بســم اللّـه الرّحمـن الرّحيــم

السّلام عليــكم ورحـمــة اللّـه، ޢަބްދުﷲ އިނގޭތޯ.

وعليــكم السّلام ورحـمــة اللّـه، އާދެ! މައުމޫން.

ޢަބްދުﷲ ކަމާލުއްދީން: ރައީސް ފޯނުކޮށްލައްވާ ވާހަކަ ވިދާޅުވީމާ، ކޮލަމާފުށީގެ ވަރަށްގިނަ ރައްޔިތުންނާއި އަދި ވަޑައިގެން ތިއްބެވި ވަޒީރުންނާއި، އަތޮޅުވެރިންނާއި އަދި ކޮމިޓީތަކުގެ ވެރިން، ރައީސް ވިދާޅުވެލައްވާ އެއްޗެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ. ހުރިހާ ބޭފުޅުން، އިޙްތިރާމާއެކު ވެދުން ސަލާމް އަދި ހެޔޮދުޢާ، ރައީސުލްޖުމްހޫރިއްޔާއަށް ރައްދުކުރައްވާ.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވެގެން މިއުޅުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ތިޔަބޭފުޅުން ކޮލަމާފުށީގައި ތިޔަބާއްވަވާ އިޙްތިފާލުތަކުގައި ބައިވެރިވުމުގެ ގޮތުން.

ޙަޤީޤަތުގައި ތިޔަބޭފުޅުން އަޅުގަނޑަށްވަނީ ތިޔަ އިޙްތިފާލުތަކުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވާފައި. އެހެން ނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުރި ގޮތުންނާއި، އަދި މިދޭތެރެއިން ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ޖެހުމުގެ ސަބަބުން އަޅުގަނޑަށް ކޮލަމާފުށްޓަށް މިފަހަރު ނުދެވުނީ. އެކަމާ އަޅުގަނޑު ވަރަށް ދެރަވަން. އެހެން ނަމަވެސް، ތިޔަބޭފުޅުން ތިޔަތާނގައި ތިޔަހިންގެވި ޙަރަކާތްތަކުގެ ކަންތައްތައް އަޅުގަނޑު ބަލަމުން ގެންދިޔައިން. ދުރުން ނަމަވެސް، އަދި އޭގެ ޚަބަރުތައްވެސް އަހަމުން މިގެންދިޔައީ.

އެހެންވީމާ، އެންމެ ފުރަތަމަ ކޮލަމާފުށީގެ ވެރިންނަށާއި ރައްޔިތުންނަށާއި އަދި ހުވަދުއަތޮޅު އުތުރުބުރީގެ ރައްޔިތުންނަށާއި، ހަމައެހެންމެ، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެކަމަށްޓަކައި ކޮލަމާފުށި ތައްޔާރުކުރައްވާފައިވަނީ، ވަރަށް ކުލަގަދަގޮތެއްގައި. ވަރަށް ފުރިހަމަ ޕްރޮގްރާމްތަކެއްވެސް ހިންގަވައިފި. އެހެންވީމާ، މިހުރިހާ ކަމަކަށްޓަކައި މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، އަދި ޚާއްޞަކޮށް، މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނަށާއި، އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ސަޢީދަށާއި، އަދި ކޮލަމާފުށީގެ ވެރިންނަށާއި ރައްޔިތުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން.

ޢަބްދުﷲ ކަމާލުއްދީން: އާދެ! އަޅުގަނޑުމެން، ވަޒީރުން މިކަން ވަޒަންކުރަނީ ވަރަށް ރަނގަޅަށް އިނގޭތޯ. އަޅުގަނޑުމެން ދެކޭގޮތުގައި މިރަށް ތައްޔާރު ކުރެވިފައި އޮތީ ވަރަށްވެސް ހިތްހަމަޖެހޭ ފެންވަރަކަށް ރަނގަޅަށް. ރައީސް ތިޔަވިދާޅުވިހެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި ވަރަށްގިނަ ބޭފުޅުން ތިއްބެވި. އެހެން ނަމަވެސް، ރައީސް ރަށުގައި ވަޑައިގެން ނެތީމާ ވަޑައިނުގެންނެވުނީ ކަމަށް، އެބޭފުޅުން ޤަބޫލުފުޅު ކުރައްވާ.

