بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޙާޒިރުވެވަޑައިގެން ތިއްބެވި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ނޫސްވެރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އާދެ، މިއަދު އަޅުގަނޑަށް ނޫސްވެރިންނާ އެކީގައި ބައްދަލުކޮށްލަން މިޖެހުނީ، މުޅިން އާގޮތަކަށް. އެނގިވަޑައިގަންނަވާނެ، ކޯވިޑް-19ގެ ސަބަބުން އަޅުގަނޑުމެން އެއްތަނަކަށް އެއްވެ، މާގިނަ ބަޔަކު އެއްތަނެއްގައި ތިބުމަކީ މިވަގުތު އެންމެ ރަނގަޅުގޮތް ނޫންކަމަށް އެޗް.ޕީ.އޭ.އިން ވަނީ އިޢުލާނުކޮށްފައި. އެހެން ނޫންނަމަ، އަޅުގަނޑުމެން މި ބައްދަލުވުން، މި ޕްރެސް ކުރިއަށް ގެންދާނީ، ކުރިއެކޭވެސް އެއްގޮތަށް އެއްތަނެއްގައި ތިބެގެން.

އެއާއެކީގައި، އަޅުގަނޑުމެން މަސައްކަތް ކުރިން، މިއަދު ހަމަ ރައީސް އޮފީހުގެ ބޭރުގައި މި ޕްރެސް ބޭއްވޭތޯވެސް. އެހެންނަމަވެސް، މޫސުން ތަން ނުދިނުމުގެ ސަބަބުންނާ އެކީގައި، މިގޮތަށް މި ބަދަލުކޮށްލަންޖެހުނީ.

އަޅުގަނޑު އުއްމީދު ކުރަން، ތިޔަބޭފުޅުންގެ ހިތުގައި އުފެދިފައި ހުރި ގިނަ ސުވާލުތަކަކަށް، މިއަދުގެ މި ޕްރެސް ކޮންފަރެންސްގެ ސަބަބުން، އަޅުގަނޑަށް ޖަވާބު ފޯރުކޮށްދެވޭނެ ކަމަށް. އަދި އެކަންތައްތައް ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށް.

ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިގެންދިޔައީ، މިދިޔަ އަހަރުގެ، 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު. އެއަށްފަހު، ވަރަށް ބުރަ މަސައްކަތްތަކެއް ހެލްތު ސަރވިސްގެ، ހެލްތު ކެއަރ ޓީމުގެ ފަރާތުން ކުރައްވަމުން ގެންދެވި. އެހެންއޮވެ، މާރިޗު މަހުގެ 15 ވަނަ ދުވަހު، އެންމެ ފުރަތަމަ ރާއްޖޭގައި ދިވެއްސެއް ޕޮޒިޓިވްވެގެންދިޔައީ. އެ ދުވަހުން ފެށިގެން، ހެލްތު ޓީމުގެ ފަރާތުން، ހެލްތު ސަރވިސްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން، ޑޮކްޓަރުންނާއި، ނަރުހުންނާއި، ހެލްތު ކެއަރ ވަރކަރސްއާއި، އަދި އެމް.އެން.ޑީ.އެފް، ޕޮލިސް، ވޮލަންޓިއަރުން، އެހެންގޮސް ހުރިހާ ފަރާތްތަކަކުން ވަރަށްގިނަ، ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީ. ވަރުބަލިކަމެއްނެތި، ގާތްގަނޑަކަށް އެއް އަހަރު އެބޭފުޅުން މަސައްކަތް ކުރައްވަމުން އެގެންދެވީ.

މިހާހިސާބަށް އާދެވުނުއިރުގައި މިވަނީ މިއަށް ވެކްސިނެއްވެސް ހޯދިފައި. އެހެންނަމަވެސް، ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރުވެސް، ރާއްޖޭގައި ކޯވިޑުގެ ޙާލަތު އަދި މުޅިން ހިތްހަމަޖެހޭވަރަކަށް ކޮންޓްރޯލް ކުރެވިފައެއް ނެތް. މިހާތަނަށް އައިއިރުގައި، ޖުމްލަ ފަސްލައްކަ ފަންސާސް ނުވަހާސް ސާމްޕަލް ނެގި، ޓެސްޓް ކުރެވިފައިވޭ. ކޯވިޑަށް ޕޮޒިޓިވްވި ކަމަށް މި ބެލެވެނީ، އެކާވީސްހާސް މީހުން. ދިވެހި ރައްޔިތުންނަށް ވެކްސިން ދޭން ފެށުމާ އެކީގައި، މިހާތަނަށް އައިއިރުގައި، އެއްލައްކަ ފަސްދޮޅަސް ފަސްހާސް މީހުންނަށްވުރެ ގިނައިން މިވަނީ ރާއްޖޭގައި ވެކްސިން ދެވިފައި.

އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ވަކި ޤައުމެއް ނިސްބަތްނުކޮށް، ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުން. އިރާދަކުރެއްވިއްޔާ، މިކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ. ކުރިންވެސް ދެންނެވި ފަދައިން، ރާއްޖޭގައި އުޅޭ އަންޑޮކިއުމެންޓެޑް ބޭރު މީހުންވެސް މީގެތެރޭގައި ހިމެނިގެންދާނެ.

ކޯވިޑާ ގުޅިގެން އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަރުތީބަށް ބަދަލުތަކެއް ގެންނަންޖެހުނު. އެ ތަރުތީބަށް ބަދަލުގެނެސް، އަޅުގަނޑުމެންގެ ރިކަވަރީ ޕްލޭނާ އެއްގޮތަށް މިހާރު މިގެންދަނީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން.

އަޅުގަނޑުމެންގެ މި ސަރުކާރުގެ އެންމެބޮޑު ޕްރޮޖެކްޓަކީ، އަބަދުވެސް އަޅުގަނޑު ދަންނަވާ ފަދައިން، ރާއްޖޭގެ ކުދިންނަށް، ދަރިވަރުންނަށް ތަޢުލީމު ހާސިލުކޮށްދިނުން. އެއަށްވުރެ ބޮޑު މަޝްރޫޢެއް އަޅުގަނޑުމެންނަކަށް ނުހިންގޭ. މިއަދާ ހިސާބަށް އައިއިރުގައި، އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގައި ހިލޭ ފަސްޓް ޑިގްރީއަށް، ދިހަހާސް ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު މިވަނީ ލިބިފައި. އެ ލަނޑުދަނޑި މިދިޔަ ހަފްތާގެ ތެރޭގައި މިވަނީ ހާސިލުކުރެވިފައި. އަޅުގަނޑު ހިތުން މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގެ ހުރިހާ ކަމަކަށް ބޮޑެތި ބަދަލުތަކެއް، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އަންނާނެ.

ފެނާއި ނަރުދަމާގެ ނިޒާމަކީ، އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި އޮތް ދާއިރާ. އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް، ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު، އެތަނުގައި އަޅުގަނޑު ފާހަގަކުރިގޮތަށް، މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ. މިވަގުތު ވަނީ ހުރިހާ ރަށެއްގެ މަސައްކަތް، ޓެންޑަރ ޕްރޮސެސްގައި. އޭގެތެރެއިން މި މަހުގެ ތެރޭގައިވެސް، ގިނަ ޕްރޮޖެކްޓްތަކެއްގައި ސޮއިކުރެވޭނެ. ކުރިއަށް އޮތް ދެތިން ހަތަރު މަސްދުވަހުގެ ތެރޭގައި، މި ދެންނެވި ގޮތަށް، ހުރިހާ ރަށެއްގެ ޕްރޮޖެކްޓްތައް، އެކި ފަރާތްތަކާ ހަވާލުކުރެވި، އެ މަސައްކަތް، ޢަމަލީ މަސައްކަތް، މި އަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ.

ޞިއްޙީ ނިޒާމު ލާމަރުކަޒު ކުރުމަކީ، އަޅުގަނޑުމެން ހިންގާ އެންމެބޮޑު އެއް މަޝްރޫޢު. އެގޮތުން، 5 ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް އެބަދޭ. އެގޮތުން، މިހާތަނަށް އައިއިރުގައި، މާލެ ފިޔަވައި، އައްޑުއާއި ކުޅުދުއްފުށީގައި ދޭ ޚިދުމަތްތައް އިތުރުވެ، އެމް.އާރު.އައި.ގެ ޚިދުމަތްވެސް، މި ދެ ރަށުގެ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ކުރިއަށް އެބަދޭ.

އަޅުގަނޑު އިތުރު ވަގުތެއް ނުނަގާނަން. ތިޔަބޭފުޅުންގެ ސުވާލުތައް ހުންނާނެ. އެ ސުވާލުތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ވީވަރަކުން ޖަވާބުދެމުން ގެންދާނަން. އަޅުގަނޑު އުންމީދު ކުރަނީ ތިޔަބޭފުޅުން މެދުވެރިކޮށް، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ސާފުވެގެންދާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.

މުޙައްމަދު މަބްރޫކް ޢަޒީޒް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން:

އާދެ، މި ޕްރެސް މޮޑަރޭޓް ކުރުމުގެ ގޮތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ސުވާލުގެ ފުރުޞަތު ދެމުން ގެންދާނަން. ދެން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ފުރަތަމަ ބުރުގައި، ކޮންމެ ޖާނަލިސްޓެއްވެސް ކުރައްވާނީ، އެއް ސުވާލު. އެއީ، ހުރިހާ ބޭފުޅުންނަށްވެސް ފުރުޞަތު ލިބޭނެކަން، ކަށަވަރު ކުރުމުގެ ގޮތުން. އޭގެފަހުގައި އަނެއްކާވެސް ހަމަ މި ތަރުތީބަށް އިތުރު ފުރުޞަތުތައް، ގަޑި އޮތް މިންވަރަކުން އަޅުގަނޑުމެން ދެމުން ގެންދާނަން.

އަޅުގަނޑުމެންގެ އެދުމަކީ، ސުވާލުތައް ކުރުކޮށް، އެހެންނަމަވެސް، ސީދާ ޕޮއިންޓަށް ބެހެއްޓެވުން. އެއީ، ގިނަ ބޭފުޅުންނަށް، ވީހާވެސް ގިނަ ބޭފުޅުންނަށް ގިނަ ފުރުޞަތުތަކެއް ސުވާލުކުރަން ލިބުމުގެ ބޭނުމުގައި.

އަޅުގަނޑު ފުރަތަމަ ފުރުޞަތު އަރުވާނަން، ނަޒީފާ، "ދުވަސް".

ފާޠިމަތު ނަޒީފާ އަޙްމަދު - ދުވަސް:

ޝުކުރިއްޔާ މަބްރޫކް.

ކޯލިޝަން އެންމެ ފުރިހަމަގޮތެއްގައި، އެންމެ ގިނަދުވަހު ކުރިއަށްގެންދާ ސަރުކާރަކީ، މި ސަރުކާރު. އެހެންނަމަވެސް، މިހާރު ކޯލިޝަންގެ ތެރޭގައި، ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް އުޅޭތަން އެބަ ފެނޭ. އަދި މައި ޕާޓީ ނޫން އެހެން ޕާޓީތަކުގެ މިނިސްޓަރުން މަގާމުން ވަކިކުރަމުންދާތަންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.

އަޅުގަނޑުގެ ސުވާލަކީ، ކޯލިޝަން އުވާލުމުގެ ވިސްނުމެއް، ސަރުކާރުން ނުވަތަ މައި ޕާޓީއިން ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޝުކުރިއްޔާ، ނަޒީފާ.

މިއީ، ކޯލިޝަން ސަރުކާރެއް. މި ސަރުކާރު ވުޖޫދަށް އައީ، ކޯލިޝަނެއްގެ ތެރެއިން. އިރާދަކުރެއްވިއްޔާ، މި ކޯލިޝަން، މި 5 އަހަރު ދެމިއޮންނާނެ. ކޯލިޝަން ރޫޅާލުމުގެ އެއްވެސް ވިސްނުމެއް، ބައިބައިވުމަށް ފުރުޞަތު ދިނުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެ ނެތް.

ދެން އެނގިވަޑައިގަންނަވާނެ، ކޯވިޑާ ގުޅިގެން އަޅުގަނޑުމެންގެ ބައްދަލުވުންތައް، ކުރިއާ އެއްގޮތަކަށެއް ނުގެންދެވޭ. އަޅުގަނޑު މި ދެންނެވި، ކޯލިޝަން ޕާޓްނަރުންގެ ލީޑަރުންގެ ބައްދަލުވުންތަކެއް ނުގެންދެވޭ. އެއީކަންނޭނގެ، ތިޔަބޭފުޅުންނަށް ތިޔަ ޝައްކު އުފެދިގެން އުޅޭ އެއް ސަބަބަކީ. އެހެންނަމަވެސް، އަޅުގަނޑާ ހުރިހާ ޕާޓީތަކުގެ ލީޑަރުންނާ ބަރާބަރަށް ގުޅުން އޮވޭ. ދުވާލަކު އެއްފަހަރު ނޫނަސް، ހަފްތާގެ ތެރޭގައި ގިނަފަހަރު، ގިނަ ދުވަސްދުވަހު އަޅުގަނޑަށް ހުރިހާ ބޭފުޅުންނާ ކަންތައްތަކުގައި މަޝްވަރާ ކުރެވޭ. އެބޭފުޅުންގެ މަޝްވަރާއާއި އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޕާޓީތަކުގެ ވަޒީރުންގެ މަޝްވަރާއާ އެކީގައި، އަޅުގަނޑު ކަންތައްތައް ނިންމަމުން މިގެންދަނީ. އެހެންވީމާ، ކޯލިޝަނާ ދޭތެރެއަކު އަޅުގަނޑުގެ އެއްވެސް ސުވާލެއް މިވަގުތަކުއެއް ނެތް.

މަރްޔަމް ޝިއުނާ - ދިވެހި ޗެނަލް:

އާދެ، އަޅުގަނޑުގެ ސުވާލަކީ، ކުރީ ސަރުކާރުން ނިންމާފައިވާ އެއަރޕޯޓުގެ އާ ރަންވޭ އަދި ދަރުމަވަންތަ ހޮސްޕިޓަލް، އައްޑޫސިޓީގެ އިކްއެޓޯރިއަލް ހޮސްޕިޓަލާއި، ކިންގ ސަލްމާން މިސްކިތްފަދަ ތަންތަން، ރަސްމީކޮށް ހުޅުވައިނުލެވި ލަސްވަމުންމިދާ ސަބަބަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ އިނގޭތޯ.

އެއަރޕޯޓުގެ ރަންވޭގެ މަސައްކަތްތަކަށް ޑިލޭތަކެއް އައިސްގެންދިޔައީ ކޯވިޑުގެ ސަބަބުން. މަސައްކަތްކުރާ ވަރަށްގިނަ މީހުން ކަރަންޓީނުގައި ތިބެންޖެހުމާ އެކީގައި. އެނގިވަޑައިގަންނަވާނެ، އެ ރަންވޭގެ މަސައްކަތް މި ކުރަނީ ޗައިނާގެ ކުންފުންޏަކުން. އެހެންވީމާ، ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުންނާ އެކީގައި، އެ ޕްރޮޖެކްޓަށް ޑިލޭއެއް އައި. އޭގެއިތުރުން، އެއަރޕޯޓުގައި ހުރި ޓަރމިނަލްވެސް ތަރައްޤީ ކުރުމުގައި އޮތް ޕްލޭންތަކެއް. އެކަމަކު އެއީކީއެއް އެންމެ ރަނގަޅަށް އޮތް ޕްލޭނެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވުނު.

