بسـم اللّه الرّحـمٰـن الرّحـيـم

اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ! އަޅުގަނޑު މިއަދު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް އައުމުން، މިނިސްޓަރ މުޙަންމަދު ވަޙީދުއްދީނާއި އަދި މިނިސްޓްރީގެ ވެރިން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ހުރިހާ ބޭފުޅުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު މި މިނިސްޓްރީއަށް މިއައީ، މިނިސްޓަރާއި އަދި މި މިނިސްޓްރީގެ ވެރިން އަދި އަތޮޅުތަކުގައި ޚިދްމަތް ކުރައްވާ މިދާއިރާގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު ދަންނަވާލުމުގެ ބޭނުމުގައި. މިނިސްޓަރ އެ ބާއްވަވާ އަތޮޅުވެރިންގެ ޓެލެ ކޮންފަރެންސްގައި، މީގެ ކުޑައިރުކޮޅެއް ކުރިން އަޅުގަނޑު ބައިވެރިވިން. އަދި އަތޮޅުތަކުގައި ޚިދްމަތް ކުރައްވާ އަތޮޅުވެރިންނާ މުޚާޠަބުކޮށް، ދެތިން ބަހެއް ދަންނަވާލިން.

އަޅުގަނޑު މިއަދު މިތަނަށް މިއައި ބޭނުމަކީ މިދެންނެވީ. އެއީ ތިޔަ ހުރިހާ ބޭފުޅުން ތިޔަކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވާލުމަށް. އަތޮޅުތަކަކީ، ރާއްޖޭގެ ވަރަށްބޮޑު ބައެއް. އަތޮޅުތައް ތަރައްޤީވުމަކީ، ޙަޤީޤަތުގައި މުޅި ރާއްޖެ ތަރައްޤީވުން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދާއިރާއަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ.

އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން، އެންމެ ފުރަތަމަ ކުރިކަމަކީވެސް އަތޮޅުތަކުގެ ތަރައްޤީގެ މަސައްކަތްތަކެއް ފެށުން. އޭރު ”ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު“ މިނަމުގައި ވަރަށްގިނަ އަހަރުތަކެއް ވަންދެން މަޝްރޫޢެއް ހިންގިން. 1979 ވަނަ އަހަރުން ފެށިގެން. އަދި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު ޒިޔާރަތް ކުރިން. ވަރަށްދިގު މުއްދަތެއްގެ ތެރޭގައި އެކަން ކުރެވުނީ. ގާތްގަނޑަކަށް 4 އަހަރު ދުވަހުގެ ތެރޭގައި. އެހެން ނަމަވެސް، ހަމަ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެވަގުތު އެރަށްރަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑު ލިބިގަތިން. އޭގެފަހުންވެސް، ވަރަށްގިނަ މުނާސަބަތުތަކުގައި، ވަރަށްގިނަ ރަށްރަށަށް ތަފާތު ފަހަރުތަކުގައި ވަނީ އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި. އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ ހަމަ އެކަން އެގޮތަށް ގެންދާނަން.

މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، އަތޮޅުތަކަށް މިއައި ތަރައްޤީ އައިސްފައި މިވަނީ، އެކިފަހަރުމަތިން މި މިނިސްޓްރީ ހިންގަވަން ތިއްބެވި ވަޒީރުންނާއި އަދި އެވަޒީރުންގެ ބެއްލެވުމުގެ ދަށުން ޚިދްމަތް ކުރެއްވި ވެރިންނާއި މުވައްޒަފުންނާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަތޮޅު ކޮމިޓީތަކާއި، ރަށްރަށުގެ ކޮމިޓީތަކުގެ މެންބަރުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން.

އެހެންވީމާ، މި މުނާސަބަތުގައި އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުން. ދެންމެ ޓެލެ ކޮންފަރެންސްގައި އަޅުގަނޑު ދެންނެވި ފަދައިން، މި 28 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މިއައި ތަރައްޤީގެ މަސައްކަތް ކުރީކީ، އަޅުގަނޑެއް ނޫން. އަޅުގަނޑުވެސް މަޤާމެއްގައި ހުރީ. ނަމަވެސް، އެމަސައްކަތް ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައްޔިތުން. ހަމައެޔާއެކީގައި، އަޅުގަނޑާއެކު މަސައްކަތް ކޮށްދެއްވި ވަޒީރުންނާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިން. އެހެންވީމާ، މިއައި ތަރައްޤީގެ ބާނީންނަކީ، ޙަޤީޤަތުގައި އެބޭފުޅުން. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިފުރްޞަތުގައި ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މި މިނިސްޓްރީ ހިންގަވައިދެއްވި ބޭފުޅުންނަށް. އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން މިއަދާ ޖެހެންދެން ގާތްގަނޑަކަށް ފަސްބޭފުޅަކު ވަޒީރުންގެ ގޮތުގައި މި މިނިސްޓްރީ ހިންގަވައިދެއްވައިފި. އެއިން ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދައުރުގައި، އެކޮށްދެއްވި ޚިދްމަތަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އެމަޤާމުގައި އެންމެ ގިނަދުވަހު ޚިދްމަތް ކުރެއްވި ބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކަމަށްވާތީ، ޢަބްދުﷲ ޙަމީދަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން މިތިބީ އާ މަރްޙަލާއަކާ ކުރިމަތިލާފައި. އަތޮޅުތަކުގެ ތަރައްޤީގައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެކަމުގައި މިނިސްޓަރ މުޙަންމަދު ވަޙީދުއްދީން އެ އަދާކުރައްވާ ދައުރަކީ، ވަރަށް މުހިންމު، ވަރަށްބޮޑު ދައުރެއް. އެހެންވީމާ، ވަޙީދުއްދީން އެ ގެންގުޅުއްވާ އިޚްލާޞްތެރިކަމާއި އަދި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ހެޔޮއެދިވަޑައިގަތުމަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން، ތިޔަ ހުރިހާ ބޭފުޅުން، މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ކޮމިޓީތަކުގެ ބޭފުޅުންނާ މިހުރިހާ ބޭފުޅުންވެސް ތިޔަކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެން އިތުރަށް ދަންނަވާލަން ބޭނުން ވާހަކައަކީ، މިނޮވެމްބަރު މަހުގެ 10 އަށް ބަޔަކު މީހުން ރާވައިގެން ހިންގަން އުޅުނު ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަކަށް ގެނައުމުގައި، ތިޔަބޭފުޅުން ކޮށްދެއްވި މަސައްކަތް ވަރަށްބޮޑޭ. އެކަން ރޭވި ހިންގި ބައެއްގެ އެންގުމަށް، އަތޮޅުތަކުން މާލެ އަންނަން ބަޔަކު ތައްޔާރުވެގެންދިޔަ. އެހެން ނަމަވެސް، ތިޔަބޭފުޅުން، މިނިސްޓަރާއި މިނިސްޓްރީގެ ވެރިންނާއި، އަތޮޅުތަކުގެ އަތޮޅުވެރިން އެކޮށްދެއްވި މަސައްކަތުގެ ސަބަބުން މާލެ އައި މީހުންގެ ޢަދަދު ވަރަށްބޮޑުތަން މަދުވެގެންދިޔަ. އެއްގޮތަކަށްވެސް މީހަކު ނާދެޔޭ ބުންޏަކަސް ދޮގަކަށްނުވާނެކަންނޭނގެ. އެހާ މަދު ބަޔަކު މާލެ އައީ. އެކަން ރާވައި ހިންގި ބަޔަކު އެކަން ކުރަމުން އެގެންދިޔައީ، ވަރަށް ނުބައި މަޤްޞަދެއްގައި. އެއްގޮތަކަށްވެސް އިޞްލާޙުގެ ބޭނުމުގައެއް ނޫން. އިޞްލާޙު އަންނާނީ ޤާނޫނީ ހަމަތަކުގެ މަތިން. ޤާނޫނީ އޮނިގަނޑުގެ ތެރެއިން. އެމަސައްކަތް އިރާދަކުރެއްވީތީ، ސަރުކާރުން މިގެންދަނީ ކުރަމުން.

