بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى أشرف المرسلين، سيدنا محـمَدٍ، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިރޭ އަޅުގަނޑުމެން މި އިޙްތިފާލު ކުރަނީ، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 38 އަހަރު ފުރޭ މުނާސަބަތު. އާދެ! ދެންމެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީގެ ވާހަކަފުޅުގައި، ރާއްޖޭގައި ޖުމްހޫރިއްޔާއެއް އުފެދިގެންދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައިފި. އެގޮތުން މިރޭ އަޅުގަނޑުމެން ޖަލްސާކުރި ކަމުގައިވިޔަސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 38 އަހަރު ފުރުނީ، މިވޭތުވެދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު. މިއުފާވެރި މުނާސަބަތުގައި، ތިޔަ ޢިއްޒަތްތެރި ހުރިހާ ބޭފުޅުންނަށް، އާދެ! މިޖަލްސާއަށް ވަޑައިގެން ތިޔަ ތިއްބެވި ލޮބުވެތި އުޚުތުންނާއި އަޚުންނަށް، ހަމައެހެންމެ، މިޖަލްސާގެ އަޑުއައްސަވާ އަދި ޖަލްސާގެ ކަންތައްތައް ބައްލަވަމުން ގެންދަވާ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އަދި އޭގެއިތުރުން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މިމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

އާދެ! ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޖަލްސާއަކީ، ސަރުކާރުން ކޮންމެ އަހަރަކުވެސް ދެމުންގެންދާ އިނާމުތައް ދެވޭ ޖަލްސާއެއް. އާދެ! ޢާންމު ޚިދުމަތުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމު، އެ އަހަރަކު ޙައްޤުވާ ކަމަށް، ސަރުކާރުން ފެންނަ ބޭފުޅުންނަށް، އެ އިނާމު އަރުވަމުން ގެންދަނީ މިޖަލްސާގައި. އެހެންކަމުން، މިރޭގެ މިޖަލްސާގައި، އެ އިނާމުތައް ޙާޞިލު ކުރައްވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި އޭގެއިތުރުން، ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވައިގެން އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށާއި، ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުމުގެ އިނާމު ޙާޞިލު ކުރައްވާ ބޭފުޅުންނަށްވެސް މިރޭ އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! މިރޭ އަޅުގަނޑު ގަސްދުކުރަނީ، ޖުމްހޫރީ ވެރިކަމާ ގުޅޭ އަދި ރާއްޖޭގެ ސިޔާސީ މާޙައުލާ ގުޅޭ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ބައެއް ކަންތައްތަކުގެ މައްޗަށް، އެއްޗެއް ދަންނަވާލުމަށް.

ޖުމްހޫރީ ދުވަހަކީ، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ވަރަށް މުހިންމު ބަދަލެއް އައި ދުވަހެއް. ޝާހީ ވެރިކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުން. ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުންގެ ވެރިކަމެއް. އެއީ، ޖުމްހޫރިއްޔާއެއްގައި ވެރިކަން ހިންގާނީ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ކަމުގައިވާތީ. އެހެންވީމާ، ޖުމްހޫރީ ވެރިކަމެއްގެ ހުރިހާ ލާބައަކާއި މަންފާއެއް އަދި ހުރިހާ ކުރިއެރުމެއްގެ ޙައްޤުވެރި ފަރާތަކީ، ރައްޔިތުން. އާދެ! ދެންމެ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ރާއްޖޭގައި ޖުމްހޫރީ ވެރިކަން ހިނގަމުންމިދާ ދުވަސްވަރު، މިވޭތުވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ވަނީ ތަފާތު ކުރިއެރުންތަކާއި ތަރައްޤީތައް ޙާޞިލު ކުރެވިފައި. މާތް اللّـهގެ ވާގިފުޅާއެކު، މިކުރިއެރުންތައް އަޅުގަނޑުމެންނަށް ޙާޞިލު ކުރެވިފައި މިވަނީ، ރާއްޖޭގައި އޭރުއްސުރެ މިހާތަނާ ޖެހެންދެންވެސް ޤާއިމުވެފައިމިވާ ސިޔާސީ ހަމަޖެހުމުގެ ސަބަބުން. މިކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހިތުން ފިލައިގެނެއް ގޮސްގެނެއް ނުވާނެ. މިރޭ އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ މިއީ. ސިޔާސީ ހަމަޖެހުމާއި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ވާހަކަ.