އެހެންވީމާ، އެ ކުރެހުމަށް ބަދަލުގެނެސް، އޭގެ ކެޕޭސިޓީއަށް ބަދަލުގެންނަންޖެހުނު. އަދި ހަމައެއާއެކީގައި، އަޅުގަނޑުމެން ސަރުކާރު އައިއިރުގައި، ރަންވޭއަށް ފައިނޭންސް ދޭން އޮތް ފަރާތުން އޮތީ މަޑުޖެހުމަކަށް އައިސްފައި. އެއަށްފަހުގައި އަޅުގަނޑުމެން ސަރުކާރުން އެތައް މަޝްވަރާތަކެއްކޮށް، އަލުން ފައިނޭންސް ޔަޤީންކޮށް، މިހާރު އެގެންދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، މިހާރު އަލުން ލިބިފައި މިއޮތް ޓާގެޓަށް ރަންވޭ ހުޅުވި، ޓަރމިނަލް ހުޅުވިގެންދާނެ. އޭރުން ފުރިހަމަ ޚިދުމަތް ލިބިގެންދާނެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމި، އެތަނުގެ ޚިދުމަތްތައް ލިބެމުން، ބޭނުންކުރެވެމުން އެބަދޭ މިހާރުވެސް. އެހެންނަމަވެސް، އެތަން ހެދިއިރުގައި އުޅުނު ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން އެބަގެންދޭ. އެއީ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ފުރަތަމަ އޮތީ، ދެ ޓަވަރުގައި ކަމަށް. އެހެންނަމަވެސް، ނިމިގެންދިޔައިރުގައި އަޅުގަނޑުމެންނަށް ފެނުނީ، އެއް ޓަވަރު އެތާ ހުރިތަން. އަދި އޭގެއިތުރުން، ކުރެވުނު ޚަރަދު އެއީ އެތަނަށް އެކަށީގެންވާވަރު ޚަރަދަށްވުރެ ބޮޑު ޚަރަދެއް ކަމަށް ފެނި، އެއާ ބެހޭގޮތުން އެބަގެންދޭ ތަޙުޤީޤުތަކެއް ކުރެވެމުން.

އޭގެއިތުރުން، އީކްއެޓޯރިއަލް ހޮސްޕިޓަލް، އެއީ އައްޑޫގައި ހުރި އީކްއެޓޯރިއަލް ހޮސްޕިޓަލް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ސަޢޫދީ ފަންޑުން ދީފައި އޮތް ގްރާންޓް ލޯނު، އެއީ ދެން އެބައޮވޭ ވަރަށް ކުރިއްސުރެ ފަށައިގެން. 15 ނޫނީވިއްޔާ 20 މިލިއަން ޑޮލަރުގެ ލޯނެއް އޮވޭ. އޭގައި އޮތީ، އާ ހޮސްޕިޓަލެއް އައްޑޫގައި އަޅާގޮތަށް. އެތައްދުވަހެއްވެ، އެހެން ދިޔުމަށްފަހުގައި، އަލުން ކުރީގެ ސަރުކާރުން މި ނިންމީ، އެތާނގައި ހުރި އީކްއެޓޯރިއަލް، އެ އިމާރާތް، ސާކް ސަމިޓް ބޭއްވުމަށް ހެދި އިމާރާތް، ހޮސްޕިޓަލަކަށް ބަދަލުކުރަން. އެންމެ ރަނގަޅަކަށް ނޫން އެތަން ހުރީކީ. ބޭނުންވާ ޚިދުމަތްތަކެއް، ރައްޔިތުންނަށް ލިބެންވާވަރަށް ލިބޭގޮތަކަށް ނޫން އެތެރެހުރީ. އަދި އެ ގެނެވުނު ބަދަލުތައް ގެނެވިފައި ހުރީކީ. އެހެންނަމަވެސް، މިހާރުވަނީ އެތަނުގެ ޚިދުމަތް ލިބެން ފަށާފައި.

ކިންގ ސަލްމާން މިސްކިތުގެ މަސައްކަތް އެހުރީ ގާތްގަނޑަކަށް ހަމަ ހުރިހާ ކަމެއް ނިމިފައި. މިދިޔަ އަހަރުގެ މާރިޗު މަހު، އެއީ 2020 ވަނަ އަހަރުގެ މާރިޗު މަހު، އެއީ އެތަން ހުޅުވަން ނިންމާފައި އޮތް ތާރީޚު. އެ ނިންމާފައި އޮތީ، ސަޢޫދީ ޢަރަބިއްޔާއިން، އެތަނުގެ އިސްބޭފުޅުން ވަޑައިގެން ހުޅުވާގޮތަށް. އެހެންނަމަވެސް، ކޯވިޑާ ގުޅިގެން ލަސްވެގެންދިޔަގޮތަށް، އަދިވެސް އެއަށް ތާރީޚެއް އެބޭފުޅުން ނުދެއްވާ މިއޮތީ. އެހެންނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަގެންދަން، ކުރިއަށް މިއޮތް ރޯދަމަސްތެރޭގައި، ނުރަސްމީކޮށްވެސް އެތަނުގެ ބޭނުންކުރެވޭގޮތްވޭތޯ. އެ މަޝްވަރާ ކުރެވެމުން އެބަދޭ.

ކިންގ ސަލްމާން މިސްކިތް ބިނާކޮށްފައި އެ ހުރިއިރުގައިވެސް، ސަރުކާރުގެ ބަޖެޓުންވެސް ފުދޭވަރެއްގެ ބޮޑު ޚަރަދެއް މިހާތަނަށް ކުރެވިފައި އެބައޮތް.

މުޙައްމަދު ސިމާއު - ވަން އޮންލައިން:

އަޅުގަނޑުގެ ސުވާލަކީ، މި ފަހަކަށްއައިސް މި ބޯހިޔާވަހިކަމުގެ ވާހަކަ އެންމެ ގަދަޔަށް މި ދެއްކެނީ. ރައްޔިތުންގެ އެންމެބޮޑު ބޭނުމަކަށްވެސް މިއޮތީ ހައުސިންގގެ މައްސަލަ. މިއަދު ރައްޔިތުންގެ މަޖިލީހުގައި، ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވެފައި އެބައޮތް، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިމެއް ތަރައްޤީކުރާ ވާހަކަ. ދެން ރައީސްވެސް އެ ވާހަކަ ނުސީދާގޮތަކަށް، ކުރިން ވިދާޅުވެފައިވޭ. އެކަމުގެ އެއްވެސް ތަފްޞީލެއް މިއަދު ދެއްވިދާނެތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ބޯހިޔާވަހިކަމުގެ ޕްލޭނެއް އަޅުގަނޑުމެންގެ އެބައޮތް އިނގޭތޯ. އާދެ، އޭގެތެރޭގައި އަޅުގަނޑުމެންވީ ވަޢުދެއް އެބައޮތް. ދިހަހާސް ހައުސިންގ ޔުނިޓް، ނޫނީވިއްޔާ ފްލެޓް، މާލޭ ސަރަޙައްދުގައި އެޅުމަށް. އެއީ އަޅުގަނޑުމެންވީ ވަޢުދެއް. މިކަން ވަރަށްގިނަފަހަރު ހަމަ ޕްލޭނިންގ މިނިސްޓަރަށްވެސް އަދި އަޅުގަނޑަށްވެސް ދެއްކިއްޖެ، ސަތާރަހާސްވަރު މާލޭ ސަރަޙައްދަށް ބޭނުންވާ ވާހަކަ. އޭގެތެރެއިން، އަޅުގަނޑުމެންގެ ދިހަހާސް ހައުސިންގ ޔުނިޓުގެ ތެރެއިން މި އަހަރު ފަސްހާސް ހައުސިންގ ޔުނިޓް ފެށޭނެކަމަށް އަޅުގަނޑު ވާނީ މަޖިލިސް ހުޅުވި ޖަލްސާގައި ބުނެފައި. އިރާދަކުރެއްވިއްޔާ، އެކަން ކުރިއަށްދާނެ. މިހާރު އެއްހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިގެން އެބަ ކުރިއަށްދޭ. ހަތަރުހާސް ހައުސިންގ ޔުނިޓުގެ އެގްރީމަންޓްގައި މިހާރު އެވަނީ ސޮއިކުރެވިފައި. އޭގެއިތުރުން، ކުރިއަށްދާ ކުދިކުދި ޕްރޮޖެކްޓްތަކާ އެކީގައި، ތޭރަހާސް ދުއިސައްތަ ބާވީސް ޔުނިޓް، މި ސަރަޙައްދުގައި ޤާއިމުކުރެވިގެންދާނެ. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަދި މިވަރަކުން މާލޭގެ ހައުސިންގގެ މިއޮތް ލީޑަކަށް، ބޭނުމަކަށް މުޅިން ޙައްލެއް ނާންނާނެއޭ. އެހެންވީމާ، އޭގެއިތުރަށް، އިތުރު ދެހާސް ޔުނިޓެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުން އެބަގެންދަން. އެހެންވީމާ، މި ކަންތައްތައް ހާސިލުވެއްޖިއްޔާ، މުޅިއެކު ފަނަރަހާސް ދުއިސައްތަ ބާވީސް ޔުނިޓް، ނޫނީވިއްޔާ ފްލެޓް، މި ސަރަޙައްދުގައި އެޅިގެންދާނެ.

އޭގެއިތުރުން، ގުޅިފަޅުގައި މި ހިއްކާ ބިމުން އެއްހާސް ދުއިސައްތަ ރޯހައުސް، ނޫނީވިއްޔާ ބިން އަޅުގަނޑުމެން އެބައޮތް ކަނޑާފައި، މާލޭގެ ރައްޔިތުންނަށް ދިނުމަށްޓަކައި. އަޅުގަނޑު މި ދެންނެވި ސަތާރަހާސް ނީޑްގެ ތެރޭގައި، މާލޭގެ ގޭގޭގައި ރަޖިސްޓްރީވެފައި އޮތް ފަސްހާސް ކޮންމެވެސްވަރެއް އެބައުޅޭ. ދެން އޭގެއިތުރުން މިއުޅެނީ ދަފްތަރުގައި ޖެހިފައި ހުރި ފަރާތްތައް.

ދެން ތިޔަ ވިދާޅުވީ، އަޅުގަނޑުމެން އިތުރަށް ހިންގާ ޕްރޮޖެކްޓެއްގެ ވާހަކަ. އޭގެ މަޝްވަރާތައް ކުރެވި، އެ ޖެހެނީ ބިމެއް ހިއްކަން އަނެއްކާވެސް. އެކަމަކު އެތަންވެސް ގާތްގަނޑަކަށް ކަނޑައެޅި، ފައިނޭންސް ހަމަޖެހުމުގެ މަގުމަތީގައި މިއުޅެނީ. އެކަން ކުރިއަށްދާވަރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާމަކުރަމުން ގެންދާނަން. އަޅުގަނޑު އެކަން ހާމަކުރަން މަޑުކޮށްގެން މިހުރީ، މުޅިން ޔަޤީންވެ، އެއީ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމެއްކަން، ސަތޭކަ ޕަސެންޓް ޔަޤީންވުމާއެކު. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، އެ މަޝްރޫޢުވެސް، އެ ތަފްޞީލުތައް ރައްޔިތުންނަށް އަޅުގަނޑަށް ހާމަކުރެވޭނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޢަބްދުﷲ ނަޞީރު - ޖަޒީރާ:

އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލާނީ، ޢަލީ ވަޙީދުގެ މައްސަލައާ ގުޅޭގޮތުން. ދެވަނަ ފުރުޞަތެއް ލިބިއްޖެ ކަމުގައިވާނަމަ، ދެން އަދިވެސް އިތުރު ބައެއް ސުވާލުތައް އެބަހުރި.
ޢަލީ ވަޙީދުގެ މައްސަލައަށް ބަލާއިރުގައި، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ފާހަގަކުރައްވާފައި އޮތް، ޢަލީ ވަޙީދަށް ފުރޭމް ކުރުމަށްޓަކައި ވަރަށްބޮޑަށް ބަޔަކު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ، ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ފުރޭމް ކުރެއްވުމާ އެކީގައި، ނާޒިމްގެ ދިފާޢުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅެއް. ޢަލީ ވަޙީދަށް ފްރޭމް ކުރެވިފައިވާ ކަމަށް، މި ކުރެވޭ ތުހުމަތުތަކާ ގުޅިގެން، ކޮބައިތޯ މަނިކުފާނު ކަންކަން ކުރައްވާނެ ގޮތަކީ؟ އެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓަރަކަށް ހުއްޓައި، ދެން އެނގިވަޑައިގަންނަވާނެ، ކޯވިޑުގެ އެންމެ ބުރަކޮށް މަސައްކަތް ކުރަމުން އަޅުގަނޑުމެންދިޔަ ދުވަސްވަރު، އެތަނުގެ މުވައްޒަފުންތަކެއް، މިނިސްޓަރ ޢަލީ ވަޙީދާ ބެހޭގޮތުން ޝަކުވާތަކެއް ކުރި. މީގެ ތަފްޞީލުވެސް އަޅުގަނޑު ވާނީ ވަރަށްގިނަފަހަރު ނޫސްތަކަށް ހާމަކޮށްފައި. އަޅުގަނޑާ އެ މުވައްޒަފުން ބައްދަލުކޮށް، ވަރަށް ތަފްޞީލުކޮށް އެ ކަންތައްތައް ހާމަކުރި. އެއާ ގުޅިގެން، ޖެންޑަރ މިނސްޓަރުވެސް އަޅުގަނޑަށް ވަރަށް ތަފްޞީލުކޮށް އެ ވާހަކަތައް ވިދާޅުވެދެއްވި. އަޅުގަނޑަށް ގަބޫލުކުރެވުނީ، އެ މައްސަލަ އެއީ ބަލަންޖެހޭނެ ކަމެއް ކަމުގައި. މިނިސްޓަރަކަށް ހުންނަވާއިރު، މިނިސްޓަރަކާ ދޭތެރޭގައި އެވަރުގެ ކަންތައްތަކެއް އައިމާ، ދުރަށް ޖެހިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނީ. އެއާ ގުޅިގެން ޢަލީ ވަޙީދު މަގާމުން ދުރުވެގެން އެދިޔައީ.

އެއަށްފަހުގައި، އަޅުގަނޑުމެން އެ މައްސަލަ ބަލަން ޕޮލިހަށް ހުށަހެޅީ. ޕޮލިހުން މައްސަލަ ބެލުމަށްފަހު، ޕީ.ޖީ. އަށް ފޮނުވައި، ޕީ.ޖީ. އިން އެ މައްސަލަ ޝަރީޢަތާ ހިސާބަށް ގޮސްފައި އޮތީ. އޮއްވައި މިހާރު ޢަލީ ވަޙީދަށް މެޑިކަލް ކަންތައްތަކެއްގައި ކޯޓުން ދިން ހުއްދަޔަކާ އެކީގައި ރާއްޖެއިން ބޭރަށް މިހާރު ވަނީ ވަޑައިގެން. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަޅުގަނޑުމެން ބެލި ބެލުމުގައި، އެމައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށް އެބަގެންދޭ. ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން، އެތަނުގެ ރަޖިސްޓްރާރ، އެ ބަލައިނުގަތުމާ ގުޅިގެން، އަލުން އެޕީލްކޮށްފައި މިހާރު ވަނީ ކޯޓުގައި އެ އޮންނަ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފަށް ހުށަހަޅާފައި. އެހެންވީމާ، އެތަނުން ނިންމާގޮތަކަށް އެކަން ކުރިއަށްދާނެ. އަދިވެސް އެއާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނަން.

ޢަބްދުﷲ ނަޞީރު - ޖަޒީރާ:

އަޅުގަނޑުގެ ސުވާލަކީ، ޢަލީ ވަޙީދު ފްރޭމް ކުރެވިފައިވާ ކަމަށް މި ކުރެވޭ ތުހުމަތުތައް، އެކަންކަން ސަރުކާރުގެ ތެރެއިން ވަކިން ޚާއްޞަ ސަމާލުކަމެއްދީގެން ނުވަތަ މަނިކުފާނުގެ ރިކްއެސްޓެއްގެ ތެރެއިންވެސް ބެއްލެވުމުގެ ކަންތައް ކުރިއަށް ގެންދަވާނަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑު ވާނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަން ޕޮލިހަށް ފޮނުވާފައި. މުޅި މައްސަލަ. އޭގެތެރެއިން އެއީ ފްރޭމް ކުރެވިގެން ކުރެވުނު ކަމެއްތޯ، ނޫނީވިއްޔާ ޙަޤީޤަތުގައި ހިނގާފައި އޮތް ކަމެއްތޯ ބަލާނީ ތަޙުޤީޤުން. ފުލުހުންގެ ތަޙުޤީޤަށް އެކަން އެގޮތަށް ފެނިއްޖެ ކަމަށްވަންޏާ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެބޭފުޅުން ފޮނުއްވާނެ. އެކަން ނުހިނގާ ކަމަށްވަންޏާ، އެގޮތަށް އޮންނާނެ. އެހެންވީމާ، މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، އެ ކުރިއަށްދަނީ ފްރޭމް ކުރެވިފައި އޮތް ކަމަށް ބަލައިގެނެއް ނޫން.

ނަޖާހް މޫސާ - ސަން އޮންލައިން:

ޝުކުރިއްޔާ.

ކުރީ ސަރުކާރުގައި، ހިޔާ މަޝްރޫޢުގެ ދަށުން އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ފޭސް 2 ގައި އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯރއިން. ދެން އެހެންނަމަވެސް، މި ސަރުކާރުން އެ ފްލެޓްތައް ނުދޭން ނިންމީ، އެ ފްލެޓްތައް އެވޭލަބްލް ނޫންކަމަށް ބުނެ، އެ ފްލެޓްތައް ނެތް ކަމަށް ބުނެ. ދެން އެހެންނަމަވެސް، ސްޓެލްކޯފަދަ ބައެއް ކުންފުނިތަކުން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭގޮތުގައި، ސަރުކާރުން ނިންމީ އެ ފްލެޓްތައް ނުގަތުމަށް. އެގޮތުން، ސްޓެލްކޯއިން އެބަ ބުނެފައިވޭ، އެއް ކޮޓަރީގެ 72 ފްލެޓް ނުގަތުމަށް މި ސަރުކާރުން ނިންމާފައިވާތީއޭ، އޭގެ ފްލެޓްތައް ދޫނުކުރީ. އެހެންވީމާ، މި ފްލެޓްތަކަކީ އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ފްލެޓްތަކަށްވާއިރު، ކީއްވެތޯއޭ ސަރުކާރުން މިގޮތަށް ފްލެޓްތައް ނުގަތުމަށް ނިންމާފައި މިވަނީ.

ދެން އަޅުގަނޑު ސިމާޢު ކުރި ސުވާލާ ގުޅިގެން، އަޅުގަނޑު އަހާލަން ބޭނުންވޭ، ކޮން ބިމެއްތޯ ހިއްކަން ނިންމާފައިވަނީ. ކޮން ވިސްނުމެއްގައިތޯ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި، ފުރަތަމަ ކަމަކަށް، އަޅުގަނޑުމެންގެ ނެތް، އެއް ކޮޓަރީގެ ފްލެޓް އެޅުމެއް. އެއީ ކައުންސިލް ހައުސިންގ ކަމަށްވިޔަސް، އެފޯޑަބްލް ހައުސިންގގައި، އެ ނުހިމަނާގޮތަށް އަޅުގަނޑުމެންގެ ސިޔާސަތު މިއޮތީ.

އެހެންވީމާ، އަޅުގަނޑުމެންގެ ހައުސިންގ ޕްރޮގްރާމް ކުރިއަށްދާނީ، ދެ ކޮޓަރިއާއި، ތިން ކޮޓަރީގެ ފްލެޓުގެ ގޮތުގައި. ދެން ތިޔަވިދާޅުވާހެން، ކުރީގެ ސަރުކާރުން އެބައޮތް، އެކިއެކި އެސް.އޯ.އީ.ތަކަށް، ސްޓޭޓް އޯން އެންޓަރޕްރައިޒަސް، އެއީ ސަރުކާރުގެ ކުންފުނިތަކަށް ފްލެޓް އަޅަންދީފައި. ވަރަށްގިނަ ކުންފުނިތައް. އަޅުގަނޑު ހިތުން 15 ކުންފުންޏެކޭ ހަނދާންވަނީ. ކުއްލިއަކަށް މުޅި ނަންބަރު ނޭނގެ. އެކަމަކު އޭގެތެރެއިން، މަޝްރޫޢު ކުރިއަށް މިދަނީ ސްޓެލްކޯއާއި، އެމް.ޑަބްލިޔޫ.އެސް.ސީ. އާއި، އޭގެއިތުރުން، ދެން އެމް.އޭ.ސީ.އެލް ކޮންމެވެސްވަރަކަށް މަސައްކަތް އެބަ ކުރިއަށްގެންދޭ. އޭގެތެރޭގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގައި ހުރި ފްލެޓުތައް އަޅުގަނޑުމެން ނަގާނެ ވާހަކަ މިހާރުވެސް ބުނެފައި އޮންނާނެ. އޭގެއިތުރަށް، ސްޓެލްކޯގައިވެސް އެއް ކޮޓަރީގެ ފްލެޓް ހުރިކަމަށްވަންޏާ، އަޅުގަނޑުމެން ސަރުކާރުން އެކަން ކުރާނަން.

ދެން އަލަށް މި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު، ނޫނީވިއްޔާ ހިއްކާތަން އަޅުގަނޑު ފަހުން އިޢުލާނުކުރާނަން، މުޅިން ހަމަޖެހުނީމާ އިނގޭތޯ.

އަޙްމަދު ޒިޔާން - ސީ.އެން.އެމް:

ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑު ހަނދާންވާގޮތުން، ދާދިފަހުން ރައީސް ވިދާޅުވެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް. ދެން މިއަދުވެސް މިފަދަ ތުހުމަތުތަކެއް އަނެއްކާވެސް ފެންމަތިވެގެންދިޔަ. އެއާއެކީގައި، މިނިސްޓަރ ނަޙުލާ ވިދާޅުވެފައި އެބަވޭ، ރައީސްގެ އިތުބާރުވެސް އެބައޮތް ކަމަށް. އަދި ހަމައެހެންމެ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ވިސްނުންވެސް އެ ކަމަނާ ދެއްވާފައިވާނޭ ކަމަށް. މި މަސައްކަތް ކުރިއަށްދަނީވެސް އެ ކަމަނާ އެ ޚިޔާލުފުޅު ދެއްވުމުން ކަމަށް. އަޅުގަނޑުގެ ސުވާލަކީ، ރައީސް އެގޮތަށް އެތަނުގައި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވިފަހުން، މިހާތަނަށް އެ ކަންތައްތައް ޙައްލުކުރުމަށްޓަކައި، ކޮންކޮން ކަންތައްތަކެއްތޯއޭ ކުރެވިފައިވަނީ ނުވަތަ އެއްވެސްވަރެއްގެ މަޝްވަރާތަކެއް ކުރެވިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ތިޔަ ވިދާޅުވާހެން، ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި، ހިންގުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ވާހަކަ، އަޅުގަނޑު މީގެ ދެތިން ރެއެއް ކުރިން ވާނީ ހާމަކޮށްފައި. އެންމެބޮޑު މައްސަލައަކަށް އޭގައި ދިމާވަނީ، އެއީ ޓްރާންސްޕޯޓް އޮތޯރިޓީއާއި މިނިސްޓްރީގެ މެންޑޭޓްގައި ފުށުއެރުންތަކެއް ހުރީމަ. އެހެންވީމާ، އެކަން ނައްތާލުމަށްޓަކައި، ކޮންމެވެސް އެއްތަނެއް އެބަ އުވާލަންޖެހޭ.

އެނގިވަޑައިގަންނަވާނެ، ޓްރާންސްޕޯޓް އޮތޯރިޓީ އޭރު އުފެދިގެން އައީ، އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލާފައި، މަސައްކަތްތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް މެންޑޭޓް ދީފައި، އެ ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް. އެހެން ނަމަވެސް، އަޅުގަނޑުމެން އައިސް އަލުން ޓްރާންސްޕޯޓް މިނިސްޓްރީ މި އުފެއްދީ. އުފެއްދިއިރުގައި ފުށުއެރުންތަކެއް މީގައި މިއުޅެނީ.

އެހެންވީމާ، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، އެއިން ކޮންމެވެސް އެއްތަނެއް އުވާލުން. އަޅުގަނޑުމެން މި ނިންމީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާފައި، އޭގެ ބާރުތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ނަގަން. ޓްރާންސްޕޯޓް އޮތޯރިޓީގައިވެސް އެބަ ތިއްބެވި، ވަރަށް ރަނގަޅު މުވައްޒަފުން. އެހެންވީމާ، އެބޭފުޅުންނަށްވެސް ދެރަނުވާނެގޮތަކަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ބައްޓަންކުރެވިގެންދާނީ.

ދެން އޭގެތެރޭގައި އެބަހުރި، ބެލި ބެލުމުގައި ހަމަ ނުގަވާއިދުން، ޤަވާޢިދާ ޚިލާފަށް ކުރެވިފައި ހުރި ބައެއް ކަންތައްތައްވެސް. މިހާރު އެބަ ފެނޭ. އެގޮތުން، ރަޖިސްޓްރީ ކުރުމުގައި، ފޯޖް ޑޮކިއުމަންޓް ހުށަހަޅައިގެން، ވެހިކަލްތަކެއް ރަޖިސްޓްރީ ކުރެވިފައި އެބަހުރި. ޓްރާންސްޕޯޓް މިނިސްޓަރު އެބަ ގެންދަވާ، ހަމަ ޒިންމާދާރުކަމާ އެކީގައި އިސްނަންގަވައިގެން އެކަންތައްތައް ބައްލަވަމުން. އެގޮތުން، މިހާތަނަށް 18 ވެހިކަލެއްގެ ރަޖިސްޓްރީ، ފޯޖްކޮށްގެން ހަދާފައި އޮތް ކަމަށް ފެނިގެން، އެކަންތައްތައް ބެލުމަށް ޕޮލިހަށާއި، އޭ.ސީ.ސީ. އަށް އެ މައްސަލަ ފޮނުވާ ވާހަކަ މިނިސްޓަރ ވިދާޅުވި. އޭގެތެރެއިން ބައެއް ފޮނުވާފައި ވެއްޖެ. އެހެންވީމާ، އޭގެއިތުރުންވެސް މައްސަލަތައް ހުރިތޯ ބަލައި، އެކަންތައްތައްވެސް ކުރިއަށް ގެންދާނެ.
ދެން މި ދެންނެވިހެން، ބައެއް ޚިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅޭތީ، އެކަން ޙައްލުކުރުމުގެ މަސައްކަތް، ރައީސް އޮފީހުގެ، މިތާ އޮންނަ އެ ޑިޕާޓްމަންޓާ އެކީގައިވެސް އެބަ ކުރޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާފައި، މެންޑޭޓަށް މި ގެނެވޭ ބަދަލާއެކީގައި، ތަނުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް. ޓްރާންސްޕޯޓް މިނިސްޓަރަކީ ހަމަ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ، އަޅުގަނޑުމެންގެ އިތުބާރު އޮތް މިނިސްޓަރެއް.

އިސްމާޢީލް ޢާޒިމް - ރާއްޖެ ޓީ.ވީ:

އަޅުގަނޑުމެންނަށް ދޮގެއްތޯ، މި ސަރުކާރުގައި ފާހަގަކުރެވިގެން މިދިޔައީ، މިނިސްޓަރުންގެ މަސައްކަތްތައް، އެންމެ އެކަށޭނަ ގޮތެއްގައި ނުކުރެވިއްޖެނަމަ، އަދި މައްސަލަތައް ފެންމަތިވާ ހިސާބުން ފެށިގެން މަސައްކަތުގެ ޤާބިލުކަން ނެތްކަމަށް ބަލައި، އެ މިނިސްޓަރުން ވަކިކުރުމުގެ މަސައްކަތްތައް ކުރަމުންދާތަން. އެހެން ނަމަވެސް، މިހާރު ވަކިކޮށްފައިވާ މިނިސްޓަރުންގެ އިތުރުންވެސް، ސަރުކާރުގެ އެކި ވުޒާރާތައް އެބަހުރި، ގިނަ މަސައްކަތްތަކެއް ފުނިޖެހިފައިވާ. މި ވުޒާރާތަކުގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި، ރައީސްގެ ވިސްނުންފުޅު ހުރީ މިތަންތަނުގެ ވެރިން، އާދެ، ވަޒީރުން ބަދަލުކޮށްގެން މި ކަންތައްތައް ކުރުންތޯ، ނުވަތަ ކިހިނެއްތޯ މި މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ؟ އަދި މަޖިލީހުން އިތުބާރު ނެތްކަމަށް މި ނަގާ ވޯޓުގައި، ސަރުކާރާ ކިހާވަރަކަށް މަޝްވަރާ ކުރެވިގެންތޯ، މި ކަންތައް ކުރިއަށްދަނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް، ޚިދުމަތް ދިނުމުގައި، މަސައްކަތް ކުރުމުގައި ފެއިލްވެއްޖެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވިއްޖިއްޔާ، އަޅުގަނޑު އެ ވަޒީރަކު ވަކިކުރާނަން. އެއީ އެކަން އަޅުގަނޑު ކުރަންޖެހޭނެ. އެއީ އަޅުގަނޑުގެ އަމިއްލަ މަސައްކަތެއް ނޫން އަޅުގަނޑު މިކުރަނީކީ. އަދި އަޅުގަނޑު ހިތުން ހުރިހާ ވަޒީރުންވެސް، ހުރިހާ މުވައްޒަފުންވެސް ދެކެވަޑައިގަންނަވާނެ، އަޅުގަނޑުމެން މިކުރަނީ ރައްޔިތުންނަށް ކުރާ ޚިދުމަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށްވުރެ، އަޅުގަނޑުމެންގެ ކުރިމަތީގައި ކުރަން އޮތް މަސައްކަތް މާބޮޑު. އެހެންވީމާ، އެގޮތުން އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅެއް، ކުރަންޖެހޭ ކޮންމެ ކަމެއް، އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން. އެއީކީ ޒާތީގޮތުން އަޅުގަނޑު ކުރާ ކަމެއްނޫން.
މިނިސްޓްރީއެއްގެ ތެރޭގައި މައްސަލަތައް ފުނިޖެހިފައި ހުރެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން މި ބަލަނީ. ރައީސް އޮފީހުގައިވެސް އެބައޮތް، އެކަމާބެހޭ ބޮޑު ޑިޕާޓްމަންޓެއް. އެއާއެކީގައި މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލުގެނެސް، ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

ފަޒީނާ އަޙްމަދު - މިހާރުނޫސް:

ރައީސް ދެންމެ ތިޔަ ވިދާޅުވީ، މަނިކުފާނުގެ ކެބިނެޓުގެ ވަޒީރެއްގެ މައްސަލައެއް ފެނިއްޖެނަމަ، އިސްވެ އެކަމަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް. އަޅުގަނޑުގެ ސުވާލަކީ، އަޅުގަނޑަށް މި ފަހުން އެބަ ފެނޭ، ރައްޔިތުންގެ މަޖިލީހަށް ބައެއް ވަޒީރުންގެ މައްސަލަތައް ހުށަހަޅައިގެން ކުރިއަށް ގެންދަވާތަން. ދެން އެންމެފަހުން މިނިސްޓަރ މަލީޙުވެސް އެއޮތީ މަގާމުން ވަކިކުރައްވާފައި.

އަޅުގަނޑުގެ ސުވާލަކީ، މީގެކުރިން ބައެއް ވަޒީރުން އިސްތިޢުފާ ދެއްވަންވެސް އެބަހުރި، ޕްރެޝަރ ކުރައްވާފައި، މަޖިލީހުގެ ތެރެއިން. ދެން މަލީޙު ވަކިކުރެއްވިއިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ، ރައީސް އެއްޗެއް ވިދާޅުވި ތަނެއް. މަލީޙު ވަކިކުރެއްވީ ރައީސްގެވެސް އިޒުނަޔާއެކުގައިތޯ؟ ރައީސަށްވެސް އިތުބާރުނެތީތޯ؟ ދެން މަޖިލީހުން މަނިކުފާނުގެ ވަޒީރުން ވަކިކުރައްވަން މަސައްކަތްކުރާއިރުގައި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ؟ ބައެއްފަހަރު މަންޒަރު އެބަ ފެނޭ، އެއީ ބަރުލަމާނީ ނިޒާމަކަށް، ބައެއް މެންބަރުން ކުރައްވާ ތާއީދުގެ ތެރެއިން ކުރިއަށް ގެންދަވާ ކަމެއްގެ ގޮތުގައިވެސް. މަނިކުފާނު ވިދާޅުވާނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ޝުކުރިއްޔާ ފަޒީނާ.

