بسـم اللّه الرّحـمٰـن الرّحـيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ދެންމެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދު އެ ވިދާޅުވި ފަދައިން، މިވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް، ޙަޤީޤީ ތެދު މަޢުލޫމާތާއި ޚަބަރުތައް ގެނެސްދެއްވައި، ޤައުމީ ބޮޑެތި ކަންކަމުގައި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުންނާއި، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުން ތިޔަކޮށްދެއްވި މިންނެތް މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރު ދަންނަވާލުމަށްޓަކައި.

އާދެ! މިވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، ތިޔަ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވީ، ވަރަށް ބުރަކޮށް، ވަރަށް އިޚްލާޞްތެރިކޮށް، އޭގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދިޔަފަދަ ގޮތެއްގެ މަތިން.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ ބަދަލުވުމުގެ ފައްތަރެއްގެ މަތީގައި. އަޅުގަނޑު ހުށަހަޅާފައިވާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމް ކުރިޔަށް އެބަދޭ. އެޕްރޮގްރާމްގައި ތަފާތު ކަންތައްތަކާއި މަސައްކަތްތައް ވަނީ ހިމެނިފައި. އޭގެތެރޭގައި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމާއި، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދުމަށް ފުރްޞަތު ދިނުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކޮށް ހަރުދަނާ ކުރުމާއި، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ކަންތައްތައްވެސް ވަރުގަދަކޮށް ހަރުދަނާ ކުރުމާއި، މިހެންގޮސް ތަފާތު ދާއިރާތަކުން ކުރަންހުރި މުހިންމު މަސައްކަތްތަކެއް، މި ސިޔާސީ އިޞްލާޙީ ޕްރޮގްރާމްގައި ހިމެނިފައިވޭ. އެ ހުރިހާ ކަމެއްވެސް މާތްاللّهގެ ވާގިފުޅާއެކު، މަގުޗާޓުގައިވާ ގޮތުގެ މަތިން ހިންގަމުން އެބަގެންދެވޭ. އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވީތީ، ވަރަށް ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިޔަށް އެބަދެޔޭ.

މިކަން މިހެން ދަނިކޮށް، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ތަފާތު އޮއިވަރުތައް އުފެދި، ސަރަކުރާ ދެކޮޅު ޙަރަކާތްތަކެއް ހިނގަން ފަށައިފި. އަދި ބައެއްގެ އަމިއްލަ މަޤްޞަދުތަކަށްޓަކައި، ސަރުކާރުގެ ކަންތައްތައް ބަދަލުކޮށްލުމަށް، ސިއްރާއި ފާޅުގައި އެކިއެކި ރޭވުންތައް ރާވައި މަސައްކަތްތައްކޮށް، ހަމަނުޖެހުން އުފައްދަން ވަރަށްގިނަ ބަޔަކު އުޅެފި. މިކަންތައްތައް އެނގުމާ އެކުގައި، މިކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ބަޔާންކޮށްދިނުމަކީ، ވަރަށް މުހިންމު ކަމަކަށްވެގެން ހިނގައްޖެ. މިމަސައްކަތް އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވީ، ސަރުކާރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން. އާދެ! މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްއިންނާއި، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސުން.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއަށް އަންނަން އުޅުނު ހަމަނުޖެހުން، ތިޔަބޭފުޅުން ތިޔަކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ސަބަބުން އެއްގޮތަކަށްވެސް ނައިސް، އިރާދަކުރެއްވިއްޔާ ވަރަށް އޮމާންކަމާއެކީގައި، އެ ނޮވެމްބަރު 10ގެ ކަންތައްތައް ނިމިގެން ހިނގައްޖެ. މިކަމުގައި އެންމެބޮޑު މަސައްކަތެއް ކޮށްދެއްވި ބޭފުޅުންނަކީ ތިޔައީ. އެއީ ކޮންމެ ކަމެއްވެސް ރަނގަޅަށްދާނީ ނުވަތަ ނުރަނގަޅު ގޮތަކަށްދާނީ، އެކަމަކަށް ގޮވާލާ ބަޔަކު ނުވަތަ އެކަމެއް ހިންގަން އުޅޭ ބަޔަކު ދޭ މަޢުލޫމާތުތަކެއްގެ ސަބަބުން. އެމަޢުލޫމާތަކީ، ރަނގަޅު މަޢުލޫމާތެއްތޯ، ރަނގަޅުނޫން މަޢުލޫމާތެއްތޯ މިކަން ބަލައި ދިރާސާކޮށްގެން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އެކަންތައްތައް، އެ ރޭވި ބަޔަކު ރާވާ ހިންގަން އުޅުނީ، ރައްޔިތުންނަށް އޮޅުވާލައިގެން. ވަރަށްގިނަ ދޮގު މަޢުލޫމާތުތަކެއް ފަތުރައިގެން. އޭގެތެރޭގައި، ނުހިނގާ ކަންތައްތައް ހިނގިކަމަށް ބުނުމާއި، ހިނގާފައި ހުރި ކަންތައްތައް ނުހިނގާ ކަމަށް ބުނުމާއި، ވަރަށް ކުޑަކުޑަކޮށް ހިނގާފައިވާ ކަމެއް ބޮޑުކޮށްލައިގެން ބުނުމާއި، މަޤްޞަދު އޮޅުވާލުމާއި، މިކަހަލަ ވަރަށްގިނަ ގޯސް ކަންތައްތަކެއް ހިމެނިފައިވޭ. އަދި އޭގެއިތުރުން، އަޅުގަނޑުމެންގެ އަޚްލާޤީ ފެންވަރު، އެކަކު އަނެކަކާ ވާހަކަ ދައްކާ މުޚާޠަބުކުރާ ބަހުރުވައިގެ ފެންވަރު ވަރަށްބޮޑުތަން ދަށްކޮށްލުން ހިމެނޭ. ކޮންމެ މީހަކުވެސް އެކަކު އަނެކެއްގެ ޢައިބުތައް ކިޔައިދީ، އެހެން މީހުންނާ ބެހޭގޮތުން ދައްކައިގެން ނުވާނެ ވާހަކަތައް ދައްކައި ފަޟީޙަތްކޮށް މިހެން ހަދައިފި. ފަޟީޙަތް ކުރުމޭ ދެންނެވީމާ އަދި އެ ދެންނެވުނީކީ ރަނގަޅަކަށްނޫންހެން އަޅުގަނޑަށް ހީވަނީ. ފަޟީޙަތް ކުރުމަކީ، ޙަޤީޤަތުގައި ހިނގާފައިވާ ކަމެއް، މީހަކު ސިއްރުކޮށްފައި އޮއްވައި، އެކަން ފާޅުކުރުން. އެކަމަކު މިމީހުން މިކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީކީ އެކަހަލަ ކަންތައްތަކެއް ނޫން. އެއްގޮތަކަށްވެސް ނުހިނގާ ކަންތައްތައް ހިނގި ކަމަށް ހަދައިގެން، މީސްމީހުންގެ އަބުރާ ބެހުން. އެއީކީ ފަޟީޙަތްކުރުމެއްވެސް ނޫން. އެއީ ހަމަ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ފަތުރައި، މީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރުން.

މިކަންތައްތައް އެންމެބޮޑަށް ހިނގާ މިދިޔައީ، ރާއްޖޭގައި ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަން ފުޅާކުރުމާ ގުޅިގެން، އެކިއެކި ނޫސްމަޖައްލާތަކުގައި ޖަހާފައި ހުރި ދޮގުވާހަކަތަކުގެ ސަބަބުން. މިއީވެސް އަޅުގަނޑަށް އެނގޭގޮތުގައި ހަމަ ރޭވުމެއްގެ ދަށުން ހިނގަމުންދިޔަ ކަމެއް. ރައްޔިތުންނަށް ދޮގު މަޢުލޫމާތު ލިބިއްޖިއްޔާ ނުވަތަ އެއްވާހަކައެއް ތަކުރާރުކޮށް ގިނަފަހަރު އެއްގޮތަކަށް ދައްކައިފިއްޔާ، ބަޔަކަށް އެކަން ޤަބޫލުކުރެވިދާނެ. ޤަބޫލުކުރެވޭނެ.

އެހެންވެގެންގޮސް ޙަޤީޤަތް ނޫން ވަރަށްގިނަ ދޮގު މަޢުލޫމާތުތަކެއް، އެއީ ޙަޤީޤަތް ކަމަށް ބަޔަކަށް ޤަބޫލު ކުރެވެން ފަށައިފި. ސަރުކާރުގެ ސިޔާސަތާއި، ސަރުކާރުން ހިންގާ އެކިއެކި ކަންތައްތަކާއި، އެ މަސައްކަތްތައް މުޅިން އޮޅުވާލައިގެން، ޙަޤީޤަތާ ޚިލާފަށް ފެތުރުމުގެ ސަބަބުން، ބައެއް މީހުންނަށް އެކަންކަން ޤަބޫލުކުރެވެން ފެށީ. އަނެއްކޮޅުން މިކަން މިހިސާބަށް ދިޔައީމާ، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އިސްނަންގަވައިގެން އަދި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ގިނަބޭފުޅުން، އޭނާގެ އިރުޝާދުގެ ދަށުން މިކޮށްދެއްވި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑަށް ޙަޤީޤަތް އޮޅުންފިލައިފި.

އަޅުގަނޑު ދަންނަވާނީ، މިނޮވެމްބަރު 10ގެ ކަންތައްތައް މިހާ އޮމާންކޮށް ނިމިގެން މިދިޔައީ، އެކަމުގެ ސަބަބުންނޭ. އެއީ ރައްޔިތުންނަށް އެނގުނީ ޙަޤީޤަތަކީ ކޮބައިކަން. އެ ރޭވުންތައް ރޭވި މީހުންގެ މަޤްޞަދަކީ ކޮބައިކަން. އެމީހުންގެ ބޭނުމަކީ ކޮބައިކަން. މިކަންތައްތައް ރައްޔިތުންނަށް އޮޅުންފިލީމާ ރައްޔިތުން ސަރުކާރަށް ދެއްވާ ސަޕޯޓް ނުވަތަ ތާއީދު ދިޔައީ އިތުރުވެގެން. މީގެ ހެތްކަކީ، ފަންސަވީސްހާސް މީހުން އެ އެއްވުމުގައި ބައިވެރިވާނެއޭ ބުނެފައި އޮތް ބުނުން ވަރަށްބޮޑު ދޮގަކަށްވެގެން ދިޔުން. އަތޮޅުތަކުންވެސް ދިހަހާސް މީހުން، ފަނަރަހާސް މީހުން އަންނާނެޔޭ ކިޔާފައި ދެއްކި ވާހަކަތައް، މުޅިން ދޮގަކަށް ވެގެންދިޔުން.

ތިޔަބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އެހެން ދާއިރާތަކުންވެސް އެކަމާ ބެހޭގޮތުން އެކަށީގެންވާ ފިޔަވަޅުތައް ވަނީ އަޅުއްވާފައި. އެފިޔަވަޅުތައް އެއީވެސް މިކަން ހަމަޖެހުމަކަށް އައުމުގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރި ކަމެއް. ޚާއްޞަ ގޮތެއްގައި ހޯމް މިނިސްޓްރީން އެކުރެއްވި މަސައްކަތްތައް. އަދި ގަވާއިދާ ޚިލާފަށް ކަންތައްތައް ކުރާ މީހުންގެ ކަންތައްތައް، ފުލުހުންގެ އިދާރާއިން ބެއްލެވުމާއި، އެމީހުންނާ ބެހޭގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާއި، އަދި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އަތޮޅުތަކަށާއި ރަށްރަށަށް، ކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވައި، ރައްޔިތުން ހޭލުންތެރިކުރެއްވުމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ރާއްޖޭގެ ބޭރުގެ ފަރާތްތަކަށް މިމަޢުލޫމާތު ދެއްވުމާއި، އަދި އެޑިޔުކޭޝަން މިނިސްޓްރީ ނުވަތަ އެނޫން މިނިސްޓްރީތަކުންވެސް، އެ ދާއިރާއެއްގެ ކަމާބެހޭ އިސްބޭފުޅުންނަށް މަޢުލޫމާތު ދެއްވައި، އެބޭފުޅުންގެ އެއްބާރުލެއްވުން ހޯއްދެވުމާއި، މިހެންގޮސް މިހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވީތީ މިއަދު މިހާ އޮމާންކޮށް، ޞުލްޙަމަސަލަސްކަމާއެކީގައި އަޅުގަނޑުމެންނަށް މިތިބެވޭގޮތް މިދިމާވީ.

ޝައްކެއްނެތް، އަޅުގަނޑުމެންގެ ހުރިހާ ކުރިއެރުމެއްގެ އަސާސަކީވެސް ރާއްޖޭގައި އޮންނަ ހަމަޖެހުން. ޞުލްޙަމަސަލަސްކަން. މިކަން ގެއްލިއްޖިއްޔާ އަޅުގަނޑުމެންނަކަށް ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅުނު ވާހަކައަކީ، މިހުރިހާ ކަންތައްތަކެއްގައި ތިޔަބޭފުޅުން ތިޔަ އަދާކޮށްދެއްވި އިޚްލާޞްތެރި ދައުރު އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަމޭ. އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމޭ.

ހަމަމިޔާއެކު ދަންނަވާލަންޖެހޭ އަނެއް ވާހަކައަކީ، ހުރިހާ ކަމެއް މިހިސާބުން ނިމިގެންދިޔައީ ކަމަށް ބަލާކަށް ނުވާނެއޭ. އެއީ، ވަކިދުވަހަކަށް އޮތް ކަމެއް ނޫން. ބައެއް މީހުންގެ ހިތްތަކުގައި އޮތް ކަންތައްތަކަކީ، އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެ ކަންތައްތަކެއް. އޭގެ ސިފަވެސް ބަދަލުވެދާނެ. މަންޒަރު ބަދަލުވެދާނެ. ތަންތަން ބަދަލުވެދާނެ. އެމީހުން ކުރަން ބޭނުންވާ ކަންތައްތައް އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެ. މިކަންކަން މިހެން ވިޔަސް، އަޅުގަނޑުމެން ތިބެންޖެހޭނީ އަބަދުވެސް އެކަންކަމަށް ހޭލާ. ވިސްނައިގެން. ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދޭންޖެހޭނެ. އެއީ، މީގެ އެންމެ މުހިންމު ކަމަކީ. ރައްޔިތުންނަށް، ކަންކަމުގެ ޙަޤީޤަތް އެނގި، ތެދު މަޢުލޫމާތު ލިބިއްޖިއްޔާ ޝައްކެއްނެތް، ރައްޔިތުންނަށް ހުރިހާ ކަމެއް އެނގޭނެ. ރައްޔިތުންނަށް ބޭނުންވާ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމަށް ހުރިހާ ރައްޔިތުންގެވެސް ތާއީދު ލިބޭނެ. އެހެންވީމާ، އެކަން އަބަދުވެސް ކުރަންޖެހޭނެ.

ކޮންމެ ނުބައިކަމެއްވެސް ފެށިގެން އަންނަނީ، އިންސާނާގެ ސިކުނޑިން. ބުއްދިއާ ހަމައިން. ކޮންމެ ނުބައިކަމެއް އުފަންވަނީ، އިންސާނާގެ ސިކުނޑިން. އޭގެފަހުން އެއަށް ޢަމަލީ ސިފަ މިއަންނަނީ. އިބިލީހުގެ ކަންތައްވެސް އެނގިވަޑައިގަންނަވާނެ. ހަމަ އެހެން އެވީ.

މާތްاللّه، އާދަމުގެފާނު އުފައްދަވައި، ހުރިހާ މަލާއިކަތުންނަށް އާދަމުގެފާނަށް ސަޖިދަ ކުރެއްވުމަށް އެންގެވީމާ، އިބިލީސް އެކަމަށް އިންކާރުކުރީ. އިންކާރުކޮށްފައި ދެންނެވީ، ކިހިނެއްތޯއޭ ތިމަންނާ އާދަމުގެފާނަށް ސަޖިދަކުރާނީ. އާދަމުގެފާނު ހައްދަވާފައިވަނީ މަށިންނޭ. ތިމަންނާ ހައްދަވާފައިވަނީ އަލިފާނުންނޭ. އެހެންވީމާ، ތިމަންނާގެ އަޞްލު މާމޮޅޭ. މޮޅު މީހަކު، ދެރަ މީހަކަށް ސަޖިދަ ކުރުމެއް ނޯންނާނެއޭ. މިއީ، އިބިލީހުގެ ސިކުނޑީގައި އުފެދުނު ވަރަށް ނުރަނގަޅު ޚިޔާލެއް. އޭނާގެ ބޮޑާކަން ހާމަވެގެންދިޔަކަމެއް. އޭގެފަހުން، އެއަށް ޢަމަލީ ސިފަ އައިސްގެން، އިބިލީހަކީ ހުރިހާ ނުބައިކަމަކަށް މަގުދައްކާ ފަރާތަކަށް ވެގެންދިޔައީ. ޝައިޠާނާގެ ކަންތައްތައް ދުނިޔޭގައި ފެތުރިގެން އެދިޔައީ، މިނުބައި ވިސްނުމުގެ ސަބަބުން.

ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެން އިޞްލާޙު ކުރަން މިޖެހެނީ މީހުންގެ ވިސްނުމޭ. ނުބައި ކަންތައް ފެށިގެން އަންނަނީ، އިންސާނާގެ ވިސްނުމުންނޭ. ރަނގަޅު ކަންތައްތައް ފެށިގެން އަންނާނީވެސް އިންސާނާގެ ވިސްނުމުންނޭ. އެހެންވީމާ، ވިސްނުމަކީ ރަނގަޅު އެއްޗެއް ކަމަށް އަޅުގަނޑުމެންނަށް ހަދާލެވިއްޖިއްޔާ، މީހުންގެ ޢަމަލުތައް ރަނގަޅުވާނެ.

ޚަބަރުފަތުރާ ވަސީލަތްތަކުގައި އުޅުއްވާ ބޭފުޅުން، ދަސްފުޅުކުރައްވަންވީ ފިލާވަޅަކީ މިއީ. ޙަޤީޤަތް މީހުންނަށް އޮޅުންފިލުއްވައިދެއްވުން. ތެދު މަޢުލޫމާތު ދެއްވުން. އަދި ރަނގަޅު ގޮތްގޮތަށް މަގުދެއްކެވުން. ޚާއްޞަކޮށް، ޤައުމީ ފެންވަރުގެ ކަންކަމުގައި. ކޮބައިކަން ރަނގަޅު ގޮތަކީ، ކޮބައިކަން ގޯސްގޮތަކީ. މިއީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް. އަދި ތިޔަބޭފުޅުން ފިޔަވައި ރާއްޖޭގައި ޚަބަރު ފެތުރުމުގެ ކަންތައްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުންވެސް އެންމެބޮޑު ސަމާލުކަމެއް ދެއްވަންވީ ކަމަކީ މިއީ.

އާދެ! އަޅުގަނޑު ކުރިންވެސް ދަންނަވާލިހެން، ތިޔަބޭފުޅުން ތިޔަކުރެއްވި މަސައްކަތުގެ ސަބަބުންނާއި، އަދި އޭގެއިތުރުން، އަޅުގަނޑު މިދަންނަވާލި ފަރާތްތަކާއި އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެމިނިސްޓްރީގެ ދަށުން އެމް.އެން.ޑީ.އެފް.ގެ އޮފިސަރުންނާއި، އެފަރާތުގެ ހުރިހާ ބޭފުޅުންވެސް މިކަމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި. އެހެންވީމާ، އެހުރިހާ ކަމެއްގެ ސަބަބުން އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެންނަށް ސަލާމަތްކަންމަތީ، އަމަންއަމާންކަންމަތީ، ޞުލްޙަމަސަލަސްކަންމަތީ މިތިބެވެނީ.

އެހެންވީމާ، މިކަން އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، ތިޔަހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދަށް ޝުކުރު ދަންނަވަން. އެންމެ ފުރަތަމަވެސް، ނޮވެމްބަރު 10 އަށް މިރޭވެމުން އައި ރޭވުމަކީ، ޣައިރު ޤާނޫނީ ޢަމަލެއްކަން އެމިނިސްޓްރީގެ އިޢުލާނަކުން ބަޔާންކޮށްދެއްވި. އެހިސާބުން ފެށިގެން އެމަނިކުފާނުގެ ބެއްލެވުމާއި އިރުޝާދުގެ ދަށުން އެމިނިސްޓްރީންނާއި އަދި ތިޔަބޭފުޅުން، ދިވެހިރާއްޖޭގެ އަޑުގެ ވެރިންނާއި އަޑުގެ ތަފާތު ދާއިރާތަކުގެ މުވައްޒަފުންނާއި، ޓެލެވިޜަން މޯލްޑިވްސްގެ ކަމާބެހޭ ހުރިހާ ބޭފުޅުން ތިޔަ މަސައްކަތް ކޮށްދެއްވަމުން ގެންދެވީ. ތިޔަ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ، މިއަދު މިހެން މިތިބެވެނީ.

އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގައި، އިތުރު ހިތްވަރާއި ޢަޒުމާ އެކީގައި ކުރިޔަށް ވަޑައިގަތުމަށް ހިތްވަރު އަރުވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

والسّلام عليــكم ورحـمــة اللّـه وبـركاتـه.