އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް)ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޑޮކްޓަރ އެމް. މުނީރު އޭ. ސަފިލްޑިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޑޮކްޓަރ މުނީރު ސަފިލްޑިން ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރާއި ޔުނިސެފް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ ހައިސިއްޔަތުން ޑޮކްޓަރ މުނީރު ސަފިލްޑިން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެ ޖަމުޢިއްޔާގެ އެޑްވޮކޭޓް ފޮރ ޗިލްޑްރަންސް ރައިޓްސްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ފާހަގަކުރައްވާ، އެއީ އެ ކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވަނީ، އެކި ބާވަތުގެ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ޤާނޫނީ ގޮތުންނާއި، އިޖުތިމާޢީ ދާއިރާއިން، އަދި މިފަދަ ކަންކަމާމެދު މުޖުތަމަޢުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ، އެ ކަންކަން އިތުރަށް ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މި ކަމުގައި މުޅި މުޖުތަމަޢުގެ ދައުރު އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން ވެސް އެ ކަމަނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދެމި ހުންނަވާނެކަމުގެ ޔަޤީންކަން އަރުވައި، ޑޮކްޓަރ މުނީރު ސަފިލްޑިންއަށް ފަހު ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކާ އެކުގައި ވެސް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ މުނީރު ސަފިލްޑިން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ޔުނިސެފްގެ ޗައިލްޑް ރައިޓްސް އެޑްވޮކޭޓްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ކަންކަން އިޞްލާޙުކޮށް އިތުރަށް ހަރުދަނާކުރުމަށް ޔުނިސެފްއިން ކުރަމުންދާ މަސައްކަތްތަކަށް އެ ކަމަނާ ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވަކީން ޚާއްޞަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ޔުނިސެފްއާ ގުޅިގެން އެ ކަމަނާ އަދާކުރެއްވި ދައުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑޮކްޓަރ މުނީރު ސަފިލްޑިން ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދަށް ގެނައުމާއި، ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރައްވާ، އަދި ޔުނިސެފްގެ އޮފީހަށް ޒިޔާރަތްކުރައްވާ، އެ ޖަމުޢިއްޔާގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާތީ، އެ ކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރުމަށް ރާވާފައިވާ ގިނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ގޮތުން، ސަރުކާރާއި ޔުނިސެފް ގުޅިގެން ހިންގުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކާއި، މީޑިއާ މެދުވެރިކޮށް ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވައިލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ޑޮކްޓަރ މުނީރު ސަފިލްޑިންއަށް ކުރިއަށް އޮތް ދުވަސްތަކުގައި ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.