މަލީޙުގެ އިތުބާރު ނެތްކަމުގެ އެ މައްސަލަ ހުށަހެޅުމާ ގުޅިގެން، މަލީޙު އަޅުގަނޑާ މަޝްވަރާ ކުރެއްވި. އެކަމާ ބެހޭގޮތުން މަލީޙާ ވާހަކަ ދެއްކިން. އަޅުގަނޑުމެންގެ ޗީފް އޮފް ސްޓާފް އެ ވާހަކަ ކުރިއަށް ގެންދެވީ. މަލީޙު ބޭނުންފުޅުވީ މަޖިލީހަށް ވަޑައިގެން ދިފާޢުކުރަން. އަޅުގަނޑު އެހިން، މަލީޙު ބޭނުންފުޅުވަނީ ކިހިނެއްތޯ. މިހާރު އެއޮތީ ހުށަހެޅިފައޭ. ވިދާޅުވި، ތިމަންނާ ބޭނުންވަނީ މަޖިލީހަށް ޙާޒިރުވެ، ތިމަންނާގެ ދިފާޢުގައި ވާހަކަދައްކާށޭ. އެކަން ސާފުކޮށްދޭށޭ. ތިމަންނާ ކުރި ކުށެއް، ތިމަންނާ ވަޒީރުކަމުން ވަކިކުރަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެއޭ. އެހެންވީމާ، މަލީޙުގެވެސް އެދިވަޑައިގަތުމާ އެކީގައި، އެކަން އަޅުގަނޑުމެން އެގޮތަށް ކުރިއަށް ގެންދިޔައީ.

އަޅުގަނޑު މިދަންނަވާހެން ވަޒީރެއްގެ އިތުބާރު އަޅުގަނޑަށް ނެތްކަމަށްވަންޏާ، ވަކިކުރަންޖެހިއްޖެ ޙާލަތެއްގައި، އަޅުގަނޑު މިހާތަނަށްވެސް އޮންނާނީ ކޮށްފައި. އެގޮތުން، ދެންވެސް މިކަހަލަ ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑު ކުރާނަން.

މީގައި ކެބިނެޓުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ މެންބަރަކަށް އިތުބާރު ނެތިއްޖެ ކަމަށްވަންޏާ، އެކަމެއް އަޅުގަނޑާ ހިސާބަށް ގެނައުން އެއީ އެންމެ ރަނގަޅު ގޮތަކީ. މިކަމުގައި، މަލީޙުގެ މައްސަލައިގައި އަޅުގަނޑާ ހިސާބަށް ފޮނުވި، ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ އަޣްލަބިއްޔަތާ އެކީގައި، އެންމެން ސޮއިކޮށްފައި، ފާސްކޮށްފައި އޮތް ނިންމުމެއް. އަޅުގަނޑު މި ދެންނެވީ، އެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ތާއީދާ އެކީގައި ވަކިކުރުމަށް ނިންމާފައި އޮތް ނިންމުމެއް އަޅުގަނޑަށް ފޮނުވި.

އެހެންވީމާ، ދެންވެސް އަޅުގަނޑު އެދެނީ، އެކަހަލަ ކަމެއް ކުރިމަތިވެއްޖިއްޔާ، އަޅުގަނޑުމެންގެ އެތެރޭގައި މިއޮތް ނިޒާމުގެ ތެރެއިން އެކަމަކާ ދޭތެރޭގައި މަޝްވަރާ ކުރެވެންޖެހޭނެއޭ. މިއީ އަލަކަށް އަޅުގަނޑުމެންނަށް ދިމާވި ކަމެއްނޫން. ކުރީގައި 2008 ވަނަ އަހަރު، އެމް.ޑީ.ޕީ.ގެ ވެރިކަމުގައި އޮތްއިރުގައިވެސް، ޕާލަމެންޓްރީ ގްރޫޕުން ކިތަންމެފަހަރަކު ނިންމި ވަޒީރުން ވަކިކުރަން. އަޅުގަނޑުމެންގެ ވަޒީރުން ވަކިކުރަން. ހަމަ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގައިގެން ނިންމީ. އެހެންނަމަވެސް، އެ ކަންތައްތައް އޭރު ޙައްލުކުރީ، އޭރުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނާ މަޝްވަރާކޮށްގެން، އިންޓަރނަލް ކަމެއްގެ ގޮތުގައި.

އެހެންވީމާ، ދެންވެސް އެ ކަންތައްތައް އަޅުގަނޑު ހިތުން ކުރިއަށް ގެންދަންޖެހޭނީ އެގޮތަށް. އެއީ އެންމެ ރަނގަޅު ގޮތަކީ. އެކި ޕާޓީތަކުގެ ވަކި ވަޒީރުން ތިއްބެވި ނަމަވެސް، ސަރުކާރަކީ އެއް ސަރުކާރެއް. އެ ދަމަހައްޓަން އަޅުގަނޑުމެން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަންވާނެ. އެއީ ރައްޔިތުން ނިންމާފައި އޮތް ނިންމުމެއް.

މާހަތު ޙުސައިން - ސަންގު ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، މި ޖަލުގައި ތިބޭ ކުށްވެރިން ދޫކުރުމަށް ރައީސް އޮފީހުގައި ހުންނަވާ ބޭފުޅަކު ލާރި ނަންގަވާކަމަށް، އެމް.ޑީ.ޕީ.ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަނީ ވިދާޅުވެފައި. ވިދާޅުވި ވާހަކަޔަށް ބަލާއިރު، ޙަޤީޤަތުގައި މިއީ ވަރަށް ސީރިއަސް ވާހަކައެއް. ރައީސް އޮފީހުން މިގޮތުން ކުށްވެރިން ދޫކުރުމަށް ކިހާވަރެއްތޯ ނަންގަވަނީ. ދެން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގައިވާނަމަ، އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިފަދަ ބޮޑު އިތުރުފުޅެއް ހައްދަވަންވީ ސަބަބަކީ ކޮބައިކަމަށްތޯ މަނިކުފާނަށް ގަބޫލުކުރެވެނީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، މާހަތު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ޖަލުގައި ތިބި ކުށްވެރިންނަށް މާފުދިނުމުގައި ޢަމަލުކުރާ ގޮތްތަކެއް އޮވޭ. އެއްގޮތަކީ ކްލެމެންސީ ބޯޑަށް އެ ކުށްވެރިއަކު ހުށަހެޅީމާ ބަލާފައި އަޅުގަނޑާ ހިސާބަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތް ފޮނުވާނެ. ފޮނުވީމާ އޭގެތެރެއިން އަޅުގަނޑު ބަލާފައި، މާފުދޭން، ނޫނީ ލުއިދޭންޖެހޭ ފަރާތްތަކަށް ލުއިދެމުން މިގެންދަނީ. ދެން އޭގެ އިތުރުން، ކްލެމެންސީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރެއް އޮވޭ، ވަކި މާއްދާއެއްގެ ދަށުން ހަތަރުބައިކޮށްފައި އެއްބައި، ކުށުން ނިމިފައި އޮތް ފަރާތްތަކުގެ ތެރެއިން، ބަލިޙާލާއި، އެމީހާގެ ޞިއްޙަތަށާއި، ދެން ހުރި ކަންތައްތަކަށް ބަލާފައި، ލުއިދެވެން އޮންނަ ގޮތެއް. މާފުދިނުމާއި، ލުއި ދިނުމުގެ މަސައްކަތް، އެ ދެގޮތަށް ކުރިއަށް މިގެންދަނީ. އެގޮތުން ހުންނާނެ، ކްލެމެންސީ ބޯޑުން ފޮނުވައިގެން އަޅުގަނޑު ލުއިދީފައި ހުރި ފަރާތްތަކާއި، އެ މާއްދާގެ ދަށުން ބަލާފައި، ލުއިދީފައި ހުރި ފަރާތްތައް. އެހެންދޭއިރުގައިވެސް، އަޅުގަނޑުމެން ކަރެކްޝަންސްގެ ފަރާތުން އެމީހަކާ ބެހޭގޮތުން މަޢުލޫމާތު ހޯދާފައި އެއީ، މުޖުތަމަޢަށް ދޫކޮށްލަން އެކަށީގެންވާވަރުގެ މީހެއްތޯ ބަލާފައި ނޫނީ އަޅުގަނޑުމެން ނޯންނާނެ ދޫކޮށްފައެއް.

ރައީސް އޮފީހުގެ ތެރެއިން، އަޅުގަނޑު ޔަޤީންކަމާއެކު މި ދަންނަވަނީ، ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނަގާފައި، ކުށްވެރިއަކަށް ލުއިދީފައެއް ނޯންނާނެ. އެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. އެކަމެއް އަޅުގަނޑުމެން ނުވެސްކުރާނަން.

މަރްޔަމް އިފާއު މޫސާ - އަވަސް:

އާދެ، ޝުކުރިއްޔާ މަބްރޫކް.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ޒީރޯ ޓޮލަރެންސްގެ ކޮރަޕްޝަން ކަމަށް ރައީސް ވިދާޅުވެފައި އެބަވޭ. އެހެން ނަމަވެސް، ފަހަކަށްއައިސް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެފައި މިވަނީ. އަޅުގަނޑުގެ ސުވާލަކީ، ކޮބައިތޯއޭ މިކަންތައްތައް ޙައްލުކުރުމަށް ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ފުރަތަމަ ކަމަކަށް، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިއަންނަނީ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އެނގިވަޑައިގަންނަވާނެ، ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި، މިދިޔަ އަހަރު އަޅުގަނޑުމެން މިވަނީ 55 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައި. ކުރިން 130 ވަނައިގައި ރާއްޖެ އޮތީ. މިހާރު މިވަނީ 75 އަށް ކުރިއަށް ޖެހިލާފައި. އެހެންވީމާ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރެވިފައި ހުރި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެގޮތުން، ޓެންޑަރ ޕްރޮސެސްގެ ހާމަކަން ބޮޑުކޮށް ކުރަންޖެހޭ ކަންތައްތަކަށް ބަދަލުގެނެސް، އެކަން ކުރިއަށް އެދަނީ. ޕްރޮކިއުމަންޓަށް ބަދަލުތަކެއް ގެނެވިއްޖެ. ކުންފުނިތަކުގައި ހުރި މިކަހަލަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއިން މިހާރު އެގެންދަނީ މަސައްކަތްތަކެއް ކުރަމުން. އެގޮތުން، ކުންފުނިތަކުގެވެސް ޕްރޮކިއުމަންޓުގައާއި، ބިޑިންގ ޕްރޮސެސްގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމަށް ޙައްލު ހޯދަމުން މިހާރު އެގެންދަނީ.

މިދޭތެރެއިން އެބައޮތް އަޅުގަނޑުމެންނަށް ފެނަކައާ ބެހޭގޮތުން ހުށަހެޅުނު ވަރަށް ގިނަ މައްސަލަތަކެއް، އޭ.ސީ.ސީ.އިން ބެއްލެވުމަށްފަހުގައި އަޅުގަނޑަށް ރިޕޯޓެއް ފޮނުއްވާފައި. އޭގައި އެބަހުރި، ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި. އުސޫލުތައް ގަވާއިދުތަކާއި، ޕްރޮކިއުމަންޓާއި، ބިޑިންގއާއި، މުދާ ގަތުމާ، އަޅުގަނޑު މިދެންނެވި، އެ ހުރިހާ ކަމެއްގައި ގެންނަންޖެހޭ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފާހަގަކޮށްފައި އެބަހުރި. އަޅުގަނޑު މިދަނީ އެ ރިޕޯޓުގައި ހުރި ކަންތައް ބަލާފައި، އެ ކަންތައް އިޞްލާޙު ކުރުމަށް ފިނޭންސް މިނިސްޓްރީ ތުރޫކޮށް. ކުންފުނިތަކާބެހޭ އެބައޮތް ބޮޑުތަނެއް. އެތަން މެދުވެރިކޮށް އެބަދަލުތައް ގެނެވޭނެ. އަޅުގަނޑު އެއަށް ދޭނަން ވަގުތު. އަޅުގަނޑު ބުނާނަން، ވަކި މުއްދަތެއްގެ ތެރޭގައި، މީގައި މި ބުނެފައި ހުރި ކަންތައްތައް ބަދަލުކުރަންޖެހޭނެއޭ. އެއަށްފަހުގައި، އެ ބަދަލުތައް ނުގެންނަ ކަމުގައިވަންޏާ، އޭގައި ފާހަގަކޮށްފައި ހުރި ބަދަލުތަކާ އެއްގޮތަށް ކަންތައްތައް ނުކުރެވޭ ކަމަށްވަންޏާ، ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން. އެއީ ހުރިހާ ކުންފުންޏަކާ ދޭތެރޭގައިވެސް އަޅުގަނޑު ޢަމަލުކުރާނެގޮތް.

ޢަލީ ޝައްމާން - ދަ ޕްރެސް:

އާދެ، ރައީސް، ވަރަށް ހިތްހަމަޖެހޭ އަޅުގަނޑުމެން ނޫސްވެރިންނަށް މި ފުރުޞަތު ދެއްވީމާ. އަޅުގަނޑުގެ ސުވާލު ކުޑަކުޑަކޮށް އެބަ ތަފާތުވޭ މި ދާއިރާއާ އިނގޭތޯ. މިހާރު އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވާ އެއްކަމަކަށްވަނީ، މި ކްރައިމް ރޭޓް، ކުށްކުރުމާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކާ، މިކަންކަން ވަރަށް ބޮޑަށް އިތުރުވެގެންދާތަން. ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވަނީ، ރާއްޖޭގައި މިއުޅޭ ބިދޭސީންގެ ތެރެއިން ބަޔަކުމީހުން، ކޮންމެ ދުވަހަކު ރެގިއުލަރކޮށް ފުލުސް އޮފީހަށް އެބަ ހާޒިރުކުރޭ، މަސްތުވާތަކެތީގެ މައްސަލައާއި، ނޫނީވިއްޔާ ވަރކްޕަރމިޓްގެ މައްސަލަތަކާއި، ފޭރުމާ، މިޒާތުގެ ކަންކަމުގައި. ދެން، އެމީހުންގެ އެއްވެސް ލިޔެކިޔުމެއް، ޑޮކިއުމެންޓެއް ނެތީމާ، ފުލުހުންނަށް މަޖުބޫރު މިވަނީ އެމީހުން ދޫކޮށްލަން. ނޫނީވިއްޔާ އެމީހުން ބަންދުކުރަން އިމިގްރޭޝަނާ ޙަވާލުކުރީމާ، ބައެއް ޙާލަތްތަކުގައި އިމިގްރޭޝަނުން ޙަވާލެއްނުވޭ. ޙަވާލުވާ ފަހަރެއްގައި ވެއްޖިއްޔާ މަގުމައްޗަށް ދޫކޮށްލަނީ. އެހެންވީމާ، މިފަދަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އޮތް ކްރައިމްއާއި އަދި ތަފާތު އެކިއެކި މައްސަލަތައް ވަރަށްބޮޑުތަނުން އިތުރުވަމުން އެބަދޭ. ދުވަހުންދުވަހަށް ފުޅާވަމުން އެބަދޭ. މަސްތުވާތަކެތީގެ މި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ނެޓްވާރކްތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި މީހުންތައްވެސް ދޫވަމުން އެދަނީއޭ، ސިސްޓަމުގެ ތެރެއިންލާފައި އަދި ކޮންމެވެސް ދިމާއެއްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށްވިޔަސް. އެހެންވީމާ، މި މައްސަލަތައް ޙައްލުކުރުމަށްޓަކައި ކޮބައިތޯ ސަރުކާރުގެ ސިޔާސަތަކީ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ޝައްމާން، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި، ރާއްޖޭގެ އިޖުތިމާޢި ފޭރާން އޮތީ ވީދި ހަފުސްވެފައި. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގެ މަގުތަކުގައި މީހުންމެރުމާއި، ވައްކަންކުރުމާއި، ފޭރުމާ، މިހެންގޮސް ލިސްޓް ކުރެވިދާނެ ކިތަންމެ ކަމެއް. ރާއްޖޭގެ މަސްރަޙް އޮތްގޮތް. މަގުތަކުގެ ޙާލަތު އޮތްގޮތް. ހަމައެކަނި މާލެއަކު އެކަންޏެއްނޫން. މީގެ ތެރޭގައި، ގޭންގުތަކުގެ މައްސަލަ އެބަ ނުކުމޭ. އެއް ގޭންގު އަނެއް ގޭންގާ ތަޅާފޮޅުމާއި، މީހުންމެރުމާއި، ވައްކަންކުރުމާ، މިހެންގޮސް މުޖުތަމަޢުގައި އެތައް ކަމެއް ހުރި. އޭގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީން އަންޑޮކިއުމެންޓެޑް، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ޢަދަދު އަޅުގަނޑުމެންނަށް އަންދާޒާ މި ކުރެވެނީ، ގާތްގަނޑަކަށް ފަސްދޮޅަސް ހާހުން މަތީގައި އުޅޭނެކަމަށް.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ނޫސްތައް މެދުވެރިކޮށް ޚަބަރު ލިބެމުންދާނެ، އެމީހުން ފޮނުވައިލުމުގެ ޕްރޮގްރާމެއް، ސަރުކާރުން މިހާރު އަޅުގަނޑުމެން ހިންގަމުންދާ ވާހަކަ. އެގޮތުން އަންޑޮކިއުމަންޓެޑް، އަށްހާސް ހަތްސަތޭކަ ހަތްދިހަ ފަސް މީހުން، މިދިޔަ އަހަރުގެތެރޭގައި އަޅުގަނޑުމެންނަށް ފޮނުވައިލެވުނު. މުޅިޖުމުލަ ވިހިހާސް މީހުން، މިދިޔަ އަހަރުގެތެރޭގައި އަޅުގަނޑުމެންނަށް ވަނީ ރާއްޖެއިން ފޮނުވައިލެވިފައި.

