بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ދެންމެ މި ޖަލްސާގައި، ފުލުހުންގެ ހުވާކުރައްވައި، ފުލުހުންގެ ޚިދްމަތާ ގުޅިވަޑައިގެން ތިޔަ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. އަދި ތިޔަ ހުރިހާ ޒުވާނުން ތިޔަ ގުޅުނު މި ޚިދްމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި ކުރިއަށް ދިޔުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

ހަމައެޔާއެކު، ދެންމެ ތިޔަ ހުރިހާ ޒުވާނުން ތިޔަ ކުރި މުހިންމު ހުވައަށް ރައްކާތެރިވުމުގެ މުހިންމުކަންވެސް ތިޔަ ހުރިހާ ޒުވާނުންގެ ހިތްތަކުގައި އޮންނާނެ ކަމަށް އަޅުގަނޑު ދެކެން. ތިޔަ ކުރި ހުވައަކީ، ވަރަށް މަތިވެރި ހުވައެއް. ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރާއި މުދާ ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ކުރި ހުވައެއް. ޝައްކެއްނެތް. ޤައުމުގެ އަމަންއަމާންކަމާއި، ހަމަޖެހުމާއި، ސުލްހަމަސަލަސްކަން ހިފެހެއްޓުމާ، މިކަންތައްތައް ރައްކާތެރި ކުރުމަކީ، ވަރަށް މުހިންމު ޤައުމީ ވާޖިބެއް. ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް، ތިޔަ ހުރިހާ ޒުވާނުންވެސް ވަރަށް އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއި، ސާބިތުކަމާއެކީގައި އުފުލަމުން ގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ފުލުހުންގެ ޚިދްމަތަކީ، ވަރަށް ޝަރަފްވެރި ޚިދްމަތެއް. ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. ފުލުހުންގެ ޚިދްމަތަކީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިތުބާރު ހޯދައިގެން ކާމިޔާބު ކުރެވޭނެ ޚިދްމަތެއް. ތިޔަ ހުރިހާ ޒުވާނުން، މިކަމަށްވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ތިޔަ ހުރިހާ ޒުވާނުންނަކީވެސް ތަޢުލީމީ ޒުވާނުން. އަދި ފުލުހުންގެ ޚިދްމަތަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވި، އެކަމުގެ ޤާބިލިއްޔަތު ލިބިފައިވާ ޒުވާނުން. އެހެންވީމާ، ތިޔަ އެންމެ ބޭކަލުންނާއި ބޭކަނބަލުން މިއަދު ތިޔަ ކުރެއްވި ހުވާގައިވާ ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި އަދި ފުލުހުންގެ ޚިދްމަތުގައި ސާބިތުކަމާއެކު ކުރިޔަށް ދިޔުމުގައި އެއްވެސް ދަތިކަމެއް އޮވެގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން.

ޝައްކެއްނެތް. މިއަދު އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވަނީ، ހުރިހާ ރޮނގެއްގައިވެސް ތަޢުލީމީ މީހުން ޚިދްމަތް ކުރަމުން ގެންދިޔުމަށް. ރާއްޖެ މިދަނީ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަމުން. ކޮންމެ ރޮނގެއްގައިވެސް ކުރިޔަށް ދެވޭނީ، އެރޮނގެއްގެ ޢިލްމާއި މަޢުލޫމާތާއި ތަޖުރިބާއާއި ހުނަރު ޙާޞިލުކޮށްގެންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އިޤްތިޞާދީ ރޮނގުންވެސް، އިޖުތިމާޢީ ރޮނގުންވެސް އަދި ސިޔާސީ ރޮނގުންވެސް ރާއްޖެ ކުރިއަށްދާއިރު، އެއިން ކޮންމެ ރޮނގެއްގައިވެސް މިދެންނެވި ކަންތައްތައް ދަންނަ، އެކަމުގެ ޤާބިލިއްޔަތު ލިބިފައިވާ އެތައް ބަޔަކު ތިބެންޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. އެގޮތުން، ފުލުހުންގެ ޚިދްމަތަކީވެސް ހަމަ އެކަމުގެ ހުނަރާއި، ޤާބިލިއްޔަތާއި، ޢިލްމާއި ތަޖުރިބާ ހޯދަންޖެހޭނެ ޚިދްމަތެއް. އެހެންވީމާ، މިރޮނގުން ކުރިޔަށް ދިޔުމުގެ މަގު، ތިޔަ ހުރިހާ ޒުވާނުންނަށް ފަހިވެފައިވާކަން އަޅުގަނޑު ހާމަކޮށްލަން ބޭނުން. ކޮންމެ މީހަކުވެސް، އެމީހެއްގެ މަސްއޫލިއްޔަތު، އެމީހެއްގެ ވާޖިބުތައް ފުރިހަމައަށް އަދާކުރަމުން ގެންދާ ކަމުގައިވަނީނަމަ، ކުރިޔަށް ދިޔުމުގެ ފުރުޞަތު، އެމީހެއްގެ ކުރިމަތީގައި އޮންނާނީ ހުޅުވިފައި. ކުރިޔަށް ދިޔުމަކީ އެމީހެއްގެ ޢަޒުމް. އެމީހެއްގެ ސާބިތުކަން. އެމީހެއްގެ ހިތްވަރު. އެމީހެއްގެ ޚިދްމަތަށް މަގުފަހިކޮށްދޭ ކަމެއް.

އާދެ! މިހާރު ރާއްޖެ މިވަނީ ވަރަށް މުހިންމު ބަދަލުތަކެއް އައުމުގެ ފައްތަރުމަތީގައި. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް މިހާރު މިގެންދަނީ ހިންގަމުން. އެ ޕްރޮގްރާމްގެ ތަފާތު ބައިތައް ވަރަށް ހަލުވިކޮށް ކުރިއަށް އެބަދޭ. ސަރުކާރުން މިމަސައްކަތް މިކުރަނީ، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައި. ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައި. ރާއްޖޭގެ އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، އެއްބައެއްވަންތަކަމާ، މިހުރިހާ ކަމެއް ރައްކާތެރިކޮށް، އެންމެންނަށްވެސް އުފާވެރި ދިރިއުޅުމެއް ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މާތް މަޤްޞަދުގައި. އެހެންވީމާ، މި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތެއް. މި މަސައްކަތް ކާމިޔާބުވުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއް.

މިފަދަ ބަދަލުތައް އަންނަމުންދާ ވަގުތެއްގައި، ބައެއްކަހަލަ މައްސަލަތައް އުފެދުމަކީ އެކަށީގެންވާ ކަމެއް. އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ތަޖުރިބާ ކޮށްފައިވާ ކަމެއް. އެގޮތުން ދިވެހިރާއްޖޭގައިވެސް ފަހަކަށްއައިސް އަޅުގަނޑުމެންނަށް އެފަދަ ބައެއް މައްސަލަތައްވަނީ ކުރިމަތިވެފައި. އެހެން ނަމަވެސް، އެމައްސަލަތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ، އަޅުގަނޑުމެންގެ ވާޖިބަކީ ކޮބައިކަން، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ރަނގަޅަށް ދެނެތިބެގެން. ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރިގޮތަކީ ކޮބައިތޯ؟ ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ސުލްހަމަސަލަސް ކަމުގައި ދިރިއުޅެވޭނެގޮތަކީ ކޮބައިތޯ؟ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނީ ކޮންގޮތަކުންތޯ؟ މިހުރިހާ ކަމެއް އަޅުގަނޑުމެން އެބަޖެހޭ ރަނގަޅަށް ދަންނަން. އަދި އެގޮތުގެ މަތިން ޢަމަލުކުރަން. މިވޭތުވެދިޔަ ތާނގައި، މިހެން ދިމާވި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ފުލުހުން ސާބިތުކޮށްދެއްވާފައިވަނީ ވަރަށް ރަނގަޅު މިސާލެއް. ފުލުހުން ހުރިހާ ކަމެއްވެސް ހަމަޖެއްސުމުގައި ގެންގުޅެފައިވަނީ، ވަރަށް ކެތްތެރި، އެހެން ނަމަވެސް ވަރަށް ހަރުދަނާ އުޞޫލެއް. އެކަމަށްޓަކައި އަޅުގަނޑު ދިވެހިރާއްޖޭގެ ދާޚިލީ ވުޒާރާގެ އެންމެ އިސްބޭފުޅަކަށް ހުންނަވާ ހޯމް މިނިސްޓަރަށާއި، އަދި ޕޮލިސް ކޮމިޝަނަރަށާއި، ހަމައެހެންމެ، ފުލުހުންގެ ހުރިހާ ފެންވަރެއްގެ އޮފިސަރުންނަށާއި، އެ އެންމެންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ! އަޅުގަނޑުމެންނަށް ދާދިފަހުން ދިމާވި ކަމެއްގައި، ފުލުހުން ސާބިތުކޮށްދެއްވާފައިވަނީ، އެމީހުންނަށް ލިބިފައިވާ ހުނަރާއި ޤާބިލިއްޔަތުގެ މޮޅުކަން. އާދެ! އަޅުގަނޑު މިދެންނެވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު، މާލޭގެ ސަލްޓަންޕާކުގައި ހިނގި އެއްޗެއް ގޮއްވާލުމުގެ ޙާދިސާގެ ވާހަކަ. އެކަން ހަމަ ހިނގައިދިޔުމާ ގުޅިގެން، ފުލުހުން ޙަރަކާތްތެރިވިލެއް އަވަސްކަމާއި، ފުރިހަމަކަމާއި އަދި އެކަންކުރި ބަޔަކު ހޯދައި، އެމީހުން ތަޙުޤީޤުގެ ކުރިމައްޗަށް ގެނައި ގެނައުން ވެގެންދިޔައީ، އެމީހުންނަށް، އެންމެންވެސް ތާރީފުކުރި ކަމެއްގެ ގޮތުގައި.