އާދެ! ރާއްޖެ މިއަދު ދެކެމުން މިދަނީ، ވަރަށް މުހިންމު ސިޔާސީ އިޞްލާޙީ ހެޔޮބަދަލުތަކެއް. ރާއްޖޭގައި ޒަމާނީ މިނިވަން ޑިމޮކްރަސީއެއް ޤާއިމުކުރުމަށްޓަކައި، ސަރުކާރުން މިގެންދަނީ އެކަމާބެހޭ ޕްރޮގްރާމެއް ރާވައި ހިންގަމުން. މިޕްރޮގްރާމްގައި ހިމެނޭ ކަންތައްތަކުގެ މަގުޗާޓެއް، މި އަހަރުގެ ކުރީކޮޅުވާނީ އިޢުލާނުކޮށްފައި. އެކަންތައްތައް ނިންމުމަށް، އެޗާޓުގައި ކަނޑައެޅިފައިވާ ތާރީޚުތަކަށް، މާތް اللّـه ގެ ވާގިފުޅާއެކު، އެކަންތައްތައް އެދަނީ ނިމެމުން. ޤައުމަށް އަޅުގަނޑުމެން ގެންނަމުން މިގެންދާ އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި، ސިޔާސީގޮތުން ޙަރަކާތްތެރިވުމުގެ ދާއިރާއަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއަށާއި، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއަށާއި، އަދި މިނޫން އެތައް ދާއިރާތަކަކަށް މި އަންނަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން. މިދާއިރާތަކަށް މިއަންނަނީ މުހިންމު ބަދަލުތަކެއް އަންނަމުން. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި، މިޕްރޮގްރާމްގެ ދަށުން މިދެންނެވި ދާއިރާތަކަށާއި، އަދި އެއާ ގުޅުންހުރި އެހެން ކަންތައްތަކަށް، އިރާދަކުރެއްވިއްޔާ އިޞްލާޙީ ހެޔޮބަދަލުތަކެއް އަންނަމުންދާނެ.

ކޮންމެ ތަނެއްގައިވެސް އެތަނެއްގެ ސިޔާސީ މަސްރަޙަށް ބޮޑެތި އިޞްލާޙުތަކެއް ނުވަތަ މުހިންމު ބަދަލުތަކެއް އަންނަމުންދާއިރު، ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުމާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް. އެއީ، ހަމަ ހުރިހާ ޤައުމެއްގައިވެސް ތަޖުރިބާކުރަމުންދާ ކަމެއް. މިގޮތުން، އަޅުގަނޑުމެންގެ ތެރޭގައިވެސް ހިތްހަމަނުޖެހުމުގެ މަންޒަރުތަކެއް ފެންނަމުން އެބަދޭ. އެހެން ނަމަވެސް، އެއްވެސް ކަމަކާ ގުޅިގެން، އުފެދޭ ހިތްހަމަނުޖެހުމެއްގެ ސަބަބުން ނުވަތަ ޚިޔާލުތަފާތުވުމެއްގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި މިއޮތް ޤައުމީ އެއްބައިވަންތަކަމަށް އެއްވެސް ބުރުލެއް އަރައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތު ރޫޅިގެންގޮސްގެނެއް ނުވާނެ. އަދި ސިޔާސީ ފިތުނަވެރިކަމެއް، ނުވަތަ ބައިބައިވުމެއް އުފެދިގެނެއް ނުވާނެ. ތަޅާފޮޅުމެއް، ލޭއޮހޮރުވުމެއް ހިނގައިގެނެއް ނުވާނެ.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގައި ފަހަކަށްއައިސް، އަޅުގަނޑުމެން ނޭދޭ ބައެއް ކަންތައްތައް ވަމުންދާތަން އެބަފެނޭ. އެހެން ނަމަވެސް، އެއީ އެކަންތައްތައް އެގޮތަށް ހިނގައިގެންވާނެ ކަންތައްތަކެއް ނޫން. މީހުންގެ މެދުގައި ޚިޔާލު ތަފާތުވިޔަސް، ދެބަސްވުން އުފެދުނަސް، އެ ޚިޔާލު ތަފާތުވުމަކީ، އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭ، ރައްޔިތުންގެ މެދުގައި ފިތުނައަކަށްވެގެންދާނެ ނުވަތަ ރައްޔިތުން ބައިބައިވެގެންދާނެ ކަމަކަށް ވެގެނެއް ނުވާނެ. މިކަންތައްތައް މިހެން ވަމުންދާ ތަންތާނގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް އަޅުގަނޑުމެން މިދަނީ ދެކެމުން. އެފަދަ ހާދިސާތަކެއް، ރާއްޖޭގައި ހިނގުމަކީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް އެދޭނެ ކަމެއް ނޫން.

އާދެ! ރާއްޖޭގައި ފަހަކަށްއައިސް، ވަރަށް ނޭދެވޭ ގޮތެއްގައި ބައެއްކަހަލަ ކަންތައްތައް ހިނގާފައި އެބަހުރި. އަލިފާނުގެ ބައެއްކަހަލަ ހާދިސާތައްވެސް ހިނގާފައި އެބަހުރި. އޭގެ އަޑީގައި ސިޔާސީ ކަންތައްތަކެއްވުމަކީ، އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މިފަދަ ދަނޑިވަޅެއްގައި ވިސްނަންވީ، އެކަހަލަ އެއްވެސް ކަމަކަށް ތަން ނުދިނުމަށް. އަޅުގަނޑުމެން މުހިންމު ސިޔާސީ އިޞްލާޙީ ބަދަލުތަކާ ކުރިމަތިލި ކަމުގައިވިޔަސް، އެ ބަދަލުތައް އަންނަންޖެހޭނީ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އޮމާންކަމާ އެކުގައިކަން. ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި މިއޮތީ، އަޅުގަނޑުމެންގެ މެދުގައި މިއޮންނަ އެކުވެރިކަމާއި އެއްބާރުލުމުގެ މައްޗަށް. މިހާރު މިއޮތް އެކުވެރިކަމާއި އެއްބާރުލުމަށް އެއްވެސް ސިފައެއްގައި ބަދަލެއް އައުމަކީ، ޤައުމުގެ މަޞްލަޙަތު ތަންދޭ ކަމެއް ނޫން.