ރާއްޖެއަށް ބޭނުންވާވަރަށްވުރެ ގިނައިން، ރާއްޖޭގެ މަގުމަތީގައި ތިޔަވިދާޅުވާހެން ބިދޭސީން އެބައުޅޭ. އެމީހުން އުޅެނީ ވަރަށްދަތި ހާލުގައި، އުޅޭނެ ތަނެއްނެތި. ކެއިންބުއިމުގައި ދަތިތަކެއް އެބަހުރި. އެހެންވުމުގެ ސަބަބުން، ޚާއްޞަކޮށް މާލެތެރޭގައި ކްރައިމްރޭޓް މައްޗަށް އެބަދޭ. އެހެން ނަމަވެސް، އަޅުގަނޑަށް ލިބިފައި ހުރި އަންދާޒާ ހިސާބުތަކަށް ބަލާއިރުގައި، މީގެ ދެ އަހަރާ އަޅައިބަލާއިރުގައި، ވަރަށް ބޮޑުތަން ދަށްވެފައި މިހުރީ. މާރާމާރީވެސް، މީހުން މެރުންވެސް، ވައްކަންކުރުންވެސް، ފޭރުންވެސް، ހުރިހާ ކަމަކަށް ހުރީ، 2018 އާ މިހާރާ އަޅައިބަލާއިރުގައި، ފުދޭވަރެއްގެ ބޮޑެތި ބަދަލުތަކެއް އައިސްފައި. އަދިވެސް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެގޮތުން މަގުމަތީގެ ސަވަޔަލެންސް، މަގުމަތި ބެލެހެއްޓުން އިތުރުކުރަން އެބަޖެހޭ. ފުލުހުންގެ ޕްރެސެންސް އިތުރުކުރަން އެބަޖެހޭ. ފުލުހުންގެ ޤާނޫނަށް މިހާރު ގެނެވިފައި މިއޮތް ބަދަލާއެކީގައި، ބޮޑެތި ބަދަލުތަކެއް އަންނާނެ. ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރުކޮށްދޭނަން. އިތުރަށް ފުލުހުން ބޭނުންވާ ކަމަށްވަންޏާ، އެކަންވެސް ބަޖެޓުގެ ތެރެއިން ހަމަޖެހެން އޮތްވަރަކަށް، އެ އަހަރެއްގެ މައްޗަށް އިތުރުކޮށްގެން އެކަން ކުރިއަށް ގެންދާނަން.

އެއާއެކީގައި ދިވެހިންނަށް ނިސްބަތްކޮށް ބަލައި، ޒުވާނުންގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ތަޢުލީމީ އެކިއެކި ޕްރޮގްރާމްތައް ހިންގައި، މުޖުތަމަޢަށް އަލުން އެމީހުން ނެރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އެންމެންވެސް ގަވާއިދަށް އުޅެން ފަރިތަކުރަންވީ. ޚާއްޞަކޮށް ދިވެހިން. ރާއްޖެއަށް މީހުން މަސައްކަތު ގެންނައިރުގައިވެސް، އެ އޮންނަ އުސޫލުގެތެރެއިން ގެނެސް، އެމީހުންނަށް އަޅައިލައި، ކަމޭހިތައި، އެމީހުންނަށް ދޭންވާ މުސާރަދީ، ހުރިހާ ކަމެއް ރަނގަޅަށް ކުރީމާ، ބޮޑެތި ބަދަލުތަކެއް މިއަށް އަންނާނީ. ދެން އޮންނާނީ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ހުރަސްތައް އަޅުގަނޑުމެން ނައްތައިލުން. އިރާދަކުރެއްވިއްޔާ، މި ދެންނެވި ކަންތައްތައް، މި ދެންނެވި ޤާނޫނަށް ގެންނަންޖެހޭ ބަދަލާއި، ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދީގެން އެކަން ކުރުން.

ޝަފްރާޒް އަޙްމަދު - ދަ ވޮއިސް:

މިހާ ދުވަސްކޮށްފައި، ރައީސް އޮފީހުން މިފަދަ ޕްރެސްއެއް ބާއްވާއިރު، ނޫސްވެރިން ސުވާލުކޮށް ނިންމާފައި، އެ ސުވާލުގެ ޖަވާބު ނުލިބޭނަމަ، އެޓްލީސްޓް އެ ފޮލޯއަޕް ސުވާލުކޮށްލަންވިޔަސް ފުރުޞަތު ދެއްވުން، އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް. ޖަވާބު ނުލިބި ބައެއްފަހަރު، މި ނިންމާލަން ޖެހޭތީވެ. ދެން އަޅުގަނޑު ސުވާލައިގެން ކުރިއަށްދާނަން.

ރައީސް ޞާލިޙް، މަނިކުފާނު ވެރިކަމަށް ވަޑައިގެންފައި މިވަނީ އެމް.އެމް.ޕީ.އާރް.ސީ ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަތަކުން ކެމްޕެއިންކޮށް، އެކަންކަމަށް ޙައްލު ހޯދައިދޭނެކަމަށް ވިދާޅުވެ. ދެން މިހާތަނަށް ސަރުކާރަށް ދެ އަހަރުވެ، ތިންވަނަ އަހަރަށް ގުނަން ފަށާފައިވާއިރު، އެމް.އެމް.ޕީ.އާރް.ސީ މައްސަލައިގައި މިހާތަނަށް މި ފެންނަނީ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ، އިދިކޮޅު ފަރާތްތައް އެކަނި ގެންދެވި، ތަޙުޤީޤު ކުރެވި، ޚާއްޞަކޮށް، އިންތިޚާބުތަކާ ދިމާކޮށް، މިފަދަ ކަންކަން ކުރެވޭތަން. އެމް.އެމް.ޕީ.އާރް.ސީ.ގައި އެންމެ ބޮޑަށް ތުހުމަތުކުރެވި ބައިވެރިވެފައިވާ އަދީބު ހުރީ މުއްދަތެއް ނެތްގޮތަށް ގޭގައި. ޒިޔަތު ހުރީ ގޭގައި. ދެން މިގޮތަށް ވެފައިވާއިރު، ހަމައެކަނި ރައީސް ޔާމީނަށް ޖަލު ޙުކުމެއް އައިސް، މި މައްސަލަތައް ބަލާއިރު، މި ސަރުކާރަށް ނިސްބަތްވާ ފަރާތްތައްވެސް އެބަ ހިމެނޭ ނޫންތޯ، މި އެމް.އެމް.ޕީ.އާރް.ސީ މައްސަލައިގައި. ތިޔަވިދާޅުވާ ޒީރޯޓޮލަރެންސްގެ ދަށުން އެފަރާތްތަކުގެ މައްސަލަތައް މިހާތަނަށް ބެލިފައިވަނީ ކިހާވަރަކަށްތޯ؟ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް ހަމަ ޔަޤީނުންވެސް އެބައޮވޭ. ދެ ފެކްޝަން ދޭތެރޭގައި މި ހުންނަ މައްސަލަތައް ފުށުއަރާކަހަލަ ކޮންމެވެސްކަހަލަ ވިޔަފާރިއެއްގެ ތެރެއިން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ މައްސަލަތައް މި ފެންމަތިކުރަނީ. އޭގެ އިތުރަކަށް، ހަމަ އެއްވެސްވަރަކަށް ނުފެނޭ. ދެން ހަމަ ތުހުމަތެއް ކޮށްލާތަން މި ފެންނަނީ. ކޮބައިތޯ ސަރުކާރުގެ ތެރެއިން މި ހިނގާ ބޮޑެތި ތުހުމަތުތަކުން އެއްވެސް ކަމެއް ނުބެލި މިދަނީ ކީއްވެގެންތޯ؟ ރައީސް ނަޝީދުވެސް ހަމަ ބޮޑެތި ތުހުމަތުތައް އެ ކުރައްވަނީ މިނިސްޓަރ ފައްޔާޒަށް ދޮގެއްތޯ. މީގެ އެއްވެސް ކަމެއް، ރަސްމީ ސިފައެއްގައި ބެލިފައެއް ނެތް. މަނިކުފާނު ހައްދަވާފައިވާ ރިޔާސީ ކޮމިޝަނުން. ކޮރަޕްޝަން މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނުން ކޮން މަސައްކަތްތަކެއްތޯ ކުރައްވަނީ، މިހާތަނަށް ކޮބައިތޯ އެ ކޮމިޝަނުން ކޮށްފައިވާ ކަމަކީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ ޝަފްރާޒް.

އަދީބާއި ޒިޔަތު ގޭގައި ހުރެފައި، ރައީސް ޔާމީން ޖަލުގައި ހުރުމުގެ މައްސަލަ، ފުރަތަމަ މައްސަލައަކަށް ތިޔަ ނެންގެވީ. އަޅުގަނޑު ސާފުކުރިން އެކަން. އަދީބާއި ޒިޔަތު ގޭގައި ހުރީ، ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވަނީ، ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކޮށް، އޭގެތެރެއިން ކަމަށް. ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް. އަދީބުވެސް ގޭގައި އެހުރީ ޞިއްޙީގޮތުން ހުންނަންޖެހޭ ކަމަށް ޑޮކްޓަރުގެ ލިޔުމަކާއެކީގައި. ޒިޔަތުވެސް މިހުރީ. ރައީސް ޔާމީންގެ އެކަހަލަ ލިޔުމެއް އަދިއެއް ނެތް އަޅުގަނޑުމެންނަށް ލިބިފައެއް. ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވައިދޭން އެދިފައި އޮތް ލިޔުމެއް ވަރަށް ކުރިން އައި. އަޅުގަނޑުމެން އެ ފުރުޞަތު އެރުވިން، ރައީސް ޔާމީނަށް. އެކަމަކު، ބޭނުންފުޅުވެވަޑައެއްނުގެންނެވި އޭރަކު ބޭރަށް ވަޑައިގަންނަވާކަށް. އޭގެފަހުން ޞިއްޙީ އެއްވެސް ކަމެއްގައި، ރައީސް ޔާމީން ފަރުވާއެއް ހޯއްދެވުމަށްޓަކައި އަދިއެއް އަޅުގަނޑާ ހިސާބަކަށް ނާދޭ. އެދިވަޑައިގެންފައި އޮތް ކަމަށްވަންޏާ، އެކަމެއްވާނީ ކޮށްފައި.

ދެން އޮތީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށްޓަކައި އަޅުގަނޑުމެން އުފެއްދި ކޮމިޝަނެއް އެއީ، އެސެޓް ރިކަވަރީ ކޮމިޝަން. އޭގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު އެވަނީ ކޮށްފައި. އަޅުގަނޑުމެންނަށް އެނގޭ، އެއީ ވަރަށް ބޮޑެތި ޚިޔާނާތްތަކެއް ހިނގާފައި އޮތް ކަމެއްކަން، އެމް.އެމް.ޕީ.އާރް.ސީ.ގެ ތެރެއިން. އެގޮތުން، 37 ރަށާއި، 12 ފަޅު އެބައޮތް، ޤާނޫނާ ޚިލާފަށް، އުސޫލުތަކާ ޚިލާފަށް އޭރު ދޫކުރެވިފައި. އޭގެތެރެއިން 77 މިލިއަން ޑޮލަރު، އަމިއްލަ ކުންފުނިތަކަށް ޖަމާކޮށްފައި އެބައޮތް. އެސެޓް ރިކަވަރީ ކޮމިޝަނުން މި ކުރިކަމަކީ، ފުރަތަމަ އެކަން ހިނގާފައި އޮތްގޮތް ބަލައި ހޯދީ. ކިހިނެއްތޯ، މިއީ ހިނގާފައި އޮތް ކަމެއްތޯ. ހަމަ ޔަޤީނުންވެސް މިހާރު އެބަ ކަށަވަރުވޭ، މި ކަންތައްތައް މިހެން ހިނގާފައި ހުރިކަން. މީގައި ނާޖާއިޒު ފައިދާތަކެއް ބަޔަކަށް ނަގައިދީފައި އޮތްކަން. ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ކޮށްފައި އޮތްކަން. އެއަށްފަހުގައި މިހާރު ބަލަމުން އެގެންދަނީ، ވަކިވަކި ފަރުދުން، އޭގައި ޒިންމާވަނީ ކިހާވަރަކަށްތޯ. ކޮބައިތޯ އަޅަންޖެހޭ ފިޔަވަޅުތަކަކީ. އޭގެ ދަށުން ބައެއް ކަންތައްތައް މިހާރު ވަނީ ބަލައި ނިމި، ޝަރީޢަތާ ހަމަޔަށް ފޮނުވި، އޭގެ ޙުކުމްވެސް އައިސްފައި. އެނގިވަޑައިގަންނަވާނެ، އަދީބުވެސް، ޒިޔަތުވެސް އަދި ރައީސް ޔާމީންގެ މައްޗަށްވެސް އެއާ ގުޅިގެންކަންނޭނގެ ޙުކުމެއް އައިސްފައި މިއޮތީ. އެއަށްފަހުގައި ދެން މި ފައިސާ، އެކިދިމަދިމާއަށް ދިޔަގޮތް މިހާރު އެ ހޯދަނީ. ވަރަށް ބޮޑުބައި އޮތީ ހޯދިފައި. އެއަށްފަހުގައި އެފަރާތްތަކާ ބެހޭގޮތުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުގައި، ޝަރީޢަތާ ހިސާބަށް ފޮނުވަންޖެހޭ ކަންތައްތައް ފޮނުވާނެ. މިހާރު އެ މަސައްކަތް ކުރަމުން އެގެންދަނީ، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭ.ސީ.ސީ.އާއި ޕޮލިހާ ގުޅިގެން ހިނގާ ތަޙުޤީޤުތަކެއްގެ ގޮތުގައި.

