بسـم اللّه الرّحـمٰـن الرّحـيـم

އާދެ! މިއަދުގެ މިއުފާވެރި ޙަފްލާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މިއަދު ފުލުހުންގެ ހުވާ ތިޔަކުރެއްވި ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

ޝައްކެއްނެތްގޮތުގައި، މިއަދު ތިޔަބޭކަލުންނާއި ތިޔަބޭކަނބަލުން ތިޔަ ގުޅިވަޑައިގަތީ، ސަރުކާރުގެ ވަރަށް މުހިންމު ޚިދްމަތުގެ ދާއިރާއަކާ. އާދެ! އެއީ، ފުލުހުންގެ ދާއިރާ. އެނގިވަޑައިގަންނަވާނެ ފަދައިން، ފުލުހުންނަކީ، ވަރަށް މުހިންމު ޤައުމީ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅަންޖެހިފައިވާ ބަޔެއް. އަދި އަޅަމުން ގެންދާ ބަޔެއް. ފުލުހުންގެ ހުވާގައި، ދެންމެ ތިޔަބޭކަލުންނާއި ބޭކަނބަލުން ތިޔަ ވިދާޅުވި ޢިބާރާތްތަކުގައި އެވަނީ، ފުލުހުންގެ ރަސްމީ ވާޖިބުތައް ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައި.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ރައްކާތެރިކުރުން. ދެވަނައަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ޙިމާޔަތް ކުރުމުގައި، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިތިބުން. އޭގެއިތުރުން، ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. އަދި ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ޙިމާޔަތް ކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވުމަށް ކެރިތިބުން.

މިކަންކަމަށް ތިޔަބޭކަލުންނާއި ތިޔަބޭކަނބަލުން ދެންމެ ތިޔަ ހުވާކުރެއްވީ. ހުވައަކީ ކޮންކަހަލަ މުހިންމު އެއްޗެއްކަން، އަޅުގަނޑު ހިތުން މީގެކުރިން ތިޔަބޭކަލުންނާއި ބޭކަނބަލުންނާ މުޚާޠަބު ކުރެއްވި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް ވާނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑު ކޮންމެހެން އެވާހަކަ ދައްކާކަށް ނެތިން.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ފުލުހުންގެ ދާއިރާއާ ތިޔަގުޅިވަޑައިގެންނެވި ބޭކަލުންނާއި ބޭކަނބަލުން، ތިޔަކަމަށްވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެވަޑައިގެންނޭ. އާދެ! ތިޔަބޭކަލުންނާއި ބޭކަނބަލުން ތިޔަވަނީ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯސް ނިންމަވާފައި. ހަމައެހެންމެ، ތިޔައިގެ ތެރެއިން ބައެއް ބޭކަލުންނާއި ބޭކަނބަލުން ވަނީ، ޕަބްލިކް އޯޑަރ ޓްރޭނިންގ ނިންމަވާފައި. އެހެންވީމާ، މިއަދު ފުލުހުންގެ ދާއިރާއާ ތިޔަ ގުޅިވަޑައިގެންނެވި ތިޔަބޭކަލުންނާއި ބޭކަނބަލުންނަށް، ވާޖިބުތައް އަދާކުރެއްވުމުގައި ބޭނުންވާ ހުނަރުތައްވާނީ މިހާރު ލިބިވަޑައިގެންފައި.

ތަޢުލީމީ ފެންވަރަށް ބަލާއިރުވެސް، ތަޢުލީމީ ފެންވަރު ވަރަށް ރަނގަޅު ބޭކަލުންނާއި ބޭކަނބަލުން އެބަތިއްބެވި. އޭގެތެރޭގައި ޑިގްރީ ހައްދަވާފައިވާ، އެކިއެކި ޑިޕްލޯމާ ހޯއްދަވާފައިވާ، އަދި ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އޯ ލެވެލް ޙާޞިލު ކުރައްވާފައިވާ ބޭކަލުންނާއި ބޭކަނބަލުން ވަރަށްގިނަ. އެހެންވީމާ، ތަޢުލީމީ ގޮތުން ނުވަތަ ތިޔަ ޙާޞިލު ކުރެއްވި ހުނަރުތަކުގެ ގޮތުން، އެއްޗެއް އޮޅުންނުފިލާ އެއްވެސް ބޭކަލަކު ނުވަތަ ބޭކަނބަލަކު ތިޔަބޭކަލުން ނުވަތަ ބޭކަނބަލުންގެ ތެރެއަކު ނުހުންނަވާނެ.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ މިދަނީ، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީގެ މަގުގައި ސާބިތުކަމާއެކު ކުރިއަރަމުން. ހުރިހާ މައިދާންތަކެއްގައި ރީތި ނަން ހޯދަމުން. މިކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ތަންކޮޅެއް ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ޒުވާން ކުދިންނަށް ނޭނގުނު ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ހަރު ބޭފުޅުންނަށް، މިކަން ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. އެއީ، އެބޭފުޅުންނަކީ މީގެ 30 އަހަރު ކުރިއާ މިހާރާ އަޅައިބަލާއިރު މިއައި ބޮޑު ތަފާތު ވަރަށް ރަނގަޅަށް ދެކެވަޑައިގެންފައި ތިއްބެވި ބޭފުޅުން.

އާދެ! ރާއްޖޭގެ އޭރުގެ ޙާލަތާއި މިހާރުގެ ޙާލަތާ. ކޮންމެ ރޮނގަކުން ވިސްނިޔަސް، ރާއްޖެއަށް އައިސްފައިމިވާ ބޮޑު ބަދަލު. އަދި ރާއްޖެ މި ޙާޞިލުކުރާ ކާމިޔާބީތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބެމުންމިދާ ރީތި ނަން. ރާއްޖެއަށް ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އެޅިފައި މިވަނީ، ރާއްޖޭގައި މިއޮތް އިސްލާމީ އުޚުއްވަތްތެރިކަމާއި، ރައްޔިތުންގެ އެކުވެރިކަމާއި، ހަމަޖެހުމާއި، ހަމަހިމޭންކަމުގެ ސަބަބުން. އަޅުގަނޑުމެންގެ
މި ސިޔާސީ އަދި އިޖުތިމާޢީ އަދި ދީނީ ހަމަޖެހުމަށް ބުރުލެއް އަރައިފިނަމަ، އަޅުގަނޑުމެންނަކަށް ކުރިއަށް އޮތް ތާނގައި ތަރައްޤީގެ މަގުގައި އެއްވެސް ފިޔަވަޅެއް ކުރިއަކަށް ނޭޅޭނެ. މިއީ، އަޅުގަނޑުމެން މިއަދު ވަރަށް ރަނގަޅަށް ދަންނަންޖެހޭ ޙަޤީޤަތެއް.

މިވާހަކަ ޚާއްޞަ ގޮތެއްގައި މިދަންނަވާލީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި، ކޮންމެވެސްވަރެއްގެ ހަލަބޮލިކަމެއް އުޅޭތީ. އެކަން ޙައްލު ކުރުމުގައި، އަޅުގަނޑުމެން ވިސްނަންވީ، ރާއްޖޭގައި މިއޮތް ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް. ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް އިސްލާމީ އުޚުއްވަތްތެރިކަން ވަރުގަދަކޮށް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މައްޗަށް. ރާއްޖޭގައި އޮތް އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ވަރުގަދަކޮށް ދެމެހެއްޓުމުގެ މައްޗަށް. މިއީ، އަޅުގަނޑުމެންގެ ތަރައްޤީގެ ބިންގަލަކީ. މިކަންކަން އަޅުގަނޑުމެން ޙިމާޔަތްކޮށްގެން، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ރައްޔިތުން އެދޭފަދަ އުފާވެރި މުސްތަޤްބަލެއް، ދިވެހި ރައްޔިތުންނަށާއި، އަދި އަންނަން އޮތް ޖީލުތަކަށް ފެނިގެންދާނީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހޭ.

