ގިނަ ދުވަސްތަކަކަށްފަހު އަލިވިލެން މިދަނީ، ރާއްޖޭގެ ލާމަރުކަޒީ ފުރަތަމަ ފަތިހަށް ކަމަށާއި، މި ފަތިހަކީ ރާއްޖޭގެ ރަށްތަކުގެ އިޚްތިޞޯޞް ކަނޑައެޅި، އެ ރަށްތަކުގެ އިންތިޒާމްތަކާއި، ބޭނުންތަކާއި، ނިންމުންތައް ނިންމުމުގެ ބާރު އެރަށެއްގެ ކައުންސިލްތަކާއި، ރައްޔިތުންނަށް ޤާނޫނުން ލިއްބައިދޭނެ ފަތިހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިރޭ، އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޛުކުރުމުގެ އިޚްތިޔާރު އަދި، އަމިއްލަ ބަޖެޓާއި، މާލީ މުޢާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވިފައިވާކަމުގައި ވިދާޅުވެފައެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ތަރައްޤީއާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި ތިބެގެން ނޫނީ ހޯދޭނެ އެއްޗެއް ނޫންކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވެވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮންމެވެސް އެއް މަރުޙަލާއެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، އަމާޒަކީ މި ވެރިކަމުގެ ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުންކަމުގައެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމީހަކު ދިރިއުޅޭ ސަރަޙައްދުން ފަސޭހަކަމާއެކު ފަރުވާލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ވީހާގާތުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، މިގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީ ކުރަމުން ދާކަމުގައި ވިދާޅުވިއެވެ.

މިގޮތުން، މި 5 ހޮސްޕިޓަލަށް ބޭނުންވާނެ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް، އިކުއިޕްމަންޓާއި، އިންސާނީ ވަސީލަތް ބިނާކުރުން ބާރަށް އެބަހިނގާ ކަމަށާއި، މި ހޮސްޕިޓަލްތައް ހިންގާނީ ލާމަރުކަޒީ އުޞޫލުން ވަކި ބޯޑެއްގެ ދަށުންކަމުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ފުރަމާލެ ފުރަބަންދު ވުމުން ރާއްޖެ ހިފެހެއްޓީ މި ހޮސްޕިޓަލް ތަކުން ކަމަށާއި، 2020 ވަނަ އަހަރު ކޮވިޑްގެ ތެރޭގައި މި 5 ހޮސްޕިޓަލުގެ އޯޕީޑީއިން އެކަނިވެސް ޖުމްލަ 392،533 މީހުން ބަލާ ފަރުވާދީފައިވާކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރަށްވެހި ފަތިހާ އެކު އުދަރެހަށް ދޮންވާ އެހެން ފަތިހެއް އެބަ ފެނޭކަމުގައި ވިދާޅުވެ، ރާއްޖޭގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ދެމުންދާ ވެކްސިން ގެ ސަބަބުން ޢާންމު ޙާލަތަށް ރުޖޫޢަވުމުގެ އުންމީދު އާ ވެފައިވާ ކަމުގައި ވިދާޅުވެފައެވެ.