިޖެހުނީ ތިޔަބޭފުޅުންނާ. މިވަގުތުގެ ޙާލަތާއި ކަންތައްތައް އޮތްގޮތުން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑު ޔަޤީންކަންދޭން ބޭނުންވަނީ، ދިވެހިސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ކަނޑައަޅާފައި ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ، ހުއްޓުމެއްނެތި ބާރަށް ކުރިއަށް ގެންގޮސް، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދާދި އަވަހަށް އެކަންތައްތަކުގެ ފަސޭހަކަން ލިބިގެންދާނެއޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރަށްރަށާއި އަދި މުޅި ރާއްޖެއަށް ފާގަތި ދުވަސްތަކެއް، ދިވެހިރައްޔިތުންނަށް ހިތްހަމަޖެހުން ތަނަވަސްވެގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.