އެއީ އަޅުގަނޑު ހިތުން މިއަދުގެ ފުލުހުން، އެމީހުންގެ ފެންވަރު ސާބިތުކޮށްދިން ވަރަށް މުހިންމު ޢަމަލެއް. އެކަމަށްޓަކައި ޕޮލީސް ކޮމިޝަނަރަށާއި އަދި މިކަން ތަޙުޤީޤު ކުރެއްވުމުގައި ނުވަތަ މި މައްސަލަ ބެއްލެވުމުގައި އިސްވެ އުޅުއްވި ހުރިހާ އޮފިސަރުންނަށާއި އެންމެންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ރާއްޖެއަށް މިދިމާވާ ކަންތައްތަކުގައި، ރާއްޖޭގެ ސަލާމަތް ހިފެހެއްޓުމާބެހޭ ހުރިހާ ބާރުތަކުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ގެންގުޅުއްވަންޖެހޭ. އެގޮތުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެމް.އެން.ޑީ.އެފް. އާއި، އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، ފުލުހުންނާ ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ކުޑަކުޑަ ޤައުމަކަށްވެފައި، ވަސީލަތްތައް މަދުކަމުން، ކޮންމެ ކަމެއްގައިވެސް އެންމެންގެ އެއްބާރުލުން ބޭނުންވޭ. އަދި ޚާއްޞަކޮށް، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަން ރައްކާތެރިކުރުމުގައި، މިދެންނެވި ފަރާތްތަކުގެ އެއްބާރުލުމާއި، ވަރުގަދަ ގުޅުން އެއީ، ވަރަށް މުހިންމު އެއްޗެއް. އެހެންވީމާ، މިފުރުޞަތުގައި، އަޅުގަނޑު މިދެންނެވި ހާދިސާއާއި އަދި އޭގެފަހުން ހިނގައިދިޔަ ހިމަންދޫގެ މައްސަލައިގައި، ރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެމް.އެން.ޑީ.އެފުން ކުރެއްވި މަސައްކަތްތަކަށްޓަކައި، އެފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ދިވެހި ފުލުހުން އަދާކުރި ޚިދްމަތްތެރި ރޯލަށްޓަކައި، ދިވެހި ފުލުހުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

ދިވެހިރާއްޖޭގެ ފުލުހުންގެ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް، މިނިސްޓަރ އޮފް ހޯމްއެފެއާޒް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. އާދެ! މިގޮތުން، މިހާރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން، ފުލުހުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވަމުން އެބަގެންދަވާ. އެކަމަށްޓަކައި އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރާއި، އަދި ފުލުހުންގެ އެހެން އޮފިސަރުންވެސް، ފުލުހުންގެ ކަންތައްތައް ތަރައްޤީކޮށް ކުރިޔަށް ގެންދެވުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި، އެބޭފުޅުންނަށް ޝުކުރު އަދާކުރަން. ހަމައެޔާއެކު، ދާދިފަހަކާ ޖެހެންދެން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ މަގާމު، ވަރަށް ޤާބިލުކަމާއެކު ފުރުއްވި އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށްވެސް، އޭނާ ފުލުހުންގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކަށްޓަކައި މިފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. ދެންމެ ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ތިޔަކުރެއްވި ހުވައަށް އިޚްލާޞްތެރިވެވަޑައިގެން، ޤައުމީ ޚިދްމަތުގައި ދެމިތިއްބެވުން އެދި މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ތިޔަބޭފުޅުންނަށް ހުރިހާވެސް ކާމިޔާބަކާއި ކުރިއެރުމަކަށް އެދި އަދި ދިވެހި ޤައުމަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ސުލްހަމަސަލަސްކަމާއި، ތަރައްޤީއާއި، ކުރިއަށް ދިޔުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والسّـلام عليـكم ورحمـة اللّـه وبركاتـه.