އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާގެ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރާއި ޔުނިސެފް ގުޅިގެން ކޮށްފައިވާ އެކި މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔުނިސެފްއިން ކުރި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، އެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އަދި، ޑޮކްޓަރ މުނީރު ސަފިލްޑިންގެ އިސްގެންގެވުމުގެ މަތިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ކުދިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމުގައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ މަނިކުފާނު ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އެ ކުދިންނަށް ހޯދައިދީފައިވާ ޙައްޤުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާ، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ މުނީރު ސަފިލްޑިން ދެއްކެވި ވާހަކަފުޅުގައި، އެ ޖަމުޢިއްޔާގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ރާއްޖޭގައި އަދާކުރެއްވި މަސައްކަތްޕުޅާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރާ ގުޅިގެން، މަދަރުސާތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުމަށް ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މި ދެ ބިލަކީ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނުވައިދިން ދެ ބިލު ކަމުގައެވެ.

އަދި، ކޯވިޑް-19ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި އެކަށައަޅާފައިވާ ސިޔާސަތުތަކަށް އިޝާރާތް ކުރައްވާ، މި ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު ނިންމުންތަކަށް ޑޮކްޓަރ މުނީރު ސަފިލްޑިން ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ވެސް އެ ޖަމުޢިއްޔާއިން ސަރުކާރާއެކު މަސައްކަތް ކުރަމުންދާނެ ކަން ފާހަގަކުރައްވާ، މި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަހައްޓަވާ ގާތްކަމާއި، ފޯރުކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަށް ތަޢުރީފުކުރައްވާ، އެ ކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ޔުނިސެފްއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައެވެ. އަދި، ޑޮކްޓަރ މުނީރު ސަފިލްޑިން އަށް ކާމިޔާބު މުސްތަޤުބަލަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި ވެސް ޔުނިސެފްއާ ގުޅިގެން ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ދާއިރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.