بسـم اللّه الرّحـمٰـن الرّحـيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

މިއަދު އަޅުގަނޑު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަށް އައުމުން، މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު، މިނިސްޓަރަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިނިސްޓަރުގެ ނައިބުން އަލްފާޟިލާ ފާޠިމަތު ޝީރީނާއި، އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފްވެސް އަޅުގަނޑަށް މަރްޙަބާ ވިދާޅުވި ކަމަށްޓަކައި، އެދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިތާނގައި ވަޑައިގެން ތިއްބެވި މިނިސްޓްރީގެ އެހެން ވެރިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު މި މިނިސްޓްރީއަށް މިއައީ، ވަރަށް މުހިންމު ބޭނުމަކު، އެއީ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާއި އަދި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަތޮޅު ކޮމިޓީތަކާއި، ރަށްރަށުގެ ކޮމިޓީތަކާއި، މިހުރިހާ ފަރާތްތަކަކުން، ސަރުކާރުން މިގެންގުޅޭ ސިޔާސަތާއި، އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި ކުރާ މަސައްކަތްތަކުގެ ވާހަކަ ވަރަށް ރަނގަޅަށް އަތޮޅުތަކުގެ ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވާތީ، އެކަމަށްޓަކައި ތިޔަހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށް، އެ މުހިންމު ބޭނުމުގައި އަޅުގަނޑު މިއަދު މި މިނިސްޓްރީއަށް މިއައީ.

އަޅުގަނޑު ދެކޭގޮތުގައި މިނިސްޓަރާއި މިނިސްޓަރުގެ ނައިބުންނާއި، މި މިނިސްޓްރީގެ އެހެން ވެރިންނާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ތިޔަކޮށްދެއްވަނީ، ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް. ތިޔަކޮށްދެއްވަނީ، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް. ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ދިވެހި ސަރުކާރުން ރައްޔިތުންނަށް ރާވާ ހިންގާ މަޝްރޫޢުތަކާއި، ރައްޔިތުންގެ ލާބައަށާއި މަންފާއަށް ކުރާ ކަންތައްތައް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުންފިލާވަޑައިގަންނަވާނެ. ހަމައެޔާއެކީގައި، ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް މިކުރާ މަސައްކަތްތަކާއި، އަދި މިކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި މައިގަނޑު އުޞޫލުތައް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އޮޅުންފިލާވަޑައިގަންނަވާނެ. އެހެންވީމާ، ތިޔަކޮށްދެއްވާ މަސައްކަތަކީ، ވަރަށް އިޚްލާޞްތެރި، ވަރަށްބުރަ މަސައްކަތަކަށްވާތީ، އެކަމަށް ޝުކުރު ދެންނެވުން އެއީ، މިއަދު އަޅުގަނޑު މި މިނިސްޓްރީއަށް އައުމުގެ އެންމެ މުހިންމު ބޭނުމަކީ.

ދެވަނަ ބޭނުމަކީ، މިދޭތެރެއިން ރާއްޖޭގައި ހަމަނުޖެހުން ހިންގުމަށްޓަކައި، ބަޔަކު މީހުން ރާވައިގެން ހިންގި މަސައްކަތްތައް ނުވަތަ ހިންގަން އުޅުނު މަސައްކަތްތައް ނާކާމިޔާބުވުމުގައި، މިނިސްޓަރާއި މި މިނިސްޓްރީގެ ވެރިންނާއި އަދި އަތޮޅުތަކުގެ އަތޮޅުވެރިންނާއި، ރަށްރަށުގެ ވެރިން ކޮށްދެއްވި މަސައްކަތްތަކަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން.

ޝައްކެއްނެތް! ނޮވެމްބަރު 10 އަށް ބަޔަކު ރާވައިގެން ހިންގަން އުޅުނު ކަންތައްތަކަކީ، އަޅުގަނޑުމެންގެ ޤާނޫނު ހުއްދަކުރާ ކަންތައްތަކެއް ނޫން. އެއީ ޤާނޫނާ ޚިލާފު ކަންތައްތަކެއް. ވަރަށް ނުބައި ރޭވުމެއްގެ ދަށުން ބަޔަކު މީހުން ރާވައިގެން ހިންގަން އުޅުނު ކަންތައްތަކެއް. މިކަމުގައި ބައިވެރިވުމަށް އަތޮޅުތަކުން މީހުން އައުމަށް، އެފަރާތްތަކުން ދަޢުވަތު ދިން ކަމުގައިވިޔަސް، މިނިސްޓަރ މުޙަންމަދު ވަޙީދުއްދީނާއި، މި މިނިސްޓްރީގެ އެހެން ވެރިންނާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން މާލެއަށް އަތޮޅުތަކުން އެއްގޮތަކަށްވެސް ގިނައަދަދަކަށް މީހުންނެއް ނައި. އެކަން ހިމެނިގެންދިޔައީ، މިކަން ހަމައަކަށް އެޅުވުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ބާރެއް ކަމުގައި. އެހެންވީމާ، މިކަން މިގޮތަށް މިދިޔައީ، ތިޔަ ހުރިހާ ބޭފުޅުން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްތަކުގެ ސަބަބުން ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ކަންކަން ހިންގަމުން މިގެންދަނީ، ޤާނޫނީ ހަމަތަކުގެ މަތިން. ރާއްޖޭގައި އުފެދިފައިވާ ސަރުކާރަކީ، ޤާނޫނީ ސަރުކާރެއް. ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ކޮންމެ ފަސްއަހަރަކުން އެއްއަހަރު ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އެބަ އިންތިޚާބު ކުރެވޭ. އެހެންވީމާ، މިހާރު އެމަޤާމުގައި ހުރި މީހަކީވެސް، ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތެއް ލިބިފައިވާ މީހެއް. އެހެންވީމާ، އޭނާ އެހިންގާ ސަރުކާރަކީ، ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު. ޤާނޫނީ ސަރުކާރާ ދެކޮޅަށް އެއްވެސް ބަޔަކަށް ޤާނޫނާ ޚިލާފު ޢަމަލުތަކެއް ނުހިންގޭނެ. އަދި ސަރުކާރު ބަދަލުކޮށްލަން ބޭނުންވިޔަސް، އެކަމަށް އޮންނަ ޤާނޫނީ މަގު ނޫން އެހެން މަގެއް ޚިޔާރު ކުރުމަކީ އޮތް ކަމެއް ނޫން. އެއްވެސް ތަނެއްގައި ހުއްދަވާނެ ކަމެއްވެސް ނޫން. އެގޮތަށް ޢަމަލުކުރަމުންދަނީ ކަމުގައިވަންޏާ، ޤައުމުގައި ވަރަށްބޮޑެތި ހަމަނުޖެހުންތަކެއް އުފެދިގެން ހިނގައިދާނެ. ވަރަށްބޮޑު ފިތުނައަކަށް އެކަން ބަދަލުވެގެން ހިނގައިދާނެ. އޭގެ ހިތި ނަތީޖާ ދެކެން ތިބޭނީ، ދިވެހި ރައްޔިތުން. މިހާރުގެ ރައްޔިތުންނާއި އަންނަން އޮތް ޖީލުތައް.

އެހެންވީމާ، މިކަމުގައި ސަރުކާރުން މިގެންގުޅުނު ސިޔާސަތަކީ، އެގޮތަށް ޤާނޫނާ ޚިލާފަށް ބަޔަކު ކަމެއް ކުރިޔަނުދިނުން. ކުރިއްސުރެ އެކަން ހުއްޓުވުމަށް ނުވަތަ މަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކެއް އެޅުން. މިގޮތުން، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، މި މިނިސްޓްރީގެ ދާއިރާއިން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް. އޭގެއިތުރުން، ސަރުކާރުގެ އެހެން ދާއިރާތަކުންވެސް ވަރަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއްވަނީ އަޅުއްވައިދެއްވާފައި. އެހެންވީމާ، މިފުރްޞަތުގައި ސަރުކާރުގެ އެ ހުރިހާ ދާއިރާތަކަށާއި، އެދާއިރާތަކުގެ މިނިސްޓަރުންނަށާއި، ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ދެން މިތަނަށް އާދެވުނީމާ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަތޮޅުތަކުގެ ތަރައްޤީއަށާއި، އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަސައްކަތްތަކެއް ކުރެޔޭ. ވަރަށްގިނަ ޚަރަދުވެސް ކުރެޔޭ. އަދި ހަމަޖެހޭ ވަރަށް ރަނގަޅު ނިޒާމެއްގެ މަތިން ކަންތައްތައް ރާވައި ހިންގަމުން އެބަގެންދެޔޭ. މިކަމުގެ ފައިދާ، އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުން ދެކެވަޑައިގަންނަވަމުން ގެންދަވާނެ. މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައިވެސް އެފައިދާތައްވަނީ އަތޮޅުތަކުގެ ރައްޔިތުން ދެކެވަޑައިގެންފައި. އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ އިތުރު ފައިދާތައް، އަތޮޅުތަކުގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ.

