ކުޅިވަރުގެ ރޮނގުން ދިވެހިން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދޭނެ މަގު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ޞިއްޙަތު ރަނގަޅު ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މާލެ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތްލީޓުން ތަމްރީންކުރުމަށް ޚާއްޞަ ތަނެއް ނޫންކަމަށާއި، މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމުގައެވެ. އެ ގޮތުން މި ޓެރެކަކީ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ސަރުކާރުގެ ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ކޮށްފައިވާ މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އެ މަނިކުފާނުގެ އުންމީދަކީ މިގޮތަށް ޤާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދިއުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެއާއެކު ކުޅިވަރުގެ ޒަރީޢާއިން، ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިއުމަކީ ވެސް ނުހަނު ބޭނުންފުޅުވާ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތާ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މި ގޮތުން، އަންނަ މަހުގެ ކުރީކޮޅު އެ މަޝްރޫޢުގެ މަސައްކަތްތައް ނިމޭނެކަން ފާހަގަކުރައްވާ، އެ ތަން ހުޅުވައިލުމުން އެ ތަން ބޭނުންކުރާ ފަރާތްތަކަށް މީގެ ކުރިން ދިމާވަމުން ދިޔަ ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކުވެނި ޓްރެކުގައި ޒަމާނީ ފެންވަރަށް ސިންތެޓިކް އަޅައި ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. މި ޓްރެކް ހެދުމަށްޓަކައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. އަދި ކުރިން ދިމާވާ ގިނަ މައްސަލަތަކަށް މިހާރުގެ ސިންތެޓިކް ޓްރެކުން ޙައްލު ލިބިގެންދާނެއެވެ. މިފަދަ މުހިންމު ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވައި މި މަސައްކަތް ކުރިއަށްދާގޮތް ވަރަށް ގާތުން ބައްލަވާފައެވެ. އަދި އެ މަނިކުފާނު ވަނީ މި ޓްރެކް ތަރައްޤީކުރުމުގެ މަސައްކަތުގައި ބައިވެރިވެ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.


މި ރަސްމިއްޔާތުގެ ބައެއްގެ ގޮތުގައި ކުރިއަށްދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ 100 މީޓަރު ދުވުމާއި ޕެރާ-އެތްލީޓުންގެ 100 މީޓަރު ދުވުން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި، އެ މަނިކުފާނު ވަނީ ސީނިއަރ އެތްލެޓިކްސް ޓީމް، ޖޫނިއަރ އެތްލެޓިކްސް ޓީމް އަދި ވެޓަރަންސް ޓީމު ދުވުމުގެ ހަރަކާތުގެ ތެރެއިން ވެޓަރެންސް ޓީމުގައި ހަރަކާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި، 3 އޯވަރުގެ ކްރިކެޓް މެޗުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.