1. ސުވާލު: އިބްރާހީމް އިޤްބާލް (ޓީ.ވީ މޯލްޑިވްސް)

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދާތާ މިއީ ދެވަނަ އަހަރު. އެހެންވީމާ، މިކަމާބެހޭ ކަންތައްތައް ދަނީ ރައީސް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަށްތޯ؟ އަދި ސުނާމީ އެހީގެ ކަންތައްތަކުގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަށް ކަންތައްތައްދޭތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ)

އާދެ! ސުނާމީ ކާރިސާއާ ބެހޭގޮތުން، އެދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ދިވެހި ސަރުކާރުންނާއި ރައްޔިތުން ކަންތައްތައް ކުރަމުންގެންދާގޮތާ ދޭތެރޭގައި އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. ވަރަށް އެކަށީގެންވާ ފެންވަރެއްގައި މާލެއާއި އަތޮޅުތަކުގައި މިކަން ހިނގަމުންއެބަދޭ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމުގައި އެބަ ބައިވެރިވެވަޑައިގެންދެއްވާ. އެހެންވީމާ، އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ، އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަން ވަރުގަދަ ކުރުމާއި، ހުރިހާ ޙާލަތެއްގައިވެސް، އަޅުގަނޑުމެން އުފާވެރިކަމުގައި އުޅޭ ވަގުތުގައިވެސް އަދި ހިތާމަތަކާއި ހިތްދަތިދުވަސްވަރުވެސް އަޅުގަނޑުމެން އެކަކު އަނެކަކާ ގުޅި، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކޮށް، ޤައުމުގެ މަޞްލަޙަތު ކުރިއަށް ގެންދިޔުމަށް ކުރާ ކަމެއްގެ ގޮތުގައި އެކަން ދެމެހެއްޓުމުގެ ބޭނުމުގައި، އެއްބައިވަންތަކަމުގެ ދުވަހެއް މިފާހަގަކުރަނީ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް.

ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި، އެކިފަރާތް ފަރާތުން ލިބޭ އެހީގެ ކަންތަކުގެ ވާހަކަ ތިޔަ އައްސަވައިލެއްވީ. ވަރަށްގިނަ އަދަދަކަށް އެހީވަނީ ލިބިފައި. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވާވަރަކަށް އަދިވެސް ނުލިބޭ. އެހެންވީމާ، އެކަންވެސް ހިތްހަމަނުޖެހެއެކޭ ދަންނަވާކަށް ނެތިން. ހިތްހަމަޖެހޭ ލިބުނު މިންވަރުން. އެހެން ނަމަވެސް، އިތުރު މަސައްކަތް ކުރަމުން މިގެންދަނީ. ދެންވެސް އިތުރަށް ބޭނުންވާ އެހީ އެކި ފަރާތްފަރާތުން ލިބޭތޯ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިކަންތައްތައް ހަމަ ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރިއަށް އެބަދާކަމަށް ދަންނަވަން.

2. ސުވާލު: އިބްރާހީމް އިޤްބާލް (ޓީ.ވީ މޯލްޑިވްސް)

މިހާރުވެސް ބޭރުގެ ފަރާތްތަކުގެ އެހީ މިކަމަށް ލިބެމުން އެބަދޭތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ)

އާދެ! އަބަދުވެސް ލިބެމުންދޭ. އެކިފަރާތް ފަރާތުން އެކިވަރަށް އެކިދުވަސްވަރު މިލިބެނީ. ބައެއް ފަރާތްތަކުން އެހީވެދެއްވާނެ ކަމަށް ވިދާޅުވެފައި އަދި ޢަމަލީގޮތުން އެކަން ނުހިނގާވެސް އެބަހުރި. އެކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެފަރާތްތަކާ ގުޅުއްވައިގެން މަސައްކަތް އެބަކުރައްވާ.

3. ސުވާލު: އިބްރާހީމް އިޤްބާލް (ޓީ.ވީ މޯލްޑިވްސް)

މިދަނޑިވަޅުގައި ރައްޔިތުންނަށް އެއްވެސް މެސެޖެއް އެބައޮތްތޯ؟

ޖަވާބު (ރައީސުލްޖުމްހޫރިއްޔާ)

އަޅުގަނޑު ރައްޔިތުންނަށް ދަންނަވަން އޮތް މެސެޖަކީ، އަޅުގަނޑުމެން އެންމެންނަކީ އެއްބައިވަންތަ ބަޔެއްގެ ގޮތުގައި އަބަދުވެސް ދެމިތިބެމާތޯއޭ؟ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެކޭ. އަދި ދިވެހި ރައްޔިތުންނަކީ ވަރަށް ކުރިއްސުރެ އެއްބައިވަންތަ ބަޔެކޭ. އެހެންވީމާ، މި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑު ބާރެއްލައިގެން ކުރިއަށް ގެންދަންވެއްޖެ ކަމެކޭ. އަޅުގަނޑުމެން ޤައުމުގެ ތަރައްޤީއަށާއި މަޞްލަޙަތަށާއި، އަމަންއަމާންކަމަށާއި ހުރިހާ ކަމަކަށްވެސް ބޭނުންވާ އެންމެބޮޑު ކަމަކީ، ރައްޔިތުންގެ އެއްބައިވަންތަކަމޭ. އެހެންވީމާ، އެގޮތުގައި ދެމިތިއްބަވައިދެއްވާށޭ.