ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދު ދެއްވި ރަސްމީ ފަރީއްކޮޅުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހަވީރު ބަންގްލަދޭޝްގެ ރައީސްގެ ޕެލެސްގައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ރައީސްއާއި ބައްދަލުކުރައްވާފައެވެ. އަދި ހަމަ އެވަގުތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދުވެސް ވަނީ ބަންގްލަދޭޝްގެ ރައީސްގެ އަނބިކަނބަލުން ރާޝިދާ ޙާމިދު އާއި ވަކިން ބައްދަލުކޮށްލައްވާފައެވެ.
ރަސްމީ ފަރިއްކޮޅުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވާފައެވެ. އަދި ރަސްމިއްޔާތު ކުރިއަށްދިޔަ ވަގުތު ބަންގްލަދޭޝްގެ ސަޤާފީ އެކި ޕްރޮގްރާމްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 2 ދުވަހުގެ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ ވާހަކަފުޅުދެއްކެވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.