މި ދައްކަނީކީ ކުޑަކަމެއްގެ ވާހަކައެއްނޫން. ވަރަށް ބުރަ، ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އެގެންދަނީ. އެގޮތުން އެ މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ހިތުން މީގައި ނުފެތޭ މީހުން، ކުށްވެރި ނުވާނެ މީހުންވެސް އެބަ ސަލާމަތްވާންޖެހޭ. ހަމައެކަނި މިވެނި މީހަކު، މިވެނި ކަމެއް ކުރިކަމަށް ބުނެފިޔޭ ބުނީމާ، އެހިސާބަކުންނެއް ކޯޓަކާ ހިސާބަކަށް ގެންދިޔުން އެއީ، ރަނގަޅު ކަމެއްކަމަށް އަޅުގަނޑަކަށް ނުފެނޭ. އަދި ކޮމިޝަނަކަށްވެސް ނުފެނޭ. އެހެންވީމާ، އެ ދިގު ރާސްތާއެއް އެ ނަގަނީ. އެކަމަކު އިރާދަކުރެއްވިއްޔާ، އެ ކޮމިޝަނުގެ މަސައްކަތްތައް އެބަ ކުރޭ. ދެން އޭގެ ރިޕޯޓުގައި ހުރި މިކަހަލަ ކަންތައްތައް، ތަކުރާރުވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައި. އަޅުގަނޑު މިދަނީ އެކަންތައްތައް އެފަރާތްތަކަށް އަންގައިގެން ބަދަލުކުރަމުން. އެއީ، ބޭންކިންގ ނިޒާމު ހަރުދަނާކުރުން، އޭގެ ތެރޭގައި އެބައޮތް. ފައިސާ ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު މުރާޖަޢާކުރުން އެބައޮތް. ދައުލަތުގެ ކުންފުނިތައް، ޒިންމާދާރުކުރުވުން އެބައޮތް. އެހެންގޮސް 14 ކަމެއް އެބައޮތް ބަދަލުތައް ގެންނަން ޖެހިފައި. އެހެންވީމާ، އެ ގެންނަންޖެހޭ ބަދަލުތައް، އެ ކުންފުނިތަކަށާއި، ވުޒާރާތަކުގެ ހިންގުމުގެ ތެރެއަށާއި، ޤާނޫނަށް މި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން އަޅުގަނޑު މިދަނީ.

އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލައެއް އުޅުނަސް، އެކަމެއް ބަލައި ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮންނާނެ. މުއައްސަސާތައް އެހުރީ މިނިވަންކަމާއެކީގައި މަސައްކަތް ކުރުމަށް ހުޅުވައިލެވިފައި. މި ސަރުކާރުގެ އެއްވެސް ނުފޫޒެއް، އެއިން އެއްވެސް ފަރާތަކަށް ނުހިނގާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ތިޔަބޭފުޅުން އައްސަވާ، އެއިން ކޮމިޝަނެއްގައި، އެއިން މުއައްސަސާއެއްގައި، މި ސަރުކާރުން އަޅުގަނޑުމެން އެއްވެސް ނުފޫޒެއް، އެއްވެސް ކަމެއް ކުރަން އެބައޮތްތޯ އަންގާފައި. ނޯންނާނެ. ކޮންމެ މީހެއްގެ، ކޮންމެ ކަމެއްވެސް ބަލަން އެތަނަށް ހުށަހެޅީމާ އޮންނާނެ. އޭގެ އިތުރުން، އޮންނާނެ ޕޯޓަލްއެއް، އެ ޕޯޓަލަށް ހުށަހެޅޭ މައްސަލަތައްވެސް އަޅުގަނޑުމެން މިގެންދަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން. ވަކި މީހަކަށް އަޅުގަނޑުމެން ބެލުމެއް ނޯންނާނެ. އެ ޕޯޓަލްގައި ހުރި މައްސަލަތައް ބަލަން އޮންނާނެ، އަޅުގަނޑުމެންގެ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީއެއް. އެ ކޮމެޓީން ބަލާފައި، މިވެނި މައްސަލައެއް މިވެނިތަނަކަށް ފޮނުވާށޭ ބުނީމާ، އަޅުގަނޑު އެކަމެއް އެބަކުރަން. އެއަށްފަހުގައި ބަލައި ނިންމާފައި ޕީ.ޖީ.އަށް، ޕްރޮސިކިއުޓް ކުރަން ފޮނުވަން ޖެހިއްޖިއްޔާ، އެކަމެއް ކުރަމުން އެގެންދަނީ. ޝަފްރާޒްގެ ސުވާލަށް ރަނގަޅު ޖަވާބެއް ދެވިއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަން.

އަޙްމަދު އަޒާން - ދިޔަރެސް:

ޝުކުރިއްޔާ! އިދިކޮޅުގައި ހުންނެވިއިރު، ރައީސް ޞާލިޙުވަނީ ދައުލަތް ދަރަނިވެރި ކުރުމާ ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި. އަދި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ނުވާނެކަމުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރައީސް ވަރަށްގިނަފަހަރަށް ވަނީ ވިދާޅުވެފައި. ދެން، ރައީސްގެ ވެރިކަމަށް ދެ އަހަރުވެފައިވާއިރު، ހިސާބުތަކުން ދައްކާގޮތުން، ފުރަތަމަ ދެ އަހަރު، ހަމައެކަނި ބޭރުފައިސާއިން، ބޭރުގެ ދަރަނި 1.8 ބިލިއަން ޑޮލަރު ލޯނަށް ނަންގަވާފައިވޭ. އެއީ ބޮންޑާއި ލޯނާ، މިކަހަލަ ހުރިހާ އެއްޗެއް. އެއީ، ދިވެހިފައިސާއިން ބަލާނަމަ، ގާތްގަނޑަކަށް 27 ބިލިއަން ރުފިޔާ. ދެން މީގެ އިތުރަށް، ސޮވެރިންގ ގެރެންޓީ ދީފައިވާ ގްރާންޓްތަކަށް ބަލާއިރު، 584 މިލިއަން ޑޮލަރުގެ ސޮވެރިންގ ގެރެންޓީ ދީފައި އެބަވޭ. އެއީ 9 ބިލިއަން ރުފިޔާ. އެހެންވީމާ، ލޯނާއި ސޮވަރިންގ ގެރެންޓީ އެއްކޮށްލީމާ، ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާގެ ދަރަނި. އެއީ ރައީސްގެ ދެ އަހަރުތެރޭގައި އެކަނި. އެހެންވީމާ، ޖުމްލަ ދަރަނި، ދައުލަތުގެ ޖުމްލަ ދަރަނި މިހާރު މިހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، ގާތްގަނޑަކަށް 140 އިންސައްތައިގައި. މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދައުލަތުގެ ދަރަނި، ދިވެހި ތާރީޚުގައިވެސް މިހާ ބޮޑަށް އުފުލުނު ފުރަތަމަފަހަރުކަން، ހަމަ މާލީ ހިސާބުތަކުން އެބަ ދައްކާ. ދެން މޫޑީސްއިންވެސް މިވަނީ ރާއްޖެ ސޮވަރިންގ ޑީފޯލްޓަކަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް ދީފައި.

އަޅުގަނޑުގެ ސުވާލަކީ ކޮބައިތޯއޭ، ދިވެހި ސަރުކާރުގެ ޑެބްޓް މެނޭޖްމަންޓް ސްޓްރެޓެޖީއަކީ. މިދަންނަވަނީ ކުރު މުއްދަތުގައި އަދި ދިގު މުއްދަތުގައި ލޯނު އަދާކުރުމާއި، ދަރަނި އަދާކުރުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތުތަކަކީ، ނޫނީ ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ މި ކަންތައްތައް ކުރަން. ޝުކުރިއްޔާ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން އައިއިރުގައި، ދައުލަތުގެ އިޤްތިޞާދީ ޙާލަތުވެސް އޮތީ ވަރަށް ގޯސްކޮށްކަން އަޒާނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އިތުރަށް ދަރަނި ނަގަންޖެހުނު. އެކަން އަޅުގަނޑު ކުރާނެ ވާހަކަވެސް އަޅުގަނޑު ވާނީ ދަންނަވާފައި. ފުރަތަމަ ދެ އަހަރު، އަޅުގަނޑުމެން ދަރަނި ނަގައިގެން، ޕްރޮޖެކްޓްތައް ހިންގަން ފަށްޓާނެ ކަމަށް ބުނެ، އަޅުގަނޑު ވާނީ އެ ވާހަކަ ދައްކާފައި. އެއީ، އެނގިގެން ކުރި ކަމެއް. އެއަށްފަހުގައި، އަޅުގަނޑުމެންގެ ދައުރުގެ ފަހު ދެ އަހަރު ބަޖެޓަށް އޭގެ އަސަރުކުރާނެ ވާހަކަ. އެހެން އޮއްވައި، ކޯވިޑް އަޅުގަނޑުމެންނާ ކުރިމަތިވީ. ކުރިމަތިވެގެން މިދިޔަ އަހަރު އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ކުރެވޭކަށް ނެތް. ދައުލަތުގައި ފައިސާއެއް ނެތް.

އެނގިވަޑައިގަންނަވާނެ، އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، އެ ދޫކުރި ރަށްތަކުގެ ފައިސާވެސް ސަރުކާރުގެ އެކައުންޓަށް ވަދެފައި ހުރިނަމަ ވަރަށް ރަނގަޅުވީސް. އެއީ 3 ބިލިއަނެއްހާ ރުފިޔާ، އެވެސް ނެތް ވަދެފައެއް. އެވެސް ހުރީ ބޭރުވެފައި. އެހެންނަމަ، އެ ރަށްތައް ވިއްކާފައި، އެ ލިބުނު އެތިކޮޅުވެސް ހުރިނަމަ، އަޅުގަނޑުމެން ޚަރަދުކުރަން ހުރީސް. އެހެންވެގެން، އިތުރަށް ދަރަނި ނަގަން މިޖެހުނީ.

މިހާރު ދަރަނީގެ ޢަދަދަކީ 86.5، އެއްބިލިއަން ރުފިޔާގެ ދަރަނި މިހުރީ. އެއީ ގެރެންޓީއާ ނުލައި 66 ބިލިއަން ރުފިޔާ. ގެރެންޓީއާ އެކީގައިވީމާ އެހާކަންހާވަރު މިއަރަނީ. އެނގިވަޑައިގަންނަވާނެ، މިހާރު އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް މި އަންނަނީ. ކޯވިޑާ ގުޅިގެން ފުރަތަމަ ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް، 2020ގެ ފަހުކޮޅު އަންނާނެއޭ އަޅުގަނޑު ބުނީމާ، އަޒާން ވަރަށް ފާޑުވިދާޅުވި އެކަމާ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އެ ބަދަލު އަތުވެއްޖެ. އަޅުގަނޑުގެ އަންދާޒާ އިރާދަކުރެއްވިއްޔާ ރަނގަޅަށް އެދިމާވީ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރުވާނެކަމާއި، ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވެ، ރަނގަޅު ދިމާއަށް މިޞްރާބުޖަހާނެކަމަށް ބުނީމާ، ވަރަށް ފާޑުކިޔުންތައް އައި. ދެން އެހެންވެސް ވާނެ ބައެއްފަހަރަށް. އެހެންވިޔަސް އިރާދަކުރެއްވިއްޔާ، މިހާރު މިއޮތީ ރަނގަޅަށް މިސްރާބު ޖަހާފައި. މި އަހަރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، ބޮޑު ބަދަލުތަކެއް އިޤްތިޞާދަށް އަންނާނެ.

މި ލޯނުތައް ދެއްކުމަށްޓަކައި އެނގިވަޑައިގަންނަވާނެ، ރައީސް ޔާމީންގެއިރުގައި އެބައޮތް، ދުއިސައްތަ އެތައް މިލިޔަން ޑޮލަރެއް، ވަރަށް ބޮޑު އިންޓަރެސްޓެއްގައި ނަގާފައި. 9 ޕަސެންޓް. އެ ދައްކަންޖެހޭ، މި އަންނަ އަހަރު، 2022 ވަނަ އަހަރު. ވަރަށް ބޮޑު އުނދަގުލަކަށްވާނެ. އެނގިވަޑައިގަންނަވާނެ، އަޒާން ވަރަށްގިނައިން ދައްކަވާނެ، މިތާ އޮންނަ ސޮވަރިންގ ފަންޑެއްގެ ވާހަކަ. އެއަށް ލާރި ޖަމާކުރަމުންދާ ވާހަކަ. އެއީ އެ ދެއްކުމަށްޓަކައި ކޮންމެވެސްވަރެއްގެ ފައިސާއެއް ހޯދުމަށްޓަކައި ކުރަމުން އައި ކަމެއް. އޭގެ އިތުރަށް، އެބައޮތް ޖީ.އެމް.އާރަށް ދައްކަންވެގެން، އެމް.އެމް.އޭ.އިންވެސް ސަރުކާރުން ލާރި ނަގާފައި. 200 މިލިއަން ޑޮލަރު. މިކަހަލަ ދެކޮޅުނުޖެހޭ އެތައްކަމެއް ކުރައްވާފައި އެބަހުރި.

އެކަންތައް ޙައްލުކުރުމަށްޓަކައި، މި ދަންނަވާހެން އަޅުގަނޑުމެން ފުރަތަމަ އެ 200 މިލިއަން ޑޮލަރުގެ މުއްދަތު އިތުރުކުރުމަށްޓަކައި މާކެޓުން ސްކޫކެއް ވިއްކުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން. އެކަން ހަމަޖެހުނީމާ، އޭގެ ތެރޭގައި މި 200 މިލިއަން ޑޮލަރު، އިތުރު 5 އަހަރަށް ފަސްކުރެވިގެން ގެންދޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ އެކަންވާނެ. އެހެންވީމާ އެއީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ.

އޭގެ އިތުރުން، އިންޑިއާއިން އަޅުގަނޑުމެން ނަގާފައި ހުރި ލޯނުގެ ތެރެއިން، މި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އެ 150 މިލިއަން ޑޮލަރު، ގްރާންޓަކަށް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންވީމާ، އެ ޢަދަދުވެސް އެއީ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ޢަދަދެއް. އަޅުގަނޑުމެންނަށް ފައިސާ ބޮރޯކުރަން ލިބޭ އިތުރު ޖާގައަކަށް ވެގެންދާނެ.

އެހެންވީމާ، އަޅުގަނޑަށް ފެންނަ ގޮތުގައި، ކުރިއަށް އޮތް އަހަރު، 2022 ވަނަ އަހަރު ވެގެންދާނީ، އެއީ އިޤްތިޞާދީ ގޮތުން ރަނގަޅު އަހަރަކަށް. އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭތަން ފެނިގެންދާނެ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޢަބްދުﷲ ޖަމީލް - ހުރިހާ ނިއުސް:

އާދެ، އަޅުގަނޑުގެ ސުވާލަކީ، ރިޔާސީ ވައުދުތައް ފުއްދަން 5 އަހަރަކީ އެކަށީގެންވާ މުއްދަތެއްތޯއާއި، ވައުދު ފުއްދަން، އިތުރު ދައުރަކަށް މަނިކުފާނު ކުރިމަތިލައްވަން ގަސްތުކުރައްވަންތޯ؟ އަދި ކުރިމަތިނުލައްވާނަމަ، އެމް.ޑީ.ޕީ.ގެ ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރުމުގެ ފުރުޞަތު މަނިކުފާނު ދެއްވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ތަރައްޤީވަމުން އަންނަ ޤައުމެއްގައި، އަޅުގަނޑުމެން ކަހަލަ ގިނަ މަޝްރޫޢުތަކެއް ހިންގަން އޮންނަ ޤައުމެއްގައި، ލޯންގް ޓަރމް ޕްލޭނެއް ހިންގަން ރަނގަޅު ޤައުމީ ސިޔާސަތެއް ނެތިއްޖިއްޔާ، 5 އަހަރަކީ އެއީ އެހާ ރަނގަޅު މުއްދަތެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. މިހެން މިދެންނެވީ، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު، އެއް ސިޔާސަތުން އަނެއް ސިޔާސަތަށް ބަދަލުވާކަމަށްވަންޏާ، ސަރުކާރަށް، ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތައް އެބަ ލިބޭ.

