بسـم اللّه الرّحـمٰـن الرّحـيـم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމަށްޓަކައި މިތަނަށް މިއައީ ވަރަށް މުހިންމު ބޭނުމަކު. އާދެ! އެންމެ ފުރަތަމަ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، ސިފައިންގެ އިސް އޮފިސަރުންނަށާއި، ތިޔަ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް ރައްދުކުރުމަށްޓަކައި.

އާދެ! އަޅުގަނޑުމެން ނޮވެމްބަރު 11 މިފާހަގަކުރަނީ، ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި. އެއީ، ރާއްޖެއަށް ޖުމްހޫރީ ވެރިކަން އައި ދުވަސް. 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ، ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް އިޢުލާނު ކުރެވި، އެއަށް ޢަމަލުކުރަން ފެށުނު ދުވަސް. އާދެ! އެހެންވީމާ، އެމުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.

ޖުމްހޫރީ ވެރިކަމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރައްޔިތުންގެ ވެރިކަމެއް. ”ޖުމްހޫރު“ އެލަފްޒަކީ ޢަރަބި ބަހުން ރައްޔިތުން. އަދި އޭގެ އިނގިރޭސިބަހަށް ބަލާއިރުވެސް ”ރިޕަބްލިކް“ ”ރިޕަބްލިކަން ފޯމް އޮފް ގަވަރންމަންޓް“ ރިޕަބްލިކަކީ ޕަބްލިކުން، އާދެ! ޢާންމު ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވެރިކަމެއް. ރައްޔިތުންގެ ވެރިކަމެއްގައި ނުވަތަ ޖުމްހޫރީ ވެރިކަމެއްގައި، ރައްޔިތުންގެ ޙިއްޞާ ވަރަށްބޮޑުވާނެ. ރައްޔިތުންގެ ބައިވެރިވުން ވަރަށްބޮޑުވާނެ. ރައްޔިތުންގެ އެއްބާރުލުން ވަރަށްބޮޑުވާނެ. ރާއްޖޭގައި މިއޮތް ޖުމްހޫރީ ވެރިކަމުގެ އަސާސަކީ، އަދި އޭގެތެރެއިން އުފެދިގެން މިއަންނަ ރައްޔިތުންގެ އެކުވެރިކަމާއި، ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބައިވަންތަކަމުގެ އެންމެ ވަރުގަދަ ބިނާއަކީ ނުވަތަ އަސާސަކީ، މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ އިސްލާމީ އުޚުއްވަތްތެރިކަމުގެ އުޞޫލު. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ފެށިފައި މިއޮތީ، އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން. އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ތެރެއިން. މިއުޞޫލު ރާއްޖޭގައި ޤާއިމުވެފައި މިވަނީ އަދި ހަރުދަނާވަމުން މިދަނީ، އަޅުގަނޑުމެންގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ރާއްޖޭގައި ހެދިފައިވާ އެހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން.

އެހެންވީމާ، މިފަދަ މުނާސަބަތެއްގައި، އަޅުގަނޑުމެން، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް އިތުރަށް ޙުރްމަތްތެރިކޮށްހިތުމަށް ޢަޒުމް ކަނޑައަޅަންޖެހޭނެ. ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކަށް، އިތުރަށް އިޙްތިރާމް ކުރުމުގެ ރޫޙެއް، އަޅުގަނޑުމެންގެ ތެރޭގައި އުފެދެންޖެހޭނެ. ރާއްޖޭގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް އަޅުގަނޑުމެން އެންމެން ބޯލަނބައި ކިޔަމަންތެރިވާންޖެހޭނެ. އަދި އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ.

މިވާހަކަ މިހެން ދަންނަވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަދަލުތަކެއް އަންނަމުންދާކަން ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އާދެ! ރާއްޖޭގައި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް، ސަރުކާރުން ކުރިއަށް މިގެންދަނީ ވަރަށް އިޚްލާޞްތެރިކަމާއެކު. މިދެންނެވި އިޞްލާޙީ ޕްރޮގްރާމް ފަށައިގެން، އެމަސައްކަތް ކުރާތާ މިހާރު ދެ އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގެ އެޖެންޑާ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ އެޖެންޑާގައިވާ މުހިންމު ކަންތައްތައްވާނީ، 2004 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެރޭ އަޅުގަނޑު، ދިވެހި ރައްޔިތުންނާ ޙިއްޞާކޮށްފައި. އެ ޕްރޮގްރާމްގައިވާ ކަންތައްތަކަށް، ވަރަށްބޮޑު ތާއީދަކާއި އެއްބާރުލެއްވުމެއް ދިވެހި ރައްޔިތުން އަޅުގަނޑަށްވަނީ ދެއްވާފައި. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު މިއަދުވެސް އަދި އޭރުވެސް އަދި ކުރިއަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން. އަދި މިގެންދަނީ ވަމުން.

އާދެ! އިޞްލާޙީ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަންތައްތަކަކަށް މިހާރު މިދަނީ، ޢަމަލީ ފިޔަވަޅު އެޅެމުން. އޭގެތެރެއިން އެއްކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. ޒަމާނަށް ފެތޭ އާ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރުމަށްޓަކައި، ޤާނޫނުއަސާސީގައިވާ ކަންތައްތަކަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ. އެބަދަލުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު އެދަނީ ހިނގަމުން. އެކަމަށްޓަކައި އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލިސް 2004 ވަނަ އަހަރު ވަނީ އިންތިޚާބު ކުރެވި އެއްކުރެވިފައި. އެމަޖިލީހާ މިމަސައްކަތް އަޅުގަނޑުވަނީ މަތިކޮށްފައި. އަދި އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމްގައި ހިމެނޭ މުހިންމު ނުކުތާތައް ވާނީ އެމަޖިލީހުގެ ސަމާލުކަމަށް ގެނެސްފައި.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރައްވަމުން ގެންދަވާއިރު، ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގެ ދަށުން އެހެން ވަރަށްގިނަ ކަންތައްތައްވެސް ހިނގަމުން އެބަދޭ. އޭގެތެރޭގައި، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެއްދުން ހިމެނޭ. ރާއްޖޭގައި އިންސާނީ ޙައްޤުތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުން ހިމެނޭ. ރާއްޖޭގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކޮށް، އެކަން ހަރުދަނާކުރުން ހިމެނޭ. ރާއްޖޭގައި ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުން ހިމެނޭ. މިގޮތުން، ވަރަށްގިނަ އިޞްލާޙީ މަސައްކަތްތަކެއް މިހާރު މިދަނީ ކުރެވެމުން.

މިކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް އޮމާންކޮށް، ވަރަށް ރަނގަޅަށް ދަނިކޮށް، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްޕާޓީއަކުން ރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ކުރަން ފަށައިފި. އަދި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރައްޔިތުން ތަންތަނަށް އެއްކޮށް، ސަރުކާރަށް ގޮންޖަހައި، ރާއްޖޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަން ފަށައިފި. މިކަންތައްތަކަކީ އަޅުގަނޑުމެންނަށް އެކަމަށް އެއްގޮތަކަށްވެސް ފުރްޞަތުދެވޭނެ ކަންތައްތަކެއް ނޫން.

އެންމެފަހުން، މިނޮވެމްބަރު 10 އާ ގުޅިގެން، 10 ވަނަ ދުވަހު މާލެއަށް، މާލެއިންނާއި ރާއްޖޭގެ އަތޮޅުތަކުން މީހުން އެއްކޮށް، ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގުމަށް، އެމީހުން ރާވައި އިޢުލާނު ކުރަމުންދާކަން ސަރުކާރަށް އެނގުމާ ގުޅިގެން، ސަރުކާރުން އެކަމަށް ވަރަށްބޮޑު ސަމާލުކަމެއްދިން. އާދެ! އޮކްޓޯބަރު މަހު 4 ވަނަ ދުވަހު އޮތް އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށް ސަރުކާރަށް މަޢުލޫމާތު ލިބުނީ، ނޮވެމްބަރު މަހު 10 ވަނަ ދުވަހު މީހުން އެއްކޮށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭ ކައިރިއަށް ގޮސް، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ބާރުއެޅުން. އަދި އެތާ އެމީހުން ތިބެގެން، ޤާނޫނުއަސާސީ އިޞްލާޙު ކުރުވައި ނިންމަން އެމީހުން ނިންމި ކަމަށް.

