بسـم اللّه الرّحـمٰـن الرّحـيـم

اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.

އާދެ! އަޅުގަނޑު މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މި އާ ޢިމާރާތަށް މިޒިޔާރަތް ކުރީ ވަރަށްބޮޑު ބޭނުމަކު. އެބޭނުމުގެ ވާހަކަ ތަންކޮޅެއް ފަހުން ދަންނަވާލާނަން.

އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި ވުޒާރާއަކީ އަޅުގަނޑަށް އާ ވުޒާރާއެއް ނޫނޭ. ޙަޤީޤަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ޚިދްމަތް ކުރުމުގެ އުފާ އަޅުގަނޑަށް ވަނީ މީގެކުރިން ލިބިފައޭ. އެއީ ކުރީ ދައުރުގައި ކުރީގެ ރައީސް އަލްފާޟިލް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އަޅުގަނޑު ފޮރިން މިނިސްޓްރީއާ ހަވާލުވެގެން ދުވަސްކޮޅަކު ހުރިން. އެހެންވީމާ، ފޮރިން މިނިސްޓްރީއަކީ ނުވަތަ ޚާރިޖީ ވުޒާރާއަކީ، އަޅުގަނޑަށް އާ ތަނެއް ނޫން. މި އިމާރާތް އަޅުގަނޑަށްވެސް އާ. ތިޔަބޭފުޅުންނަށްވެސް އާކަންނޭނގެ. އެކަމަކު މި މުއައްސަސާއަކީ އަޅުގަނޑާ ރައްޓެހި، އަޅުގަނޑު އެ މުއައްސަސާއެއްގައި ޚިދްމަތް ކޮށްފައިވާ ތަނެއް.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، ފޮރިން މިނިސްޓްރީގެ މަސައްކަތަކީ، ވަރަށް މުހިންމު މަސައްކަތެކޭ. ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުން އެކިކަންކަމާ ދޭތެރޭގައި ޢަމަލުކުރާ އުޞޫލުތަކާއި ހަމަތަކާއި، މިހުރިހާ ކަމެއް، ބޭރުގެ ފަރާތްތަކަށް އަންގައިދޭން ހުންނަ އެންމެ އިސް ފަރާތަކީ، ފޮރިން މިނިސްޓްރީ ނުވަތަ ޚާރިޖީ ވުޒާރާ. މިއީ، މިއަދުގެ ދުނިޔޭގައި ވަރަށް މުހިންމު ކަމެއް. ކޮންމެ ޤައުމެއްގެވެސް ޚާރިޖީ ވުޒާރާއަކީ، ބޭރު ދުނިޔޭގައި އެ ޤައުމެއް ތަމްސީލުކޮށްދޭ މޫނުބަލާ ލޯގަނޑު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ހާމަކޮށްދޭ ތަނަކީ، ޚާރިޖީ ވުޒާރާ.

އެހެންވީމާ، މިއަދުގެ ދުނިޔޭގައި ހުރިހާ ޤައުމުތަކެއް މިހާ ބޮޑަށް ގުޅިފައި އޮތުމާއި، އެއްޤައުމެއްގައި ހިނގާ ކަންތައްތައް އަނެއް ޤައުމަކުން ބަލައި ދިރާސާކޮށް، އަދި ދޭދޭ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ވަރަށްބޮޑު ބައެއް، އެ ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ގުޅިފައި ހުންނަލެއް ބޮޑުކަމުން، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހިނގާ ކަންތައްތަކާއި، ރާއްޖޭގެ ސަރުކާރުގެ ސިޔާސަތާއި، މިހުރިހާ ކަމެއް، ބޭރުގެ ދުނިޔޭގެ ޤައުމުތަކަށް، އަދި ބޭރުގެ ޖަމާޢަތްތަކަށް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ، ވަރަށް މުހިންމު ކަމެއް.

މިގޮތުން، އެނގިވަޑައިގަންނަވާނެ ރާއްޖޭގެވެސް އެމްބަސީތަކެއް ނުވަތަ ޑިޕްލޮމެޓިކް މިޝަންތަކެއް ރާއްޖެއިން ބޭރުގައި މިހާރު އެބަހުރިކަން. އާދެ! އ.ދ. މަޖިލީހުގައި ހުންނަ އަޅުގަނޑުމެންގެ ޕާރމަނަންޓް މިޝަން. އަދި މިހާރު އ.ދ. މަޖިލީހުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކީ، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށްވާކަން. އޭގެއިތުރުން، އިނގިރޭސިވިލާތުގައިވެސް އަޅުގަނޑުމެންގެ ހައިކޮމިޝަނެއް އެބަހުރި. މިހާރު ނިއުދިއްލީގައި އެބަހުރި. އަދި ޝްރީލަންކާގައި ވަރަށް ކުރިއްސުރެ ހުރޭ. މިހެން މިކަންތައްތައް ހުންނައިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސަތު، ބޭރު ޤައުމުތަކަށް، ބޭރުގެ ޖަމާޢަތްތަކަށް ހާމަކޮށްދޭނެ ދާއިރާތަކެއް ފޮރިން މިނިސްޓްރީގެ ދަށުން މިވަނީ އުފެދިފައި. އެތަންތަނަށް މަޢުލޫމާތު ދެއްވާ ފަރާތަކީވެސް ފޮރިން މިނިސްޓްރީ. ސަފީރުން އެތިއްބަވަނީ ފޮރިން މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި.

އެހެންވީމާ، މިވުޒާރާއިން މިކުރައްވަންޖެހޭ މަސައްކަތަކީ، މިހާރު ދެން ވަރަށް ބޮޑު އަދި ވަރަށް މުހިންމު މަސައްކަތަކަށް މިއޮތީ ވެފައި. ޚާއްޞަކޮށް ރާއްޖޭގައި މިހާރު ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ފަށާފައިވާތީ، އެޕްރޮގްރާމްގައި ހިމެނޭ ކަންތައްތަކާއި، އުސޫލުތަކާއި، އެޕްރޮގްރާމްގެ ބޭނުމާއި، އެޕްރޮގްރާމް، ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކާއި، އަދި ދިވެހި ރައްޔިތުން މިޕްރޮގްރާމް ދެކޭގޮތާއި، މިކަންތައްތައް ވަރަށް ރަނގަޅަށް ބޭރުގެ ފަރާތްތަކަށް އޮންނަންޖެހޭނީ ހާމަވެފައި. ބަޔާންވެފައި. އެމަސައްކަތް ކޮށްދެއްވަން ތިއްބެވި ބޭފުޅުންނަކީ ތިޔައީ.

އެ މުއައްސަސާއަކީ ފޮރިން މިނިސްޓްރީ. އެހެންވީމާ، މިގޮތުންވެސް މިދަނޑިވަޅުގައި ފޮރިން މިނިސްޓްރީގެ މުހިންމުކަން ކުރިއަށްވުރެވެސް މާބޮޑުތަން އިތުރުވެއްޖެ ކަމަށް އަޅުގަނޑު ދެކެން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި މިހާރު ހިންގާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގެ ތެރޭގައި ވަރަށްގިނަ ކަންތައްތަކެއް އެބަ ހިމެނޭ. އޭގެތެރޭގައި، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެއީ މިޒަމާނުގެ ޑިމޮކްރަސީއެއް ރާއްޖޭގައި ތަޢާރުފު ކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. އޭގެއިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ޤާނޫނުއަސާސީ އިޞްލާޙުވެ ނުނިމުނު ކަމުގައިވިޔަސް، ސަރުކާރުން މިހާރު ހުށަހަޅާފައިމިވާ އިޞްލާޙީ ޕްރޮގްރާމްގައި ކުރަންޖެހޭ އެހެން ކަންތައްތަކެއް އެބަހުރި. އެކަންތައްތައް މިގެންދަނީ ކުރަމުން.

