ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، މ. ބާރަނާގެ، މަރްޔަމް މުނާ ޢައްޔަންކުރައްވައިފިއެވެ.

މަރްޔަމް މުނާ މި މަޤާމަށް ޢައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޔަމް މުނާއާ ހަވާލުކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މަރްޔަމް މުނާ ވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީގެ ކުރިފުޅުމަތީގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ.

މަރްޔަމް މުނާއަކީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. މިރްޔަމް މުނާ މީގެ ކުރިން ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ވެސް ފުރުއްވާފައެވެ.