ސިޔާސީގޮތުން އިޞްލާޙުކުރަންޖެހޭ ބައިވަރު ކަންތައްތަކެއް ރާއްޖޭގައި ހުރީމާ، އަޅުގަނޑުވާނީ ސިޔާސީ އިޞްލާޙީ ޕްރޮގްރާމެއް ހުށަހަޅައި، އެޕްރޮގްރާމަށް ޢަމަލުކުރަން ފަށާފައި. މީގެ ދެއަހަރު ކުރިއްސުރެ ފަށައިގެން. އަދި އެ އިޞްލާޙީ ޕްރޮގްރާމްގައި ހިމެނޭ މުހިންމު ކަންތައްތައް، އަޅުގަނޑު ވާނީ، 2004 ވަނަ އަހަރުގެ ޖޫންމަހުގެ 9 ވަނަ ދުވަހުގެރޭ ދިވެހި ރައްޔިތުންނާ ޙިއްޞާކޮށްފައި. އެކަމަށް ދިވެހި ރައްޔިތުންގެ ވަރަށް ފުރިހަމަ ތާއީދެއް އަޅުގަނޑަށް ލިބުނު. އަދި އޭގެއިތުރުން ބޭރު ދުނިޔޭގެވެސް ވަރަށްގިނަ ފަރާތްތަކުގެ ތާއީދު އަޅުގަނޑަށް ލިބުނު. އެހެންވީމާ، އެއިން ދައްކާ އެއްޗަކީ، އެޕްރޮގްރާމަކީ، އަދި އެ އިޞްލާޙީ ޕްރޮގްރާމްގައި ހިމެނިފައިވާ އުޞޫލުތަކަކީ، ރާއްޖޭގެ ރައްޔިތުން ޤަބޫލު ކުރައްވާ އަދި މުޅި ދުނިޔެވެސް ޤަބޫލުކުރާ އުޞޫލުތަކެއްކަން. އެކަން ވަރަށް ބާރަށް ގެންދިޔުމަށްޓަކައި، މަގުޗާޓެއްވެސް ވަނީ އިޢުލާނު ކޮށްފައި. އެ މަގުޗާޓުގައި އެކި ކަންތައްތައް ކުރާނެ މުއްދަތުތައް އޮތީ ކަނޑައެޅިފައި. އެކަމަށް ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން.

އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރައްވަމުން އެބަގެންދަވާ. ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެކަންނޭނގެ މަސައްކަތް ދަނީ ލަހުންނޭ. އަޅުގަނޑު އެއްގޮތަކަށްވެސް އެހެނެއް ނުދެކެން. މިހާރު ވަރަށް ބާރަށް މަސައްކަތް އެބަދޭ. ވަރަށްގިނަ ކަންތައްތަކެއް ނިމެމުން. ޤާނޫނުއަސާސީގައި ހިމެނެންވާނެ މައިގަނޑު ބައިތަކާ ބެހޭގޮތުން ވާހަކަ ދައްކަވައި، އެގެންދަވަނީ ގޮތްތަކެއް ނިންމަމުން. ދެން ޢިބާރާތް ކުރުމުގެ މަސައްކަތް، މިކަންތައް ނިމުނީމާ، އެއީކީ ދެން އެހާ ގިނަ ދުވަހެއްވާނެ ކަމެއް ނޫންކަންނޭނގެ. އެހެންވީމާ، މަސައްކަތް ވަރަށް ބާރަށް އެބަހިނގާ. އަދި ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމާއި، ރާއްޖޭގައި އޮންނަން ރައްޔިތުން ބޭނުންވަނީ ކޮންކަހަލަ ވެރިކަމެއްތޯ؟ ރިޔާސީ ނިޒާމެއްތޯ؟ ބަރުލަމާނީ ނިޒާމެއްތޯ؟ މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެ ނަގަންޖެހޭ ވޯޓު ނެގުމުގެ ކަންތައްވެސް މިހާރު، އެކަމަށް އެ އިންތިޚާބު ކުރެވުނު ކޮމިޓީން އެބަ ވިލަރެސް ކުރައްވަމުން ގެންދަވާ. އެކޮމިޓީއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވައިގެން، އެކަން ރާއްވަވައިގެން، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެ ޢާންމު ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދަވާނެ.

