بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މީލާދީ ސަނަތުން 2021 ވަނަ އަހަރާ ބައްދަލުވާ މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި މިފެށުނު އައު އަހަރަކީ، ހުރިހާ ގޮތަކުން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި މުޅިރާއްޖެއަށް، ފާގަތިކަމާއި ތިޔާގިކަން ގެނެސްދޭނެ އަހަރެއްކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، އަޅުގަނޑުމެން ކުރި ހުރިހާ އުންމީދުތަކެއް ޙަޤީޤަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ޙާލަތާ މެދު ވިސްނައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޤައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިޙްސާސްކުރެވުނީ، ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކު ކަމެވެ. ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނެވެ.

މިފެށުނު 2021 ވަނަ އަހަރާ އަޅުގަނޑުމެން މިކުރިމަތިލަނީ، ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައެވެ. ވަކިން ޚާއްޞަކޮށް، އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައެވެ. އިޤްތިޞާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތު މިހާރަށް ވުރެ ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒެވެ. ތަރައްޤީގެ މަޝްރޫޢުތައް ތިމާވެށްޓާ އެއްކީލިކުރުމަކީވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެކެވެ.

ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަވަމުން ދާއިރު، އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ، ޤައުމުގައި ހުރި ބޮޑެތި އިޖުތިމާޢީ މައްސަލަތައްވެސް ޙައްލު ކުރެވިގެންކަމާމެދަކު ޝައްކެއް ނެތެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، ޢަމަލީ ގޮތުން މަސައްކަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، މިއަހަރުގެ ޢަޒުމްކަމުގައި ކަނޑައަޅަމާތޯއެވެ. މުޖްތަމަޢުގެ އުފާވެރިކަމާއި ހަމަޖެހުން ޤާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، އަޅުގަނޑުމެން އެންމެންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ޔަޤީނެވެ.

މުޖުތަމަޢުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު، އެތައް ގުނައެއް މިވަނީ އިތުރުވެފައެވެ. ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި ޢާއިލާތައް އުފުލަންޖެހޭ ތަކުލީފުތައްވެސް މިވަނީ، އެތައް ގުނައެއް ބޮޑުވެފައެވެ. މިކަންކަން ޙައްލުކުރުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގެ ނަތީޖާ ޙާޞިލު ކުރުމަށްޓަކައި، ޢާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

ކޯވިޑްގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އައުވަމުން އަންނައިރު، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ޤައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ.

މިފެށުނު 2021 ވަނަ އަހަރަކީ، މިދިޔަ އަހަރުތަކަށް ވުރެ، ހުރިހާ ގޮތަކުން ވެސް ދިވެހިންނަށާއި ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ޙާޞިލުވާނެ އަހަރެއް ކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖަހައި، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމަށް މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން.