ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގަންނަވާ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

މި ގޮތުން، އެ މަނިކުފާނު ވަޑައިގަންނަވާފައި ވަނީ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަޙައްދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ބަސް ސްޓޭންޑް ހުންނަ ސަރަޙައްދާއި، އައު ޕާކުކުރާ ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި، އެ ބޭފުޅުން ވަނީ މަޝްރޫޢުތައް ކުރިއަށްދާ ގޮތުގައި މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.