އޭގެތެރޭގައި އެއްކަމަކީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމެއް އުފެއްދުން. އެނިޒާމު އުފެދި، އެނިޒާމުގެ ދަށުން މިހާރު ވަނީ 4 ސިޔާސީ ޕާޓީއެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައި. އެޕާޓީތައް މިދަނީ ހިނގަމުން. އޭގެއިތުރުން، އަޅުގަނޑުމެންގެ ޚަބަރު ފަތުރާ ވަސީލަތްތަކުގެ މިނިވަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކުރެވި، އެމިނިވަންކަން ހަރުދަނާ ކުރެވިފައި. ހަމަ އެހެންމެ ޖިނާއީ ޢަދުލުގެ ނިޒާމުވެސް މިގެންދަނީ އިޞްލާޙު ކުރަމުން. އަދި އޭގެއިތުރުން، އިންސާނީ ޙައްޤުތައް އިތުރަށް ރައްކާތެރިކޮށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިދަނީ ކުރަމުން.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އެންމެ ފުރަތަމަ އުފެއްދީ، 2003 ވަނަ އަހަރު. އޭރު ހެދުނީ ރައީސްގެ ޤަރާރެއްގެ ދަށުން. މިހާރު ހިއުމަން ރައިޓްސް ކޮމިޝަން މިއޮތީ، ޤާނޫނުގެ ދަށުން އުފެދޭގޮތަށް ބަދަލުވެފައި. ޤާނޫނު މިއޮތީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި. އަދި ޤާނޫނުގައި ބުނާގޮތުގެ މަތިން، ހިއުމަން ރައިޓްސް ކޮމިޝަންގައި ހިމެނޭ 5 މެންބަރުންގެ ނަން ހިމެނުމަށް، އަޅުގަނޑަށް ފެންނަ 5 މެންބަރުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން އެއޮތީ އެ 5 ނަން ފާސްކޮށްދެއްވާފައި. އޭގެފަހުން، ޤާނޫނު ބުނާގޮތުން 15 ދުވަހުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސަކަށް ހުންނަވާނޭ ބޭފުޅަކާއި، ނައިބުރައީސަކަށް ހުންނަވާނޭ ބޭފުޅެއްގެ ނަންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ. އެކަންވެސް މިހާރު އަޅުގަނޑު ވަނީ ކޮށްފައި. އެހެންވީމާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސަކާއި ނައިބުރައީސެއްގެ ކަންތައް މުޅިން ނިމޭނީ، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވީމާ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުން އެކަން ނިންމަވައިދެއްވާނެ.

އާދެ! މީގެއިތުރުންވެސް، އަޅުގަނޑުމެންގެ ޖަލުގެ ނިޒާމުތައް ހަރުދަނާ ކުރުމާއި، ކުށްވެރިން ބެލެހެއްޓުމުގެ ކަންތައްތައް ރަނގަޅު ކުރުމާއި، މިކަންތައްތައްވެސް ހިނގަމުން އެބަދޭ. މިހުރިހާ ކަމެއް މިހެން ހިނގަމުންދާއިރު، ރާއްޖޭގައި ހިސާބަކަށް ސިޔާސީ ހަލަބޮލިކަމެއް މިއޮތީ އުފެދިފައި. ސަރުކާރާ އެއްޚިޔާލު ނުގެންގުޅޭ ސިޔާސީ ޕާޓީތަކުން، އަދި ޚާއްޞަކޮށް، ވަކިޕާޓީއަކުން ދެކޮޅުވެރިކަމުގެ ޢަމަލުތަކެއް ހިންގަންވަނީ ފަށާފައި. މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް. އޭގެ ނަތީޖާއެއްގެ ގޮތުން، އަދި އެޕާޓީން އެގޮވާލި ގޮވާލުމަކަށް މާލޭގައި 10 ނޮވެމްބަރުގައި ޣައިރު ޤާނޫނީ އެއްވުމަކަށް މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެހެން ނަމަވެސް، އެމަސައްކަތްތަކަކީ ކުރިންވެސް މިދެންނެވިހެން އަޅުގަނޑުމެންގެ ޤާނޫނާ ޚިލާފު މަސައްކަތްތަކެއް ކަމަށްވާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. ރައްޔިތުންވެސް މިކަމުގެ ތެރޭގައި ވަރަށްބޮޑު އެއްބާރުލެއްވުމެއް ދެއްވި. ސަރުކާރުން މިކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 10 ނޮވެމްބަރަށް އެމީހުން އެގޮވާލި އެއްވުން، އެގޮތުގެ މަތިން ނުބޭއްވުނު. އަދި އިރާދަކުރެއްވީތީ، ވަރަށް އޮމާންކަމާއި ޞުލްޙަވެރިކަމާ އެކީގައި 10 ނޮވެމްބަރުގެ ކަންތައްތައް ހަމަޖެހިގެން ހިނގައްޖެ.

ޣައިރު ޤާނޫނީ އެއްވުމަކަށް އެކަންތައްވީ ސަބަބު ކޮންމެހެން އަޅުގަނޑު ދަންނަވާކަށް ނުޖެހޭނެކަންނޭނގެ. އެއީ، އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބުނާގޮތުންވެސް، މަގުމަތީގައި ނުވަތަ ބޭރު ތަނެއްގައި ސިޔާސީ ޙަރަކާތެއް ހިންގަންޏާ 7 ދުވަސް ކުރިން ފުލުހުންގެ އިދާރާއަށް ހުށަހަޅައި، އެކަމުގައި މަސްއޫލުވާ ފަރާތްތަކުގެ ސޮޔާ އެއްޗެހި ލިބެންޖެހޭ. ވަކިފޯމެއް ފުރަންޖެހޭ. އަދި ވަކި ގަޑިއަކުން ވަކިގަޑިއަކަށް އެކަން ހިންގެނީ. މާލޭގައިވެސް ވަކި ސަރަޙައްދުތަކެއްގައި. އެއާ ޚިލާފަށް އެމީހުން އެކަން ކުރަން ރާވަމުން ގެންދިޔައީ.

ހަމައެހެންމެ، އަޅުގަނޑުމެންގެ އެހެން ޤާނޫނުތަކާވެސް ޚިލާފަށް އެކަން ހިނގަމުންދިޔައީ. އެއީ އަޅުގަނޑުމެންގެ ޤާނޫނުތަކުގެ ތެރެއިން ޤާނޫނެއްގައި އޮންނާނެ. ސަރުކާރާ ދެކޮޅުވެރި ޙަރަކާތްތަކެއް ހިންގުމަށްޓަކައި ތިން މީހުން ނުވަތަ އެއަށްވުރެ ގިނަމީހުން އެއްވުމަކީ، ޤާނޫނީ ކުށެކޭ. މިކަން މިހެން އޮއްވައި މިއާ ޚިލާފަށް މިކަންތައްތައް ކުރަން އެމީހުން ރާވައިގެން އެގެންދިޔައީ. އަދި އޭގެ އަޑީގައި އޮތީ ވަރަށް ނުރައްކާތެރި ކަމެއްކަން ޚަބަރު ފަތުރާ ވަސީލަތްތަކުންނާއި، އެނޫން ގޮތްގޮތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި އެޕާޓީގެ އިސްވެރިން އެކިތަންތާނގައި، އެކިޖަލްސާތަކުގައި ދެއްކެވި ވާހަކަފުޅުތަކުން އެބޭފުޅުންގެ މަޤްޞަދަކީ ކޮބައިކަން ވަރަށް ރަނގަޅަށް އޮތީ ބަޔާންވެފައި. އެބޭފުޅުންގެ މަޤްޞަދަކީ، ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކޮށްލުންކަން ވަރަށް ރަނގަޅަށް ދޭހަވެފައި އޮތީ.

މިކަހަލަ ކަމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ހުއްދަ ކުރާނެ ނުވަތަ ފުރްޞަތުދޭނެ ކަމެއް ނޫން. ސަރުކާރު ބަދަލުވާން ޖެހޭނީ ޤާނޫނީ ހަމަތަކުގެ މަތިން. ސަރުކާރެއް އިންތިޚާބުވަނީވެސް ޤާނޫނީ ހަމަތަކުގެ މަތިން. އަޅުގަނޑު މިމަޤާމުގައި މިހުރީވެސް އަމިއްލައަށް ގަދަބާރުން އައިސްގެން ހުރީމަކާ ނޫން. އެކިފަހަރުމަތިން ދިވެހި ރައްޔިތުން އަޅުގަނޑު މިމަޤާމަށް އިންތިޚާބު ކުރައްވައިގެން. ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން.

އެހެންވީމާ، ޤާނޫނުގައިވާ ގޮތުގެ މަތިން އުފެދިފައިވާ ސަރުކާރެއް ބަދަލުކޮށްލުމަށް މަސައްކަތް ކުރާނަމަ، ކުރަން ޖެހޭނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން. އޮވޭ ގޮތްތަކެއް. ޤާނޫނުއަސާސީގައި ހުންނާނެ ގޮތްތަކެއް. އެގޮތުގެ މަތިން ޢަމަލު ކުރުމަކަށް ސަރުކާރަކުންވެސް އިޢުތިރާޒެއް ނުކުރާނެ. އެގޮތަށް ޢަމަލު ކުރެވޭނެ. އެއާ ޚިލާފަށް މަގުމައްޗަށް މީހުން ނުކުމެ، ހަޅޭއްލަވައި، އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް އެއްޗެހި ކިޔާ، ގާއުކައި، އެކިއެކި ނުރައްކާތެރި ހަރުކަށި ޢަމަލުތައް ހިންގުމަކީ، ޤާނޫނު ހުއްދަކުރާ ކަމެއް ނޫން. އެކަން އެގޮތަށް ހިނގައިފިނަމަ، ތަނުގެ އަމަންއަމާންކަމަށާއި ޞުލްޙަމަސަލަސްކަމަށް ވަރަށް ބޮޑެތި ނުރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ. ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ޤައުމުގައި އުފެދިގެންދާނެ. އެއީކީ އަޅުގަނޑު ހިތުން އިޞްލާޙު ގެންނަންވީ ގޮތެއް ނޫން. އިޞްލާޙުގެ މަގަކީ ޤާނޫނީ މަގު. އެއާ ޚިލާފަށް މިކަން ބަޔަކު ކުރަން އުޅުނުކަން އެއީ، ޝައްކެއްނެތް ވަރަށްދެރަ ކަމެއް. ދިވެހިރާއްޖޭގެ ރައްޔިތުން ތިއްބެވީ ސަރުކާރާ އެކީގައި. ސަރުކާރަށް ތާއީދުކުރުން މަތީގައި. މިކަން ވަރަށް ރަނގަޅަށް އެނގޭ. އަތޮޅުތަކުންވެސް އަޅުގަނޑަށް ލިބުނު މެސެޖުތަކުންނާއި އަދި އަތޮޅުތަކުގެ ރައްޔިތުން ފާޅުކުރައްވާފައިވާ ޝުޢޫރުތަކުން. އަދި މާލޭގެ ރައްޔިތުންވެސް ހަމަ އެގޮތަށް ތިއްބެވީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިކަހަލަ ދަނޑިވަޅުތަކުގައި ޤާނޫނާ އެއްގޮތަށް ކަންތައް ކުރުމަކީ ވަރަށް މުހިންމު ކަމެކޭ. އެއީ ތަނުގެ މަޞްލަޙަތަށްޓަކައި. އަމަންއަމާންކަމަށްޓަކައި. ތަނުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި. އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަނުޖެހުން އުފެދިއްޖެނަމަ، ވަރަށް ހިތި ނަތީޖާތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން އަންނާނެ.

މިވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ހޯދާފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ސިޔާސީ ހަމަޖެހުމުގެ ބިންގާގެ މަތީގައި ހޯދިފައިވާ ކުރިއެރުންތަކެއް. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ނެތްނަމަ، މިހާރު ކުރިއަރާފައިމިވާ މިންވަރަކަށް އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަކީ ދެކުނު އޭޝިޔާގައި އޮތް އެންމެ ކުރިއަރާފައިވާ ޤައުމު. އެއީ އޭގެ ޢަލާމާތްތަކަށް ބަލާއިރު. އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ ޕަރ ކެޕިޓާ އިންކަމް، މިސަރަޙައްދުގެ ހުރިހާ ޤައުމުތަކަށްވުރެ މާމަތި. އަދި ދިރިއުޅުމުގެ ފެންވަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ޙައިރާންވާހާ ރަނގަޅު ކަމަށް، އަދި މިސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ރަނގަޅު ކަމަށް ވަރަށްގިނަ މީހުން ބުނޭ. ރާއްޖެއަށް ދަތުރުކުރައްވާ ބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. މި ރަނގަޅު ކަންތައްތައް ޙާޞިލުވެފައި މިއޮތީ، ރާއްޖޭގައި މިއޮތް ހަމަޖެހުމުގެ ސަބަބުން. އެހެންވީމާ، މިހަމަޖެހުން ފުނޑުފުނޑުކޮށްލާކަށް އެއްވެސް މީހަކު އުޅެގެނެއް ނުވާނެ. އެހެން އުޅޭ އުޅުމަކީ، ވަރަށް ދެރަ ކަމެއް. އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށް މޮޔަވެސް ކަމެކޭ.

އެހެންވީމާ، މިކަމުގައި މިފަހަރު ސަރުކާރުން ގެންގުޅުނު ސިޔާސަތާއި، ސަރުކާރުން އިޞްލާޙީ ޕްރޮގްރާމް ކުރިޔަށް ގެންދާގޮތާއި، މިކަމުގެ މަޢުލޫމާތުތައް ވަރަށް ފުރިހަމަ ގޮތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، އެމިނިސްޓްރީގެ އެހެން އިސްވެރިން، މިތާނގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވަޑައިގެން ނެތް. އެހެން ނަމަވެސް، އެމަނިކުފާނާއި، އަދި މިނިސްޓަރުގެ ނައިބު އަލްފާޟިލާ އާމިނަތު މުޙަންމަދުދީދީއާއި، ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ އަލްފާޟިލް އިބްރާހީމް ޝަހީދު ޒަކީއާއި، އަދި ޗީފް އޮފް ޕްރޮޓޮކޯލް އަލްފާޟިލް ޢަބްދުﷲ ޙަމީދާއި، އަދި އެނޫން ބޭފުޅުން ކުރެއްވި މަސައްކަތްތައް ވަރަށްބޮޑު. އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުން. އަދި ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގެ ވެރިންނާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. ތިޔަ ހުރިހާ ބޭފުޅުން ތިޔަކޮށްދެއްވި އަގުބޮޑު މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ތަޞައްވުރު، ބޭރު ދުނިޔޭގައި މިހާރު މިވަނީ ވަރަށްބޮޑުތަން ރަނގަޅުވެފައި.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ނުވަތަ އަހަރެއްހާ ދުވަސް ކުރިންވެސް އަޅުގަނޑުމެންގެ ތަޞައްވުރު އޮތީ ވަރަށް ކިލަނބުކޮށް. ބަޔަކު މީހުން ދޮގު މަޢުލޫމާތާއި ދޮގު ޚަބަރުތައް، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްދީގެން އޮތީ ރާއްޖޭގެ ތަޞައްވުރު ކިލަނބުކޮށްލާފައި. އެކަމަކު އިރާދަކުރެއްވީތީ މިހާރު މިނިސްޓަރުގެ މަސައްކަތްޕުޅާއި، އަދި މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިރާއްޖޭގެ ސަފީރުންނާއި، އެހުރިހާ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މިހާރު މިވަނީ އަޅުގަނޑުމެންގެ ތަޞައްވުރު އިރާދަކުރެއްވީތީ ވަރަށްބޮޑުތަން ރަނގަޅުވެފައި.

އެހެންވީމާ، އަޅުގަނޑު ބޭނުންވީ މިދަނޑިވަޅުގައި ތިޔަ ހުރިހާ ބޭފުޅުން ތިޔަކޮށްދެއްވި އިޚްލާޞްތެރި އަދި ބުރަ މަސައްކަތްޕުޅުތަކަށްޓަކައި، އަޅުގަނޑު މިތަނަށް އައިސް ޝުކުރު ދަންނަވާލަން. އެއީ، އަޅުގަނޑު މި މިނިސްޓްރީއަށް މިއަދު މިޒިޔާރަތް ކުރުމުގެ ބޭނުމަކީ. އަޅުގަނޑުގެ ވާހަކަ ފަށަމުން ދަންނަވާލިން، އެބޭނުން ފަހުން ދަންނަވާލާނަމޭ. މިހާރު އެބޭނުން މިދަންނަވާލެވުނީ.

ދެން އަޅުގަނޑު ބޭނުން އަދި އިތުރު އެއްޗެއް ދަންނަވާލަން. އެއީ، ޚާރިޖީ ވުޒާރާއަކީ، ދަންނަވަން މިއުޅެނީ އެއްގޮތެއްގައި އެއްއުޞޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ހިނގަންޖެހޭ ވުޒާރާއެއް. މިވުޒާރާ ކުރިން ވަރަށް ދިގު މުއްދަތެއްގައި ހިންގަވައިދެއްވީ އަލްއުސްތާޛު ފަތުޙުﷲ ޖަމީލް. ވަރަށް ޤާބިލުކަމާ އެކީގައި. ވަރަށް އިޚްލާޞްތެރިކަމާ އެކީގައި. އަދި އެމަނިކުފާނުގެ މަސައްކަތްޕުޅުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަޞައްވުރު ކުރިން އޮތީ ވަރަށްބޮޑުތަން އޭރުވެސް ރަނގަޅުކޮށް. އެހެންވީމާ، ފަތުޙުﷲ ޖަމީލަށްވެސް ޙައްޤުވެގެންވާ ޝުކުރު، މިބައްދަލުވުމުގައި އަޅުގަނޑު ދަންނަވާލަން ބޭނުން.

އަދި ހަމައެޔާއެކީގައި މިމިނިސްޓްރީގައި މީގެކުރިން ޚިދްމަތް ކުރެއްވި އެހެން ބޭފުޅުންނާއި، އަދި ރާއްޖެއިން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި މިހާރުވެސް ޚިދްމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، އަދި ކުރިން އެޚިދްމަތް ކުރެއްވި ބޭފުޅުންނާއި، މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ހަމަ މިއަދު ޝުކުރު ދަންނަވާލަން ބޭނުންވޭ.

އާދެ! އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު ފަޚުރެއް، ނިއުޔޯކުގައި ހުންނަ ނުވަތަ އ.ދ. މަޖިލީހަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުރި ދާއިމީ މަންދޫބުގެ ގޮތުގައި އެއްދުވަސްވަރެއްގައި އަޅުގަނޑު ހުރި ހުރުން. އެތާނގައި ދުވަސްކޮޅަކު، އެމަޤާމުގައި ހުރިން. އެއީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. ވަރަށްބޮޑު އުފަލެއް. ޔޫ.އެން.ގެ ދާއިރާގައި ދުވަސްކޮޅަކު ޚިދްމަތް ކުރުމަކީ، އަޅުގަނޑަށް ވަރަށްގިނަ ތަޖުރިބާތަކެއްވެސް ލިބިގެންދިޔަ ކަމެއް. އެހެންވީމާ، އެވާހަކަވެސް ދަންނަވާލައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަން ބޭނުން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ރާއްޖޭގެ ތަޞައްވުރު ބޭރުދުނިޔޭގައި އެއްދުވަހުން އަނެއް ދުވަހަށް ދާނީ ރަނގަޅުވަމުން. ރާއްޖޭގެ ޙަޤީޤީ ތަޞައްވުރު، ތިޔަބޭފުޅުންގެ މަސައްކަތްޕުޅުން ފެނިގެންދާނެ.

އެހެންވީމާ، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަމުން، ތިޔަބޭފުޅުންނަށް އިތުރު ކާމިޔާބީއަށް އެދެމުން، ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކަށާއި ދިގު އުމުރުފުޅަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّـلام عليـكم ورحـمة اللّه وبـركاتـه.