އަޅުގަނޑު ދަންނަވާލަން ބޭނުން، މިރަށް ތައްޔާރުކުރުމުގައި، މިހުރިހާ ބޭފުޅުން ޤައުމީ ރޫޙުގައި، ޤައުމީ އެއްބައިވަންތަކަމާ އެކީގައި، އެބޭފުޅުންގެ މެދުގައި ތަފާތެއް ހުރި ކަމަށްވަންޏާ، އެތަފާތުތައް ހަނދުމަފުޅު ނައްތާލައްވައިގެން، މަސައްކަތް ކުރައްވާފައި އޮތީ ސަރުކާރާ އެކީގައި. ސަރުކާރުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައޭ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ވަރަށް ލާމަސީލު މިސާލެކޭ. އެބޭފުޅުން މިދައްކަވައިދެއްވީ މިފަހަރު.

އެހެންވީމާ، އެކަން އަޅުގަނޑުމެން ހުރިހާ އެންމެން ވަޒަންކުރާ ވާހަކަ ރައީސަށް ދަންނަވާލަން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ ޚިދްމަތުގެ ޙަޔާތުގައިވެސް ވަރަށް ފާހަގަކުރެވޭ ފެންވަރަކަށް މިކަން ކުރައްވާފައި އޮތްކަން އަޅުގަނޑު ފާހަގަކޮށް، އެވާހަކަ ރައީސަށް ދަންނަވާލަން ބޭނުން. މިތާ އަތޮޅުވެރިންނާއި އަދި އަންހެނުންގެ ކޮމިޓީގެ ފަރާތްޕުޅުންނާއި އަދި ރަށުގެ ކޮމިޓީގެ ފަރާތްޕުޅުން އަދި މިކަމަށް ހަމަޖައްސަވާފައި އޮތް ޓާސްކްފޯސް، ރައްޔިތުން ނަންގަވާފައި އޮތް ޓާސްކްފޯސްގެ ފަރާތުން، ފުރްޞަތެއް އޮތިއްޔާ ރައީސަށް އެއްޗެއް ދަންނަވާލުމުގެ ބޭނުންފުޅުގައި މިތާ އެބޭފުޅުން ވަޑައިގެން އެބަތިއްބެވި. އެހެންވީމާ، އިޒުނަފުޅު އޮތިއްޔާ އަޅުގަނޑު އެބޭފުޅުންނަށް ޙަވާލުކޮށްލަން ކަމަށް.

ރައީސުލްޖުމްހޫރިއްޔާ: އާދެ! އެބޭފުޅުންނާ ފޯނުން ވާހަކަ ދައްކާލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށްވާނެ އިނގޭތޯ. ދެން ތިޔަވިދާޅުވިހެން މިމުނާސަބަތުގައި ވަރަށްބޮޑު، ވަރަށް ފުން ޤައުމީ ރޫޙަކާ އެކީގައި، ވަރަށްބޮޑު އެއްބައިވަންތަކަމަކާ އެކީގައި ކޮލަމާފުށީގެ ރައްޔިތުން މަސައްކަތް ކުރައްވާފައިވާކަން އަޅުގަނޑަށް އެނގިފައިވާތީ، އެކަމަށްޓަކައި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި އަޅުގަނޑު އެދެނީ، މިއަދު އުފެދިފައި ތިޔަވާ އެއްބައިވަންތަކަން ކުރިއަށް އޮތް ތާނގައިވެސް ދެމެހެއްޓެވުން. ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ، އަޅުގަނޑުމެންގެ މެދުގައި މިއޮންނަ ޚިލާފުތައް ދޫކޮށްލައި، ހުރިހާ އެންމެން އެކަތިގަނޑަކަށްވެގެން، އެއްބައިވަންތަކަން ޤާއިމުކޮށްގެން. އެހެންވީމާ، ތިޔަ އުފެދިފައިވާ އެއްބައިވަންތަކަމުގެ ރޫޙު، ކުރިއަށް އޮތް ތާނގައިވެސް މިހާރަށްވުރެވެސް ބޮޑަށް ދަމަހައްޓަވައި ދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި މިވަގުތު ދަންނަވާލަން.

ޢަބްދުﷲ ކަމާލުއްދީން: އާދެ! މިތާ ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ޔަޤީންކަން އަރުވަން. ތިޔަ ދެއްވި ނަޞޭޙަތްޕުޅުން އަޅުގަނޑުމެން އަޑުއަހާނެ ކަމުގެ. އަދި އެހެން ދަންނަވާލުމާ އެކީގައި އަތޮޅުވެރިންގެ އަތްޕުޅަށް އަޅުގަނޑު މިފޯނު ޙަވާލުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ޝުކުރިއްޔާ.

އަތޮޅުވެރިޔާ
ޢަބްދުﷲ ސަޢީދު:
السّلام عليــكم ورحـمــة اللّـه، ޢަބްދުﷲ ސަޢީދު އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: وعليــكم السّلام ورحـمــة اللّـه وبـركاتـه.

ޢަބްދުﷲ ސަޢީދު: އަޅުގަނޑުވެސް ވަރަށް ބޮޑަށް އުފާވެއްޖެ އިނގޭތޯ! ޚާއްޞަކޮށް، ޢިއްޒަތްތެރި ރައީސާ ބައްދަލުކޮށް، އަޅުގަނޑުމެންނަށް އެއްޗެއް ދެންނެވުމުގެ ފުރްޞަތު މިވަގުތު ލިބުނީތީވެ.

ރައީސުލްޖުމްހޫރިއްޔާ: އާދެ!

ޢަބްދުﷲ ސަޢީދު: ހަމައެޔާއެކު، އަތޮޅުގެ ހުރިހާ ރައްޔިތުންގެ ފަރާތުން މަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް. އަދި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ތިޔަ ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތައް އަހައި، ޢަބްދުﷲ ސަޢީދަށާއި އަދި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.

ޢަބްދުﷲ ސަޢީދު: އަޅުގަނޑު މައިކު އަރުވާނަން އިނގޭތޯ. އަންހެނުންގެ ކޮމިޓީގެ ފަރާތުން ވާހަކަ ދައްކަވާ ބޭފުޅަކަށް.

ރައީސުލްޖުމްހޫރިއްޔާ: އާދެ!

ފަޒްނާ ޢަބްދުއްޞަމަދު: السّلام عليــكم.

ރައީސުލްޖުމްހޫރިއްޔާ: وعليــكم السّلام ورحـمــة اللّـه.

ފަޒްނާ ޢަބްދުއްޞަމަދު: އަޅުގަނޑު މިފުރްޞަތުގައި ވަރަށް އުފާވެއްޖެ. މަނިކުފާނާ ފޯނުން ނަމަވެސް ބައްދަލުކުރެވުނީމަ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! އަޅުގަނޑުވެސް ވަރަށް އުފާވެއްޖެ އިނގޭތޯ.

ފަޒްނާ ޢަބްދުއްޞަމަދު: އެހެނީ، މަނިކުފާނު އަޅުގަނޑުމެން އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުންނާވެސް އެއްސަފެއްގައި ހަމަހަމަކުރައްވާކަން އިނގޭތޯ. އެހެންވީމާ، މިފުރްޞަތުގައި، މަނިކުފާނު އަޅުގަނޑުމެންނާ ފޯނުން ނަމަވެސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވައިލެއްވުމުން، އަޅުގަނޑުމެންގެ ހުރިހާ އަންހެން ބޭފުޅުންގެ ފަރާތުންނާއި، އަދި އަޅުގަނޑުމެންގެ ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ފަރާތުން މަނިކުފާނަށް ވަރަށް ހޫނު ޝުކުރަކާއި ތަހުނިޔާ އަރިސް ކުރަން.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގައި މިކުރާ މަސައްކަތްތަކުގައި، އަޅުގަނޑުމެން އަންހެނުންނާއި ފިރިހެނުންނާ ތަފާތެއް ނުކުރަމު. ސަރުކާރުގެ ސިޔާސަތަކީވެސް ދެޖިންސުގެ ހަމަހަމަކަން ޤާއިމުކުރުން. އެހެންވީމާ، އަންހެން ބޭފުޅުންވެސް މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންދެއްވާކަން އެއީ، އަޅުގަނޑު ދެކޭގޮތުގައި މިކަން ކާމިޔާބުވުމުގެ ވަރަށްބޮޑު އަޞްލެއް. އެހެންވީމާ، ކޮލަމާފުށީގެ ހުރިހާ އަންހެން ބޭފުޅުންނަށް، އަދި ހުރިހާ ފިރިހެން ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވައި ތަހުނިޔާވެސް ދަންނަވަން.

ފަޒްނާ ޢަބްދުއްޞަމަދު: އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން އެއްސަފެއްގައި ހަމަހަމަކުރައްވާކަމީ، މަނިކުފާނު އަޅުގަނޑުމެން އަންހެން ބޭފުޅުންނަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ ފުރިހަމަ ދަލީލެކޭ. އެހެންވީމާ، އަދިވެސް އެއްފަހަރު އެކަމަށްޓަކައި މަނިކުފާނަށް ޝުކުރު ދަންނަވަން. ދެން އަޅުގަނޑުމެން ރެޔާއިދުވާލު ބޯ ވިއްސާރައިގައި، ރެޔާއިދުވާލު އެއްވެސް އަރާމެއްނެތި އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން މަސައްކަތް ކުރަމުން މިގެންދިޔައީ، މިދުވަހަށްޓަކައި، މިކަހަލަ ޤައުމީ މުނާސަބަތަކަށްޓަކައި. ހަމައެކަނި މަނިކުފާނު އަޅުގަނޑުމެންނާ މިރަށުން ބައްދަލުވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާއެކުގައޭ. އެހެން ނަމަވެސް، މަނިކުފާނު އަޅުގަނޑުމެންނާ މިދުވަހު ބައްދަލުނުކުރެއްވުނުކަމީ، އަޅުގަނޑުމެންގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުނިކަމެކޭ ދެންނެވޭނީ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! އިއްޔެ ޤާނޫނުއަސާސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަޅުގަނޑުމެން މިކީ މިހާރު މިފާސްވެފައި އޮތް ޤާނޫނުއަސާސީގެ ބައިތައް. އެއީ، 1998ވަނަ އަހަރު ފާސްވި ޤާނޫނުއަސާސީއެއް. އޭގައިވާ ބައިތައް އަޅުގަނޑުމެން މިކީ. އެއީ، ޤާނޫނުއަސާސީގައި މިވާ އުޞޫލުތަކަކީ، ދަމަހައްޓަން ބޭނުންވާ އަދި އެއަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭ އުޞޫލުތަކެއް ކަމަށްވާތީ. ދެން ކުރިއަށް އޮތް ތާނގައި ފާސްކުރެވޭ ޤާނޫނުއަސާސީގައިވެސް ހަމަ އެއުޞޫލުތައް މިހާރަށްވުރެވެސް ހަރުދަނާ ގޮތެއްގައި އޮންނާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

ދެން ފަހުން ތިޔަވިދާޅުވީ އަޅުގަނޑަށް ތިޔަރަށަށް ނުދެވުނު ކަމަށްޓަކައި، ތިޔަބޭފުޅުން ދެރަފުޅުވި ވާހަކަ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު އަދި މާބޮޑަށް ދެރަވީމޭ. އަޅުގަނޑަށް ހަމަ ދެވެންނެތީ މިފަހަރު. އެހެންވެގެން ނުދެވުނީ. ތިޔަބޭފުޅުންގެ ފަރާތްޕުޅުން ދަޢުވަތުވެސް އޮތީ ލިބިފައި. އެހެންވީމާ، އެކަން ތިޔަބޭފުޅުން އެގޮތަށް ދެކެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑު ނުދިޔަ ކަމުގައިވިޔަސް، ކުރިންވެސް ދެންނެވި ފަދައިން، ތިޔަބޭފުޅުން ތިޔަކުރެއްވި މަސައްކަތްޕުޅުތައް އަޅުގަނޑު ދުރުން ނަމަވެސް މިދަނީ ބަލަމުން. އަދި އޭގެ ޚަބަރުތައްވެސް އަހަމުން މިގެންދަނީ. އަޅުގަނޑު، ސީދާ މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނާ ގުޅައި ވާހަކަވެސް ދެއްކިން. އަދި އޭނާ ހުރިހާ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑަށް ވިދާޅުވެދެއްވި. އެހެންވީމާ، އެގޮތުން، އަޅުގަނޑަކީ ހަމަ ތިޔަބޭފުޅުންގެ އަރިހުގައި މިހާރު ހުރި މީހެއް ކަމުގައި ބައްލަވާށޭ މިދަންނަވާލަން ޖެހެނީ.

ފަޒްނާ ޢަބްދުއްޞަމަދު: އާދެ! އަޅުގަނޑުމެން އަދިވެސް އުންމީދު ކަނޑައެއްނުލަން އިނގޭތޯ. އަޅުގަނޑުމެންނަށް އަދިވެސް ހަމަ އިންތިޒާރު ކުރެވެނީ، މަނިކުފާނު މިރަށަށް ވަޑައިގަންނަވާފާނެ ކަމަށް. ފުރިހަމަ ޔަޤީންކަންވެސް އެބައޮތް އިނގޭތޯ. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ: އާދެ! އަޅުގަނޑު ހަމަ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ދާނަން އިނގޭތޯ. ޙަޤީޤަތުގައި ހަމަ މިއަދުވެސް ދެވޭތޯ މަސައްކަތްވެސް ކުރީމޭ. އިއްޔެ މިނިސްޓަރ މުޙަންމަދު ނަޝީދު އަޅުގަނޑަށް މެސެޖެއް ފޮނުއްވާފައި އޮތް. ތިޔަބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މިއަދުވެސް ހަމަ ކުޑަވަގުތުކޮޅަކަށް އަޅުގަނޑު ތިޔަރަށަށް ދިޔުމަށް. ދެން އަޅުގަނޑު ބެލިން ހުރިހާ ގޮތަކުންވެސް އެކަން ވާން އޮންނާނެތޯ. އެހެން ނަމަވެސް ދަންނަވަން ޖެހެނީ، އެހާ ކުރު ފުރްޞަތެއް ލިބުނީމާ، ކުޑަކުޑަ ފުރްޞަތެއް ލިބުނީމާ، ކަންތައްތައް ހަމަޖައްސައިލެވޭވަރެއް ނުވިއޭ. އެހެންވީމާ، މިއަދު އަޅުގަނޑަށް ތިޔަބޭފުޅުންނާ އެކުގައި ތިޔަތާ ހުރުމުގެ ފުރްޞަތު، އުފާ ނުލިބުނީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ހަމަ އަޅުގަނޑުގެ ޕްރޮގްރާމްގައި އޮންނާނެ، އިރާދަކުރެއްވިއްޔާ ކޮލަމާފުށްޓަށް ޒިޔާރަތެއް ކުރަން އިނގޭތޯ.

ފަޒްނާ ޢަބްދުއްޞަމަދު: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ޝުކުރިއްޔާ.

ނާޒިމް ޢަބްދުﷲ: السّلام عليــكم ورحـمــة اللّـه وبـركاتـه.

ރައީސުލްޖުމްހޫރިއްޔާ: وعليــكم الســّلام ورحـمــة اللّـه وبـركاتـه.

ނާޒިމް ޢަބްދުﷲ: ނާޒިމް. ރ.ކ. ކޮމިޓީގެ ނައިބު ރައީސް.

ރައީސުލްޖުމްހޫރިއްޔާ: އާދެ! މަރްޙަބާ އިނގޭތޯ.

ނާޒިމް ޢަބްދުﷲ: އާދެ! އަޅުގަނޑުމެން ޙަޤީޤަތުގައި، ކޮލަމާފުށީގެ ރައްޔިތުން މިއަދު ވަރަށް ބޮޑަށް އުފާވެފައި މިތިބީ، މަނިކުފާނާ ފޯނުގެ ޒަރީޢާއިންވެސް އަޅުގަނޑުމެންނަށް ގުޅާލާ ވާހަކަ ދައްކާލުމުގެ ފުރްޞަތު ލިބިގެންދިޔަކަމަށްޓަކައި. އެކަމަށްޓަކައި ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ނާޒިމް ޢަބްދުﷲ: އާދެ! އަޅުގަނޑު ދަންނަވާނީ، 26 ވަނަ މަސްވެރިންގެ ދުވަހަށްޓަކައި، އަޅުގަނޑުމެން ކޮލަމާފުށީގެ ރައްޔިތުން ވަރަށް ފޯރިއާއި ޖޯޝާ އެކީގައި ރަށް ތައްޔާރު ކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނޭ. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ޚިޔާލު ތަފާތުވުމެއްނެތި، ކުދިބޮޑު އެންމެން މަސައްކަތް ކުރަމުން ދިޔައީ، މަސްވެރިންގެ ދުވަހަކީ ކާމިޔާބު ދުވަހަކަށް ހެދުމަށްޓަކައި. އެގޮތުން ހަމަ ރަށުގެ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން މަސައްކަތްކުރީ. އަޅުގަނޑު މަނިކުފާނަށް ޔަޤީންކޮށް އަރުވަން ބޭނުންވޭ، އަޅުގަނޑުމެން މިފަދަ ޤައުމީ ކޮންމެ މަސައްކަތެއްގައި، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ނަމޫނާ ބަޔެއްގެ ގޮތުގައޭ. ކޮންމެ ކަމެއް އަޅުގަނޑުމެން ދައްކާނަން، ރާއްޖޭގެ އެހެން ރަށްރަށަށް، ނަމޫނާ ރަށެއްގެ ގޮތުގައި. އެކަން އަޅުގަނޑު މަނިކުފާނަށް ޔަޤީންކޮށް އަރުވަން. އަދި ހަމައެހެންމެ، މިކަންތައްތަކުގައި ކޮލަމާފުށީގެ ރައްޔިތުންނަކީ، ވަރަށް އެއްބާރުލުމާ އެކީގައި މަސައްކަތްކުރާ ބަޔެއް ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން ބޭނުންވޭ.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ހަމަ އަޅުގަނޑުވެސް ދެކޭގޮތުގައި، ތިޔަބޭފުޅުން ތިޔަދެއްކެވި އެއްބައިވަންތަކަމުގެ މިސާލަކީ، އަޅުގަނޑުމެން އެންމެންނަށް ހަމަ ރީތި ނަމޫނާއެއް. ޤައުމީ ކަންކަމުގައި ތިޔަކަހަލަ އެއްބާރުލުން ލިބުމަކީ، ވަރަށް މުހިންމު ކަމެއް. ހަމައެހެންމެ، އެހެން ކަންތައްތަކުގައިވެސް، އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންތައްތަކުގައިވެސް، އެހެން ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންނަކީ، ހަމަ އެކަކު އަނެކަކަށް ކަމޭހިތާ، އެއްބަޔަކު އަނެއްބަޔަކާ ގުޅޭ، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުވެފައިވާ ބަޔަކަށްވުމަކީ، ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް، އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމަކަށްވާތީ. މުސްލިމުންނަކީ އަޚުންތަކެއް ކަމުގައި މާތްﷲ ލައްވާފައިވާ ބަޔެއް. އެހެންވީމާ، ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، އޮންނަންޖެހޭނީ ހިތްހެޔޮކަމާއި، އެއްބާރުލުމާއި، އިޙްސާންތެރިކަން. އެއްބަނޑުއެއްބަފާކަން. އެހެންވީމާ، އެގޮތުގެ މަތިން މިކަންތައްތައް ކޮލަމާފުށީގެ ރައްޔިތުން ގެންދެވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ވާހަކަ އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވާލަން. އަދި ތިޔަރޫޙުގައި އަބަދުވެސް ދެމިތިއްބަވާށޭ ދަންނަވާލަން އަޅުގަނޑު ހަމަ ބޭނުންވޭ.

