މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިއަދު ނޫސްވެރިންނާ ޙިއްޞާ ކުރައްވައިފިއެވެ. ވަރޗުއަލްކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައި ވަނީ، އެ ކޮމިޝަންގެ މެންބަރު މިޞްބާޙް ޢައްބާސްއެވެ.

މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ޙިއްޞާކޮށްފައި ވަނީ، އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވައިލާފައިވާ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުންނެވެ. މި ގޮތުން، މިޞްބާޙް ވިދާޅުވީ، އަޙްމަދު ރިޟުވާން ޢަބްދުﷲގެ މައްސަލައަކީ، އެ ކޮމިޝަނުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން މިހާރު ތަހުޤީޤު ކުރަމުންދާ އެއް މައްސަލަ ކަމުގައެވެ.

މިޞްބާޙް އިތުރަށް ވަނީ، މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އެ ކޮމިޝަނުން ޢާންމުކޮށްފައިވާ ތޫނު ހަތިޔާރެއްގެ ފޮޓޯއާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި، އެ ހަތިޔާރާ ގުޅޭގޮތުން ޝަރީޢަތަށް ސާބިތުކުރެވޭ ފަދަ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 500,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާކަން، އިއްޔެ އެ ކޮމިޝަނުން ޢާންމުކުރި ނޫސް ބަޔާނާ ހަވާލާދީ، އެ ބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި، މި މައްސަލައާ ގުޅޭ މަޢުލޫމާތު އިނގޭ އިތުރު ބަޔަކު ވާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ ކަމަށާއި، އެ ފަރާތްތަކުން ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާ ކުރުމުގައި ފަސްނުޖެހުމަށް މިޞްބާޙް އެދިވަޑައިގެންނެވިއެވެ.