އާދެ! އަޅުގަނޑުމެން އަބަދުވެސް ސާބިތުކަމާއެކު ހިފަހައްޓަންވާނީ، މާތްވެގެންވާ އިސްލާމްދީނުގައިވާ މަތިވެރި އުޞޫލުތަކުގައި. ރާއްޖޭގައި ޤާއިމުވެފައިމިވާ އެއްބައިވަންތަކަމާއި ހަމަޖެހުމުގެ އަޞްލަކީ، ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީން. އެދީނުގައިވާ އުޚުއްވަތްތެރިކަމުގެ، އެއްބަނޑުއެއްބަފާކަމުގެ މާތް އުޞޫލު. މާތް اللّـه ވަޙީކުރައްވަނީ، "إنماالمؤمنين إخوة" "މުއުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ." ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ، "المسلم اخواالمسلم" "އެއް މުސްލިމަކީ، އަނެއް މުސްލިމުގެ އަޚާއެވެ." މިއީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ.

އެހެންވީމާ، މިމަތިވެރި އުޚުއްވަތްތެރިކަމުގެ އަސާސުގައި ރާއްޖޭގައި އުފެދިފައި މިވާ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، އެއަށް ދުވަހަކުވެސް ބަދަލެއްއައިސްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ، އެއްބަޔެއްގެ ގޮތުގައި، އެއްއަމާޒަކަށް ވާސިލުވުމަށް. މިއުޞޫލުން ކަންތައްތައް ނުގެންދެވޭތީ، ބައެއް ޤައުމުތަކުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާތަން އަޅުގަނޑުމެންނަށް ފެނޭ. އޭގެތެރޭގައި، އިސްލާމީ ބައެއް ޤައުމުތައްވެސް ހިތާމައާއެކު ފާހަގަކޮށްލަން އެބަޖެހޭ. ބައެއް އިސްލާމީ ޤައުމުތަކުގައި ހިނގާ މިދެންނެވިފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ޤައުމު ބައިބައިވެ، ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދި، ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދޭ. މިއީ، އަޅުގަނޑު ހިތުން އެއްވެސްހާލެއްގައި، ދިވެހިރާއްޖޭގައި އެއްވެސް ބަޔަކު ދެކެން ބޭނުންވާނެ މަންޒަރެއް ނޫން. މިކަން މިހެން އޮތުމާއެކު، ރާއްޖޭގެ މިއަދުގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށްޓަކައި، ރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ސަފުތައް އިތުރަށް ވަރުގަދަކުރެއްވުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މިރޭ އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން.

އަޅުގަނޑު މިރޭ ދެވަނައަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖެ، މިއަދު ބޭރުދުނިޔެއަށް ކިތަންމެ ބޮޑަށް ހުޅުވައިލެވިފައިވިޔަސް، ހުޅުވައިލެވިފައިވާ މިދޮރޯށިން އަޅުގަނޑުމެންގެ ތެރެއަށް ވަދެވެންވާނީ، އަޅުގަނޑުމެންގެ ޢަޤީދާ ހުއްދަކުރާ، އަޅުގަނޑުމެންގެ ވެށްޓާގުޅޭ އަދި އަޅުގަނޑުމެންގެ ޘަޤާފަތާ ރައްޓެހި ކަންތައްތަކަކަށޭ. އާދެ! މިދެންނެވި ކަންތައްތަކާ ބީރައްޓެހި ބޭރުގެ އެއްވެސް ނުފޫޒަކަށް، މިދޮރޯށިން ވަނުމަކަށް އަޅުގަނޑުމެން ފުރްޞަތުދީގެނެއް ނުވާނެ. ބޭރުގެ ނޭދެވޭ ނުފޫޒުތަކުގެ ޝިކާރައަކަށް، ދިވެހި ޤައުމު ވެގެނެއް ނުވާނެ. ރާއްޖެއަކީ، ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، މިކަމާ ޙަސަދަވެރިވާ ބޭރު މީހުން އުޅޭނެކަން އަޅުގަނޑުމެން ދަންނަންޖެހޭނެ. ރާއްޖޭގައި ދީނީ މިނިވަންކަމެއް ނެތޭ، އިޢުތިޤާދުގެ މިނިވަންކަމެއް ނެތޭ ކިޔައިގެން ބަޔަކު މީހުން އެދައްކާ ވާހަކައިގެ މަޤްޞަދަކީ، ހަމަ އެންމެ އެއްޗެއް. އެއީ، ރާއްޖޭގައި އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ މާތްވެގެންވާ އިސްލާމްދީނުގެ އިތުރުން، އެހެން ބައެއް ޢަޤީދާތަކަށް، ބައެއް ދީންދީނަށް ރާއްޖޭގައި ފުރްޞަތު ދިނުމަށް، އެމީހުން ކުރާ މަސައްކަތް. އެމީހުންގެ މަޤްޞަދަކީ އެއީ، މިއީ، އަޅުގަނޑުމެން އަބަދުވެސް އެކަމަށްޓަކައި ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭނެ ކަމެއް.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުމާއި އުޚުއްވަތްތެރިކަމުގެ އަޞްލަކީ، މާތްވެގެންވާ އިސްލާމްދީން. އިސްލާމީ ޢަޤީދާ. އިސްލާމީ އުޞޫލުތައް. އެހެންވީމާ، މިކަމަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެންވާނެ ކަމެއް ނޫން. މިހާރު މިތިބަ މީހުންނާއި، ކުރިއަށް އޮތް ޖީލުތަކުގެ ސަމާލުކަމަށް، އަޅުގަނޑުމެން މިކަންތައްތައް އަބަދުވެސް ގެންނަންޖެހޭނެ.

އާދެ! މިރޭ ތިންވަނައަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ނޭދެވޭ ކަންތައްތަކުގެ އަސަރު، އަޅުގަނޑުމެންގެ ދަރިންނަށް ކުރަމުންދާ ވާހަކަ. މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައިވެސް މިވާހަކަ އަޅުގަނޑުވާނީ ކޮންމެވެސްވަރަކަށް ދަންނަވާލާފައި.

ކުޑަކުދިން، ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވެއްދުމަކީ، އަޅުގަނޑުމެން މުޅިން ހުއްޓުވާލަންވެއްޖެ ކަމެއް. ދުރު ވިސްނުމެއްނެތް ބަޔަކު ނުވަތަ އަމިއްލަ އެދުމުން ފުރިގެންވާ ބަޔަކު، ކުޑަކުދިން، ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައި، އެކުދިންގެ ސިކުނޑިތައް، ސިޔާސީ އޮއިވަރުގައި ޖައްސަން މިހާރު ކުރަމުން އެގެންދާ މަސައްކަތްތަކަކީ، އެކުދިންގެ މުސްތަޤްބަލާއި މުޅި ޤައުމަށް ވަރަށް ހިތި ނަތީޖާތަކެއް ގެނެސްދޭނެ ކަމެއް. އެއްވެސް ބަޔަކު، ސްކޫލްތަކުގެ ދަރިވަރުން އަދި ޢާންމުކޮށް، ކުޑަކުދިން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވައްދައިގެނެއް ނުވާނެ. އެހެން ހަދައިފިނަމަ، އެކަމުގެ ނަތީޖާއަކަށްވާނީ، އެކުދިން ހަލާކުވެދިޔުން. މިއީ، ހެޔޮވާނެ ކަމެއް ނޫން. ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ދިރިދިރި ތިބި އުންމީދުތައް. އެކުދިންނަށް ރަނގަޅު ތަޢުލީމެއް ޙާޞިލުކޮށްދީ، ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އެކުދިންގެ ކުރިމަގަކީ، އުޖާލާ ބާއްޖަވެރި، އެކުދިންނަށް އުފާފާގަތިކަން ލިބޭ ކުރިމަގަކަށް ހެދުމަކީ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންގެ ވާޖިބެއް. އެހެންވީމާ، މިދެންނެވިފަދަ ކަންތައްތަކުން ކުޑަކުދިން ރައްކާތެރިކުރުމަކީ، އެކުދިންގެ މުސްތަޤްބަލަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަން، އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިކަން މިހެން އޮތުމާއެކު، އަޅުގަނޑުމެންގެ ޅަދަރިން، މިނުރައްކާތެރި އަނދަވަޅަށް ވެއްޓުނަ ނުދެއްވުމަށް، މައިންބަފައިންނަށާއި ބެލެނިވެރިންނަށް މިރޭ އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުމެންގެ އަޚްލާޤީ ފެންވަރު ހިފަހައްޓައި، އަޅުގަނޑުމެންގެ ބަސްމަގު ރީތިކުރުމަކީވެސް، ހެޔޮގޮތުގައި ކުޑަކުދިން ތަރުބިއްޔަތު ކުރުމުގައި ވަރަށްބޮޑު އިސްކަމެއް ދޭންޖެހިފައިވާ ކަމެއް. ކޮންމެ ބަހެއްގައިވެސް، ނުރަނގަޅު ބަސްބަހާއި، ނުރަނގަޅު ޢިބާރާތްތައް ހުރޭ. ތަހުޒީބުވެފައިވާ ޖަމާޢަތެއްގެ މެދުގައި، ބޭނުންކުރާ އަދި ޢާއިލާއެއްގެ ތެރޭގައި ބޭނުންނުކުރާ އަދި ޚާއްޞަކޮށް، ކުޑަކުދިން ތިބޭ ތަންތާނގައި ބޭނުންނުކުރާ ނުރަނގަޅު ބަސްބަހާއި ޢިބާރާތްތައް ހުރޭ. މިކަން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ދަންނަންވާނެ. އެހެންވީމާ، އެއްވެސް ބޭނުމެއްގައި، އެބޭނުމަކީ ސިޔާސީ ބޭނުމަކަށްވިޔަސް، އާދެ! ސިޔާސީގޮތުން ބަޔެއްގެ އަގު ވައްޓާލަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ނަމަވެސް، ހުތުރު ބަސްބަހާއި، މިދެންނެވިފަދަ ޢިބާރާތްތައް، ކުޑަކުދިން ތިބޭ ތަންތާނގައި ނުވަތަ ގޭތެރޭގައި ނުވަތަ ތަހުޒީބުވެފައިވާ ޖަމާޢަތުގައި ބޭނުންކުރުމަކީ، ވަރަށްދެރަ ކަމެއް. އެފަދަ ބަސްބަހާއި ޢިބާރާތްތައް ނޫސްމަޖައްލާތަކުގައި ލިޔެފައި ހުރުމަކީވެސް ހަމަ އެހާމެ ދެރަކަމެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ކުޑަކުދިންގެ އަޚްލާޤު ރައްކާތެރިކުރުމަށާއި، އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަޖެހުމާއި އެކުވެރިކަން ބަދަހިކޮށް ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން އެންމެންވެސް މިފަދަ ނުރަނގަޅު ބަސްބަހާއި ޢިބާރާތްތައް ބޭނުންކުރުމުން އެއްކިބާވާންޖެހޭނެ. މިފަދަ ނުރުހެވޭ ބަސްބަހާއި ޢިބާރާތްތައް ބޭނުންކުރުމަކީ، ކުޑަކުދިންގެ އަޚްލާޤު ހަލާކުވެގެންދާނެ ކަމެއް. މިހާރުވެސް އޭގެ އަސަރު، ބަލައިލި ކޮންމެ ދިމާއަކުންވެސް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ހަމަ އޭގެއިތުރުން، އެކަމަކީ، އަޅުގަނޑުމެންގެ އަމިއްލަ އަގު، މީހުންގެ ކުރިމަތީގައި ވެއްޓި، އަޅުގަނޑުމެންގެ މެދުގައި ދިގު ޒަމާންތަކަކަށް ދެމިގެންދާފަދަ ޙަސަދަވެރިކަމެއް އުފެދިގެން ހިނގައިދާނެ ކަމެއް. އެކަކު އަނެކަކާ މޫނުކެނޑި، މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް. މިކަމަށް ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުންނާއި، ނޫސް މަޖައްލާތަކުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް، މިރޭ އަޅުގަނޑު ގޮވާލަން.

މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ހަތަރުވަނަ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި، ޒަމާނީ ޑިމޮކްރަސީއަކަށް ދިޔުމަށް މިކުރާ މަސައްކަތުގައި، ޖިންސުގެ ތަފާތުކުރުމެއްނެތި، ހަމަހަމަގޮތެއްގައި ދެޖިންސުގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ ވާހަކަ.

އާދެ! އަންހެނުންނަކީ، މުޖުތަމަޢުގެ ދެބައިކުޅަ އެއްބައި. އަންހެނުންނަކީ ކޮންބަޔެއްތޯ؟ އަންހެނުންނަކީ އަޅުގަނޑުމެންގެ މަންމައިން. އަޅުގަނޑުމެންގެ ދައްތައިން. އަޅުގަނޑުމެންގެ އަނބިން. އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ލޮބުވެތި ބަޔެއް. އެހެންވީމާ، އަންހެނުންނާ ދޭތެރޭގައި އިހާނެތިކޮށް ޢަމަލުކުރުމަކީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ދޭތެރޭގައި، އިހާނެތިކޮށް ޢަމަލުކުރުން ނޫނީ ނުވާނެ. އަންހެނުންނަކީ، މުޖުތަމަޢުގެ ދެބައިކުޅައެއްބައި ކަމަށްވާތީ، އަންހެނުންގެ ފުރިހަމަ ޙިއްޞާކުރުމެއްނެތި އެއްވެސް ޤައުމެއް ކުރިއަކަށްނާރާނެ. ކުރިއަރާފައެއްވެސް ނެތް. އަންހެނުންގެ ޙައްޤުތަކަށް ހުރަސްއެޅުމުގެ އިތުރަށް، އަންހެނުންނާމެދު އަނިޔާވެރި ޢަމަލު ހިންގައި، އިހާނެތިބަސް ބުނެ، އަންހެނުންގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާކަން އެއީވެސް ވަރަށް ހިތާމަހުރި ކަމެއް.

އާދެ! އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް، ޤައުމީ ފެންވަރެއްގައި، މިހާރު މިދަނީ ކެމްޕެއިނެއް ކުރަމުން. އެ ކެމްޕެއިނުގެ ބައެއް ޙަރަކާތްތައް މިއަދުވެސް ފެށިއްޖެ. އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކެމްޕެއިނެއް. އެއަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ހުރިހާ އެންމެންގެ ތާއީދާއި އެއްބާރުލުން ބޭނުންވާނެ ކަމެއް.

އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ހަމަޖެހޭ ބާއްޖަވެރި މުޖުތަމަޢަކަށް ހަދަން. މުޖުތަމަޢުގެ އެއްވެސް ބަޔަކު، އަނެއް ބަޔަކާ ދޭތެރޭގައި އިހާނެތިކޮށް ޢަމަލުނުކުރާ، އެންމެން އެންމެންނަށް ކަމޭހިތާ، އެންމެން އެންމެނަށް ޤަދަރުކުރާ، ކޮންމެ މީހަކުވެސް އެހެން މީހުންގެ އެހީއަށް ބޭނުންވާ އަދި އެހެން މީހުންނަށްޓަކައި ޤުރްބާނީތަކެއްވާ މުޖުތަމަޢަކަށްވުމަށް. މިކަން މިގޮތަށް ގެންދެވޭނީ، އަންހެނުންނާ ދޭތެރޭގައިވެސް އަޅުގަނޑުމެން އަނިޔާވެރިކޮށް ޢަމަލުނުކޮށް، ހަމަހަމަކަމާއި އިންޞާފާއެކީގައި ޢަމަލުކުރުމުން. އަންހެނުންނަކީ މުޖުތަމަޢުގެ ވަރަށް މުހިންމު ބަޔެއް. ފިރިހެނުންނާއި އަންހެނުންނާ ދެބައިމީހުން ގުޅިގެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ. އަދި ކުރިއަށް ގޮސްފައިވާ ޤައުމުތައް، ކުރިއަށް ގޮސްފައިވަނީވެސް ހަމަ އެގޮތުގެ މަތިން. މިއީ، އަޅުގަނޑުމެން މިއަދު ދަސްކުރަން އޮތް ފިލާވަޅަކީ.

އާދެ! ދީނުގެ ނަމުގައި އަންހެނުންނާ ދޭތެރޭގައި ނޭދެވޭ ޢަމަލުކުރާކަން އެއީ، ވަރަށް ދެރަ ކަމެއް. އެއީ، ޙަޤީޤަތުގައި ވަރަށްބޮޑު އޮޅުވައިލުމެއް. މާތްވެގެންވާ އިސްލާމްދީނުގައި އަންހެނުންނަށްވަނީ، އެކަނބަލުންގެ ފުރިހަމަ ޙައްޤުތައް ލިބިދެއްވާފައި. އިސްލާމްދީނަށްވުރެ ރަނގަޅަށް އަންހެނުންނާ ދޭތެރޭގައި އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ އެހެން އެއްވެސް ނިޒާމެއް ދުނިޔެއަކު ނެތް. އެހެންވީމާ، އިސްލާމްދީނުގެ ނަމުގައި އަންހެނުންނާ ދޭތެރޭގައި އިހާނެތިކޮށް ޢަމަލުކޮށް، އަންހެނުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން.

އާދެ! މިރޭ ފަސްވަނައަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގެ ވާހަކަ. އާދެ! ސުނާމީ ކާރިސާއާ އަޅުގަނޑުމެން ކުރިމަތިލާން ޖެހުނީ، މީގެ ދެއަހަރެއްހާ ދުވަސް ކުރިން. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު.

އެކާރިސާ ހިމެނިގެންދިޔައީ، ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ލިބިދިން ކާރިސާއަކަށް. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ، އެތައް އަހަރަކަށް ފަހަތަށް ޖައްސުވާލި ހާދިސާއަކަށް. އެހެން ނަމަވެސް، ސުނާމީ ކާރިސާއަށްފަހު، ރާއްޖޭގެ އިޤްތިޞާދު މާތްﷲގެ ވާގިފުޅާއި އެކަލާނގެ ހެޔޮ ރަޙްމަތްފުޅުން މިދަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން. ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ މިހާރު މިދަނީ، ވަރަށް ބޮޑަށް ކުރިއަރަމުން. އަދި އެނޫންވެސް އިޤްތިޞާދީ ޙަރަކާތްތައް މިދަނީ އިތުރުވަމުން. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް މިއަހަރު ވަރަށް ބޮޑަށް ކުރިއަށްދާނެ ކަމުގެ އުފާވެރި ޢަލާމާތްތައް މިހާރު ފެންނަން އެބަހުރި.

އާދެ! 2005 ވަނަ އަހަރު، އެއީ ސުނާމީ ކާރިސާއަށްފަހު އަޅުގަނޑުމެން ކުރިމަތިލި އަހަރު. 2005 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 4.5 އިންސައްތަ ދަށަށްދިޔަ. އެހެން ނަމަވެސް، މާތް اللّـه ގެ ހެޔޮ ރަޙްމަތްފުޅުން، 2006 ވަނަ އަހަރު، އާދެ! މިއަހަރުގެ ހިސާބުތައް މިހާތަނަށް ދައްކާގޮތުން، މިއަހަރުގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްވަނީ، 18.2 އިންސައްތައަށް މައްޗަށް ގޮސްފައި. މިއީ ރެކޯޑު ޢަދަދެއް. މިއީ، އެއްވެސް އަހަރެއްގައި އަޅުގަނޑުމެންނަށް އަދި ޙާޞިލު ނުކުރެވޭވަރެއް. އެހެންވީމާ، މިކަންތައްތަކުން އެނގެނީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ސުނާމީ ކާރިސާއަށްފަހުގައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް މިކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑެތި ފައިދާތަކެއް އަޅުގަނޑުމެންނަށް ފެންނަމުންދާކަން.

2007 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓަކީވެސް، ރާއްޖެއަށް މިއަދު އައިސްފައިވާ ތަރައްޤީއާއި ކުރިއެރުން ދައްކައިދޭ ވަރަށް އުންމީދީ ބަޖެޓެއް. އެބަޖެޓަކީ، ރައްޔިތުންނަށް ލިބިދޭ ޚިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުވައިދިނުމަށާއި، އިތުރު ޚިދުމަތްތައް ތަޢާރުފުކޮށްދިނުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ޑިމޮކްރަސީގެ އުޞޫލުތައް ކުރިއެރުވުމަށް އަމާޒު ކުރެވިފައިވާ ބަޖެޓެއް.

ތިލަފަތް ހަމަ ބަޖެޓެއްގެ ގޮތުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 2007 ވަނަ އަހަރަށް ހުށަހަޅާފައި މިވާ ބަޖެޓުގެ ސަބަބުން އިރާދަކުރެއްވިއްޔާ ދިވެހިންނަށް، ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދާނެ. ޤައުމުގެ ޢާންމު ޙާލަތު އިތުރަށް ރަނގަޅުވެގެންދާނެ. އިޤްތިޞާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާވުމަށް މަގުފަހިވެގެންދާނެ.

އާދެ! އެހެންވީމާ، މިފަދަ ބަޖެޓެއް ހުށަހަޅައި، މިއާ އެއްގޮތަށް ޢަމަލުކުރަމުން ގެންދިޔުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލާބައާއި މަންފާއާއި، ކުރިއެރުމާއި ތަރައްޤީ ޙާޞިލުކޮށްދޭނެ ކަމަކަށްވާތީ، އަޅުގަނޑުމެން އެންމެން އެކަމަށް ސަމާލުވެ، އެންމެން އެކުގައި މަސައްކަތްކޮށްގެން، މި މުހިންމު މަޤްޞަދުތައް ޙާޞިލުކުރެވޭތޯ ބެލުމަކީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު ކަމެއް.

އިޤްތިޞާދީ ކުރިއެރުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އިޤްތިޞާދުގައި އެންމެން ބައިވެރިވުމުގެ ރޫޙު އިތުރުކުރުމަކީވެސް، މިހާރު އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭން ޖެހިއްޖެ ކަމެއް. ސްކޫލްތައް ނިންމާ ކުދިން، އޭގެތެރެއިން ހަމަ ކޮންމެ ކުއްޖަކުވެސް ވަޒީފާއަކަށް ނުކުތުމަށް، ނުވަތަ އުފެއްދުންތެރި މަސައްކަތެއް ކުރުމަށް، މައިންބަފައިން ވަރަށް ބޮޑަށް ބާރުއަޅުއްވަން ވެއްޖެ. ޤައުމު ކުރިއަށްދާނީ، އެންމެންގެ ޙިއްޞާ ފުރިހަމައަށް ލިބިގެން. ސްކޫލްތަކުން ނިމޭ ކުދިންނަކީ، އެކުދިންގެ ތަޢުލީމީ ފެންވަރު ހުރިގޮތުން، އުފެއްދުންތެރި މަސައްކަތެއް ކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ކުދިންތަކެއް. މަތީ ތަޢުލީމު ޙާޞިލުކުރާ ކުދިންނަކީ، އަދި އެއަށްވުރެވެސް ފުރިހަމައަށް، އެޤާބިލިއްޔަތާއި އެ ހުނަރު ލިބިފައި ތިބޭނޭ މީހުން. އެހެން ނަމަވެސް، މަތީ ތަޢުލީމުގެ ފުރްޞަތެއް ލިބެންދެންވެސް ނުވަތަ އެނޫން މަގެއް ފެންނަންދެންވެސް، ސްކޫލްތަކާއި މަދަރުސާތަކުން ނިމޭ ކުދިން ހުސްކޮށް ތިބުމަކީ، ވަރަށް ބޮޑެތި ގެއްލުންތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ކޮންމެ މަންމައަކުވެސް، ކޮންމެ ބައްޕައަކުވެސް އަދި ކޮންމެ ބެލެނިވެރިއަކުވެސް ބާރުއަޅުއްވަންވާނީ، އެބޭފުޅުންގެ ދަރިން، ސްކޫލްތަކުން ނިމޭއިރަށް، އެކުދިންނަށް ކޮންމެވެސް ވަޒީފާއެއް ހޯއްދަވައިދެއްވުމުގެ މައްޗަށް. ނުވަތަ އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއް ކުރުމުގެ މައްޗަށް. އެގޮތަށް އަޅުގަނޑުމެން ކަންތައް ކޮށްފީވިއްޔާ، މަސައްކަތެއްނެތި ހުސްކޮށް ތިބޭ މީހުންގެ ޢަދަދު މަދުވެގެންދާނެ. އެއީ، މުޅި މުޖުތަމަޢުގެ ސަލާމަތަށާއި، އަމަންއަމާންކަމަށާއި، ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް.

ކުޑަކުދިން ނުވަތަ ޒުވާންކުދިން ގޯޅިއަޅައިގެންދަނީ، މަސައްކަތެއްނެތި ހުހަށް ތިބޭތީ. އެއީ، އޭގެ އެއް ސަބަބު. މި ސަބަބު އަޅުގަނޑުމެން ނެތިކޮށްލާ، އަދި ހުރިހާ ކުދިންނަށްވެސް މަސައްކަތެއް ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފިނަމަ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ކުދިންނަކީ، ވަރަށް ފައިދާހުރި އުފެއްދުންތެރި ޖީލަކަށް ބަދަލުކޮށްލެވިދާނެ. މިކަމަށް ރާއްޖޭގެ ހުރިހާ މައިންބަފައިންނާއި ބެލެނިވެރިން އިސްކަމެއް ދެއްވުމަކީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! ހަމައެކަނި ކުޑަކުދިންނެއް ނޫން. ޤައުމުގެ ކޮންމެ ފަރުދަކީވެސް އުފެއްދުންތެރި މަސައްކަތެއްކުރާ މީހަކަށްވުމުގެ މުހިންމުކަން ވަރަށްބޮޑު. ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވެގެން އުޅޭ މީހަކަށްވާން ޖެހިއްޖެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، އެމީހުންގެ އިޤްތިޞާދީ ތަރައްޤީ ކުރިއަށްދަނީ، އަދި އިޖުތިމާޢީ ތަރައްޤީ ކުރިއަށްދަނީވެސް، އެންމެންވެސް މަސައްކަތުގައި އުޅޭތީ. ކޮންމެވެސްކަހަލަ ބޭނުންތެރި، އުފެއްދުންތެރި މަސައްކަތެއް ކުރާތީ. އެކަމަކީ، އަޅުގަނޑުމެންފަދަ ވަސީލަތްތައް މަދު، ކުޑަ ޤައުމަކަށް ވަރަށް ބޭނުންބޮޑު ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ހުހަށް ހުންނަ އެއްވެސް މީހަކުނެތި، ގަދަވެ ސަލާމަތުންހުރި ކޮންމެ މީހަކުވެސް އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވެގެން އުޅުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށާއި، ތަރައްޤީ ހަލުވިކުރުމަށާއި، އަޅުގަނޑުމެންގެ މެދުގައި ތަނަވަސްކަން ފެތުރުމަށް ކުރަންޖެހޭ ވަރަށްބޮޑު ކަމެއް.

އާދެ! ރާއްޖެ މިއަދު މިދެކޭ ތަރައްޤީއާއި ކުރިއެރުމުގެ ޙަޤީޤީ ބާނީންނަކީ، ޝައްކެއްނެތްގޮތުގައި ދިވެހި ރައްޔިތުން. ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުން. މިތަރައްޤީ ޙާޞިލު ކުރެވިފައި މިވަނީ، އެ އެންމެންގެ ވިސްނުމާއި ފިކުރާއި ބުރަ މަސައްކަތުން. ސަރުކާރުގެ ދައުރަކީ، ހުޅުވައިލެވިފައިވާ ސިޔާސަތެއްގެ ދަށުން، ރައްޔިތުންގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުން. ރައްޔިތުންނަށް ފުރްޞަތުތައް ހުޅުވާލަދިނުން. ރައްޔިތުންގެ ތެރެއިން އިޤްތިޞާދީ މަސައްކަތްތަކާއި، ވިޔަފާރީގެ މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް ހިތްވަރުދީ، އެފަރާތްތަކަށް ބޭނުންވާ ފުރްޞަތުތައް ހުޅުވާލަދީ، އެފަރާތްތަކުން ކުރިއަށްދާނެ މަގު ތަނަވަސްކޮށްދިނުން. ރާއްޖެ ޙާޞިލު ކުރަމުންމިދާ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، ދިވެހި ރައްޔިތުންނަށް ސާބަހާއި އައްސަރިބަސް ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިވަނީ، މާތް اللّـه ގެ ހެޔޮ ރަޙްމަތްފުޅުން ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި. އަޅުގަނޑުމެންގެ ސަރަޙައްދުގައި ހިމެނޭ އެހެން ޤައުމުތަކަށްވުރެ މާބޮޑުތަން ކުރިއަށް ޖެހިލާފައި. އެއީ، ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން. މި މަސައްކަތް އަޅުގަނޑުމެން އަބަދުވެސް ކުރަމުން ގެންދަންޖެހޭނެ.

ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް މިދަންނަވާލަނީ، މިއީ، ތިޔަބޭފުޅުންގެ ރާއްޖެއޭ. މިއީ، ތިޔަބޭފުޅުންގެ ޤައުމޭ. މިއީ، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ދިރިއުޅުއްވުން ވޭތުކުރައްވަން އޮތް ތަނޭ. މިއީ، ތިޔަބޭފުޅުންގެ ދަރިންނާއި، ދަރިންގެ ދަރިން އުޅެން އޮތް ބިމޭ. އެހެންވީމާ، މިޤައުމަކީ، މިރާއްޖެއަކީ، މިތަނަކީ، އަމަންއަމާންކަން ޤާއިމުވެފައިވާ، ޞުލްޙަމަސަލަސްކަން ހަރުދަނާވެފައިވާ ތަނަކަށް، ޤައުމަކަށް ހައްދަވާށޭ. އެއީ، ތިޔަބޭފުޅުންގެ ވާޖިބެކޭ. އެގޮތަށް، ތިޔަބޭފުޅުން އެކަން ކުރައްވައިފިއްޔާ، މުސްތަޤްބަލުގެ ޖީލުތައް، ތިޔަބޭފުޅުންނަށް ޝުކުރު އަދާކުރާނެޔޭ. އަޅުގަނޑުމެންގެ ޤައުމު، އުފާފާގަތިކަމާއި ހަމަޖެހުމާއި، އަމަންއަމާންކަމާ އެކީގައި އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދެއްވުމަކީ، ތިޔަބޭފުޅުންގެ ވާޖިބެކޭ.

އެހެންވީމާ، މިވާހަކަ ދަންނަވާލަމުން، މިކަމުގައި ދިވެހި ރައްޔިތުން ފުރިހަމައަށް އެއްބާރުލައްވައިދެއްވާނެ ކަމުގެ ޔަޤީންކަން ބަޔާންކުރަމުން، އަޅުގަނޑު اللّـه ގެ ޙަޟްރަތުގައި ދުޢާ ދަންނަވަނީ، އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި، ފައިތިލަ ސާބިތުކޮށްގެން އަބަދުވެސް ތިބޭ ބަޔަކު ކަމުގައި ލެއްވުމަށް. އަޅުގަނޑުމެންގެ ރާއްޖެއަށް، ހެޔޮގޮތްތައް މިންވަރުކޮށްދެއްވުމަށް. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި، އެކަލާނގެ ތައުފީޤާއި މަދަދު އަޅުގަނޑުމެންނަށް ދެއްވުމަށް. ރާއްޖެއަކީ، ދިވެހި ރައްޔިތުން އަބަދުވެސް އުޅޭހިތްވާ، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދޭ، ހަމަހިމޭން، އަމާން ޤައުމެއް ކަމުގައި ލެއްވުމަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه.