"ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު"ގެ ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވައިލާފައިވާ މިންގަނޑު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ޢާންމުކުރައްވައިފިއެވެ. މި ގޮތުން، އެ ކޮމިޓީން ޢާންމުކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ޚާއްޞަ މިންގަނޑެއް އެކުލަވައިލައްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަންނީ ލަފަޔާއެކު ކަމުގައެވެ.

އެ ކޮމިޓީގެ އިޢުލާނުގައި އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މަޢުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މަޢުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މަޢުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމުގައެވެ. އަދި، މިހާރު ޢާންމުކޮށްފައި މި ވަނީ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، ވަގުތީ ލިސްޓުތައް އިޢުލާނުކޮށްފައިވާ ކެޓެގަރީތަކުގެ މިންގަނޑާ ގުޅޭ މަޢުލޫމާތު ކަމުގައެވެ.

އެ ގޮތުން، ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑު ޢާންމުކުރައްވާފައިވާ ކެޓެގަރީތަކަކީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ) ކެޓަގަރީއާއި، H7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެންއުޅޭ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީގެ އިތުރުން H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީ އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ޚާއްސަ) ކެޓަގަރީއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ޢާންމުކުރައްވާފައިވާ މިންގަނޑުތައް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް އެކުލަވާލާފައިވާ މިންގަނޑާގުޅޭ" އިޢުލާނާއެކު ފެނިވަޑައިގަންނަވާނެއެވެ.