މިސާލަކަށް ދަންނަވަފާނަން. ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް ޔާމީން ގަބޫލުފުޅުކުރެއްވީ، ލާމަރުކަޒީ ނިޒާމު އެއީ، ތިމަންނާ ގަބޫލުކުރާ އެއްޗެއް ނޫނޭ. ވަރަށް ސާފުކޮށް ވިދާޅުވެފައި އެބައޮތް. ތިމަންނާ ބޭނުންވަނީ، މާލެއަށް އެންމެން ޖަމާކުރާށޭ. މިތަނުގައޭ ހުރިހާ ޚިދުމަތެއް އޮންނަން ޖެހޭނީ. އެ ވިސްނުމުގައި، ވަރަށް ގިނަ މަސައްކަތްތަކެއް މިހުރީ މާލެއަށް ޖަމާކޮށްފައި. ބޯހިޔާވަހިކަންވިޔަސް، ތަރައްޤީގެ އެހެން މަޝްރޫޢުތައް ކަމަށްވިޔަސް، ޞިއްޙީ ނިޒާމު ކަމަށްވިޔަސް، ހަމަ އެއްތަނަކަށް ޖަމާކޮށް ނިންމާފައި. އޭގެ ސަބަބުން ރަށްރަށުން، އަތޮޅުތަކުން މީހުން މި ތަނަށް ޖަމާވާން މަޖުބޫރުވޭ. މާލޭގައި މި އޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީވެސް، މީގެ ސަބަބުން ކުރިމަތިވި މައްސަލައެއް. އެހެން އޮއްވައި، އެމް.ޑީ.ޕީ، އަޅުގަނޑުމެން ވެރިކަމަށް މިއައީ. އަޅުގަނޑުމެން މި ގަބޫލުކުރަނީ، ރާއްޖެ ތަރައްޤީކުރަންޖެހޭނީ، ލާމަރުކަޒީ ނިޒާމުންނޭ. މުޅިން އިދިކޮޅު ސިޔާސަތެއް. އެ ހުރިހާ ކަމެއް ބަހައްޓާފައި، އަޅުގަނޑުމެން މި ދިޔައީ ލާމަރުކަޒީ ނިޒާމަށް.

އެހެންވީމާ، ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ. މިއީ 2008 ގައި އަޅުގަނޑުމެން ފެށި ކަމެއް. އެގޮތަށް ކޮށްކޮށް އޮއްވައި، ރައީސް ޔާމީން އަނެއްކާވެސް ސެންޓްރަލައިޒް ކުރައްވަން ފެށްޓެވީ. އެހެންވީމާ، އެންމެން ގަބޫލުކުރާ ތަރައްޤީގެ މިކަހަލަ ސިޔާސަތެއް ނެތިއްޖިއްޔާ، ވަރަށްބޮޑެތި ގެއްލުންތައް ލިބޭނެ، 5 އަހަރުން، 5 އަހަރުން މި ބަދަލުކުރަން ވެއްޖިއްޔާ.

އެހެނެއް ނޫން، ސިޔާސީގޮތުން ބަލާއިރުގައި، އަޅުގަނޑު ގަބޫލުކުރަނީ، 5 އަހަރަކީ ދިގު މުއްދަތެއް ކަމަށް، ވެރިކަމުގައި ހުންނަން. އިންތިޚާބުވާ މީހުން، ވީހާވެސް އަވަސް އަވަހަށް، ރައްޔިތުންނާ ހިސާބަށް ދެވޭގޮތަށް އޮތުމަކީ އެއީ، ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.

އެހެންވީމާ، ރިޔާސީ ދައުރެއް، 5 އަހަރަށް އޮތުމަކީ، ކޮންމެހެން އޮންނަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. އެއަށްވުރެ ކުރުވެސް ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ތަރައްޤީގެ ސިޔާސަތުތަކެއް އެބަ ހުންނަންޖެހޭ. ސަރުކާރު ބަދަލުވިޔަސް، ބަދަލުނުކުރާނެ ކަންތައްތަކެއް. އެހެން އެކަން ނުކުރެވިއްޖިއްޔާ، ޤައުމަށް ވަރަށްބޮޑެތި ގެއްލުންތައް ކުރިމަތިވޭ. މިހާރުވެސް ކުރިމަތިވަމުން މިދަނީ އޭގެ ސަބަބުން.

ދެން އޮތީ، އަޅުގަނޑު ކުރިންވެސް ދެންނެވިން އެއްފަހަރެއްގައި. ވެރިކަމަށް އައިސްފައި، އަނެއް ދުވަހު، ކުރިއަށް އޮތް ދައުރުގައި ކުރިމަތިލާން ނިންމައިފީވިއްޔާ، ރައްޔިތުންނަކަށް ޚިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް، އަޅުގަނޑު މި ކުރާ ކަމަކީ، އަޅުގަނޑު ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދޭތޯ ބެލުން. އެހެނެއް ނޫން، އަޅުގަނޑު ދެން އޮތް އިންތިޚާބަކަށް ކުރިމަތިލާން ނިންމައިފީވިއްޔާ، އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢެއް ހިންގާނީ، އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮންގޮތަކަށްތޯ ބަލައިގެން. ކޮން ރަށެއްގައި، ކޮން މަޝްރޫޢެއް ހިންގައިގެންތޯ، މިރަށުގެ ތާއީދު އަޅުގަނޑަށް ލިބޭނީ. ކޮން ޢާއިލާއެއްގެ، ކާކަށް ވަޒީފާ ދީގެންތޯ، އަޅުގަނޑަށް އެ ޢާއިލާގެ ސަޕޯޓް ހޯދޭނީ. އެއީ އެކަން ވާނެގޮތަކީ. ވެރިކަމަށް ކުރިމަތިލާން ނިންމައިގެން، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ނިންމައިގެން، ވެރިކަން ކުރާ މީހަކު، ކަންކުރާނެގޮތް އެއީ.

އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ކުރަނީ އެހެނެއް ނޫން. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑުވީ ވަޢުދުތައް އިހަށް ފުއްދޭތޯ. އެނޫން ވިސްނުމެއް މިވަގުތަކު އަޅުގަނޑުގެ ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮނުވާނެ، އަޅުގަނޑުވީ ވަޢުދުތައް ނުފުއްދަދީ. ރައްޔިތުން ގަބޫލެއްނުކުރާނެ. އެހެންވީމާ، ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އެއީ. ވަރަށް ބޮޑަށް ޝުކުރިއްޔާ ޖަމީލް.

މާޝާ މިދުޙަތު - ރަސް އޮންލައިން:

ކޯވިޑާ ގުޅިގެން ހުސްވި އަހަރު ރާއްޖެއަށް ވަނީ ގިނަ އެހީތެރިކަމެއް ލިބިފައި. ނަމަވެސް، މި އަހަރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މުޅިން ހަމަޔަކަށް އެޅޭނެކަމަކަށް ނުބެލެވޭ. މިގޮތުން، ސަރުކާރަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި، މި އަހަރަށް ކިހާވަރެއް ބޭނުންވޭތޯ، އަދި މިފަދަ އެހީތެރިކަމެއް ދިނުމަށް، ބޭރުގެ އެއްވެސް އިދާރާއަކުން ނުވަތަ އެކުވެރި ޤައުމަކުންވެސް ޕްލެޖްކޮށް، ޔަޤީންކަން ދެއްވާފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އާދެ، އެނގިވަޑައިގަންނަވާނެ، ކޯވިޑާ ގުޅިގެން ތިޔަ ވިދާޅުވިފަދައިން، ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑެތި ގޮންޖެހުންތަކެއް، އަޅުގަނޑުމެންނަށް މިއޮތީ ކުރިމަތިވެފައި. އެހެންނަމަވެސް، ބަޖެޓް ހުށަހެޅިއިރަށްވުރެ، އަޅުގަނޑުމެން އޭރު އަންދާޒާކުރި ވަރަށްވުރެ، ރަނގަޅު ދުވެއްޔެއްގައި އިޤްތިޞާދަށް ބަދަލުތައް އެބަ އާދޭ.

އެހެންވީމާ، އޭރު އަންދާޒާކުރި ވަރަށްވުރެ، ބަޖެޓް ސަޕޯޓަށް އަޅުގަނޑުމެން ބޭނުންވާ ޢަދަދުތައް މިހާރު ކުޑަވާނެކަމަށް އަޅުގަނޑަށް އަންދާޒާ ކުރެވޭ. އަޅުގަނޑުމެން ބަޖެޓް ސަޕޯޓް ހޯދުމަށް، ބަޖެޓުގައި ގޮތްތަކެއް ހިމަނާފައި އޮންނާނެ. އެގޮތަށް، ބައެއް ހުންނާނެ ލޯނު، އަނެއްބައި ގްރާންޓް، އަނެއްބައި ބޮންޑުގެ ގޮތުގައި، އަދި ސްކޫކު އިޝޫކޮށްގެން ހޯދާ ފައިސާ ހުންނާނެ.

އެހެންވީމާ، އަޅުގަނޑު އަތުގައި ފުރިހަމަ ޢަދަދެއް މިވަގުތަކު ނެތް. އެކަމަކު ހޯދާލާނަން. އެއީ ބަޖެޓް ފޮތުގައި އެ ހުންނާނެ. ހުރީމާ، އަޅުގަނޑަށް ކުއްލިއަކަށް އެ ނުގެނެވުނީ. އެހެންވީމާ، އެއާއެކީގައި އަޅުގަނޑުމެން ކުރިއަށްދާނަން.

އެނގިވަޑައިގަންނަވާނެ، މިހާރު ދައްކަންހުރި ބައެއް ލޯނުތައް އޮންނާނެ، ބައެއް ޤައުމުތަކާ އެކީގައި އަޅުގަނޑުމެން ވާހަކަ ދައްކައިގެން، އެއަށް ޑެޕްޓް ސަސްޕެންޝަނެއް، ޑެޕްޓް ޑިފަރމެންޓަކަށް އެއްބަސްވެވިފައި. ފުރަތަމަ އޮތީ 6 މަސްދުވަހަށް. އެ 6 މަސްދުވަސް މިހާރު އިތުރުކޮށް، މި އަހަރުގެ ޖޫންމަހާ ހިސާބަށް އަނެއްކާވެސް އިތުރުކުރެވިފައި އެއޮތީ. އަޅުގަނޑު އުއްމީދު ކުރަނީ، އަނެއްކާވެސް އޭގެފަހުން އިތުރު މުއްދަތު އެއަށް ލިބިގެންދާނެ ކަމަށް. އެއީ ޖީ ޓުވެންޓީގެ ޤައުމުތަކުން ވެފައި އޮތް އެއްބަސްވުމެއް. އޭގައި އަޅުގަނޑުމެން ބައިވެރިވެގެން މިދަނީ.

އޭގެއިތުރުން، އަޅުގަނޑުމެން ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށްވެސް ޗައިނާއިން މިހާތަނަށް ވަނީ ލުއިތަކެއް ދީފައި. އެހެންވީމާ، ދަރަނި އަދާކުރުމުގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ އިރާދަކުރެއްވިއްޔާ، ހަމަ ރަނގަޅަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށް. އަޅުގަނޑު މި ދެންނެވިހެން، ބަޖެޓަށް ބޭނުންވާ ބައި އަލުން ހޯދަން ނިންމާފައި އަޅުގަނޑުމެން އޮންނާނީ އެގޮތަށް.

މަރްޔަމް ލަހުފާ - ޗެނަލް 13:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ވަރަށް ދުވަސްކޮށްލާފައި މަނިކުފާނާ ބައްދަލުވީމާ، ހަމަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ވަރަށް ބައިވަރު ދާއިރާތަކާ ގުޅޭ ސުވާލުތައް އެބަހުރި. އެހެންނަމަވެސް، ހަމަ މި ފުރުޞަތުގައި އެންމެ މުހިންމު ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ ސުވާލު ދަންނަވާލާނަން.

މަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅުގައި، އެމް.ޑީ.އެން ކިޔާ ޖަމުޢިއްޔާއަކުން އިސްލާމްދީނަށް ފުރައްސާރަކޮށް، ލާދީނީ ރިޕޯޓެއް ވަނީ ޝާއިޢުކޮށްފައި. އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމް.ޑީ.އެން އުވާލުމަށް ރައްޔިތުން ގޮވާލައި، އަދި ދީނީ ޢިލްމުވެރިންގެ ތެރެއިންވެސް ހަމަ ވަރަށްގިނަ ބަޔަކު ގޮވާލުމާ ގުޅިގެން، ސަރުކާރުން ވަނީ އެމް.ޑީ.އެން އުވާލިކަމަށް ބުނެފައި. އެހެންނަމަވެސް، މިހާތަނަށްވެސް އެ ޖަމުޢިއްޔާ އެކްޓިވްކަމާއެކު ޙަރަކާތްތެރިވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދޭ. އެ ޖަމުޢިއްޔާއިން ނެރުނު ރިޕޯޓާ ގުޅޭގޮތުން ޢާއްމުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަކެއް ހުރިއިރު، މިހާތަނަށް މަނިކުފާނު އެ ރިޕޯޓާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވޭ. އެ ޖަމުޢިއްޔާގެ އިސްވެރިން ތިއްބެވީވެސް މަނިކުފާނު ޢައްޔަނު ކުރައްވާފައިވާ މުހިންމު މަގާމުތަކުގައި. މިހާތަނަށް އެއްވެސް މީހަކާ މެދުގައި ފިޔަވަޅުނޭޅޭކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިންވެސް ވަނީ ހާމަކޮށްފައި. އެމް.ޑީ.އެން.ގެ ރިޕޯޓާމެދު މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟ އަދި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ އެ ރިޕޯޓު ލިޔުނު މީހުންނާމެދު މިހާތަނަށް ފިޔަވަޅު ނޭޅުނީ ކީއްވެގެންތޯ؟ އަދި އަޅުގަނޑު އަހާލަން ބޭނުން، އެމް.ޑީ.އެން.އާ މެދުގައި ފިޔަވަޅު އެޅުމަށް، ސަރުކާރަށް އެއްވެސްކަހަލަ ހުރަހެއް އޮތްތޯ ނުވަތަ އެއްވެސްކަހަލަ ނުފޫޒެއް އޮތީތޯ، އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދުގައި މިއަދާ ހަމަޔަށްވެސް ފިޔަވަޅުނޭޅިއޮތީ. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އެމް.ޑީ.އެން ނެރުނު ރިޕޯޓާ ބެހޭގޮތުން، އެމް.ޑީ.އެން.އާ ދޭތެރޭގައި ފިޔަވަޅުއަޅާނެ ވާހަކަ އަޅުގަނޑު ސީދާ ބުނެފައި، އެގޮތަށް އަޅުގަނޑުވާނީ ޢަމަލުކޮށްފައި. އެމް.ޑީ.އެން، އެ ޖަމުޢިއްޔާ ފުރަތަމަ ސަސްޕެންޑްކޮށްފައި، އެއަށްފަހު އުވާލެވިފައިވާނީ. އެއަށްފަހު، އެމް.ޑީ.އެން.ގެ މުއައްސިސުންނާ ދޭތެރޭގައި ތަޙުޤީޤު ހިންގުމަށްޓަކައި ޕޮލިހުން އެ ތަޙުޤީޤު ކުރިއަށްގެންދޭ. މިވަގުތު އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި، އެމް.ޑީ.އެން.ގެ އިސްފަރާތްތައް ރާއްޖެއަކު ނެތް. ތަޙުޤީޤު ކުރިއަށް ނުގެންދެވިފައި އޮތީ އޭގެ ސަބަބުން. އެމީހުން ރާއްޖެއަށް އައިހާ އަވަހަކަށް، އެ ތަޙުޤީޤު ކުރިއަށްދާނެ.

އެމް.ޑީ.އެން.އާ އިދިކޮޅަށްވެސް އަދި އިސްލާމްދީނަށް ފުރައްސާރަކުރާ، ނޫނީވިއްޔާ އެހެން ބަޔަކު ފުރައްސާރަކުރި ނަމަވެސް، އަދި ހަރުކަށި ފިކުރުގެ މީހުންނާ ދޭތެރޭގައިވެސް، މި ސަރުކާރުން ވަކިގޮތަކަށް ކަންތައް ކުރުމަށް، އެއްވެސް ފަރާތަކަށް މަޖުބޫރެއް ނުކުރެވޭނެ. ސަރުކާރުން ޢަމަލުކުރަމުން ގެންދާނީ، އިސްލާމީ ޝަރީޢަތުގައި ކަންކުރަން އޮންނަގޮތް އަޞްލަކަށް ބަލައިގެން، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެން ގެންދާނަން. އެހެންވީމާ، އެމް.ޑީ.އެން.އާ ދޭތެރޭގައިވެސް އަޅަންޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅައި، މިހާތަނަށް ކުރަންޖެހޭ ކަންތައް ކުރެވިފައި ހުންނާނީ.

ނަޒާހަތު ރަޝީދު - ވަގުތު:


އަޅުގަނޑުގެ ސުވާލުއޮތީ ފްލެޓާ ބެހޭގޮތުން އިނގޭތޯ. ފްލެޓާ ގުޅޭގޮތުން އެބަހުރި، ފާހަގަކުރެވޭ ވަރަށްގިނަ ކަންކަން. ޚުދު ރައީސްވެސް ފާހަގަކުރައްވާފައިވޭ، ފްލެޓް ލިސްޓުގައި މައްސަލަ އެބަހުރި ކަމަށް. އަދި އެކަން ޙައްލުކޮށްދެއްވާނެ ކަމަށް. ދެން މިހެން ރައީސް ވިދާޅުވެފައި ވަނިކޮށް، މިނިސްޓަރ އަސްލަމް ފާހަގަކުރެއްވި، ރައީސް އެހެން ވިދާޅުވީ، އެބަހުގެ ތަރުޖަމާއަކީ، ފްލެޓް ލިބުނު މީހެއްގެ ނަން އުނިކޮށް ނުވަތަ ލިސްޓަށް އިތުރުކުރުމުގެ ވާހަކަ ކަމަށް.

ދެން ހަމަ އެއާއެކުގައި ފާހަގަކޮށްލަންޖެހޭ، މިހާރު މަޖިލީހުންވެސް މި ފްލެޓް ކޮމިޓީން އެކުލަވައިލި ލިސްޓުގެ މައްސަލަ ބަލަމުންދަނީ. އެއީ 115 މީހަކު މަޖިލީހަށް ޝަކުވާ ހުށަހަޅުއްވާފައިވާ ކަމަށް، މަޖިލީހުގެ ރައީސްވެސް ފާހަގަކުރައްވާފައި އެބަވޭ. ރައީސް އެކުލަވައިލެއްވި ފްލެޓް ކޮމިޓީއަކުން، ކުރީ ސަރުކާރުން ދިން ފްލެޓް ރަނގަޅު ނޫންކަމަށް ފެންނާތީވެ މުރާޖަޢާ ކުރެއްވީ. އެ ލިސްޓް އަނެއްކާވެސް މަޖިލީހުން މުރާޖަޢާ ކުރާ މަންޒަރު މި ފެނިގެންދަނީ.

އެހެންވީމާ، ލިސްޓަށް އުނި އިތުރު ނުގެންނާނެ ކަމަށް އެބަ ވިދާޅުވޭ. އޭގައިވެސް މަނިކުފާނު ވިދާޅުވެފައިވޭ. ފްލެޓް ލިސްޓުގައި ހުރި މައްސަލަތައް ޙައްލުކޮށްދެއްވާނެ ކަމަށް. ކޮންގޮތަކަށްތޯ އެކަން ޙައްލުކޮށްދެއްވާނީ، މަނިކުފާނު ޢައްޔަނު ކުރައްވާފައިވާ، އެ ފްލެޓް ކޮމިޓީއިން އެކުލަވައިލި ލިސްޓް، މަޖިލީހުން އަލުން މުރާޖަޢާކުރަން މިޖެހެނީ ފެއިލްވެގެންތޯ. އެ އިތުބާރު އެބައޮތްތޯ މަނިކުފާނަށް ފްލެޓް ކޮމިޓީއަށް. ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

އަޅުގަނޑުމެން އައިއިރުގައި، ހިޔާ ފްލެޓްގެ މަޝްރޫޢާ ބެހޭގޮތުން އޮތީ ފޯމު ދޫކޮށްފައި. އަދި އެންމެފަހު ދުވަހާ ޖެހެންދެންވެސް، އަޅުގަނޑުމެން ވެރިކަމަށް އަންނަންވެގެން، ނޮވެންބަރު 17 ވަނަ ދުވަހު ހުވާކުރުމުގެ މަސައްކަތް، އެ ރަސްމިއްޔާތު ހިނގަމުންދިޔައިރުގައިވެސް، ފްލެޓާ ބެހޭގޮތުން ފޯމު ދޫކުރަމުންދިޔަކަމަށް މަޢުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުމެން އައިސް، އެކަމަށް ޙައްލު ހޯދުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހުނު. އެނގިވަޑައިގަންނަވާނެ، އެ ފޯމުތައް ހޯދުމަށްޓަކައި އެ މިނިސްޓްރީގެ ތެރޭގައި، އޭރުގެ ހައުސިންގ މިނިސްޓަރު ކުރެއްވި މަސައްކަތް އަޅުގަނޑަށް އެނގޭ. ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި. އެކިއެކި ފޮށިގަނޑުގަނޑުގަޔާއި، ވަތްގަނޑުގަނޑުގަޔާއި، ތަޅުންމަތީގަޔާ، އެހެންގޮސް އެކި ހިސާބުގައި ހުރި ފޯމުތައް ނަގައިގެން، ގޮތެއް ހޯދަން މިޖެހުނީ. އަޅުގަނޑު އެކުލަވައިލިން، އެކަން ބެލުމަށްޓަކައި ހަމަ ވަރަށް ރަނގަޅު ކޮމިޓީއެއް. އެހެންނަމަވެސް، ބައެއް ބޭފުޅުން ވަކިހިސާބަކުން، އަޅުގަނޑު ދަންނަވާނީ ބުރަވެގެން، ނޫނީވިއްޔާ މަސްއޫލިއްޔަތު ބޮޑުވެގެން ވަކިވެވަޑައިގެން ވަޑައިގެންނެވީއޭ. ބައެއް ބޭފުޅުން ވިދާޅުވީ، ޞިއްޙީ ޙާލަތު ހުރިގޮތުންނޭ. އަނެއްގޮތަކުން ދިޔައީ.

އެހެންނަމަވެސް، ފްލެޓް ކޮމިޓީއޭ، އަޅުގަނޑުމެން މި ކިޔާ ކޮމިޓީން އެ ކުރެއްވީ ވަރަށްބުރަ، ވަރަށް އިޚްލާޞްތެރި، ތެދުވެރި މަސައްކަތެއް. އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް، އެ ކޮމިޓީން ކުރެއްވި މަސައްކަތާ ދޭތެރޭގައި. ފްލެޓް ކޮމިޓީން ކުރި މަސައްކަތަކީ، ވަކި މީހަކަށް ފްލެޓްދޭކަށް، ވަކި މީހަކަށް ފްލެޓް ނުދޭން ނިންމި ނިންމުމެއް ނޫން. އޭރު ކަނޑައަޅާފައި އޮތް އުޞޫލުތަކާ އެއްގޮތަށް، ފޯމުތަކުގައި ކަންތައްތައް ހުރިތޯ ބެލީ. ބަލާފައި، ކަނޑައަޅާފައި އޮތް އުޞޫލުގެ ތެރެއިން ކަންތައްތައް އެއޮތީ ލިސްޓެއް ހަދާފައި. ފްލެޓްތައް ދިނުމުގެ މަސައްކަތް ކުރަމުން އެގެންދަނީ ހައުސިންގ މިނިސްޓްރީ އިން. އެންމެފަހުން ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓްރީ އިން އެކަން ކުރައްވަމުން އެ ގެންދަވަނީ. އެއިން އެ ބަލަނީ، ފްލެޓް ކޮމިޓީން އެ ނިންމާފައި ހުރި ގޮތްތަކުގެ ތެރޭގައި އަދި ފްލެޓް ކޮމިޓީން އެ މަސައްކަތް ކުރަމުންދިޔައިރު، އެންމެފަހު މަރުޙަލާގައި ޝަކުވާހުރިތޯ ބަލަން ފުރުޞަތުވެސް ހުށަހެޅި. ޝަކުވާތައް އައި. އައިސްގެން އަލުން ބަލާފައި، މިހާރު އެ ލިސްޓް އެއޮތީ ނެރެފައި. މިހާރު ހައުސިންގ މިނިސްޓްރީއިން އެގެންދަނީ، އެންމެފަހުގެ މަރުޙަލާ ނިންމަމުން. ފްލެޓް ލިބޭނެ ފަރާތްތައް، ހައުސިންގ މިނިސްޓްރީ އިން ކަނޑައަޅާނީ. އެ ލިޔުން ދޭނެ. އެނގިވަޑައިގަންނަވާނެ، އޭރު ދޫކުރި ފޯމުގައިވެސް އެބަހުރި ލިޔެފައި، މި ފޯމު ދިނަސް، އެ ލިޔުން ދިންކަމުގައިވިޔަސް، ފްލެޓް ޙަވާލުކުރުމުގެ ކުރިން، މިހިރަ މިހިރަ ކަންތައްތަކަށް ބަލަންޖެހޭނެއޭ. އޭގެ އެއްބައި އެ ބެލީ، ފްލެޓް ކޮމިޓީން. ދެން މިހާރު ފައިނަލް ލިސްޓް ހަދަމުން އެގެންދަނީ. އަދި އެއަށްފަހުގައި، ފްލެޓް ލިބޭ ފަރާތްތަކާ ޙަވާލުކުރަމުންދާނީ. ހުރެދާނެ، ހަމަ ދެމަފިރިޔަކަށް ލިބިފައި. ހުރެއްޖެ ކަމަށްވަންޏާ، އެތަނުން އެކެއްގެ ފްލެޓް އުނިކުރެވިގެންދާނެ.

އެހެންވީމާ، ބަދަލުތައް ގެންނަންޖެހޭ ކަމަކަށް ބަދަލުގެންނާނެ. އަޅުގަނޑު ހިތުން ހައުސިންގ މިނިސްޓަރުވެސް ވިދާޅެއްނުވާނެ، އެ ބަދަލުތައް ނުގެންނާނަމެކޭ. އެހެންވީމާ، އެހެން ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން. މިހާރުވެސް އަޅުގަނޑަށް އެބަ ފެނޭ، ކޮންމެވެސްވަރަކަށް އެހެން ރިޕީޓްވެފައި، ބައެއް އެއްޗެހި ހުރެދާނެ ނޫންތޯ އެހެން. ދެމަފިރިޔަކަށް ހަމަ ދެ އެޑްރެހެއްގައި، އެހެން އުޅޭއިރުގައި ދެވިފައި، ނޫނީވިއްޔާ ލިބިފައި ހުރި މަޢުލޫމާތުތަކުގެ އަލީގައި އެހެން ދެވިފައި. އެހެން ހުރެއްޖެ ކަމަށްވަންޏާ، އެ އެއްޗިއްސަށް ގެންނަންޖެހޭ ބަދަލު އަޅުގަނޑުމެން ގެންނާނެ، އެންމެފަހުން ފްލެޓް ޙަވާލުކުރުމުގެ ކުރިން.

މަރްޔަމް ވަޙީދާ - ދެން އެމް.ވީ:

އަޅުގަނޑުގެ ސުވާލަކީ، ޖިންސީ ފުރައްސާރައިގެ ޢަމަލުތަކަށް ރައީސް ދެއްވާނީ، ޒީރޯ ޓޮލަރެންސް ކަމަށް މީގެކުރިން ވިދާޅުވެފައިވޭ. ދެން ހޯމް މިނިސްޓަރު ޢިމްރާން، ޕޮލިސް ސަރވިސްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމަށް، އެ މުވައްޒަފު އެކި މީޑިއާތަކަށް އިންޓަރވިޔުވެސް ދީފައިވޭ. އަދި މިނިސްޓަރ ޢިމްރާނާ މަގުމަތިން ދިމާވެސްކޮށްފައިވޭ. ދެން އެހިސާބުން އޭނާވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ. މި މައްސަލަ އެއްވެސްވަރަކަށް ރައީސްގެ ސަމާލުކަމަށް އައިސްފައިވޭތޯއޭ؟ މި މައްސަލަ ބައްލަވަމުން ގެންދޭތޯއޭ އެއްވެސްވަރަކަށް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ތިޔަ މައްސަލައެއް އަޅުގަނޑާ ހިސާބަށް އެއްވެސް ފަރާތަކުން އަދި އައިސްފައެއް ނެތް އިނގޭތޯ. އަޅުގަނޑު ބަލާނަން، ތިޔަކަހަލަ ކަމެއް ހިނގާފައި އޮތްތޯ.

މުޙައްމަދު މަބްރޫކް ޢަޒީޒް - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން:

ޝުކުރިއްޔާ ރައީސް.

މިހާރު ފުރަތަމަ ބުރުގެ ސުވާލުތައް އެ ނިމުނީ. ދެން ގަޑިއިރަކާއި ވިހި މިނިޓް، ގާތްގަނޑަކަށް ތިރީސް މިނިޓާ ހަމަޔަށްދާނެ ކަމަށް މި ފެންނަނީ.
އެހެންވީމާ، މިހާރު ދެން ކަނޑައެޅިފައި އޮތް ގަޑި އެ ނިމުނީ. ނިންމާލުމުގެ ގޮތުން ރައީސް އެއްޗެއް ވިދާޅުވާނެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:

ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ރިޕޯޓަރުންނަށް، ހުރިހާ ނޫސްވެރިންނަށް. އަޅުގަނޑު ހިތުން މިއީ ހަމަ ވަރަށް ރަނގަޅު މަސައްކަތެއް މިއަދުވެސް ކުރެވިގެން މިދިޔައީ. އަޅުގަނޑު ގަބޫލުކުރަން، ތިޔަބޭފުޅުންނަށް ބޭނުންވާވަރަށް މިއަދު ވަގުތު ނުދެވުނުކަން. އިރާދަކުރެއްވިއްޔާ، މިއަށްވުރެ ރަނގަޅު މާޙައުލެއްގައި ތިޔަބޭފުޅުންނާ އެއްތަނެއްގައި، ތަންކޮޅެއް އަވަހަށް ބައްދަލުވާނެކަމުގެ އުއްމީދު، އަޅުގަނޑުގެ އެބައޮތް.

ޢާއްމު ދިރިއުޅުމަކަށް ރާއްޖޭގެ އެންމެން ބަދަލުވެ، އަޅުގަނޑުމެން އެއްތަނެއްގައި ތިބެގެން މިހެން ވާހަކަދައްކާލައި، ސުވާލުކޮށްލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބޭނީ، މިހާރު މި އޮތް ކޯވިޑުގެ ޙާލަތުން އަރައިގަނެވިގެން.

އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށް، މަސައްކަތަކަށް މިވަގުތު ހަދަމާ ހިންގަވާށޭ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި، ދެބަސްވުންތަކާ އެކީގައި ނަމަވެސް، މިކަމުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން.

މިވަގުތު ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ވެކްސިން ޖެހުން. ހުރިހާ ބޭފުޅުންވެސް، އަޅުގަނޑުމެންގެ ހެލްތް ސެކްޓަރގެ، އެ މާހިރުގެ ލަފަޔާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ވެކްސިން ޖައްސަވައި، ދެވަނަ ޑޯޒް ފުރިހަމަކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވާ! އޭގެފަހުން އަޅުގަނޑުމެންނަށް ލުއިތަކެއް ލިބިގެންދާނެ. އޭރުން އަޅުގަނޑުމެންނަށް އަދި މިއަށްވުރެ ގިނައިރު، މިގޮތަށް ތިބެގެން ވާހަކަދައްކައި، ބޭނުންވާ މަޢުލޫމާތުތައް، އެއްފަރާތުން އަނެއް ފަރާތަށް ޙިއްޞާ ކުރެވިގެންދާނެ.

އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!