بسـم اللّه الرّحـمٰـن الرّحـيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އެންމެ ފުރަތަމަ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރަށާއި، ފުލުހުންގެ ސީނިއަރ އޮފިސަރުންނަށާއި، ފުލުހުންގެ އަންހެން ފިރިހެން ހުރިހާ ބޭފުޅުންނަށް، ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުންގެ ބައިވެރިވުން ވަރަށް ފުރިހަމަ ގޮތެއްގައި، އޭގައި ހިމެނިފައިވާ ވެރިކަމެއް. ރައްޔިތުންގެ ބައިވެރިވުން، ރައްޔިތުންގެ އެއްބާރުލުން، ރައްޔިތުންގެ އެއްބައިވަންތަކަން.

ރައްޔިތުންގެ އެއްބައިވަންތަކަން ރާއްޖޭގައި ދަމަހައްޓާ އެންމެ މަތިވެރި އުޞޫލަކީ، މާތްވެގެންވާ އިސްލާމްދީނުގައި ހިމެނިފައިވާ މުސްލިމުންގެ އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ އުޞޫލު. ރާއްޖޭގައި ޖުމްހޫރީ ވެރިކަން ޤާއިމުވެފައި މިއޮތީ މިގޮތުގެ މަތިން. ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދެނީ، ޤާނޫނުތަކަށާއި ގަވާއިދުތަކަށް އެންމެން އެއްވަރަކަށް ބޯލަނބައި އިޙްތިރާމް ކުރުމުން. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ އުޚުއްވަތްތެރިކަމުގެ އުޞޫލުގެ ދަށުން ރާއްޖޭގައި ހިމެނޭ އެންމެން، ވެރިންނާއި ރައްޔިތުން ރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބަން ޖެހޭނެ. އިޙްތިރާމްކުރަން ޖެހޭނެ. އެއާއެއްގޮތަށް ޢަމަލުކުރަން ޖެހޭނެ.

އާދެ! މިއީ އަޅުގަނޑުމެންގެ ވެރިކަމުގެ އަސާސަކީ. ވެރިކަން އޭގެ މައްޗަށް ބިނާވެފައިވާ އުޞޫލުތަކަކީ. މިކަން މިގޮތަށް އޮތްއިރު، ބައެއްފަހަރު ބައެއްކަހަލަ ގޮންޖެހުންތަކާ އަޅުގަނޑުމެންނާ ކުރިމަތިލާން އެބަޖެހޭ. ތިޔަ ހުރިހާ ބޭފުޅުންނަށާއި ފުލުހުންގެ އެންމެންނަށްވެސް ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެ މިހާރު ދެކެމުން މިދަނީ، އެއްޙާލަތަކުން އަނެއް ޙާލަތަކަށް ބަދަލުވުމުގެ ދުވަސްވަރެއް. ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު އިތުރަށް އިޞްލާޙުކޮށް، ހަރުދަނާ ކުރުމުގެ މަރްޙަލާއެއް. ރާއްޖެއަށް އަންނަ ހެޔޮބަދަލުތަކުގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ ނިޒާމަށްވެސް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ.

އެގޮތުން، އިޞްލާޙީ ޕްރޮގްރާމް ފަށައިގެން ސަރުކާރުން ހިންގަމުން ގެންދާތާ މިހާރު ދެއަހަރަށްވުރެ ގިނަދުވަސް ވެއްޖެ. މި އިޞްލާޙީ ޕްރޮގްރާމްގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އޭގެތެރޭގައި، ރާއްޖޭގެ ސިޔާސީ މާޙައުލު އެހެން ގޮތަކަށް ބަދަލުވެގެންދިޔުން. ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ސަރުކާރުގެ ކަންތައްތައް ބައްޓަންކޮށް ހިންގަމުން ގެންދިޔުން. މިގޮތަށް ކަންތައްތަކަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެއްދުން. އިންސާނީ ޙައްޤުތައް އިތުރަށް ރައްކާތެރިކޮށް ހަރުދަނާ ކުރުން. ރާއްޖޭގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކޮށް ހަރުދަނާކުރުން. ރާއްޖޭގައި ޖިނާއީ ޢަދުލުގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް ހަރުދަނާކުރުން. މިހެންގޮސް ރާއްޖެއަށް ގެންނަން ބޭނުންވާ ވަރަށްގިނަ އިޞްލާޙުތަކެއް، މިދެންނެވި ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމްގައި ހިމެނިގެންވޭ. އެކަންތައްތައް ސަރުކާރުން ކުރިޔަށް މިގެންދަނީ ވަރަށް ބާރަށް.

އަޅުގަނޑު މިދެންނެވި ކަންތައްތަކުގެ ތެރޭގައި އެންމެ އިސް އެއްކަމަކަށް އޮތީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުން. އެމަސައްކަތަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް ވަނީ އިންތިޚާބު ކުރެވި، އެމަޖިލީހާ އެމަސައްކަތް ވަނީ ޙަވާލުކުރެވިފައި. އެމަޖިލީހުން އެމަސައްކަތް ކުރައްވަމުން އެބަގެންދަވާ.

މިގޮތަށް ކަންތައްތައް ވަމުން ދަނިކޮށް، ބަޔަކު މީހުން ސަރުކާރާ ދެކޮޅުވެރިކަމުގެ ޙަރަކާތްތަކެއް ހިންގައި، ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމަކީ، އެއްގޮތަކަށްވެސް އެކަމަށް އަޅުގަނޑުމެން ތަންދީގެންވާނޭ ކަމެއް ނޫން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކުގެ ތެރެއިން އެއްޕާޓީއަކުން ނޮވެމްބަރު 10 ގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް މީހުން އެއްކޮށް، ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގުމަށްވަނީ ރާވާފައި. އެކަމުގެ މަޢުލޫމާތު ސަރުކާރަށް ލިބުމާ އެކީގައި، އެމަޢުލޫމާތު ވަނީ ސަރުކާރުން ކަމާބެހޭ ފަރާތްތަކާ ޙިއްޞާކޮށްފައި. އެގޮތުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢަށް އެވާހަކަ އަޅުގަނޑު ވާނީ މިދިޔަ އޮކްޓޯބަރު މަހު ދަންނަވާފައި. 9 އެއްހާ ތާނގައި. އަދި ރާއްޖޭގައި އެއްވެސް ބަޔަކު، ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަންތައްތައް ހިންގުމަކަށް ފުރްޞަތުދޭކަށް އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއް ނޫނޭ ވާނީ ދަންނަވާފައި. އެއީ، ޤާނޫނަކީ އެންމެން ޙުރްމަތްތެރިކޮށްހިތަންޖެހޭ އެއްޗެއް. ގަވާއިދަކީ އެންމެން ބޯލަނބަންޖެހޭ އެއްޗެއް. ޤާނޫނާއި ގަވާއިދު ހެދިފައި އެހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ރައްޔިތުންގެ ސަލާމަތަށްޓަކައި. ޤައުމުގެ ހަމަޖެހުމަށްޓަކައި. މިއާ ޚިލާފަށް އެއްވެސް ބަޔަކު އެއްވެސް ތަނެއްގައި ކަމެއް ކުރުމަކީ، ސަރުކާރުން އެކަމަށް ފުރްޞަތެއްދޭން ބޭނުންވާނެ ކަމެއް ނޫން ކަމުގައި އަޅުގަނޑު ވާނީ އެދެބޭފުޅުންނަށް ދަންނަވައި، އަދި އެދެބޭފުޅުންގެ އެހީތެރިކަމަށް މިކަމުގައި އެދިފައި. މިގޮތުން، އެދެބޭފުޅުންކުރެ ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ހަވާލުވެވަޑައިގެން ހުންނެވި ދާއިރާގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، އަދި އެދާއިރާގެ ކަންތައްތައް އެގޮތަށް ރާއްވަވައި ހިންގަވައިދެއްވާފައިވާކަން ވަރަށް އުފަލާއެކު އަޅުގަނޑު ހަނދާންކޮށް، އެދެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުރިން މިދެންނެވި 10 ނޮވެމްބަރަށް ރާވާފައިވާ ރޭވުންތަކަކީ، ޤާނޫނާއި ގަވާއިދާ ޚިލާފު ރޭވުންތަކެއް ކަމުގައި އަދި އެކަން ކުރިޔަށް ނުގެންދިޔުމަށާއި، އެއްވެސް ފަރާތަކުން އެކަމުގައި ބައިވެރިނުވުމަށާއި، އެއްވެސް ފަރާތަކުން އެކަމަށް ހިތްވަރު ނުދިނުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވަނީ އިޢުލާނެއް ނެރުއްވައި، އެ އިޢުލާނުގައިވާ ގޮތުގެ މަތިން، ކަންތައްތައް ކުރައްވަމުން ވަނީ ގެންދަވާފައި. އޭގެދަށުން، ދިވެހި ފުލުހުންނަކީ، އެމިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ބަޔަކަށްވާތީ، އަދި ޤާނޫނާއި ގަވާއިދު ރައްކާތެރި ކުރުމުގައި، ވަރަށް އިސް ދައުރެއް އަދާކުރަންޖެހެނީ ފުލުހުންނަށް ކަމަށްވާތީ، ފުލުހުންގެ ކަންތައްތައްވެސް އެމިނިސްޓްރީން ބަލަހައްޓަވަމުން ގެންދަވާފައިވަނީ، އަދި ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، އަދި ފުލުހުންގެ އިސް އޮފިސަރުންނަށާއި، އެހެން ބޭފުޅުންނަށް އިރުޝާދު ދެއްވާފައިވަނީ، އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން.

