بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى أشرف المرسلين، سيّدنا محـمّدٍ، وعلـى آلـه وأصـحابه أجمـعـين.

އާދެ! ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް މިއަދު އަޅުގަނޑު މިއައީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރެކްޓަރ ޑޮކްޓަރ ޙަސަން ޙަމީދު ދެއްވި ދަޢުވަތަކަށް. އެހެންވީމާ، ޑޮކްޓަރ ޙަސަން ޙަމީދަށާއި، ވައިސް ރެކްޓަރ، އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޙުސައިން ޙަލީމަށާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެކްޓިންގ ޑީން އަލްފާޟިލް ޢަބްދު ﷲ ނާޒިމް އިބްރާހީމަށާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ރަޖިސްޓްރާރ އަލްއުސްތާޛު ސަޢުދުﷲ ޢަލީއަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި މިއަދަކީ، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ދުވަހެއް. އެއީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މިހާ މުހިންމު މަސައްކަތްތަކެއް ކުރައްވާ ތަޢުލީމީ މަރްކަޒަކަށް އަޅުގަނޑަށް ޒިޔާރަތްކުރެވޭ ފުރަތަމަ ދުވަހަކީ، މިއަދު ކަމަށްވާތީ. އާދެ! މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް އައުމުގެ އުފާ އަޅުގަނޑަށް ފުރަތަމަ ލިބުނު ދުވަހަކީ މިއީ. އެހެންވީމާ، އެކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އަދި މި ފުރްޞަތު ދެއްވީތީ، ކުރިން އަޅުގަނޑު ދެންނެވި ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިއައީ، ދިވެހިބަހުގެ ޑިގްރީ ކޯހުގެ ބައިވެރިންނަށް، ބަހުގެ މުހިންމު މައުޟޫޢަކާ ބެހޭގޮތުން ތަޤްރީރެއް ކުރުމަށް. އާދެ! ފެކަލްޓީގެ ފަރާތުން އެދިވަޑައިގެންފައި އޮތީ، އީޖާދީ ޖުމްލައާ ބެހޭގޮތުން ނުވަތަ އެހެން ގޮތަކަށް ދަންނަވަންޏާ "ކްރިއޭޓިވް ސެންޓެންސް ރައިޓިންގ" އާ ބެހޭގޮތުން ދަރިވަރުންނަށް އަޅުގަނޑު މަޢުލޫމާތުކޮޅެއް ދިނުމަށް.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން، ބަހުގައި ތަފާތު ވައްތަރުވައްތަރުގެ ޖުމްލަ ހުރޭ. ކޮންމެ ބަހަކުން ވާހަކަދައްކާއިރުވެސް އަދި ލިޔާއިރުވެސް ތަފާތު ވައްތަރުވައްތަރުގެ ޖުމްލަ ބޭނުންކުރެވޭ. އޭގެތެރެއިން، ވަރަށް މުހިންމު ދެ ބާވަތެއްގެ ޖުމްލައިގެ ވާހަކަ ދަންނަވާލާނަން. އެއްބާވަތަކީ، ސާދާ ޖުމްލަ. އަނެއް ބަޔަކީ، އީޖާދީ ޖުމްލަ. ސާދާ ޖުމްލައަކީ، ހަމައެކަނި ވަކިމާނައެއް ދޭހަކޮށްދިނުމަށްޓަކައި ބުނާ، ވަރަށް އާދައިގެ ޖުމްލައެއް. އީޖާދީ ޖުމްލައަކީ ނުވަތަ ކްރިއޭޓިވް ސެންޓެންސަކީ، އާދައިގައި އެ ބުނާ މާނައިގެ އިތުރުން، ތަފާތު އެހެން މާނަތަކެއް ނުވަތަ ޝުޢޫރުތަކެއް ނުވަތަ ޚިޔާލުތަކެއް ދޭހަކޮށްދޭން ބޭނުންކުރާ ޖުމްލައެއް. މީގެ ބައެއް މިސާލު ދަންނަވާލީމާ، ވަރަށް ފަސޭހައިން ވިސްނިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ! ސާދާ ޖުމްލައިގެ ބައެއް މިސާލު ދަންނަވާލާނަން. 1 ވަނަ ސްކްރީނުން ފެނިވަޑައިގަންނަވާނެ. އެއީ، މިސާލަކަށް "މިހާރު އިރު އޮއްސިއްޖެއޭ" އެހެން ބުނީމާ އެ ބުނެވެނީ، ވަރަށް އާދައިގެ ވާހަކައެއް. އިރު އޮއްސުނު ވާހަކަ. އޭގެއިތުރުން، އެއްވެސް މާނައެއް ދޭހަކޮށެއްނުދޭ.

ދެވަނަ ޖުމްލައިގައި އަޅުގަނޑު މިބުނަނީ، "މާދަމާ އަހަރެން ފުރަމޭ" އެހެން ބުނީމާ ހަމައެކަނި ޙަޤީޤަތެއް ބަޔާންކޮށްދެނީ. މާދަމާ އަހަރެން ފުރާކަން.

ތިންވަނަ ޖުމްލަވެސް ހަމަ އެކަހަލަ ޖުމްލައެއް. "އެއިވެނީ ހާދަ ރީތި ލަވައެކޭ" އެހެން ބުނީމާވެސް، ހަމައެކަނި ވަރަށް ސާދާ ޙަޤީޤަތެއް ބަޔާންކޮށްދެނީ. މިއިން އެއްވެސް ޖުމްލައެއްގައި، އިތުރު މާނައެއް، އިތުރު ޝުޢޫރެއް، އިތުރު ޚިޔާލެއް ފާޅުކޮށްފައެއް ނެތް.

އެކަމަކު އީޖާދީ ޖުމްލަ ނުވަތަ ކްރިއޭޓިވް ސެންޓެންސްގައި މިއާ ޚިލާފަށް ތަފާތު މާނަތަކެއް، ތަފާތު ޝުޢޫރުތަކެއް ފާޅުކޮށްފައި ހުންނާނެ. އޭގެ ބައެއް މިސާލު ދަންނަވާލާނަން. އެއްމިސާލަކީ، "އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ" އެހެން ބުނީމާ، އެ ބުނަނީކީ އޭގެ ޙަޤީޤީ މާނައެއް ނޫން. ކަނޑާއި އިބްރާހީމާ ވަރަށް ތަފާތު. އެ ބުނަނީ، އިބްރާހީމަކީ ކޮންމެވެސް ފަންނެއްގެ ވަރަށްގިނަ މަޢުލޫމާތު ހުރި މީހެކޭ. އޭނާގެ މަޢުލޫމާތުގެ ޚަޒާނާ ވަރަށް މުއްސަންޖޭ. އެނގިވަޑައިގަންނަވާނެ ފަދައިން، ކަނޑަކީ ތަފާތު ކާއިނާތުތަކާއި މަސްމަހާމެހި އުޅޭތަނެއް. އަދި ބައެއްކަހަލަ މަޢުދަންތަކާއި ޖައުހަރުތައްވެސް ހުންނަ ތަނެއް. އެހެންވީމާ، ކަނޑަކީ ވަރަށް ފުން، ވަރަށް މުއްސަނދި ޚަޒާނާއެއް އެކުލެވިގެންވާ ތަނެއް. "އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ" ބުނީމާ، އޭގެ މާނައަކީ، އިބްރާހީމަކީ މަޢުލޫމާތު ވަރަށް މުއްސަނދި މީހެކޭ. ކަނޑުގެ މުއްސަނދިކަންފަދަ މުއްސަނދިކަމެއް އޭނާގެ މަޢުލޫމާތަށް ލިބިގެންވެޔޭ. އެހެން ބުނީމާ، އެ ބުނަނީކީ ޙަޤީޤަތެއް އެކަންޏެއް ނޫން. ޙަޤީޤަތުގެ އިތުރަށް މާނަތަކެއް ދޭހަކޮށްދެނީ.

މިޖުމްލަ ސާދާ ޖުމްލައެއްގެ ގޮތުގައި ބުނަންޏާ ބުނެވިދާނެ، "އިބްރާހީމަކީ ޢިލްމުވެރިއެކޭ" އެހެން ބުނީމާ ކުރިން މި ދެންނެވި މާނަތަކެއް އެ ޖުމްލައަކު ނާދޭ. އެކަމަކު "އިބްރާހީމަކީ ކަނޑެއްފަދަ މީހެކޭ" ބުނީމާ އެ ބުނެވެނީކީ ހަމައެކަނި ޢިލްމުވެރިއެކޭ ނޫން. އޭނާގެ ޢިލްމުވެރިކަން ވަރަށްބޮޑޭ. އޭނާގެ މަޢުލޫމާތުގެ ޚަޒާނާ ވަރަށް މުއްސަންޖޭ. އެއީ މި ދެ ޖުމްލައިގެ ތަފާތަކީ. ސާދާ ޖުމްލައަކާއި ކްރިއޭޓިވް ނުވަތަ އީޖާދީ ޖުމްލައަކާ ހުރި ތަފާތަކީ އެއީ.

ދެވަނަ ޖުމްލައިގައި މިބުނަނީ "އޭނާ ވަނީ މަސްތުވާތަކެތީގެ އޮއިވަރުގައި ޖެހިފައޭ." އޮއިވަރަކީ ޙަޤީޤަތުގައި ކަނޑުގައި ހިނގަ ހިނގާ ހުންނަ އެއްޗެއް. މަސްތުވާ ތަކެއްޗަކު އޮއިވަރެއް ނުހުންނާނެ. އެކަމަކު އަޅުގަނޑުމެން ދޭއްޗެއް މި އެއްގޮތްކުރަނީ. އެއީ، ކަނޑުގެ އޮއިވަރުގައި ޖެހޭ މީހާވެސް، އޭނާގެ އިޚްތިޔާރާ ދެކޮޅަށް އޮއިވަރު ގެންދާ ގޮތަކަށް، އޮއިވަރުތެރޭގައި ދެމެމުން ދެމެމުންދާނެ. އެގޮތަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުންނަ މީހަކުވެސް، އޭނާގެ އިޚްތިޔާރާ ދެކޮޅަށް އެގޮތްމިގޮތަށް އޭނާގެ ކަންތައްތައް ވަމުންދާނެ. އެހެންވީމާ، މި އެއްގޮތްކުރަނީ، މަސްތުވާ ތަކެއްޗާއި ކަނޑާ. އެއްގޮތްކޮށްފައި، ކަނޑުގައި ހުންނަ ސިފައެއް، މަސްތުވާ ތަކެއްޗަށްވެސް މިދެނީ. މިވެސް ވާނީ، އީޖާދީ ނުވަތަ ކްރިއޭޓިވް ޖުމްލައަކަށް.

އެހެން މިސާލެއް. "އެއަންހެން ކުއްޖާ ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނޭ." މިއީ ވަރަށް ގިނައިން ބޭނުންކޮށްއުޅޭ ޢިބާރާތެއް. އެހެންވެސް މި ބުނަނީ، އެކުއްޖާގެ ފުރިހަމަކަމާއި ރީތިކަމުން. ހީވަނީ ހަނދެއްހެންނޭ. އެހެންވީމާ، މިވެނި ކުއްޖަކީ ރީތި ކުއްޖެކޭ އެހެން ބުނުމަށްވުރެ، އޭނާ ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނޭ ބުނީމާ، އެއިން އެ ދޭހަކޮށްދޭ މާނައާއި ޝުޢޫރާއި ޚިޔާލު މާ ފުން، މާ ގިނަ، މާ ފުރިހަމަ.

އާދެ! އީޖާދީ ޖުމްލަ ހެދުމުގައި ބޭނުންކުރާ ހުނަރުތަކެއް ހުރޭ. އޭގެތެރެއިން އެއްހުނަރެއްގެ ވާހަކަ މި ދަންނަވާލަނީ. އެއީ، ދޭއްޗެއް އެއްގޮތްކުރުން. އެ އެއްގޮތްކުރާ ދޭއްޗަކީ، މާއްދީ އެއްޗަކާއި މާއްދީ އެއްޗަކަށް ވެދާނެ. ނުވަތަ މާއްދީ އެއްޗަކާއި މާއްދީ ނޫން އެއްޗަކާ ކަމަށްވެސް ވެދާނެ. މިދެންނެވި ޖުމްލަތަކުގައި އެހެރީ، މާއްދީ އެއްޗަކާއި މާއްދީ އެއްޗަކާ އެއްގޮތް ކޮށްފައި. މިސާލަކަށް، އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ ބުނީމާ، އިބްރާހީމަކީވެސް މާއްދީ އެއްޗެއް. އާދެ! އިންސާނުންނަކީ މާއްދީ އެއްޗެއް. ”މާއްދީ“ގެ މާނައަކީ، ޒާތެއްހުރި، ހަށިގަނޑެއްހުރި، ޠަބީޢީ ކަންތައްތަކެއް ހުރި އެއްޗެއް. ކަނޑަކީވެސް އެފަދަ އެއްޗެއް. އެއަކީ ހަމައެކަނި މާނައެއް ނޫން. އަޅުގަނޑުމެންގެ ލޮލަށް ފެންނަ، އޭގެ އިޙްސާސްކުރެވޭ، މާއްދީ އެއްޗެއް.

ހަމައެހެން، މިވެނި ކުއްޖަކީ ހަނދެއްފަދަ ކުއްޖެކޭ، ސާދަވިލޭރޭގެ ހަނދުފަދަ ކުއްޖެކޭ ބުނީމާ، މާއްދީ ދޭއްޗެއް އެ އެއްގޮތްކުރެވެނީ. އިންސާނުންނަކީވެސް މާއްދީ އެއްޗެއް. ހަނދަކީވެސް މާއްދީ އެއްޗެއް. މިހެން އެބަހުރޭ، މާއްދީ އެއްޗަކާއި މާއްދީ އެއްޗަކާ އެއްގޮތްކުރެވިފައި.

އެނޫން ގޮތްގޮތަށްވެސް އެބަހުރޭ އެއްގޮތްކުރެވިފައި. މާއްދީ އެއްޗަކާއި މާއްދީ ނޫން އެއްޗަކާ. މާއްދީ ނޫން އެއްޗެއް ސިފަކޮށްދިނުމުގެ ގޮތުން، މާއްދީ އެއްޗަކާ އެއްގޮތްކުރެވިފައި އެބަހުރޭ. އޭގެ މިސާލުތައްވެސް ފަހުން ދަންނަވާނަން.

ޙަޤީޤަތުގައި މި ހުންނަ ތަފާތުތަކުގެ ތެރެއިން އެއް ތަފާތަކީ، ސައިންޓިފިކް ލިޔުމާއި، ލިޓްރަރީ ލިޔުމާ ހުރި ތަފާތު. އެއީ ޢިލްމީ ލިޔުމާއި، އަދަބީ ލިޔުމާ ހުރި ތަފާތު. ޢިލްމީ ލިޔުމުގައި ބޭނުން މިކުރަނީ، ހަމައެކަނި ޙަޤީޤަތްތަކެއް. ޙަޤީޤަތް އޮތްގޮތް ބަޔާންކޮށްދޭން ޢިލްމީ ލިޔުން ނުވަތަ ސައިންޓިފިކް ލިޔުން ބޭނުން މިކުރަނީ. މިސާލަކަށް، ހިސާބު ޢިލްމު. ހިސާބު ޢިލްމުގައި ކިޔައިދޭނީ، ހަމަ ޙަޤީޤަތްތަކެއް. އަދި އެނޫން ޢިލްމުތަކުގައިވެސް ކިޔައިދޭނީ ޙަޤީޤަތްތަކެއް. ފިޒިކްސް ނުވަތަ ކެމިސްޓްރީ، މިއެއްޗެހިތަކުގައިވެސް ކިޔައިދޭނީ ހަމަ ޙަޤީޤީ މަޢުލޫމާތުތަކެއް. މެޑިކަލް ސައެންސްތަކުގައިވެސް އަދި މިހެން ހުންނަ އެނޫން ހުރިހާ ސައެންސްތަކެއްގައިވެސް ދޭނީ ހަމަ ޙަޤީޤަތްތަކެއް. އެއަކު މީހެއްގެ އެއްވެސްކަހަލަ ޝުޢޫރެއް، ޚިޔާލެއް އެކުވެފައެއް ނުވާނެ.

އެއާ ޚިލާފަށް، ލިޓްރަރީ ލިޔުމުގައި ނުވަތަ އަދަބީ ލިޔުމުގައި މި ހުންނަނީ، މީހާގެ ޝުޢޫރާއި ޚިޔާލު ބަޔާންކޮށްފައި. މިސާލަކަށް ޅެން. އާދައިގެ ޅެން. ބައެއް ޅެން ހުރޭ، ޢިލްމީ ޅެންވެސް. ޢަރަބި ބަހުގައި ހަދާފައި ހުރޭ ހަމަ ޚާއްޞަކޮށް، ބައެއްކަހަލަ ޢިލްމުތަކާބެހޭ ޅެން. މިސާލަކަށް، ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުން އައްޝާޠިބިއްޔާ ކިޔާ ބޮޑު ފޮތެއް އޮވޭ. އެއީ ދިގު ޅެމެއް. އޭގައި މި އޮންނަނީ، ޤުރްއާން ކިޔަވާނެ ތަޖުވީދުގެ ގަވާއިދުތަކާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ބޭނުންކުރާ ތަފާތު ޤިރާޢަތްތަކާއި، މިހެންގޮސް ޢިލްމީ ބައިތަކެއް މިހުންނަނީ.

ހަމައެހެން، ޢަރަބިބަހުގެ ގަވާއިދު ބަޔާންކޮށްދޭ 1000 ބައިތުގެ ޅެމެއް އޮވޭ، އަލްފިއްޔަތު ބްނި މާލިކު ކިޔާ އެއްޗެއް. އަލްފިއްޔާ، އަލިފަކީ 1000. 1000 ބައިތު އޮންނަ ޅެމެއް މިއޮންނަނީ ޢަރަބި ބަހުން އެޒަމާނުގައި އެބޭފުޅަކު ހައްދަވާފައި. އޭގައި މިއޮންނަނީ، ގަވާއިދުގެ ހުރިހާ ބައެއް. ޢަރަބިބަހުގެ ގަވާއިދު އެއްކޮށް، ފެށުނީއްސުރެ ނިމެންދެން އެ ޅެމުގައި ބަޔާންކުރައްވާފައި އޮވޭ. އެއީ ޅެމަކަށްވިޔަސް، އެއީ ޢިލްމީ ޅެމެއް. މިއީ ހަމަ ސައިންޓިފިކް އެއްޗެއް. މިއަކީ އަދަބީ އެއްޗެއް ނޫން. އެހެނެއްނޫން، އާދައިގެ ޅެންތަކުގައި މިހުންނަނީ ތަފާތު ގޮތަކަށް. އާދައިގެ ޅެންތަކުގައި މިހުންނަނީ، މީހާގެ ޝުޢޫރު ބަޔާންކޮށްފައި. އެއީ އޭގެ އަދަބީ އެއްޗަކީ. އެހެންވީމާ، ލިޓްރަރީ ލިޔުމުގެ މަޤްޞަދަކީ، ލިޔާ މީހާގެ ޚިޔާލާއި ޝުޢޫރު، ރީތި ޢިބާރާތްތަކަކުން ބަޔާންކުރުން.

ރީތި ޢިބާރާތްތަކަކުން ބަޔާންކުރުން މިއީވެސް ވަރަށް މުހިންމު ޕޮއިންޓެއް. އެއީ، އިނގިރޭސިބަހުން ބުނަންޏާ ބުނާނެ، އޭގެ ބޭނުމަކީ، ޓު ކްރިއޭޓް ބިއުޓީ (To create beauty) ލިޓްރަރީ ލިޔުމެއްގެ ބޭނުމަކީ، ޓު ކްރިއޭޓް ބިއުޓީ (To create beauty) އޭގެ މާނައަކީ، ރީތި އެއްޗެއް އުފެއްދުން. އަދަބީ ލިޔުމަކީ، ޢިބާރާތްތައް ރީތި، އެ ކިޔާ މީހާ ޝައުޤުވެރިވާކަހަލަ ޢިބާރާތްތަކެއް ހުންނަ ލިޔުމަކަށް ވާންޖެހޭނެ. އެހެންވީމާ، ރީތިކަމެއް އޭގައި ހުންނަންޖެހޭ. އެއީ މި ތަފާތަކީ. ސާދާ ޖުމްލައާއި އީޖާދީ ޖުމްލައާ ނުވަތަ ކްރިއޭޓިވް ޖުމްލައިގެ ތަފާތަކީވެސް މިއީ. ސާދާ ޖުމްލައަކީ ފަހަރެއްގައި ޢިލްމީ އެއްޗަކަށްވެސް ވެދާނެ. ޢިލްމީ ނޫން އެއްޗަކަށްވިޔަސް، އޭގައި އިތުރު ޚިޔާލެއް، ޝުޢޫރެއް ނުހުންނާނެ. ހަމައެކަނި ޙަޤީޤަތެއް ބަޔާންކުރަނީ. އެއާ ޚިލާފަށް، ކްރިއޭޓިވް ސެންޓެންސްގައި ނުވަތަ އީޖާދީ ޖުމްލައިގައި ތަފާތު މާނަތަކާއި ތަފާތު ޝުޢޫރުތައް ބަޔާންކޮށްފައި ހުންނާނެ.

ކުރިން ދެންނެވިހެން، އީޖާދީ ޖުމްލަ ހެދުމުގައި ބޭނުންކުރާ އެއް ހުނަރަކީ، ދޭއްޗެއް އެއްގޮތްކުރުން. އެއީ މާއްދީ އެއްޗަކާއި، މާއްދީ ނޫން އެއްޗަކާ އެއްގޮތްކުރުން. ނުވަތަ މާއްދީ އެއްޗަކާއި މާއްދީ އެއްޗަކާ އެއްގޮތްކުރުން. މިހެން ބޭނުންކުރާއިރު، އެއްގޮތްކުރުމުގެ ލަފްޒެއްވެސް ބޭނުންކޮށްފާނެ. ލަފްޒެއް ބޭނުންނުކޮށްވެސް ހުރެދާނެ. މިހެން މި ދެންނެވީ، ކުރިން ދެންނެވި މިސާލުގައި، އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ. އެހެން ބުނީމާ، އެ ޖުމްލައިގައި އެއްގޮތްކުރުމުގެ ލަފްޒެއް އެބަ ބޭނުންކުރެވޭ. އެއީ "ފަދަ" މިލަފްޒު. އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ. އެ އަންހެން ކުއްޖާ ހީވަނީ ސާދަވިލޭރޭގެ ހަނދުހެންނޭ. އެއީވެސް އެއްގޮތްކުރުމުގެ ލަފްޒެއް ބޭނުންކުރެވެނީ. މިއާ ޚިލާފަށް، އިބްރާހީމަކީ ފުންކަނޑެކޭ. "ފަދަ" މިލަފުޒު ނުލާ. އެ އަންހެންކުއްޖާއަކީ ސާދަވިލޭރޭގެ ހަނދޭ. އެއްގޮތްކުރުމުގެ ލަފްޒެއް ނުލާވެސް އެބަ ބޭނުންކުރެވޭ. މީގައި ޙަޤީޤަތުގައި، އެއްގޮތްކުރުމުގެ ލަފްޒެއް ނުލާ ބޭނުންކުރަންޏާ މާ ފުރިހަމަ. އިބްރާހީމަކީ ފުންކަނޑެކޭ ބުނީމާ މާ ފުރިހަމަ، އިބްރާހީމަކީ ފުން ކަނޑެއްފަދަ މީހެކޭ ބުނުމަށްވުރެން. އެއީ ޙަޤީޤަތުގައި ހަމަ އެނޫން އެހެން އެއްވެސް މީހެއް ނޫނޭ އެ ބުނަނީ. ޙަޤީޤަތެއް ކަމަށް ބަޔާންކުރަނީ. ދޭއްޗެއް އެއްގޮތްކުރަނީކީވެސް ނޫން. ހަމަ އެއީ ޙަޤީޤަތެކޭ އެހެން އެ ބުނެވެނީ. އިބްރާހީމަކީ ފުން ކަނޑެކޭ އެހެން ބުނީމާ، އޭގެ ކްރިއޭޓިވިޓީ ނުވަތަ އޭގައި އޮންނަ އީޖާދީ ބައި މާފުރިހަމަކަމަށް ދޭހަވޭ.

ތަފާތު ކަންތައްތަކެއް ހިނގަމުންދާ ހާދިސާއަކާއި އެހެން ހާދިސާއަކާ އެއްގޮތް ކޮށްފައިވެސް އެބަހުރޭ. އެއީވެސް އެއްގޮތްކުރުމުގެ ވައްތަރެއް. އަޅުގަނޑު ދަންނަވާލާނަން، މީގެ މިސާލުތަކެއް. މި މިސާލުތަކުން މި ދަންނަވާ ވާހަކައެއް ތަންކޮޅެއް ބޮޑަށް އޮޅުންފިލާވަޑައިގަންނަވާނެހެން އަޅުގަނޑަށް ހީވަނީ.

އީޖާދީ ޖުމްލަ ހެދުމުގައި ބޭނުންކުރާ ހުނަރުތައް ވަރަށްގިނަ ބަސްބަހުގައި ހުރޭ. ދިވެހިބަހުގައިވެސް އެ ހުނަރުތައް އެބަހުރި. އަދި އަޅުގަނޑުމެން އެންމެ ގިނައިން ބޭނުންކުރަމުން މިގެންދާ އިނގިރޭސިބަސް ކަހަލަ ބަސްބަހުގައިވެސް އެބަހުރި. ޢަރަބި ބަހުގައިވެސް އެބަހުރި.

އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ، އަޅުގަނޑުމެން އެ އެއްޗެއް ބަލައިލުން އެންމެ ރަނގަޅު، އެންމެމޮޅު އެއްޗަކަށްވާނީ ކީރިތި ޤުރްއާނޭ. ޤުރްއާނުގައިވެސް އެބަހުރި، އީޖާދީ ޖުމްލަތަކެއް ބަޔާންކޮށްދެއްވާފައި. ވަރަށް ފުން މާނަތަކެއް ދޭހަވާގޮތަށް ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތައް މާތް ﷲ ވަނީ ވަޙީކުރައްވާފައި. އޭގެތެރެއިން ބައެއް އާޔަތްތައް ދަންނަވާލާނަން.

އެއްއާޔަތަކީ، އިބްރާހީމް ސޫރަތުގެ 1 ވަނަ އާޔަތް. އޭގައި މިއޮންނަނީ "الَر كِتَابٌ أَنزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَى صِرَاطِ الْعَزِيزِ الْحَمِيدِ" މާނައަކީ: "ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللّـه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތް ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީ، އެއުރެންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. عزيز ވަންތަ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެ (ދެއްކެވި) މަގަށެވެ."

އާދެ! މިއާޔަތުގައިވާ الَر މި ތިންއަކުރާ ބެހޭގޮތުން ހަމަ ކުޑަކުޑަ ވާހަކަކޮޅެއް ދަންނަވާލާނަން. އެއީ ވަރަށްގިނަ ސޫރަތްތަކުގައި ފެށުމުގައި ބައެއް އަކުރުތައް އެބަހުރޭ. الَم، يس، كهيعص، حم މިހެން ހުންނަ ދެއަކުރު ނުވަތަ އެއަށްވުރެ ގިނަ އަކުރު އެބަހުރޭ. މި އަކުރުތަކުގެ މާނައާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު. އެކި މުފައްސިރުން މި އަކުރުތަކުގެ މާނަ ދެއްވަނީ އެކިގޮތަށް. އެހެންވީމާ، ދިވެހިބަހަށް ކީރިތި ޤުރްއާން ތަރުޖަމާކުރެއްވި ޢިލްމުވެރިން އެންމެ ރަނގަޅު ގޮތެއްކަމަށް ވިދާޅުވެފައި މިއޮންނަނީ، އެހެން ހުންނަ އަކުރުތަކުގެ މާނަ ދެނެވޮޑިގެންވަނީ ﷲ އޭ. އެ އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އޭ. އެހިސާބަށް ކުރުކޮށްލައްވަނީ. އެހެންވީމާ، الَر މިއަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އޭ އެއޮތީ އެހެންވެގެން.

ދެން މިއާޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ތަންކޮޅަކީ، ﷲ މި އާޔަތުގައި އެ އަންގަވަނީ، ކީރިތި ޤުރްއާން ތިމަން ރަސްކަލާނގެ ބާވާލެއްވީ، މީސްތަކުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު ނެރުއްވުމަށޭ. ކީރިތި ރަސޫލާއާ މުޚާޠަބުކުރައްވައި ﷲ އަންގަވަނީ، ތިމަން ރަސްކަލާނގެ މި ޤުރްއާން ކަލޭގެފާނުގެ މައްޗަށް ބާވާލެއްވީ، މީސްތަކުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު ނެރުއްވުމަށޭ. އެ މަޤްޞަދުގައޭ.

މި އާޔަތުގައި މިއަންގަވާ އަނދިރިކަމަކީ ކޮބައިތޯ؟ އަލިކަމަކީ ކޮބައިތޯ؟ އެ އަނދިރިކަމަކީ ޙަޤީޤީ އަނދިރިކަމެއްތޯ؟ އެ އަންގަވަނީ، ޤުރްއާން ބާވާލެއްވީ، މީސްތަކުން ރޭގަނޑުގެ ވަގުތުގައި ތިއްބާ، ދުވާލުގެ ވަގުތަށް ނެރުއްވުމަށޭ އެހެންތޯ؟ އެހެނެއްނޫން. މި ޙަޤީޤީ މާނައަކަށް ނޫން މިއާޔަތުގައި އިޝާރާތްކުރައްވާފައި މިވަނީކީ. މީގެ ޙަޤީޤީ ނޫން އެހެން މާނައަކަށް. މިއީ އެއްގޮތްކުރައްވާ އެއްގޮތްކުރެއްވުމެއް. މި އާޔަތުގައި، އަނދިރިކަން މި އެއްގޮތްކުރައްވަނީ، ޖަހާލަތާއި ކާފިރުކަމާއި ޝިރުކުގެ އަނދިރިކަމާ. ރޭގަނޑުގެ ޙަޤީޤީ އަނދިރިކަން މި އެއްގޮތްކުރައްވަނީ، ޖަހާލަތުގެ އަނދިރިކަމާ. ނުވަތަ ޖަހާލަތާއި ޝިރުކާއި ކުފުރުގެ އަނދިރިކަން އެއީ، ރޭގަނޑުގެ އަނދިރިކަމެއްފަދަ އަނދިރިކަމެކޭ މިއަންގަވަނީ. އޭގެ އަނެއްކޮޅުގައި އޮތީ، އީމާންކަމާއި މާތް ﷲ ގެ އެއްކައުވަންތަކަމާއި، މިކަންކަމުގެ އަލިކަން. މިކަންކަމުގެ ނޫރު. އެހެންވީމާ، ޙަޤީޤަތުގައި މިއާޔަތުގައި މިއޮތީ، އީމާންކަމުގެ ނޫރާ ދުވާލުގެ އަލިކަމާ އެއްގޮތްކުރައްވާފައި. ޝިރުކާއި ޖަހާލަތުގެ އަނދިރިކަމާ ރޭގަނޑުގެ އަނދިރިކަމާ އެއްގޮތްކުރައްވާފައި. އެއްގޮތްކުރައްވާފައި މިއަންގަވަނީ، މި ޤުރްއާން ކަލޭގެފާނުގެ މައްޗަށް ތިމަން ރަސްކަލާނގެ ބާވާލެއްވީ، އެބައިމީހުން މިހާރު އެތިބަ އަނދިރިކަމުގެ ތެރެއިން، އެ ޖަހާލަތާއި ކުފުރާއި ޝިރުކުގެ އަނދިރިކަމުގެ ތެރެއިން، އީމާންކަމާއި އިސްލާމްކަމުގެ އަލިކަމުގެ ތެރެއަށް ނެރުއްވުމަށޭ. މިއީވެސް އީޖާދީ ޖުމްލައެއް.

އާދެ! ކީރިތި ޤުރްއާނުގެ އެހެން މިސާލެއް ދަންނަވާލާނަން. އެއީ އަލްޙައްޖު ސޫރަތުގެ 31 ވަނަ އާޔަތުން ބައެއް. މާތް ﷲ ވަޙީކުރައްވާފައިވަނީ، "وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ ٱلرِّيحُ فِي مَكَانٍ سَحِيقٍ" މާނައަކީ: "އަދި اللّـه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓެންދާ މީހެއްފަދައެވެ."

މި އާޔަތުގައި، މާތް ﷲ އަށް ޝިރުކުކުރާ މީހާއާއި އުސްތަނަކުން ވެއްޓިގެންދާ މީހަކާ އެއްގޮތްކުރައްވާފައި މިވަނީ. މާތް ﷲ އަށް އީމާންވާ މީހާ ހުންނާނީ ސާބިތުކަމާއެކީގައި. އެމީހާ ހިފަހައްޓަވަނީ، اللّـه سبحـانـه وتعـالٰى. އެމީހާ އެއީ ތަނަކުން ވެއްޓިގެންދާ މީހެއް ނޫން. ހަރުދަނާކަމާއެކު ތަނެއްގައި ސާބިތުވެ ހުންނަ މީހެއް. އެއާ ޚިލާފަށް، ﷲ އަށް ޝިރުކުކުރާ މީހާ މިވަނީ އުސްތަނަކުން ވެއްޓިގެންދާ މީހެއްފަދަ މީހަކަށް. އުސްތަނަކުން ވެއްޓިގެންދާ މީހާގެ އެއްވެސް ކޮންޓްރޯލެއް ނޯންނާނެ. ވެއްޓިގެންދާގޮތަކަށްދާނީ. އެއްވެސްކަހަލަ ހިފެހެއްޓުމެއް ނުހުންނާނެ. އުސްތަނަކުން ވެއްޓިގެންދާ މީހާ، މި އާޔަތުގައި ބަޔާންކުރައްވާފައި އެވަނީ، ފަހަރެއްގައި ފަރުބަދައެއްކަހަލަ ތަނަކުން ވެއްޓިގެންދާކަމަށްވަންޏާ، އެމީހާ ވެއްޓިގެންދާ ދިޔުމުގައި ބޮޑެތި ދޫނިތަކެއް އައިސް އޭނަ ޖަހައިގަނެގެން ގެންގޮއްސާނޭ. ނޫނީވިއްޔާ، ވަރަށް ފުން ވަޅުގަނޑަކަށް އޭނާ ވެއްޓިގެންގޮސް ހަލާކުވެގެން ހިނގައިދާނޭ. ﷲ އަށް ޝިރުކުކުރާ މީހާ ދަންނާށޭ، ފަހެ އެމީހާ އުޑުން ވެއްޓި (އުޑަކީ އުސް ތަންތަން. ޢަރަބި ބަހުގައި ސަމާ ނުވަތަ އުޑު މިކިޔަނީ އުސް ތަންތަނަށް.) ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓެމުންދާ މީހެއްފަދައޭ. އެއީ، ގަދަ ވައެއްގެ ސަބަބުން އެމީހާގެ ކޮންޓްރޯލެއްނެތި، ވައި ގެންދާނެ ދިމާއަކަށް ނުވަތަ ދުރުތަނަކަށް ގެންގޮސް ވެއްޓިގެންދާ މީހެއްފަދައޭ. އެއީ ﷲ އަށް ޝިރުކުކުރާ މީހާ. އޭނާ ހިފަހައްޓާނެ އެއްވެސް ބާރެއްނެތޭ. އެހެންވީމާ، މިއާޔަތުގައިވެސް މިއޮތީ އެއްގޮތްކުރައްވާފައި، މާތް ﷲ އަށް ޝިރުކުކުރާ މީހާއާއި އުސްތަނަކުން ވެއްޓިގެންދާ މީހާއާ.

ކީރިތި ރަސޫލާގެ ޙަދީޘެއް ދަންނަވާލާނަން. އެ ޙަދީޘަކީ ވަރަށް ރީތި މިސާލުތަކެއް ޖައްސަވައިދެއްވާފައިވާ ޙަދީޘެއް. މި ޙަދީޘްގައި މިއޮންނަނީ، ކީރިތި ޤުރްއާން ކިޔަވާ މުއުމިން މީހާއާއި، ޤުރްއާން ނުކިޔަވާ މުއުމިން މީހާއާއި، ޤުރްއާން ކިޔަވާ މުނާފިޤު މީހާއާއި، ޤުރްއާން ނުކިޔަވާ މުނާފިޤު މީހާއާ، މި ހަތަރު ވައްތަރުގެ މީހުންގެ މިސާލު.

އެންމެ ފުރަތަމަ މިއޮންނަނީ، "مَثَلُ الْمُؤمِن الَّذى يَقْرَأُ الْقُرآنَ مَثَلُ الأُتْرُجَّةِ رِيْحُهَا طَيِّبٌ وَطَعْمُهَأ طَيِّبٌ" ކީރިތި ޤުރްއާން ކިޔަވާ މީހާގެ، މުއުމިން މީހާގެ މިސާލަކީ، ފޮނި ލުނބޮއެއްގެ މިސާލޭ. ފޮނި ލުނބޯ ކަހަލަ މޭވާއެއް. މީރުވަސްދުވާ ރަހަމީރު މޭވާއެއްގެ މިސާލު. އެހެންވީމާ، އެއީ އޭގެ ބޭރުފުށުންވެސް އިންސާނުންނަށް ހިތްގައިމުކަމެއް ލިބޭ، އުފަލެއް އަރާމެއް ލިބޭ އެއްޗެއް. އަދި ކައިފިނަމަ، އޭގެ ރަހަ މީރުކަމުންވެސް، އުފަލަކާއި އަރާމެއް ލިބޭ އެއްޗެއްގެ މިސާލު މިޖައްސަވަނީ. أتْرُجَّة އެއީ ފޮނިލުނބޯކަހަލަ މޭވާއެއް. ވަސްމީރު، ރަހަމީރު މޭވާއެއް. އެހެންވީމާ، ކީރިތި ޤުރްއާން ކިޔަވާ މުއުމިނާގެ މިސާލަކީ، ބޭރުފުށުންވެސް އޭނާގެ މާތްކަމާއި ރަނގަޅުކަން ފެންނާނެ މީހެކޭ. އަދި އެތެރެފުށުންވެސް އޭނާއަކީ އެހާ މާތް ރަނގަޅު މީހެކޭ. އެއީ މިދެންނެވިކަހަލަ މޭވާއެއްގެ މިސާލެއް. ވަސް ބަލާލީމާވެސް ދުވަނީ މީރުވަސް. އެ މޭވާ ކައިފިނަމަ ލަނީ މީރު ރަހަ. އާދެ! އެތެރެފުށާއި ބޭރުފުށްވެސް ވަރަށް ރަނގަޅު.

ދެން މިޖައްސަވަނީ ކީރިތި ޤުރްއާން ނުކިޔަވާ މުއުމިނާގެ މިސާލު. "وَمَثَلُ الْمُؤمِن الَّذى لاَيَقْرَأُ الْقُرآنَ كَمَثَل التَّمْرَة لاَرِيْحَ لَهَا وَطَعْمُهَا حُلُوٌ،" މާނައަކީ: "ޤުރްއާން ނުކިޔަވާ މުއުމިން މީހާގެ މިސާލަކީ، ކަދުރު އޮށެއްގެ މިސާލޭ." ހިކި ކަދުރު، ކަދުރުގައި ދުވާ މީރު ވަހެއް ނުހުންނާނެ. އެކަމަކު އެއީ މީރު އެއްޗެއް. ޤުރްއާން ނުކިޔަވާ މުއުމިނަކީ އޭނާގެ ހިތުގައި އީމާންކަން އޮތީމާ މުއުމިނަކަށްވާ މީހެއް. އެހެންވީމާ، އޭނާގެ އެތެރެ ރަނގަޅު. އެހެންނަމަވެސް ޤުރްއާން ނުކިޔަވާތީ، ބޭރުފުށުން އޭނާގެ މާތްކަމެއް ނުފެނޭ. އެއީ، ހިކި ކަދުރުގެ މިސާލު. ބޭރުފުށް ބަލާލީމާ ރީތި އެއްޗެއްވެސް ނޫންކަންނޭނގެ. އަދި އެއަކުން ވަހެއްވެސް ނުދުވާ. އެކަމަކު ކާލީމާ ރަހަމީރު. އެހެންވީމާ، އޭނާގެ ރަނގަޅުކަން ހުރީ ހަމައެކަނި އެތެރެހަށީގައި. ބޭރުފުށަކުން އެނާގެ ރަނގަޅުކަމެއް ފެންނާކަށް ނެތް.

ދެން ޤުރްއާން ކިޔަވާ މުނާފިޤު މީހާ. މުނާފިޤު މީހާއަކީ، ދެފުށް ދެގޮތް މީހާ. ބޭރާއި އެތެރެއާ ތަފާތު މީހާ. އެމީހާގެ ވާހަކަ މި ވިދާޅުވަނީ، " وَمَثَلُ الْمُنَافِقِ الَّذِى يَقْرَأُ الْقُرآنَ مَثَلُ الرَّيْحَانَةِ رِيْحُهَا طَيِّبٌ وَطَعْمُهَا مُرٌّ،" ޤުރްއާން ކިޔަވާ މުނާފިޤު މީހާގެ މިސާލަކީ، ގޮމަކަސްތޫރީގެ މިސާލޭ. ގޮމަކަސްތޫރި ކިޔާ އެއްޗެއް ހުރެއެއްނޫންތޯ މީރުވަސްދުވާ! އޭގެ ވަސްމީރޭ. އެކަމަކު އޭގެ ރަހަ ހިއްޗޭ. ޢަރަބި ބަހުން ރައިޙާން ކިޔަނީ ގޮމަކަސްތޫރިއަށް. އެއީ މީރުވަސްދުވާ އެއްޗެއް. އެހެންނަމަވެސް އޭގެ ރަހަ ބަލައިފިއްޔާ، ލާނީ ހިތިރަހަ. އެހެންވީމާ، މުނާފިޤު މީހާ މިވާގޮތަކީ، ބޭރުފުށް ރަނގަޅު. ރައިޙާން އެއީ މީރުވަސް ދުވާ އެއްޗެއް ބޭރުފުށުން. އެކަމަކު އެތެރޭގައި ނެތް އެއްވެސް އެއްޗެއް. އެތެރޭގައި ހުރީ ހިތިކަމެއް. އެއީ މުނާފިޤު މީހެއްވީމާ. އެހެންވީމާ، ކީރިތި ޤުރްއާން ކިޔަވާ މުނާފިޤު މީހެއްގެ މިސާލަކީ މިއޭ. ބޭރުފުށުން މީހުންނަށް ފެންނަނީ ރަނގަޅު ސިފަތަކޭ. ޤުރްއާން ކިޔަވާތީ، މީހުން ހީކުރަނީ އޭނައަކީ ރަނގަޅު މީހެއްކަމަށް. މާތް މީހެއްކަމަށް. ދީންވެރިއެއްކަމަށް. ޙަޤީޤަތުގައި އޭނާގެ އެތެރެފުށް ގޯސް. އެހެންވީމާ، ބޭރުފުށުން މީރުވަސްދުވާ. އެތެރެފުށުގެ ރަހަ ގޯސް. ލަނީ ހިތިރަހަ.

ދެން މިއޮންނަނީ، ޤުރްއާން ނުކިޔަވާ މުނާފިޤު މީހާގެ މިސާލު. " وَمَثَلُ الْمُنَافِقِ الَّذِى لاَيَقْرَأُ الْقُرآنَ كَمَثَل الحَنْظَلَةِ لَيْسَ لَهَارِيحٌ وَطَعْمُهَا مُرٌّ" (مُتَّفَقٌ علَيه) ޤުރްއާން ނުކިޔަވާ މުނާފިޤު މީހާގެ މިސާލަކީ، حَنْظَلَة އެއްގެ މިސާލު. حَنْظَلَة އަކީ ހަބަރު. އެއީ ހަބަރު ގަހުގައި އަޅާ އެއްޗެއް. އެއަށް މިކިޔަނީ حَنْظَلَة. އޭގައި އެއްވެސް ވަހެއް ނުހުރޭ. އެކަމަކު އޭގެ ރަހަ ހިތި. އެހެންވީމާ، ޤުރްއާން ނުކިޔަވާ މުނާފިޤުގެ މިސާލަކީ، ބޭރުފުށުންވެސް ރީތިކަމެއް ފެންނަން ނުހުންނަ، މާތްކަމެއް ފެންނަން ނުހުންނަ އަދި އެތެރެފުށް ގޯސް މީހެއްގެ މިސާލޭ.

މިހަތަރު މިސާލުގައިވެސް މިހިރީ އެއްގޮތްކުރެއްވުންތަކެއް. ބޭރުފުށާއި އެތެރެފުށް ރަނގަޅު މާތް މީހެއްގެ މިސާލަކީ، أتْرُجَّة ގެ މިސާލޭ. ފޮނިލުނބޮއެއްގެ މިސާލޭ. ބޭރުފުށުން ރަނގަޅު ކަމެއް ނުފެންނަ، އެހެންނަމަވެސް އެތެރެފުށް ރަނގަޅު މީހެއްގެ މިސާލަކީ، ކަދުރު އޮށެއްގެ މިސާލޭ. ބޭރުފުށް ރީތިކޮށް ހުންނަ، އެތެރެފުށް ގޯސް މީހެއްގެ މިސާލަކީ ގޮމަކަސްތޫރީގެ މިސާލޭ. އަދި ބޭރުފުށުން އެއްވެސް ވަހެއް ނުދުވާ، އެތެރެފުށް ގޯސް، ބޭރުފުށް ރަނގަޅު ނޫން، އެތެރެފުށް ކަނޑައެޅިގެން ގޯސް މީހެއްގެ މިސާލަކީ، حنْظَلَة އެއްގެ މިސާލޭ. އެއީ ޤުރްއާން ނުކިޔަވާ މުނާފިޤުގެ މިސާލޭ. މި ހަތަރު މިސާލުގައިވެސް މިހިރީ އެއްގޮތްކުރެއްވުންތަކެއް. މިއީވެސް އީޖާދީ ޖުމްލަ ނުވަތަ ކްރިއޭޓިވް ސެންޓެންސްގެ ވަރަށް ރީތި މިސާލުތަކެއް.

ދެން އަޅުގަނޑު ކުރިން ދަންނަވާލިން، އެއްގޮތްކުރުމުގައި އެބަހުރެޔޭ ތަފާތު ކަންތައްތައް ހިމެނޭ ހާދިސާ. އެއިން ހާދިސާއަކާ އެއްގޮތްކުރުން. އޭގެ މިސާލެއް ދަންނަވާލާނަން. ޢަރަބި ޅެންވެރިއެއްގެ ޅެންބައިތެއްގައި މިއޮންނަނީ:

"كأن مثار النقع فوق رءوسنا

       وأسيافنا ليل تـهاوى كواكبه"

އޭނަ މި ސިފަކުރަނީ، އެމީހުން ހަނގުރާމައިގައި އުޅޭ ވަގުތު. ކުރީ ޒަމާނުގައި، ޖާހިލީ ޒަމާނުގައި ޢަރަބިންނަކީ ވަރަށް ގިނައިން ހަނގުރާމަކޮށް އުޅުނު ބައެއް. ވަރަށް ކުދިކުދި ކަންތަކާ ބެހޭގޮތުންވެސް ދެޤަބީލާއެއްގެ ދޭތެރޭގައި ނުވަތަ ދެ ބައިގަނޑެއްގެ ތެރޭގައި ހަނގުރާމައެއް ފެށިދާނެ.

އޭރު ހަނގުރާމަކުރަނީކީ، މިހާރުގެ ހަތިޔާރުތަކަކުން ނޫން. އޭރު ބޭނުންކުރާ އެންމެ މޮޅު ހަތިޔާރަކީ، ކަނޑި. ދެން މިމީސްމީހުން ހަނގުރާމަ ކުރާއިރު އަސްމަތީގައި ތިބެގެން، އަސްމައްޗަށް ސަވާރުވެގެން ހަނގުރާމަކޮށްވެސް ހަދާ. އެގޮތަށް ގިނައިން ހަނގުރާމަކުރަނީ. މި ސިފަކޮށްދެނީ، އެގޮތަށް ހަނގުރާމަ ކުރާއިރު، އަސްމަތީގައި ތިބެގެން ދުވާލުގެ ވަގުތު ހަނގުރާމަ ކުރަމުންދާއިރު، އަސްތައް ދުވެ، ފުމެ، ކޮޅުކޮޅަށް ހަރަކާތްތެރިވެ، މިހެން ހެދީމާ، ވަރަށް ބޮޑަށް ހިރަފުސްއަރައިގެންދާ މަންޒަރު. ހިރަފުސްއެރީމާ މުޅިތަން ވަރަށް ބޮޑަށް އޮންނާނީ އަނދިރިވެފައި. އިރުގެ އަލިކަން ނުފެނި އަނދިރިވެފައި އޮތީމާ ރޭގަނޑެއްގެ މިސާލުހެން ހީވާނީ. ހިރަފުހުގެ އެ އަނދިރިގަނޑުގެ ތެރޭގައި، އެމީހުން ގެންގުޅޭ ކަނޑި އެގޮތްމިގޮތަށް ހަރަކާތްކުރީމާ، އެ ވިދާ ވިދުން ހީވާނީ، ތަރިތަކެއްހެން. އެހެންވީމާ، މީނާ މި ބުނަނީ، ތިމަންނާމެން ހަނގުރާމަކުރާއިރު، ހަނގުރާމަކުރާ މައިދާން ވަރަށް ހިރަފުސްބޯ މައިދާނެއްގައި ކަނޑިތައް ވިދަވިދާހުންނަ މަންޒަރަކީ، އަނދިރި ރޭގަނޑެއްގައި ތަރިތައް ވިދަވިދާހުންނަ މަންޒަރުގެ މިސާލެކޭ. މި އެއްގޮތްކުރަނީ ބައިވަރު އެއްޗެހި ދޮގެއްތޯ. ހަމައެކަނި ދޭއްޗެއް ނޫން.

މިޅެމުގައި ހިރަފުހުގެ އެ އަނދިރިކަން މި އެއްގޮތްކުރަނީ، ރޭގަނޑުގެ އަނދިރިކަމާ. އޭގެތެރޭގައި، ހަނގުރާމަކުރާއިރު ވިދަވިދާ އެހުންނަ ކަނޑިތައް، އެ އެއްގޮތްކުރަނީ، ރޭގަނޑުގެ ތަރިތަކާ. މުޅި މަންޒަރު މި ސިފަކުރަނީ. އެހެންވީމާ، ތަފާތު ކަންތައްތަކެއް ހިނގަމުންދާ މަންޒަރެއް، އެހެން މަންޒަރަކާ އެއްގޮތްކުރުން އެއީވެސް ކްރިއޭޓިވް ލިޔުމުގެ ވައްތަރެއް.

އާދެ! އަޅުގަނޑަށް މި ދަންނަވާލެވުނީ، ޢަރަބި ބަހުގެ މިސާލުތަކެއް. ދިވެހިބަހުގެ ބައެއް މިސާލުވެސް އަޅުގަނޑު ގެނައިން.

އަލްއަމީރު މުޙަންމަދު އަމީނުގެ މަޒުމޫނެއްގައި ލިޔުއްވާފައި އޮވޭ، "ތެދުވެރި ތާރީޚީ ގަނޑުތަކަކީ، އިންސާނީ ޠަބީޢަތުގެ މައްޗަށް އުޖާލާވެގެންވާ އައްޔަކުން އަލިއަޅުވާ ބައްތިތަކެކެވެ. އިންސާނުންގައި ހުންނަނަމަ ހުންނަ ރަނގަޅު ސިފަތަކާއި ނުބައި ސިފަތައް، ހިތްވަރަކާއި ފަންވަރެއް، ހިންމަތަކާއި މިންނަތެއް، މާތްކަމަކާއި ޚިޔާނާތްތެރިކަމެއް، ތާރީޚުގެ ގަނޑުތަކުން ފެންނާން ހުންނަނީ، ސާފު މޫނުބަލާ ލޯގަނޑަކުން މީހުންގެ ހިޔަނި ފެންނަ ފަދައިންނެވެ."

އާދެ! ވަރަށް ރީތި ދެ ޖުމްލަ މިއީ. އީޖާދީ ދެ ޖުމްލަ. މީގައި މި ވިދާޅުވަނީ، އިންސާނީ ތާރީޚުގެ ތެދުވެރި ގަނޑުތަކަކީ، އިންސާނީ ޠަބީޢަތުގެ މައްޗަށް އުޖާލާވެގެންވާ އައްޔަކުން އަލިއަޅުވާލާ ބައްތިތަކެކޭ. އެހެންވީމާ، މި އެއްގޮތްކުރައްވަނީ، ތެދުވެރި ބަޔާންތައް ލިޔެފައި ހުންނަ ތާރީޚީ ގަނޑުތަކާއި އަލި ހުންނަ ބައްތިތަކަކާ. ގަނޑުތަކަކުން ޙަޤީޤަތުގައި އައްޔެއް އަޅުވައެއްނުދޭނެ. އައްޔަކީ، ވަކިކަހަލަ އެއްޗެއް ދޮގެއްތޯ؟ އެއީ އިރުގެ އަލިކަން، ނުވަތަ ބޮކީގެ އަލިކަން، ނުވަތަ އެހެން އެއްޗެއްގެ އަލިކަން. އެއީ އައްޔަކީ. އެއީކީ ވަކި ގަނޑަކުން އަޅުވާނެ އެއްޗެއް ނޫން. ގަނޑެއްގައި ނުހުންނާނެ އޭގެ ޒާތުގައި އައްޔެއް. އެކަމަކު އެ ވިދާޅުވަނީ، ތެދުވެރިކަމާއެކު ތާރީޚު ލިޔެފައި ހުންނަ ގަނޑުތަކަކީ، ވޭތުވެދިޔަތާނގައި ހިނގައިދިޔަ ކަންތައްތަކުގެ މައްޗަށް އުޖާލާ އައްޔެއް އަޅުވައިދޭ ބައްތިތަކެކޭ. އެ ގަނޑުތަކާއި ބައްތިތަކާ އެއްގޮތްކުރައްވަނީ. އަދި ނިމޭތާނގައި އެބަވިދާޅުވޭ. އެވިދާޅުވި ކަންތައްތައް، ތާރީޚުގެ ގަނޑުތަކުން ފެންނަން ހުންނާނީ، ސާފު މޫނުބަލާ ލޯގަނޑަކުން މީހުންގެ ހިޔަނި ފެންނަ ފަދައިންނޭ. އެހެންވީމާ، އެ ތާރީޚީ ލިޔުންތަކާއި މޫނުބަލާ ލޯގަނޑާ އެއްގޮތްކުރައްވަނީ. އެއްގޮތްކުރައްވާފައި، މޫނުބަލާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓޭ މީހާގެ ސޫރަ އެ ލޯގަނޑުން ފެންނަ ފަދައިން، މި ތާރީޚީ ގަނޑުތަކުން ވޭތުވެދިޔަތާނގައި ހިނގާދިޔަ ހާދިސާތައް ވަރަށް ރީތިކޮށް ފެންނަން ހުންނާނޭ. އާދެ! މިއީވެސް އީޖާދީ ޖުމްލައިގެ ވަރަށް ރީތި މިސާލެއް.

އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބުގެ މަޒުމޫނަކުންވެސް ތަންކޮޅެއް ދަންނަވާލާނަން. "އުޑުމަތީގައިވާ ތަރިތަކުން ފޯރުވާ އަލިން، ހަނދާއި އިރުގެ ނޫރާނީ އަލިން، ހިތާއި ސިކުނޑީގައި ހުންނަންވީ އިދްރާކުގެ އަލިން، ކުޑަވެސް ބޭނުމެއްނުހިފެއެވެ. އެހީތެރިކަމެއް ނުލިބެއެވެ. ސިކުނޑީގައި ވަނީ، ނޭނގުމުގެ ދަބަރުތައް ފޮޅިފައެވެ. ހިތުގައި ވަނީ، އަމިއްލަ އެދުމާއި ނަހަމައިގެ ޤަދަރު އުފެދިފައެވެ. ލޯތައް ވަނީ، ޢަދުލު އިންޞާފުގެ ކުރިމަތީގައި މެރިފައެވެ. މުޅިންހެން ކަނުވެފައެވެ. އާދޭހެވެ! ވަށައިގެން ވަނީ، އަނދިރިކަމާއި ހާސްކަމެވެ. ޖަހާލަތުގެ ބިރުވެރިކަމެވެ!"

އާދެ! މިލިޔުމުގައިވެސް އެއްގޮތްކޮށްދެއްވާ އެއްގޮތްކޮށްދެއްވުންތަކެއް އެބަހުރޭ. އެއީ އިރުގެ އަލިކަމާއި ޢިލްމާއި އިދްރާކުގެ އަލިކަމާ އެއްގޮތްކުރައްވަނީ. އިރުގެ ނޫރާނީ އަލިކަމުން އަޅުގަނޑުމެންގެ މި ދިރިއުޅޭ ތަންތަނަށް، ބިމަށް އެ އަލިކަން ލިބޭ ފަދައިން، ޢިލްމާއި އިދްރާކުގެ އަލިކަމަކުން އެމީހުންގެ ހިތްތަކަކަށް އަލިކަމެއް ނުލިބެޔޭ. އެއީ ޖަހާލަތުގެ ޒަމާނުގައި އަނދިރީގައި އުޅުނު، އެއްވެސް ހަމައެއް އިންޞާފެއް ނެތް ބަޔަކު އުޅުނުއިރެއްގައި، އެމީހުންގެ ހިތްތަކަކަށް އީމާންކަމާއި އިދްރާކުގެ އަލިކަމަކުން އެއްވެސް އަލިކަމެއް ނުލިބެޔޭ.

އެމީހުންގެ ސިކުނޑީގައި ވަނީ ނޭނގުމުގެ ދަބަރުތައް ފޮޅިފައޭ. އާދެ! ނޭނގުމަކީ މާއްދީ އެއްޗެއް ނޫން. ދަބަރަކީ މާއްދީ އެއްޗެއް. ނޭނގުމަކު ދަބަރެއް ނުހުންނާނެ. އެކަމަކު އެއްގޮތްކުރައްވަނީ، މާއްދީ އެއްޗަކާ. ނޭނގުމުގެ ދަބަރުތައް ވަނީ ފޮޅިފައޭ.

އެމީހުންގެ ލޯތައް ވަނީ، އިންސާފުގެ ކުރިމަތީގައި މެރިފައޭ. އެ ވިދާޅުވަނީ، އިންޞާފެއް އެމީހުންނަކަށް ނުފެނެޔޭ. ޙަޤީޤަތުގައި ލޯ މެރެނީކީ ނޫން. އެމީހުންނަށް އިންޞާފު ނޭނގެނީ. އިންޞާފަށް ކަންތައް ނުކުރަނީ. އެހެންވީމާ، އެމީހުންގެ ލޯތައް ވަނީ އިންޞާފުގެ ކުރިމަތީގައި މެރިފައޭ.

ވަށައިގެންވަނީ، އަނދިރިކަމާއި ހާސްކަމޭ. މިޖުމްލައިގައި އެ ވިދާޅުވަނީ، ރޭގަނޑުގެ އަނދިރިކަމުގެ ވާހަކައެއް ނޫން. ޖަހާލަތުގެ އަނދިރިކަމުގެ ވާހަކަ. އަދި ރޭގަނޑުގެ ބިރުވެރިކަމުގެ ވާހަކައެއްވެސް ނޫން. ޖަހާލަތުގެ ބިރުވެރިކަމުގެ ވާހަކަ. އެހެންވީމާ، އެބަ އެއްގޮތްކުރައްވާ، އެމީހުންގެ ޙަޔާތުގައި، އެމީހުންނަށް އީމާންކަމުގެ އަލިކަން ނުލިބުނީމާ، އެމީހުންގެ ހިތްތައް ނުވަތަ ސިކުނޑިތައް ވަނީ ދަބަރުޖަހާފައޭ. ހަމައެހެންމެ، އެމީހުންނަށް ޢަދުލު އިންޞާފު ނޭނގޭތީ، އެމީހުން އެއުޅެނީ ޖަހާލަތުގެ ނުވަތަ އަނިޔާވެރިކަމުގެ އަނދިރިކަމެއްގެ ތެރޭގަޔޭ. އަދި އެމީހުންގެ ވަށައިގެންވަނީ ޖަހާލަތުގެ ބިރުވެރިކަމޭ.

ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ޖަމީލުގެ މަޒުމޫނެއްގައި ލިޔުއްވާފައިވާ ޖުމްލައެއްވެސް ދަންނަވާލާނަން. "ޅެމުގެ މައިދާނަކީ، ތަނަވަސް މައިދާނެކެވެ. ޅެންވެރިންނަކީ، ފިކުރުގެ ވާދީތަކުގައި އެކޮޅަށާއި މިކޮޅަށް ދަތުރުފަތުރުކޮށް އުޅޭ ބައެކެވެ."

އާދެ! ޝައްކެއްނެތް. ޅެމުގެ މައިދާނަކީ، ވަރަށް ތަނަވަސް މައިދާނެއް. އެހެންނަމަވެސް، ފިކުރުތަކުގެ ވާދީއެއް ނުހުންނާނެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ވާދީއަކީ ދެފަރުބަދަ ދޭތެރޭގައި އަޑިއަށް އޮންނަތަން. ވެލީ. ފިކުރުގައި ނުހުންނާނެ ވާދީއެއް. އެހެންނަމަވެސް މި އެއްގޮތްކުރައްވަނީ، އުސްތަންތަނާއި އަޑިތަންތަން ހުރި ޙަޤީޤީ ބިމަކާ، އިންސާނާގެ ފިކުރާ. އިންސާނާގެ ފިކުރުގައިވެސް ތަފާތު ފެންވަރުގެ އެކިކަންތައްތައް ހުންނާނެ. އާދެ! ވާދީ މިކިޔަނީ ތަނަވަސް ތަންތަނަށް. މި ވާދީގައި އެކޮޅުންމިކޮޅަށް ދަތުރުކުރާ ބައެކޭ ޅެންވެރިންނަކީ. ނުވަތަ ޅެންވެރިކަމުގެ މައިދާނަކީ، ވަރަށް ތަނަވަސް މައިދާނެކޭ. ޅެންވެރިންނަކީ ފިކުރުގެ ވާދީތަކުގައި އެކޮޅަށާއި މިކޮޅަށް ދަތުރުފަތުރުކޮށް އުޅޭ ބައެކޭ. އާދެ! ވަރަށް ރީތި އެއްގޮތްކުރެއްވުމެއް މީގައި އެބައޮތް.

މިވާހަކަ ޙަޤީޤަތުގައި ނަންގަވާފައި މިއޮންނަނީ ކީރިތި ޤުރްއާނުން. ޤުރްއާނުގެ الشعراء ސޫރަތް ނިމޭ 4 އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ، "وَالشُّعَرَاءُ يَتَّبِعُهُمُ الْغَاوُونَ، أَلَمْ تَرَ أَنَّهُمْ فِي كُلِّ وَادٍ يَهِيمُونَ ، وَأَنَّهُمْ يَقُولُونَ مَا لاَ يَفْعَلُونَ ، إلاّ الَّذِينَ آمَنُواْ وَعَمِلُوا الصَّالِحَاتِ وَذَكَرُواْ اللَّهَ كَثِيراً وَانتَصَرُواْ مِن بَعْدِ مَا ظُلِمُواْ وَسَيَعْلَمُ الَّذِينَ ظَلَمُواْ أَيَّ مُنقَلَبٍ يَنقَلِبُونَ" (الشعراء :224 -227) މާނައީ: "ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافر ންނަށް) تبع ވާނީ މަގުފުރެދިގެންވާ މީހުންނެވެ. ހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادى އެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. إيمان ވެ صالح عمل ތައްކޮށް، އަދި ގިނަގިނައިން اللّـه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصر ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ."

اللّـه سبحـانـه وتعـالٰى މި އާޔަތްތަކުގައި އެ ބަޔާންކުރައްވަނީ، ކާފިރުންގެ ތެރެއިން ޅެންވެރިންގެ ވާހަކަ. الشعراء ގެ މާނައަކީ، ޅެންވެރިން. ޝާޢިރު، ޢަރަބި ބަހުގައި އެއީ ޅެންވެރިޔާ. شعراء އެއީ ޅެންވެރިން. މި الشعراء ނަމުގައި އެބައޮތް ސޫރަތެއް. سورة الشعراء ނިމޭތާނގައި، އެޒަމާނުގެ ޖާހިލީ ޒަމާނުގެ ޅެންވެރިންގެ ވާހަކަ ގެންނަވާފައި އެއޮންނަނީ. ކާފިރުވި މީހުންނަށް ތަބާވާނީ މަގުފުރެދިގެންވާ މީހުންނޭ. އަދި ޅެންވެރިންނަކީ، ބަހުގެ ކޮންމެ ވާދީއެއްގައިމެ ދެވޭ ނުދެވޭ ތަނެއް ނޭނގޭގޮތަށް އުޅޭ ބައެކޭ. އެހެން އުޅެނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެޔޭ. އެހެންވީމާ، މިތަނުން ޅެންވެރިން، ޅެންވެރިކަމުގެ ވާދީގެ ތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭނގި އުޅޭ ވާހަކަ ޤުރްއާނުގައި ބަޔާންކުރައްވާފައި އޮތީމާ، މަރްޙޫމް ޖަމީލު އެ މަޒުމޫނުގައި، އެ މިސާލު ނަންގަވާފައި އެއޮތީ ކީރިތި ޤުރްއާނުން.

އާދެ! ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މިހާރުގެ ޢަރަބި ޅެމަކުން ތަންކޮޅެއް ދަންނަވާލާނަން. އެއީ ޖޯޖް ޖިރްދާޤް ކިޔާ ބޭކަލަކު، ޝާޢިރަކު ހެއްދެވި ޅެމެއް. އެ ޅެމުގެ ނަމަކީ، "هٰـذِهِ لَيـلَتـى " އާދެ! "މިއީ އަހަރެންގެ ރެއެވެ." މިއީ ވަރަށް ރީތި ޅެމެއް.

މި ޅެން އެންމެ މަޝްހޫރުވެގެން މިދިޔައީ، މިސުރުގެ ވަރަށް މަޝްހޫރު ލަވަކިޔުންތެރިއަކު ރާގުގައި މި ޅެން ކިޔައިގެން. އެއީ، އުންމު ކުލްޘޫމް ކިޔާ ބޭކަނބަލެއް. އޭނާއަކީ ޢަރަބި ދުނިޔެ އުފެއްދި އެންމެމޮޅު ލަވަކިޔުންތެރިޔާ. އޭނާ މިހާރު ނިޔާވެއްޖެ.

އޭނާ ލަވަކީ ޒަމާނުގައި މިސުރުގައި އޮންނާނެ އޭނާ ލަވަކިޔާ ސީޒަނެއް، މޫސުމެއް. އެއީ ކޮންމެ އަހަރެއްގެ އޮކްޓޯބަރމަހުން ފެށިގެންގޮސް، ވިދިގެން އަންނަ އަހަރުގެ އޭޕްރީލްމަހާ ހަމައަށް. އެއީ އޭނާ ލަވަކިޔާ މޫސުމް. ކޮންމެ ހުކުރުވިލޭރެއަކު އޭނާ ލަވަކިޔާނެ. ކޮންމެ ހުކުރުވިލޭރެއަކު އޭނާ ބާއްވާނެ ކޮންސަޓެއް. އެ ކޮންސަޓް ފެށޭނީ ރޭގަނޑު 10:30 ގައި. ނިމޭނީ ފަތިހު 3:30 ގައި. އެ ކޮންސަޓުގައި ކިޔާނީ، ތިންލަވަ. ކޮންމެ ލަވައެއްގެ ދިގުމިނަކީ ގަޑިއެއްގެއިރު.

10:30 ގައި ފަށައިގެން 11:30 އަށް އެއްލަވަ ކިޔާފައި، ބައިގަޑިއިރުގެ ހުސްވަގުތުކޮޅެއް، އަރާމުކޮށްލަން ނަގާފައި، އަނެއްކާ 12 އިން 1 އަށް، އަނެއްކާ ބައިގަޑިއެއްހާއިރު ނުވަތަ ސާޅީސް ފަސްމިނެޓެއްހާއިރު ކޮށްފައި އަނެއްކާ ދެން އަންނަ ލަވަ. ކޮންމެ ލަވައެއް މަދުވެގެން އެއްގަޑިއިރުގެ ދިގުމިނުގައި ކިޔާނީ. ބައެއް ލަވަ އެއްގަޑިއިރަށްވުރެވެސް ގިނައިރުވާނެ ބައެއް ލަވަ. ވަރަށްދިގު ލަވަ ހުންނާނީ. އަދި އޭނާ ކިޔާ ބައެއް ލަވައިގެ ބައެއް ބައިތައް ތަކުރާރުކުރަން އެދޭތީ، އެތައް ފަހަރަކު ތަކުރާރުކުރާނެ. އެގޮތަށް ގޮސް ލަވައެއް ނިމޭއިރު ހުންނާނީ، އެއްގަޑި، އެއްގަޑި ފަނަރަމިނިޓް، ދޮޅުގަޑިއެއްހާއިރުވެފައި.

އޭނާ ލަވަކިޔާ ކޮންސަޓަށް ޢަރަބި ޤައުމުތަކުން މީހުން އަންނާނެ ހަމަ ދަތުރުކޮށްފައި. އޭނާ ލަވަ ކިޔާ އަޑުއަހާފައި ދާންވެގެން. އަދި ބޭރުގެ މަޖައްލާއެއްގައި ލިޔެފައި އޮއްވާ އަޅުގަނޑު ކިޔިން. އެގަޑިއަކީ ޢަރަބި ދުނިޔޭގެ އެހެން އެއްވެސް ކަމެއް ހިނގާނެ ވަގުތެއް ނޫނޭ. ހުކުރުވިލޭރޭގެ ދިހަގަޑިބައިން ފެށިގެން ފަތިހު ތިނެއްޖަހަންދެން މީހަކު ކުރާ އެއްވެސް ކަމެއް ނޯންނާނެ.

އެޒަމާނުގައި މިހާރު ހުންނަ ގޮތަކަށް ޓީ.ވީއެއް ނުހުރޭ ދޮގެއްތޯ؟ އެހެންވީމާ، މުޅިން މިއެއްޗެހި އަހާނީ ރޭޑިއޯގެ ޒަރީޢާއިން. ޢަރަބި ކޮންމެ ޤައުމެއްގައިވެސް. އެންމެން ތިބޭނީ ރޭޑިއޯ ހުޅުވައިގެން. އެގަޑިއަކު އުންމު ކުލްޘޫމްގެ ލަވަ އަޑުއެހުން ނޫން އެހެންކަމެއް ނޯންނާނެ. ހުރިހާ މަސައްކަތްތަކެއް ހުންނާނީ ހުއްޓިފައި. އެވަރުގެކަމެއް އެކަމަކީ. އޭނާ ކިޔާފައި މިއޮންނަނީ ކުރިން މިދެންނެވި ޝާޢިރު ހެއްދެވި ލަވަ. މިލަވައިގައިވެސް އީޖާދީ ޖުމްލައިގެ ކަންތައްތަކެއް ހުރީމާ އެލަވައިގެ ތަންކޮޅެއް ދަންނަވާލާނަން. އެލަވައިގެ ތަރުޖަމާ އަޅުގަނޑު މިދަންނަވާލަނީ. އެލވައިގައި މިބުނަނީ:

"މިއީ އަހަރެންގެ ރެއެވެ. އަދި އަހަރެންގެ ޙަޔާތުގެ ހުވަފެނެވެ. މާޒިވީ ޒަމާނާއި، އަންނަންއޮތް ޒަމާނުގެ ތެރެއިން އަހަރެންނަށް ލިބިފައިވާ އަހަރެންގެ ރެއެވެ. ހުރިހާވެސް ލޯތްބަކާއި އުންމީދަކީ، ތިބާއެވެ. އަހަރެންގެ ތަށި، ލޯބިން ފުރާލަދޭށެވެ! އަދި އަހަރެންނަށް އެ ތަށި ދިއްކޮށްލަދޭށެވެ!

ދުވަސްކޮޅެއްފަހުން ލޯބި ބަދަލުވެގެންދާނީ ގެއަކަށެވެ. ހިތާމައަކީ، ދޫނި އޭގެ ހާލި ދޫކޮށްފައި ދާފަދައިން، ލޯބިވެސް، ގެ ދޫކޮށްފައި ހިނގައިދާނެކަމެވެ. ގެދޮރަކީ، ޒަމާންވުމުން ވީރާނާވެދާ އެއްޗެކެވެ. އެތަންތަން ވީރާނާވަމުންދާތަން އަހަރެމެން ދެކޭފަދައިން، އަހަރެމެން ވީރާނާވެގެންދާތަން އެތަންތަން ދެކޭނެބާއެވެ؟ ދުނިޔެ، ބޭނުންގޮތަކަށް އަހަރެމެންނާ ކުޅެލާނެއެވެ. އަދި އަހަރެމެންނަށް މަލާމާތްކުރާނެއެވެ. އެހެންވީމާ، މިހާރު އަންނާށެވެ. ކުރިޔަށްވުރެ މާބޮޑަށް އަހަރެން ތިބާދެކެ ލޯބިވާނަމެވެ."

މީގެ އެއްތަންކޮޅަކީ، އަހަރެންގެ ތަށި ލޯބިން ފުރާލަދޭށޭ އެ ބުނަނީ، އެއީކީ މާއްދީ އެއްޗެއް ނޫން. ތަށްޓަކަށް އަޅައިލެވޭނެ އެއްޗެއް ނޫން. އެހެންނަމަވެސް، އެއްގޮތްކޮށްފައި އެއޮންނަނީ ރީތިކޮށްލަންވެގެން. ހިތާމައަކީ، ދޫނި އޭގެ ހާލި ދޫކޮށްފައިދާ ފަދައިން ލޯބިވެސް ގެ ދޫކޮށްފައި ހިނގައިދާނެތީއޭ. ދެމީހުން އުޅޭ ގެއިން ލޯބި ނުކުމެގެން ހިނގައްޖައީވިއްޔާ، ދޫނި ދިޔައީމާ ހުސް ހާއްޔަކަށް ހާލިވާ ފަދައިން، އަހަރުމެން ދިރިއުޅޭ ތަންވެސް ލޯބިން ހުސްވެގެން ހުސްތަނަކަށްވެގެން ވީރާނާވެގެންދާނީއޭ. މިއީ އެއްގޮތްކުރުމެއް. ދެން އަންނަ ބައިގައި ބުނަނީ:

"ފަރިގޮތަކަށް ހިނގާލާފައި، ހަވީރު، އަހަރެމެންގެ ގާތަށް އައެވެ. އަދި އަހަރެމެން ދައްކާ ވާހަކަ އަޑުއަހަން މަޑުކޮށްލިއެވެ. އެވަގުތު އަހަރެމެންގެ ދެލޮލުގައި ވަނީ، ލޯބީގެ ފުން އަސަރުތަކެވެ. ލޯތްބާމެދު ކުރެވޭ ސުވާލާއި، ދެވޭ ޖަވާބު، އެ ހަވީރު، އަޑުއަހަމުން ދިޔައެވެ." ދެން މިހެން ގޮސް މިވާހަކަތައް ލިޔެފައި މިއޮންނަނީ. ދެން އަންނަ ތަންކޮޅެއްގައި އެބަ ބުނެލާ.

"ވަރަށްގިނަ ވަގުތު އަހަރެމެންގެ ގާތުގައި، އެ ހަވީރު، މަޑުކޮށްލިއެވެ. އަދި އަހަރެންގެ ލޮލުގެ ބޮނޑިން ފެންނަންހުރި ޝައުޤުތައް އެއްކޮށްލުމަށް އަހަރެންނަށް ދަޢްވަތުދިނެވެ."

ހަވީރުވެސް މި ސިފަކުރަނީ، އިންސާނެއްގެގޮތުގައި. ހަވީރު އައިސް މަޑުކޮށްލަނީ. މަޑުކޮށްލާފައި މިމީހުން ދައްކާ ވާހަކަ އަޑުއަހަނީ. އަޑުއަހާފައި، ހަމަ އެހެން އިންސާނެއް ފަދައިން މިމީހުންނާއެކީގައި މުޢާމަލާތުކޮށް، އެމީހުން ކުރާ ކަންތައްދެކެ، އަދި ދައްކާ ވާހަކަ އަޑުއަހާ އެއްޗެއްގެ ގޮތުގައި ބަޔާންކޮށްފައި މިއޮންނަނީ ހަވީރު. އެކަމަކު ހަވީރަކީ ވަގުތެއް ދޮގެއްތޯ؟ އެއަކީ އިންސާނެއް ނޫން. އެހެންވީމާ، އެ ހިނގާ ބިނގާވެއެއް ނޫޅޭނެ. ހަރަކާތްތެރިވެގެން ތަނަކަށް ގޮސް، މީހުން ދައްކާ ވާހަކަ އަޑުއަހައެއް ނަހަދާނެ. އެކަމަކު މީގައި މި އީޖާދީ ޖުމްލައެއްގެގޮތުން، މީހުންގެ ހިތަށް މިކަން ގެނެސްދިނުމަށްޓަކައި މިގޮތަށް ސިފަކޮށްދީފައި މިއޮންނަނީ.

އީޖާދީ ޖުމްލަ ނުވަތަ ކްރިއޭޓިވް ސެންޓެންސް ރައިޓިންގއަކީ މިދެންނެވި ފަދައިން، އާދައިގެ ސާދާ ޖުމްލައިން ބުނާ މާނައިގެ އިތުރުން، ޚާއްޞަ މާނަތަކެއް، ޚާއްޞަ ޝުޢޫރުތަކެއް، ޚާއްޞަ ޚިޔާލުތަކެއް ކިޔުންތެރިޔާއަށް ނުވަތަ އެއަޑުއަހާ މީހަކަށް ގެނެސްދިނުމަށްޓަކައި ބޭނުންކުރާ ޖުމްލައެއް.

އާދެ! މިދަންނަވާލެވުނީ އީޖާދީ ޖުމްލައާ ބެހޭގޮތުން މިއަދު އަޅުގަނޑު ދަންނަވާލަން ގަސްތުކުރި ވާހަކަތައް.

والسّـلام عليــكم ورحـمــة اللّـه وبـركاتـه.