މިއީ އެއްގޮތަކަށްވެސް ބުއްދި ޤަބޫލުކުރާ ކަމެއް ނޫން. ޤާނޫނުއަސާސީއަކީ އެއްދުވަހަކުން، ދެދުވަހަކުން، އެއްމަހަކުން ދެމަހަކުން އިޞްލާޙުވާނޭ އެއްޗެއް ނޫން. ޤާނޫނުއަސާސީގައި ވަރަށްގިނަ މުހިންމު ކަންތައްތަކެއް ހިމެނޭތީ، އެކަމާމެދު އެކަށީގެންވާ ގޮތަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަޙުޘް ކުރެވެންވާނެ. މިނިވަންކަމާއެކު ވާހަކަދެކެވެންވާނެ. ތަފާތު ޚިޔާލުތައް ހުށަހެޅެންވާނެ. އޭގެތެރެއިން، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރީ ކޮން ޚިޔާލުތަކެއްގައިތޯ ބަލައި، އެކަންކަން އެގޮތުގެ މަތިން ކަނޑައެޅުމަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސްއޫލިއްޔަތެއް، ވާޖިބެއް. އެހެން އެއްވެސް ފަރާތަކުން އެކަމަކަށް ފާޑެއް ނުކިޔޭނެ. ބަހެއް ނުބުނެވޭނެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލިސް މަސައްކަތް ކުރަމުންދާންޖެހޭނީ މިނިވަން ޖައްވެއްގައި. އެއްވެސް ފަރާތަކުން އެފަރާތަކަށް ނުފޫޒެއް ފޯރުވިގެނެއް ނުވާނެ. އެފަރާތަކީ ސަރުކާރު ކަމަށްވިޔަސް، ނުފޫޒެއް ފޯރުވިގެނެއް ނުވާނެ. އަދި ޢާންމު ރައްޔިތުން ކަމަށްވިޔަސް، އަދި ސިޔާސީ ޕާޓީއެއް ކަމަށްވިޔަސް، މިދެންނެވި ކަހަލަ ނުފޫޒެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޯރުވިގެނެއް ނުވާނެ. ބަޔަކު މީހުން އެއްވެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް މަޖުބޫރު ކޮށްގެން ކަމެއް ކުރެވިގެނެއް ނުވާނެ. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަންވާނެ ގޮތެއްވެސް ނޫން. އަދި އެކަން ހިނގާނެ ގޮތެއްވެސް ނޫން. އެކަން އޮންނާނެ ގޮތެއްވެސް ނޫން.

ކުރިން މިދެންނެވި ގޮތަށް އެމީހުން ރޭވި ރޭވުމުގެ އަޑީގައި ވަނީ މިއާވެސް ޚިލާފު ކަމެއް. ވަރަށް ނުރައްކާތެރި ކަމެއް. ފަހުން އެމީހުންގެ އެކި ސިޔާސީ ބައްދަލުވުންތަކުގައި ވާހަކަ ދެއްކި އެމީހުންގެ ޒަޢީމުންގެ ގޮތުގައި، އެމީހުންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންގެ ވާހަކަތަކުން ވަރަށް ސާފުކޮށް އެނގުނު ގޮތުގައި އެމީހުންގެ ބޭނުމަކީ، ސަރުކާރު ބަދަލުކޮށްލުން. ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރު ބަދަލުކޮށްލައި، އެމީހުންގެ އަތްމައްޗަށް ބާރުގެނައުން. މިއީކީވެސް އެގޮތަށް ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގައި ޤާނޫނުއަސާސީއެއް އެބައޮތް. ސަރުކާރު ބަދަލުވާންޖެހޭނީވެސް ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން. ސަރުކާރަކީ ޤާނޫނީގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް. އަޅުގަނޑު މިމަޤާމުގައި މިހިރީ ރައްޔިތުން ހޮވައިގެން. އަޅުގަނޑު އަމިއްލައަށް މިމަޤާމަށް ގަދަބާރުން އައިސްގެނެއް ނޫން. 1978 ގައިވެސް އޭރު އޮތް ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުން އިންތިޚާބުކޮށްގެން އަޅުގަނޑު ރައީސް ކަމުގެ މަޤާމާ ޙަވާލުވީ. 1983 ވަނަ އަހަރުވެސް، 1988 ގައިވެސް، 1993 ގައިވެސް، 1998ގައިވެސް އަދި އެންމެފަހުން 2003 ވަނަ އަހަރު. އަޅުގަނޑު މިމަޤާމުގައި މިހިރީ ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކޮންމެ ފަހަރަކުވެސް އަޅުގަނޑު މިމަޤާމަށް އިންތިޚާބު ކުރައްވައިގެން. ޤާނޫނީ ހަމަތަކުގެ މަތިން ހޮވިގެން މިމަޤާމަށް އައިސް މިހިރީ.

އެހެންވީމާ، މިގޮތަށް ޤާނޫނީ ހަމަތަކުގެ މަތިން ހޮވިގެން އައިސްފައިވާ ސަރުކާރެއް ބަދަލުކޮށެއްނުލެވޭނެ. ބަދަލުކޮށްލެވޭނީ، ޤާނޫނުގައިވާ ގޮތުގެ މަތިން. އެއީ މުއްދަތު ހަމަވުން އެއްގޮތަކީ. ކޮންމެ ފަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު މި އިންތިޚާބު ކުރެވެނީ ފަސްއަހަރު ދުވަހުގެ މުއްދަތަށް. އެހެންވީމާ، 2003 ވަނަ އަހަރު އިންތިޚާބުކުރި ރައީސެއްގެ ރައީސް ކަމުގެ މުއްދަތު ހަމަވާނީ 2008 ގައި. އޭގެކުރިއަކުން ހަމައެއް ނުވާނެ. އަނެއްގޮތަކީ، މިމަޤާމުގައި ހުރި މީހަކު މަރުވެދިޔުން. އެހެން ވެއްޖިއްޔާވެސް މަޤާމު ހުސްވީ. އެހިސާބުން ބަދަލުވީ. ތިންވަނަގޮތަކީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމީހަކު އެމަޤާމުން ދުރުކުރެވުން. ނުވަތަ އެމީހަކު އަމިއްލައަށް އިސްތިޢުފާ ދިނުން. އިސްތިޢުފާ ދިނުމަކީ ކޮންމެ މީހެއްގެވެސް އިޚްތިޔާރުގައި އޮންނަ ކަމެއް. އެމީހަކު ހުންނަ މަޤާމުގައި ހުންނަން ބޭނުން ނުވެއްޖެ ހިނދެއްގައި އިސްތިޢުފާދޭނެ. ނޫނީ ޤާނޫނުގައިވާ ގޮތުގެ މަތިން އެމީހަކު އެމަޤާމުން ދުރުވެސްކުރެވިދާނެ. ޤާނޫނުއަސާސީގައި އެބައޮތް، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރެވޭނެ ގޮތްތަކެއް ބަޔާންކޮށްދީފައި. އެގޮތްތަކުގެ މަތިން ޢަމަލުކޮށްގެން، އެގޮތްތައް ކާމިޔާބު ވެއްޖިއްޔާ މިމަޤާމުގައި ހުންނަ މީހަކު ޖެހޭނީ މަޤާމުން ދުރުވާން. މިދެންނެވި ގޮތްތަކުގެ އިތުރު ގޮތަކުން ސަރުކާރު ބަދަލުކޮށެއްނުލެވޭނެ. ބަޔަކު އެއްވެގެން ހަޅޭއްލަވައިގެން އެކަމެއް ނުވާނެ.

އެހެންވީމާ، މިހާ ނުރައްކާތެރި ގޮތަކަށް ބަޔަކު ރޭވި ރޭވުމެއް ހަމައަކަށް އެޅުވުމުގައި، ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނު. އާދެ! ސަރުކާރުގެ ސަލާމަތީ ބާރުތަކުން އެކަން ކޮށްދެއްވީ ވަރަށް ފުރިހަމައަށް. މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއާއި، އަދި ފުލުހުންގެ އިސް އޮފިސަރުންނާއި ފުލުހުންވެސް މިކަމުގައި އަދާކޮށްދެއްވީ ވަރަށް މުހިންމު ދައުރެއް. އެބޭފުޅުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކޮށްދެއްވީ، ވަރަށް ފުރިހަމަ ގޮތެއްގައި.

ހަމައެޔާއެކީގައި މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، އަދި ދިވެހި ސިފައިންގެ އިސްވެރިން މިކަމުގައި އަދި ތިޔަހުރިހާ ބޭކަލުންނާއި ބޭކަނބަލުން ބައިވެރިވެލެއްވީ ވަރަށް ފުރިހަމައަށް. ޗީފް އޮފް ސްޓާފް މުޙަންމަދު ޒާހިރާއި، އަދި އޭނާގެ ދަށުން މަސައްކަތް ކުރެއްވި ސިފައިންގެ އިސް އޮފިސަރުންނާއި، އަދި ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންދެއްވީ ވަރަށް ފުރިހަމަ ގޮތެއްގައި. ސަރުކާރަށާއި ޤައުމަށް ވަރަށް ބޮޑަށް އިޚްލާޞްތެރިވެވަޑައިގެން ތިއްބަވައިގެން. ތިޔަބޭކަލުންނާއި ބޭކަނބަލުން ކުރައްވާފައިވާ ހުވައަށް އިޙްތިރާމް ކުރައްވައިގެން، އެ ހުވާގައިވާ ގޮތުގެ މަތިން. ސަރުކާރާއި ރައްޔިތުންނާއި ޤައުމު ތިޔަބޭކަލުން ސަލާމަތްކޮށްދެއްވީ، ވަރަށް ފުރިހަމައަށް ތިޔަބޭކަލުންގެ ޒިންމާއާއި ވާޖިބުތައް އަދާކޮށްދެއްވައިގެން.

އެހެންވީމާ، އަޅުގަނޑު މިއަދު މިތަނަށް މިއައީ، މިކަމުގައި ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުން ތިޔަ ސާބިތުކޮށްދެއްވި ވަރުގަދަ ޢަޒުމާއި ތިޔަބޭކަލުން ތިޔަކޮށްދެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތަށްޓަކައި، ތިޔަ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް ޝުކުރު ދަންނަވާލުމަށްޓަކައި.

ޝައްކެއްނެތް. ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ސިފައިން އަދާކުރަންޖެހޭ ދައުރަކީ، ވަރަށް މުހިންމު، ވަރަށް އިސް ދައުރެއް. ދެންމެ ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލުގެ ވާހަކަފުޅުގައި އެވާހަކަ ވިދާޅުވެއްޖެ. އެހެންވީމާ، ކޮންމެހެން ތަފްޞީލުކޮށް އެވާހަކަ ދަންނަވާކަށެއް ނޫން. އަދި މިވީހާތަނަށް ރާއްޖެއަށް ދިމާވި ކޮންމެ ބޮޑުކަމެއްގައި ދިވެހި ސިފައިން ވަނީ އެންމެ ކުރީ ސަފުގައި ޚިދްމަތް ކޮށްދެއްވާފައި. އަދި އެޚިދްމަތް ކުރެއްވުމުގެ ތެރޭގައި، ސިފައިންގެ އެތައްބަޔަކު ވަނީ ޝަހީދުވެސްވެފައި.

އާދެ! އަޅުގަނޑުމެން ހަނދާން ހުންނާނެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ހިތާމަވެރި އަދި ބިރުވެރި ޢުދުވާނީ ޙަމަލާ. އޭގެ ކަންތައްތައް ދިމާވިގޮތް. ސިފައިންގެ ތެރެއިން ވަރަށްގިނަ ބޭކަލުން އެކަންތަކުގައި ދިވެހި ރައްޔިތުންނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ވެރިކަން ޙިމާޔަތްކޮށް ރައްކާތެރި ކޮށްދެއްވުމަށްޓަކައި، ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވަން ޖެހުނު. ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވި. ވަރަށްގިނަ ޤުރްބާނީތަކެއް ވެވަޑައިގެންނެވި. އޭގެތެރޭގައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ޝަހީދުވެގެންދިޔަ. މާތްﷲ، އެޝަހީދުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި! އަދި އެ ޝަހީދުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރައްވާށި!

މިފަދަ ބޮޑެތި މަސައްކަތްތަކެއް ސިފައިންވަނީ ކޮށްދެއްވާފައި. އިރާދަކުރެއްވީތީ މިފަހަރަކު އެކަހަލަ ނުރައްކާތެރި ކަމަކާ ކުރިމަތިލާކަށް ނުޖެހުނު. އެހެން ނަމަވެސް، ސިފައިން އަދާކޮށްދެއްވި ދައުރުގެ ފުރިހަމަކަމުން، އަޅުގަނޑު އައިސް ހުރިހާ ސިފައިންނަށް ޝުކުރު އަދާކުރުމަކީ، އަޅުގަނޑު ދުށްގޮތުގައި އަޅުގަނޑުގެ ވާޖިބެއް. އެހެންވީމާ، މިއަދު މިތަނަށް އައިސް ތިޔަބޭކަލުންނަށް ޝުކުރު ދެންނެވުމުގެ އުފާ އަޅުގަނޑު މި ލިބިގަންނަނީ.

އާދެ! ދެން ދަންނަވާލަން އޮތް ވާހަކައަކީ، މިހާތަނަށް ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ ކަމަށް ބަލައިގެނެއް ނުވާނެޔޭ. ނޮވެމްބަރު 10 ހިނގައްޖެ. 11 ވެސް 12 ވެސް ހިނގައްޖެ. އެކަމަކު އަދިވެސް ކުރިޔަށް އޮތް ތާނގައި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުކުރަން ތިބި ބަޔަކު އެގޮތަށް ޢަމަލުކޮށްފާނެ. އެގޮތަށް ޢަމަލު ނުކުރާނެޔެކޭ ހިތަށްއަރުވާކަށް ނުވާނެ. އެހެންވީމާ، އެކަންކަމަށްވެސް އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ތައްޔާރަށް.

އާދެ! ދެން އަޅުގަނޑު މާދިގުކޮށް ވާހަކަ ދައްކާކަށްނެތިން. އަދިވެސް އެއްފަހަރު މިނިސްޓަރ އިސްމާޢީލް ޝަފީޢަށާއި، ޗީފް އޮފް ސްޓާފަށާއި، އަދި ތިޔަ ހުރިހާ އިސް އޮފިސަރުންނަށާއި، މިތަނަށް ވަޑައިގެން ތިއްބެވި ސިފައިންގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ތިޔަބޭކަލުން ތިޔަގޮތުގައި ސާބިތުވެ ތިއްބެވުމަށް، ތިޔަބޭކަލުންނަށް ނަޞޭޙަތްތެރިވެ އިލްތިމާސް ކުރަން. ޤައުމުގެ ރައްކާތެރިކަމާއި މިނިވަންކަމާއި ސިޔާދަތާއި ރައްޔިތުންގެ ހިތްހަމަޖެހުމާއި އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު އޮތީ ތިޔަބޭކަލުން، ތިޔަބޭކަލުންގެ ވާޖިބު އަދާކުރެއްވުމުގައި ދެމިތިއްބެވުމުގައި.

އެހެންވީމާ، އެކަން އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭކަލުންނާއި ބޭކަނބަލުންގެ ހަނދާނަށް ގެންނަމުން، ތިޔަބޭކަލުންނަށާއި ބޭކަނބަލުންނަށް، މާތްﷲ ހެޔޮގޮތްތައް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމުގައި އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ގޮތެއްގެ މަތިން އެކަލާނގެ ކަންތައްތައް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.