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުންނާ އެޙަވާލުކުރެވުނު މަސައްކަތް، ތިޔަބޭފުޅުން ކޮށްދެއްވާފައިވާލެއް ފުރިހަމަކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމޭ، މިވާހަކަ. އަޅުގަނޑު މިއަދު މިތަނަށް މިއައީވެސް އެވާޖިބު އަދާކުރުމަށްޓަކައި. ތިޔަބޭފުޅުންނާ ޙަވާލުކުރެވުނު މަސައްކަތް ތިޔަބޭފުޅުން ކޮށްދެއްވާފައިވަނީ، ވަރަށް އިޚްލާޞްތެރިކަމާއެކީގައި. ވަރަށް ވަފާތެރިކަމާއެކީގައި. ވަރަށް ތެދުވެރިކަމާއެކީގައި. ވަރަށް ޤާބިލުކަމާއެކީގައި. މިއީ، އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާންޖެހޭ ޙަޤީޤަތެއް.

އާދެ! ދެންމެ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކައިގައި، އެވިދާޅުވި ފަދައިން، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން، ކަންތައް ކުރުމަކީ އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދެމުންގެންދާ ކަމެއް. ހުރިހާ ދާއިރާއެއްގައިވެސް. އެގޮތުން، ފުލުހުންގެ މަސައްކަތުގައިވެސް އެގޮތަށް ޢަމަލު ކުރުމަކީ، މިވަގުތު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އެއީ، ދިވެހިރާއްޖެއަށް ރީތިނަމެއްވެސް ލިބިގެންދާނެ ކަމެއް. އަދި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ފުލުހުންނާއި އަދި ސަލާމަތީ ބާރުތަކުގެ ޤަދަރު އުފުލިގެންދާނެ ކަމެއް.

އަޅުގަނޑު ވަރަށް އުފާވާ ކަހަލަ ވާހަކައެއް މިދޭތެރެއިން އެހި ވާހަކަ ދަންނަވާލަން. އާދެ! އެއީ، މި ނޮވެމްބަރު 10 އަށް ތައްޔާރުވަމުންދިޔަ ދިޔުމުގަޔާއި، އެކަމުގެ ޙަރަކާތްތައް ހިނގަމުންދިޔަ ވަގުތު، އެކިދުވަހު، އެކިގަޑީގައި، އެކިގޮތަށް ފުލުހުން އޮތީ ޙަރަކާތްތެރިވާން ޖެހިފައި. ފުލުހުން، އެކަންކަމުގައި މިހުރިހާ ދުވަހެއްގެ މަތިން، ޙަރަކާތްތެރިވި ޙަރަކާތްތެރިވުމުގައި، ރާއްޖޭގެ ފުލުހުން ދައްކާފައިވަނީ، ވަރަށް ރީތި ޕްރޮފެޝަނަލް އަދި ހުނަރުވެރި، ޤާބިލުކަމެކޭ ބޭރުގެ ބައެއް ރިޕޯޓަރުން ބުނި ވާހަކަ. އެމީހުން ދުށްގޮތުގައި ރާއްޖޭގެ ފުލުހުން އެކަންތައް ކުރީ ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި. ވަރަށް ރަނގަޅަށް، ވަރަށް ޤާބިލުކަމާއެކީގައި. ވަރަށް ހަރުދަނާކަމާއެކީގައި. އެއްވެސް މީހަކަށް، އެއްވެސް ތަނަކަށް، ގެއްލުމެއް ނުލިބޭފަދަ ގޮތެއްގައި. ވަރަށް އޮމާންކަމާއެކީގައި. އެހެންވީމާ، މިފަދަ ރީތި ނަމެއް، ދިވެހި ފުލުހުންނަށް ބަޔަކު ރައްދުކުރި އަޑު އަޅުގަނޑަށް އިވިފައިވާތީ، އެކަމާ ވަރަށް ބޮޑަށް އުފާކޮށް، ފުލުހުންގެ އިސްވެރިންނަށާއި އޮފިސަރުންނަށާއި، ތިޔަ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

ދެން ދަންނަވާލަން އޮތް އަނެއް ވާހަކައަކީ، މިހިސާބުން މިކަންތައްތައް ނިމުނީކަމަށް ބަލާކަށެއް ނުވާނެޔޭ. 10 ނޮވެމްބަރު ހިނގައްޖެ. އެހެން ނަމަވެސް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބަޔެއްގެ ރޭވުންތައް އަދިވެސް ކުރިޔަށްދާނެ ކަމަށް އަޅުގަނޑުމެން ބަލަންޖެހޭނެ. ތަފާތު ގިނަކަންތައްތައް ކުރިމަތިކުރަމުން ގެންދާނެ ކަމަށްވެސް ވިސްނަންޖެހޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ތިބެންޖެހޭނީ ސާބިތުކަމާއެކީގައި. އަޅުގަނޑުމެންނަކީ، ރާއްޖޭގެ ޤާނޫނުއަސާސީ ހިމާޔަތް ކުރަން ތިބި ބަޔެއް. ރާއްޖޭގެ ޤާނޫނުތައް ޙިމާޔަތްކުރަން ތިބި ބަޔެއް. ޤައުމުގެ ސަލާމަތާއި އަމަންއަމާންކަން ރައްކާތެރިކުރަން ތިބި ބަޔެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ، އެންމެ ހިނދުކޮޅަކަށްވެސް ޣާފިލުވާންވީ ބަޔެއް ނޫން. ކަންކަމުގެ މަތިން ހަނދާން ނައްތާލައި، ކަމެއްނުވެދާނެ ކަމަށް ބަލައިގެން ތިބެންވީ ބަޔެއް ނޫން. އެހެންވީމާ، މިކަން ތިޔަ އެންމެ ބޭކަލުންގެ އަދި ބޭކަނބަލުންގެ ސަމާލުކަމަށް އަޅުގަނޑު ގެންނަން.

އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތާނގައިވެސް ރާއްޖެދާނީ ކުރިޔަށް. މާތް اللّهގެ ރަޙްމަތާއި އެކަލާނގެ މަދަދާ އެކީގައި ރާއްޖެ ދާނީ ތަރައްޤީގެ މަގުގައި ކުރިޔަށް. އަޅުގަނޑުމެންގެ ޤައުމަށާއި ރައްޔިތުންނަށް ސަލާމަތްކަން ހޯދައިދިނުމުގައި، އަޅުގަނޑުމެން ކެރިގެން މަސައްކަތްކުރަންވާނެ. އެގޮތުގައި، ދިވެހި ހުރިހާ ފުލުހުން ތިއްބެވި ކަމުގެ ޔަޤީންކަން، ދެންމެ އަޅުގަނޑަށް ލިބިގެން ހިނގައްޖެ. އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ވާހަކަ ދަންނަވާލަމުން، އަދި اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވުމަށާއި، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި، އެކަލާނގެ މަދަދާއި ތައުފީޤު ދެއްވުން އެދި ދުޢާކުރާ ޙާލު އަދި ތިޔަ ހުރިހާ ބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި މާތްاللّه ބަރަކާތް ލެއްވުން އެދޭ ޙާލު، އެދުޢާގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ބައިވެރިވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.