"ހިޔާ" މަޝްރޫޢުގެ ދަށުން 6,720 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް، އެ ފަރާތްތަކަށް ޕޮއިންޓް ދީފައި ވަނީ އުޞޫލާ އެއްގޮތަށްތޯ ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިއަދު އިޢުލާނު ކުރައްވައިފިއެވެ. އެ ކޮމިޓީން ވަނީ ދާއިމީ ލިސްޓުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން މިއަދު ކުރެއްވި ޢިއުލާނުގައި ކޮންމެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުޡު ހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރެއްވިއެވެ. އަދި މި ކެޓަގަރީތަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ދާއިމީ ލިސްޓު ވެސް ޢާންމުކުރައްވާފައިވެއެވެ.