ސަރުކާރުގެ ޚިދްމަތްތައް އިތުރަށް ހަރުދަނާވެ ފުޅާވުމާއި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް އަތޮޅުތަކުގައި ހިންގުމާއި، ގިނަ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ލިބުމާއި، އެމީހުންގެ އާމްދަނީ އިތުރުވުމާއި، ތަނަވަސްކަން އިތުރުވުން އެއީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. އިރާދަކުރެއްވިއްޔާ މިކަންކަން ހަމަ އެގޮތުގެ މަތިން ސަރުކާރުން ކުރިޔަށް ގެންދާނެ.

ދެން ހަމަ މިފުރްޞަތުގައި، މި މިނިސްޓްރީގައި އެކި ދުވަސްވަރު އެކި މިނިސްޓަރުން ޚިދްމަތް ކުރައްވާފައި ވުމާއެކު، އެހުރިހާ ބޭފުޅުންނަށްވެސް ހަމަ ޝުކުރުގެ ބަހެއް ދަންނަވާލަން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން ހަނދާންވާގޮތުގައި، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި، ފަސްބޭފުޅަކު މި މިނިސްޓްރީ ހިންގަވައިދެއްވައިފި. އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މިފުރްޞަތުގައި ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، އެ ފަސްބޭފުޅުންގެ ތެރެއިން އެންމެ ގިނަދުވަހު މި މިނިސްޓްރީގެ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން، ޚިދްމަތް ކޮށްދެއްވީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކަމަށްވާތީ، އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް މިއަދު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ! ދެން އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އަދިވެސް އެއްފަހަރު މިނިސްޓަރަށާއި، މިނިސްޓަރުގެ ނައިބުންނަށާއި، މި މިނިސްޓްރީގެ އިސްވެރިންނަށާއި މުވައްޒަފުންނަށާއި، އަދި އަތޮޅުތަކުގެ އަތޮޅުވެރިންނަށާއި، ރަށްރަށުގެ ވެރިންނަށާއި، އަދި އަތޮޅުތަކުގެ ކޮމިޓީތަކަށާއި، ރަށްރަށުގެ ކޮމިޓީތަކަށާއި، އަދި ކޮމިޓީތަކުގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه. 

ރައީސުލްޖުމްހޫރިއްޔާ، އަތޮޅުވެރިންނާ ޓެލެކޮންފަރެންސް ކުރައްވައި ނިމިވަޑައިގަތުމުން، ކޮޅުމަޑުލު އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޝަރީފް އާދަމް، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު

”ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ! ތ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު ޝަރީފް އާދަމް.

ތިޔަ ދެއްކެވި ވާހަކަފުޅު އަހައިފިން. ދެން ތިޔަ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ތ. އަތޮޅު އަތޮޅުވެރިންނަށާއި، އަދި އަތޮޅުތަކުގެ ހުރިހާ އަތޮޅުވެރިންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޙަޤީޤަތުގައި ސަރުކާރު ހިންގުމުގެ އިސްމަޤާމެއްގައި އަޅުގަނޑު ހުރި ނަމަވެސް، މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ މިދުށް ތަރައްޤީއަކީ، ހަމައެކަނި އަޅުގަނޑު ކުރި މަސައްކަތެއް ނޫނޭ. ޙަޤީޤަތުގައި ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުން މިކަމުގައި ވަރަށްބޮޑޭ. ރައްޔިތުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނޭ، އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބަ ހިސާބަށް އާދެވިފައި މިތިބީ. ހަމައެޔާއެކު އަޅުގަނޑާ އެކީގައި މަސައްކަތް ކޮށްދެއްވި ހުރިހާ ވަޒީރުންވެސް މިވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑާ އެކީގައި ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއްވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެބޭފުޅުންގެ ޚިދްމަތާއި، އަދި އެބޭފުޅުން އެކޮށްދެއްވި މަސައްކަތްތަކުގެ ސަބަބުންނޭ އަޅުގަނޑުމެންނަށް މިއަދު އާދެވިފައިމިވާ މަރްޙަލާއަށް ނުވަތަ ތަރައްޤީގެ އުސްމިނަށް އާދެވިފައި މިތިބީ.

އެހެންވީމާ، ރާއްޖޭގެ ރައްޔިތުންނަށާއި، އަޅުގަނޑާ އެކީގައި މަސައްކަތް ކޮށްދެއްވި ހުރިހާ ވަޒީރުންނަށް، މިފުރްޞަތުގައި ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދިވެސް އެއްފަހަރު ތިޔަފާޅުކުރެއްވި ޝުޢޫރުތަކަށްޓަކައި ޝުކުރު ދަންނަވަމުން، އަތޮޅުތަކުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި އަދި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ތިޔަބޭފުޅުން ރައްދުކޮށްދެއްވުން ވަރަށް ބޮޑަށް އެދެން.“

والسّلام عليــكم