އަޅުގަނޑުމެންގެ ރާއްޖޭގައި، މިއަދު މިވަނީ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ފަށާފައި. އެއީ، ވަރަށް މުހިންމު ޕްރޮގްރާމެއް. ދިވެހިރާއްޖެއަކީ މިޒަމާނުގެ ޑިމޮކްރަސީ ޤާއިމުވެފައިވާ ތަނަކަށް ހެދުމުގެ މުހިންމު މަސައްކަތް، ސަރުކާރުން ކުރަމުން މިގެންދަނީ މިހާރު ވަރަށް ހަލުވިކޮށް. އަދި އެކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދީގެން. މިކަމަކީ، ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް. ހަމައެހެންމެ، ރާއްޖެއާ ގުޅުންހުރި ބޭރު ޤައުމުތަކުންވެސް އަދި ބޭރުގެ ޖަމާޢަތްތަކުންވެސް ރާއްޖެއަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔަމުންދާ ކަމެއް.

އެހެންކަމުން، މި އިޞްލާޙީ ޕްރޮގްރާމް ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ، ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ އަދި ދިވެހިރާއްޖެއަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި ހަމަޖެހުން ގެނެސްދޭނެ ކަމެއްކަން ކަށަވަރު. ހަމައެޔާއެކީގައި ބޭރު ދުނިޔޭގައި، ރާއްޖޭގެ ތަޞައްވުރު މިހާރަށްވުރެވެސް ބޮޑަށް ހަރުދަނާވެ އުޖާލާވެގެންދާނެ ކަމެއްކަންވެސް ކަށަވަރު. މި އިޞްލާޙީ ޕްރޮގްރާމް އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނީ، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓިގެން. މިކަން ދެމެހެއްޓުމުގައި، ފުލުހުން އަދާކުރަންޖެހޭ ވާޖިބު ވަރަށްވެސްބޮޑު. ފުލުހުންނަކީ، ޤާނޫނު ޙިމާޔަތްކުރަން ތިބޭ ބަޔެއް. ޤާނޫނު ޙިމާޔަތް ކުރުމުގެ މާނައަކީ، ކޮންމެހެން ބަޔަކު މީހުން ހިފާ ހައްޔަރުކޮށް ކުށްވެރި ކުރުމެއް ނޫން. އޭގެއިތުރުން، ޤާނޫނުގެ ރައްކާތެރިކަން އެންމެންނަށް ލިބިދިނުން. އެންމެންގެ ފުރާނައާއި، އެންމެންގެ ގެދޮރާއި، މިލްކިއްޔާތާއި، އަނބިދަރިން ސަލާމަތްކޮށް، އެމީހުންނަށް ޤާނޫނީ ޙިމާޔަތް ލިބިދިނުމަކީވެސް ފުލުހުންގެ ވާޖިބެއް. އެހެންވީމާ، މިފަދަ ދަނޑިވަޅެއްގައި، މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. ތިޔަބޭފުޅުންނަކީ މިކަމަށް ތައްޔާރުވެ، އެކަމުގެ ހުވާ ކުރައްވާފައި ތިއްބެވި ބޭފުޅުން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި، ތިޔަބޭފުޅުން އަދާކުރައްވަންޖެހޭ މުހިންމު ދައުރުގެ މަތިން އަބަދުވެސް ހަނދާން ކުރެއްވުމަކީ، ވަރަށްބޮޑު މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު މިއަދު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަކީ އިރާދަކުރެއްވީތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް. އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އީމާނަކީ، ޢަޒުމަކީ، މާތްވެގެންވާ އިސްލާމްދީން، އަޅުގަނޑުމެންނަށް ގެނެސްދީފައިމިވާ ތެދުވެރި ޢަޤީދާ. އެދީނުގެ މާތް އުޞޫލުތައް. އަޅުގަނޑުމެންގެ މާތް ދީނުގެ މަތިވެރި ޢަޤީދާއާއި، މަތިވެރި އުޞޫލުތަކަށް އަޅުގަނޑުމެން އެންމެން ޙުރްމަތްތެރިކޮށްހިތަންވާނެ. އެ ޢަޤީދާއާއި އެ އުޞޫލުތައް އަޅުގަނޑުމެންގެ ހިތުގައި އަބަދުވެސް ދަމަހައްޓަންވާނެ. އަޅުގަނޑުމެންގެ ދަރިންނަށް، އެކަންތައްތައް ދަސްކޮށްދޭންވާނެ. ރާއްޖޭގެ ކުރިއެރުމާއި ހަމަޖެހުމާއި ތަރައްޤީ ބިނާވެފައި އޮންނާނީ، އެކަންކަމުގެ މައްޗަށް.

ހަމައެޔާއެކުގައި، އަޅުގަނޑުމެންގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށް ހިތުމަކީވެސް، އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުން އިތުރަށް ބަދަހިވެ ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. ކޮންމެ ޤައުމެއްގައިވެސް ޤާނޫނުތަކަކާއި ގަވާއިދުތަކެއް ހެދިފައި ހުންނަނީ ރައްޔިތުންނަށް ޙިމާޔަތް ލިބިދިނުމަށްޓަކައި. ރައްޔިތުންނަށް ހަމަހަމަ ފުރްޞަތުތަކެއް ގެނެސްދިނުމަށްޓަކައި. އެހެންވީމާ، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްނުހިތާ ބަޔަކީ، އެބަޔަކު އެކުރި ކަމަކާ ދޭތެރޭގައި މަސްއޫލުވާންޖެހޭނެ ބަޔެއް. ޒިންމާވާންޖެހޭނެ ބަޔެއް.

ލޯ އެންފޯސްމަންޓަކީ، ރައްޔިތުންނަށް ޤާނޫނުގެ ޙިމާޔަތްތެރިކަން ލިބިދިނުމާ އެކީގައި، ޤާނޫނާ ޚިލާފުވާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. ޤާނޫނީގޮތުން ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެފިޔަވަޅުތައް އަޅަމުން ގެންދިޔުން. މުޅި މުޖްތަމަޢުގައި ސަލާމަތާއި ރައްކާތެރިކަން ބިނާވެފައި އޮންނާނީ، އެކަމުގެ މައްޗަށް.

އެހެންކަމުން، ސަރުކާރުގެ މުހިންމު ޚިދްމަތުގެ ދާއިރާއާ މިއަދު ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ގުޅިވަޑައިގަތުމާ ގުޅިގެން، ތިޔަބޭކަލުންނަށާއި ބޭކަނބަލުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި ތިޔަބޭކަލުންނާއި ބޭކަނބަލުން، ޚިޔާރު ކުރައްވާފައިވާ ރޮނގުގައި، ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު އަރުވަން. ކޮންމެ މީހަކީވެސް، އެމީހަކާ ޙަވާލުކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރަމުންގެންދާ މީހަކު ކަމުގައިވަނީނަމަ، އެމީހަކަށް، އެމީހެއްގެ ރޮނގުގައި ކުރިއަށް ދިޔުމުގެ މަގު އޮންނާނީ، ވަރަށް ބޮޑަށް ހުޅުވިފައި. ވަރަށް ބޮޑަށް ތަނަވަސްވެފައި.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެންނަށް އެންމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ޤާއިމުވެފައިވާ، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ދެމެހެއްޓިފައިވާ ޤައުމެއް ކަމުގައި އަބަދުމެ އެކަލާނގެ ލެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.