އެހެންވީމާ، ދަންނަވަން މިއުޅޭ ވާހަކައަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އެބަހިނގައޭ. އެހެންވީމާ، އެމަސައްކަތް އަވަސްކުރާށޭ ކިޔާފައި، ހަލުވިކުރާށޭ ކިޔާފައި ބަޔަކު މީހުން މަގުމައްޗަށް އެއްވެ، މަޖިލިސްދޮށަށް އެއްވެ، މަޖިލިސް މެންބަރުންނަށް މަޖުބޫރު ކުރުވުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއް ނޫނޭ. އެއީ ޤާނޫނާ ޚިލާފު ކަމެއް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ޤާނޫނީ މަސްއޫލިއްޔަތެއް، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުން. ޤާނޫނުއަސާސީގައި ހިމެނެންވާ ބައިތަކާ ބެހޭގޮތުން މިނިވަންކޮށް މަޝްވަރާކުރައްވައި، ހުށަހެޅޭ ޚިޔާލުތަކުގެ ތެރެއިން ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ޚިޔާލުތަކެއްގެ ބޭނުން ކުރައްވައިގެން، އެޚިޔާލުތަކުގެ އަލީގައި، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމަކީ، ހަމައެކަނި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ކުރެއްވޭނެ ކަމެއް. އެހެން އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވޭނެ، ރާއްޖޭގެ ޤާނޫނު ބުނާގޮތަކުން. އެހެންވީމާ، ބަޔަކު މީހުން މަގުމައްޗަށް އެއްވެ، މެންބަރުންތައް މަޖިލީހަށް ގެނެސް، މިތާ ތިއްބަވައިގެން އިޞްލާޙު ކުރައްވާފައި ނޫނީ ގެއަކަށް ވަޑައެއްނުގެންނެވޭނޭ އެހެން ބުނާ ބުނުމަކީ، ދުނިޔެ ޤަބޫލުކުރާ ބުނުމެއް ނޫން. ބުއްދި ޤަބޫލުކުރާ ބުނުމެއް ނޫން. އަޅުގަނޑުމެންވެސް ޤަބޫލުކުރާ ބުނުމެއް ނޫން. އެކަން އެހެނެއް ނުވެވޭނެ. އެކަން އެމީހުން ރާވައިގެން ހިންގަމުން ގެންދިޔައީ، މުޅިން އެހެން ބޭނުމެއްގައި.

އެހެންވީމާ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރިއްސުރެ ފިޔަވަޅު އަޅުއްވަމުން ގެންދެވީ، އެކަން ހުއްޓުވުމަށްޓަކައި. އިރާދަކުރެއްވީތީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. 10 ނޮވެމްބަރުގެ ޣައިރު ޤާނޫނީ އެއްވުން އެއްވިޔަނުދީ ހިފެހެއްޓިއްޖެ. އެކަން އެކުރެވުނީވެސް ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުން ސަރުކާރަށް ލިބިގެން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިއަދު މިއައީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް ކަމަށްވާތީ، މިނިސްޓަރަށާއި، ތިޔަބޭފުޅުންނަށާއި، އަތޮޅުތަކުގެ ވެރިންނަށްވެސް، މިކަން ކުރުމުގައި ސަރުކާރަށް ވެދެއްވި އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެވާހަކަ ދަންނަވާލުމަށްޓަކައި އަޅުގަނޑު މިތަނަށް މިއައީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ.