بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! ރާއްޖޭގައި ޕޯސްޓުގެ ޚިދްމަތް ފެށުނުތާ 100 އަހަރުވުމުގެ ތާރީޚީ އަދި އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދަށާއި، މޯލްޑިވްސް ޕޯސްޓުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް އަޙްމަދު މަނިކަށާއި، އެބޯޑުގެ އެހެން މެންބަރުންނަށާއި، މޯލްޑިވްސް ޕޯސްޓް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެކުންފުނީގެ އެސިސްޓެންޓް މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަފީޤު މުޙަންމަދަށާއި، އެކުންފުނީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓުގެ ޚިދްމަތް ފޯރުއްވައިދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! މީގެ 100 އަހަރު ކުރިން 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި މި ފެށުނު ޚިދްމަތް ތަޢާރުފުކޮށްދެއްވި ބޭފުޅުންގެ ޒިކުރާ، މިރޭ އަޅުގަނޑުމެން އާކުރަންޖެހޭ. އެބޭފުޅުން އެ ކޮށްދެއްވި ޚިދްމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ހަމަ މިފުރްޞަތުގައި، މި ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި، އެކިދުވަސްވަރު ރާއްޖޭގެ ޕޯސްޓް އޮފީސް ހިންގަވައިދެއްވި ވެރިން، ރާއްޖޭގައި ޕޯސްޓުގެ ޚިދްމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރަމުން، އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މި މުނާސަބަތުގައި ޝުކުރު ދަންނަވަން.

އާދެ! އޭގެތެރެއިން ބައެއް ބޭފުޅުން ވަނީ މިދުނިޔެ ދޫކުރައްވައި ވަކިވެވަޑައިގެންފައި. އެހެންވީމާ، އެބޭފުޅުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އޭގެތެރެއިން ބައެއް ބޭފުޅުން އަޅުގަނޑުމެންނާ އެކީގައި އަދިވެސް އެބަތިއްބެވި. އެހެންވީމާ، އެބޭފުޅުންނަށް މިމުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

އޭގެތެރެއިން ދެބޭފުޅަކު މިހާރުވެސް އަޅުގަނޑުގެ ކުރިމަތީގައި މިތާނގައި އެބަތިއްބެވި. އަލްފާޟިލް ބުޗާގޭ ދޮންމަނިކާއި، އަލްފާޟިލް މައިޒާން އިބްރާހީމް މަނިކު. މިބޭފުޅުންނަކީ ޕޯސްޓް އޮފީސް ހިންގެވުމުގައި ވަރަށް މުހިންމު ޚިދްމަތްތަކެއް އަދާކުރައްވާފައިވާ ދެބޭފުޅުން. އެހެންވީމާ، ވަރަށް ޚާއްޞަގޮތެއްގައި، އެ ދެބޭފުޅުންނަށާއި އަދި މިވޭތުވެދިޔަ ތާނގައި ޕޯސްޓް އޮފީސް ހިންގަވައިދެއްވި ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވައި ތަހުނިޔާ އަދާކުރަން.

އާދެ! ރާއްޖޭގައި ޕޯސްޓުގެ ޚިދްމަތް ފެށުނުތާ 100 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ޚާއްޞަ ސްޓޭމްޕް ސެޓާއި، ޕޯސްޓް ފޮތާއި، އަދި މި މުނާސަބަތާ ގުޅޭ ޚާއްޞަ ހަނދާނީ ހަދިޔާ، ދެންމެ އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިނިސްޓަރ މުޙަންމަދު ސަޢީދަށާއި، ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރޭ ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ޕޯސްޓުގެ ޚިދްމަތުގައި 20 އަހަރަށްވުރެ ގިނަދުވަސް ވޭތުކުރައްވާފައިވާ ބޭފުޅުންނަށާއި، އަދި ޕޯސްޓުގެ ޚިދްމަތުގައި ވަރަށް އެކަށީގެންވާ ރަނގަޅު ޚިދްމަތްތަކެއް އަދާކުރައްވާފައިވާ ބޭފުޅުންނަށް، މިރޭ ހަނދާނީ ފިލާ ލިބިވަޑައިގަތުމުގެ މުނާސަބަތުގައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އާދެ! 20 އަހަރު ދުވަހުގެ ޚިދްމަތް އަދާކުރައްވައިގެން، މިރޭ ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އަންހެން ބޭފުޅުން ވަރަށްގިނަކަން އަޅުގަނޑަށް ފެނިގެންދިޔަ. އެހެންވީމާ، އަޅުގަނޑުމެންގެ އަންހެން ބޭފުޅުން، މިދާއިރާގެ ޚިދްމަތުގައި މިހާ ގިނަދުވަހު އުޅުއްވާފައިވާތީ، އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި މުނާސަބަތުގައި ސްކޫތަކަށް ހުޅުވައިލައްވައިގެން ބޭއްވެވި ސިޓީ ލިޔުމުގެ މުބާރާތުން އެއްވަނަ ހޯދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރު ފާޠިމަތު އިފްޠާން މައުމޫނަށްވެސް އަޅުގަނޑު ތަހުނިޔާ އަދާކުރަން.

އާދެ! ރާއްޖޭގައި ޕޯސްޓުގެ ޚިދްމަތަށް 100 އަހަރުވީއިރު، މި ޚިދްމަތް މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި. މި ޚިދްމަތަށް ވަނީ އެކިދުވަސްވަރު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އަދި މިހާރު މިވަނީ، މިޚިދްމަތް އެކަށީގެންވާ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި.

އާދެ! ޕޯސްޓަލް ޚިދްމަތުގެ ފައިދާ ލިބިގަތް އެކަކީ، ހަމަ އަޅުގަނޑު. އެހެން މިދެންނެވީ، އަޅުގަނޑު ރާއްޖެއިން ބޭރުގައި ތަޢްލީމު ޙާޞިލުކުރަން ވަރަށްގިނަދުވަހު އުޅުނިން. މެދުނުކެނޑި 24 އަހަރު ރާއްޖެއިން ބޭރުގައި އަޅުގަނޑު ހޭދަކުރިން. އެ ދިގު މުއްދަތުގެ ތެރޭގައި، ޚާއްޞަކޮށް، އެމުއްދަތުގެ ކުރީކޮޅުގެ ބޮޑުބައެއްގައި، އަޅުގަނޑާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން އޮތީ، ހަމައެކަނި ޕޯސްޓުގެ ޒަރީޢާއިން. އަޅުގަނޑާއި އަޅުގަނޑުގެ މައިންބަފައިންނާއި، އަޅުގަނޑުގެ އާއިލާގެ އެހެން މީހުންނާ އޮތް ގުޅުމެއްވިއްޔާ އޮތީ، ހަމައެކަނި ޕޯސްޓުގެ ޒަރީޢާއިން.

ޕޯސްޓުގެ ޚިދްމަތަށް މިއައި ބަދަލު އެނގިވަޑައިގަންނަވާނެ މިސާލެއް އަޅުގަނޑު ދަންނަވާލަފާނަން. އަޅުގަނޑު މިޞުރުގައި ހުރިއިރު، މާލެއިން ފޮނުވާ ސިޓީއެއް އަޅުގަނޑަށް ލިބެނީ، އެސިޓީ ފޮނުވާތާ ދެމަސްދުވަސްފަހުން. ނުވަތަ ތިންމަސްދުވަސްފަހުން. އެއްމަސްދުވަހުގެ ތެރޭގައި ލިބިއްޖިއްޔާ، އެއީ ހަމަ އަޖައިބެއް. އެއީ އޭރު އެއަރމެއިލް ސަރވިސްއެއް ނޯވޭ. ރާއްޖެއަކަށް މަތިންދާބޯޓުފަހަރު ދަތުރެއްނުކުރޭ. ކަނޑުމަގުން ރާއްޖެއިން ޕޯސްޓް ފޮނުވަނީ ސްރީލަންކާގެ ކޮޅުނބަށް. ފޮނުވީމާ، އެތަނުންވެސް ގިނަފަހަރަށް ދަނީ ކަނޑުމަގުން. މާފަހުން އެއަރމެއިލް ސަރވިސް ނުވަތަ އެއަރމެއިލްގެ ޚިދްމަތް ފެށިގެން މަތިންދާބޯޓުން ސިޓީ ލިބެންފެށީ. އެހެންވީމާ، އެދުވަސްވަރު ދެމަސްދުވަސްފަހުން މާލެއިން ޚަބަރެއްވިޔަސް، އެކަން ވަރަށް ރަނގަޅު.

އާދެ! ދަންނަވަން މިއުޅެނީ، މިޕޯސްޓަލް ޚިދްމަތް ލިބިގަތް މީހުންގެ ތެރޭގައި މިދެންނެވިފަދަ މީހުން، އަޅުގަނޑުކަހަލަ މީހުން ވަރަށް ގިނައިން ތިބޭނޭ. އެތައް ޒަމާނަކު ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހިފައި ތިބި މީހުން. އެމީހުންނާ ރާއްޖެއާ ދޭތެރޭގައި އޮންނަ ހަމައެކަނި ގުޅުމަކީ، ޕޯސްޓުން ލިބޭ ސިޓީކަމަށްވެފައި އޮތް ދުވަސްވަރެއްދިޔަ. އޭރަކު ދެންމެ މިނިސްޓަރު ވިދާޅުވިފަދައިން، މޯބައިލް ފޯނެއް ނުވަތަ އެނޫން ފޯނެއްވެސް ރާއްޖެއާއި ރާއްޖެއިން ބޭރާ ގުޅޭކަށް ނުހުރޭ. އިންޓަރނެޓެއް ނެތް. އީމެއިލެއް ނުފޮނުވޭ. އެއީ މުޅިން އެހެން ޒަމާނެއް. މިޒަމާނުގެ ޒުވާނުންނަށް، އެޒަމާނުގެ ކަންތައް ހުރިގޮތް ހިތަށް ގެނައުމަކީވެސް ވާނީ ވަރަށްބޮޑު ދަތިކަމަކަށް. ހިތަކަށް ނުވެސްގެނެވޭނެ.

އާދެ! އަޅުގަނޑު މިޞުރުގައި ހުރިއިރު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ޚާއްޞަކޮށް 1960ގެ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ސްޓޭމްޕަށް އައި ބޮޑު ބަދަލު. ދެންމެ އިބްރާހީމް އަޙްމަދު މަނިކުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، އެންމެ ފުރަތަމަ ރާއްޖޭގައި ބޭނުންކުރީ، އޮޅުދޫކަރައިގެ ސްޓޭމްޕޭ. މީގެ 100 އަހަރު ކުރިން. ދެން ފަހުން ރާއްޖޭގެ މުންނާރުޖެހި ސްޓޭމްޕް ވަރަށްގިނަ ދުވަހު ބޭނުންކުރި. އެކަމަކު 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ސްޓޭމްޕް ޑިޒައިން ކުރުމަށާއި، ސްޓޭމްޕް އުފެއްދުމަށް ވަރަށްބޮޑު ކުރިއެރުމެއް އައި. ވަރަށް ރީތި ސްޓޭމްޕްތަކެއް ރާއްޖެއިން ނެރެން ފެށި. ދުނިޔޭގެ ގިނަ ބަޔަކު ހައިރާންވި، އަޖައިބުވިފަދަ، ފެންވަރު މޮޅު ސްޓޭމްޕްތަކެއް ރާއްޖެއިން ބޭރަށް ދާން ފެށި. އަޅުގަނޑުމެންނަށް އެވީ ވަރަށްބޮޑު ފަޚުރަކަށް. މިޞުރުގައި ތިބިއިރު އަޅުގަނޑުމެންނަށް ލިބޭ ސިޓީތަކުގައި ހުންނަ ރާއްޖޭގެ ސްޓޭމްޕް، އަޅުގަނޑުމެންގެ އެކުވެރިންނަށް ދެއްކީމާ، އެމީހުންވެސް ހަމަ އަޖައިބުވޭ. މިޞުރުގައި އޭރު ބޭނުންކުރި ސްޓޭމްޕްތަކަށްވުރެ އަޅުގަނޑުމެންގެ ސްޓޭމްޕްތަކުގެ ފެންވަރު މާމޮޅު، މާރީތި. ކުރެހުންތައްވެސް ރީތިވެފައި، ހުރިހާ ގޮތަކުންވެސް މާ ހިތްގައިމުކަން ބޮޑު. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރެއް.

އާދެ! އެދުވަސްވަރު އަޅުގަނޑުމެން ރާއްޖެއިން ބޭރުގައި ތިބިއިރުގައި، ޚާއްޞަކޮށް މިޞުރުގައި ކިޔަވަން ދިވެހި ކުދިން ތިބިއިރު، ރާއްޖޭގެ މިނިވަންދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ދިޔައިރު، އެންމެބޮޑު ކަމަކަށް ބާއްވަމުން ގެންދިޔައީ، ސްޓޭމްޕް މަޢުރަޒެއް. އެއީ ރާއްޖޭގެ ސްޓޭމްޕްތައް ދައްކައިލެވޭ މަޢުރަޒެއް. ކޮންމެ ސްޓޭމްޕެއްގައިވެސް ހުންނަ ކުރެހުން، އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ކުރެހުންތެރިން ވަރަށް ބޮޑުކޮށްގެން، ވަރަށްބޮޑު ސައިޒަކަށް ބޮޑުކޮށްލާފައި ބަހައްޓާފައި، އެކުރެހުން ހުރި އެހެން ސްޓޭމްޕް ސެޓް ކައިރީގައި ބަހައްޓާފައި ވަރަށް ރީތިގޮތަކަށް އަތުރާލައިގެން އަޅުގަނޑުމެންނަށް އެ މަޢުރަޒުތައް ބޭއްވުނު. އެކަންވީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ފަޚުރަކަށް. އަދި އެތާނގައި ދިރިއުޅެމުންދިޔަ އެހެން ޤައުމުތަކުގެ ކިޔަވާކުދިންވެސް އެކަމާ ވަރަށް ބޮޑަށް ހައިރާންވެ، އަޅުގަނޑުމެންނަށް މަރްޙަބާކިޔައި ހެދި. އެހެންވީމާ، މިކަމުންވެސް އެބަދައްކާ، ރާއްޖޭގެ ޕޯސްޓުގެ ޚިދްމަތަކީ، އެހާ ކުރިންވެސް، އާދެ! މީގެ ސާޅީހަކަށް އަހަރު ކުރިންވެސް ވަރަށް ރަނގަޅަށް ދެވެމުން އައި، އެޒަމާނުގެ ފެންވަރަށް ދެވެމުން އައި ޚިދްމަތެއްކަން.

އާދެ! މިހާރު ޕޯސްޓުގެ ޚިދްމަތް މިވަނީ، މުޅިން އެހެން ދައުރަކަށް ބަދަލުވެފައި. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުވުމާއި، ތަރައްޤީގެ އާ ވިސްނުންތަކާއި، ރާއްޖެއަށް ލިބެމުންދިޔަ ހަލުވި ކުރިއެރުމާ އެކީގައި، މުވާޞަލާތުގެ މުހިންމު ވަސީލަތެއްގެ ގޮތުގައި މިހާރު ޕޯސްޓް މިވަނީ ޤާއިމުކުރެވިފައި. ހަމައެޔާއެކީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައިވެސް ޕޯސްޓުގެ ހަރަކާތްތައް މިހާރު މިވަނީ އިތުރުވެފައި.

ރާއްޖޭގެ ޕޯސްޓުގެ ޚިދްމަތަކީ، ވަރަށް ހަރުދަނާގޮތެއްގައި އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާގޮތެއްގައި ކުރިއަށް ގެންދަންޖެހޭ ޚިދްމަތަކަށްވާތީ، އެކަމާބެހޭ ޤާނޫނެއްވެސް މިހާރުވަނީ އެކުލަވައިލެވިފައި. އާދެ! މިއަހަރުގެ މެއިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިޤާނޫނަށް މިދަނީ ޢަމަލުކުރަމުން. މިޤާނޫނަކީ ޕޯސްޓުގެ ޚިދްމަތްތައް ވާދަވެރިކަމަށް ހުޅުވާލަދިން ޤާނޫނެއް. އަދި ޕޯސްޓުގެ އަސާސީ ޚިދްމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ފަސޭހަތަކާއި ޙިމާޔަތް، ޕޯސްޓުގެ ޚިދްމަތްދޭ އިދާރާއަށް ލިބުމަށް މަގުފަހިކޮށްދިން ޤާނޫނެއް. އަދި މިއީ މުޅި ޕޯސްޓަލް އިންޑަސްޓްރީގެ ތަރައްޤީއާއި ކުރިއެރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖޭގެ ޕޯސްޓުގެ ޚިދްމަތް މިއަދު މިވަނީ، ތަރައްޤީގެ އާ މަރްޙަލާއަކާ ކުރިމަތިލާފައި. ޕޯސްޓުގެ ތަފާތު ޚިދްމަތްތައް ތަޢާރުފުކުރެވި، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް މި ޚިދްމަތް މިދަނީ ލިބެމުން. އެހެންނަމަވެސް، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، މިހާރު މިއީ ޓެކްނޯލޮޖީގެ ޒަމާން. އެހެންވީމާ، ޕޯސްޓުގެ ޚިދްމަތްވެސް ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ އެހީގައި އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކުރަން އެބަޖެހޭ. އެއްތަނަކުން ތަފާތު ގިނަގުނަ ޚިދްމަތްތައް އާންމުންނަށް ލިބޭފަދަ ޚިދްމަތުގެ މަރްކަޒަކަށް ޕޯސްޓު ހެދުމަކީ، ވަރަށް މުހިންމު ކަމަކަށް މިއަދު މިވަނީ ވެފައި. އަދި ރާއްޖެއަށް މިއަދު އަންނަމުންދާ ހަލުވި ބަދަލުތަކާއެކީގައި ޕޯސްޓުގެ އަސާސީ ޚިދްމަތްތައް ދިނުމަށް ބޭނުންވާ މާލީ ޤާބިލުކަންވެސް މިވަނީ އިތުރުކުރަންޖެހިފައި. އެހެންކަމުން، ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ކުންފުނީގެ ޚިދްމަތްތައް ތަރައްޤީކުރުމަކީވެސް، ވަރަށް ބޭނުންތެރި ކަމެއްކަމުގައި މިއަދު އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ. ހަމައެއާއެކު، އަތޮޅުތަކުގައި ޕޯސްޓުގެ ޚިދްމަތްދޭ މީހުންގެ އަދަދު އިތުރުކޮށް، އަވަސް ޕޯސްޓުގެ ޚިދްމަތާއި، ޕޯސްޓުން ފައިސާ ފޮނުވުމުގެ ޚިދްމަތްވެސް، އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން ލިބިގެން ދިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި މިއަދު މިވަނީ ވެފައި.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ ޕޯސްޓުގެ ޚިދްމަތް ތަރައްޤީ ކުރެއްވުމަށް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙަންމަދު ސަޢީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި، އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މިނިސްޓަރުގެ ނައިބު އަލްފާޟިލް އިބްރާހީމް ޒުހައިރު ކުރައްވާ މަސައްކަތްޕުޅުތަކާއި، އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް އަޙްމަދު މަނިކާއި، އެބޯޑުގެ އެހެން މެންބަރުންނާއި، އެކުންފުނީގެ އެސިސްޓެންޓް މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަފީޤު މުޙަންމަދާއި، ކުންފުނީގެ ހުރިހާ ވެރިންނާއި މުވައްޒަފުން އެކުރައްވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި. އަދި އެހުރިހާ ބޭފުޅުން އެކުރައްވާ ޚިދްމަތުގެ އަގު ވަޒަން ކުރަމުން، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެންގެ ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމުގެ މަގު ތަނަވަސްކޮށްދެއްވުން. އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމާއި، އިޤްތިޞާދީ ކުރިއެރުމާއި، އަޅުގަނޑުމެންގެ ހުރިހާ ކަންތައްތަކެއްވެސް ހެޔޮމަގުން ދިޔުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި މަސައްކަތްތަކެއް ކުރުމުގައި އެކަލާނގެ ތައުފީޤު ދެއްވައި، މަދަދު ދެއްވައި، ދިވެހިރާއްޖެއަކީ އަބަދުވެސް ޞުލްޙަވެރިކަމާއި އަމަންއަމާންކަމާއި އުފާފާގަތިކަމާއެކު މީހުން ދިރިއުޅޭ ޤައުމެއް ކަމުގައި މާތް ﷲ ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.