ނާޒިމް ޢަބްދުﷲ: އާދެ! އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން ކޮލަމާފުށީގެ ހުރިހާ ރައްޔިތުންގެ އުންމީދަކީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި މަނިކުފާނުގެ ފައިންޕުޅު އަޅުގަނޑުމެންނަށް ފެނުން. އަޅުގަނޑުމެން އެކަމަށް އެދޭ ވާހަކަ މިފުރްޞަތުގައި މަނިކުފާނު އަރިހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ. ކުރިންވެސް އަޅުގަނޑު ދެންމެ ފަޒްނާ އަރިހުވެސް ދެންނެވިން ތިޔަވާހަކަ. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ކޮލަމާފުށްޓަށް ޒިޔާރަތެއް ކުރާނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން.

ނާޒިމް ޢަބްދުﷲ: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ޝުކުރިއްޔާ.

އިބްރާހީމްދީދީ: السّلام عليــكم

ރައީސުލްޖުމްހޫރިއްޔާ: وعليــكم السّلام ورحـمــة اللّـه وبـركاتـه.

އިބްރާހީމްދީދީ: އިބްރާހީމްދީދީ އިނގޭތޯ. ޓާސްކްފޯސް ކޮމިޓީގެ ރައީސް.

ރައީސުލްޖުމްހޫރިއްޔާ: އާދެ!

އިބްރާހީމްދީދީ: އާދެ! މިފުރްޞަތު ދެއްވި ކަމަށްޓަކައި މަނިކުފާނަށް ކޮލަމާފުށީގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

އިބްރާހީމްދީދީ: އާދެ! އަޅުގަނޑުމެންނަށް މިފުރްޞަތު ލިބުނީ، މަސްވެރިންގެ ދުވަސް ކޮލަމާފުށީގައި ފާހަގަކުރާގޮތަށް ހަމަޖެހުމާ ގުޅިގެން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ، މިދުވަސް މިފާހަގަކުރާ ކޮލަމާފުށްޓަކީ، މިހާތަނަށް މިފަދަ ކަމެއް ބޭއްވޭ އެންމެ ފުރިހަމަ ރަށެއްގެ ގޮތުގައި ހެދުމަށްޓަކައި. އެމަޤްޞަދުގައި ރެޔާދުވާލު އަދި ވެހޭހާ ވާރެއެއްގައި، ރޭގަނޑު ނުނިދާ ތިބެ ރައްޔިތުން މަސައްކަތްކުރީ ވަރަށް ފުރިހަމަ ޖޯޝެއްގައި ތިބެގެން. ހަމައެހެންމެ ވަރަށް ފުރިހަމަކަމާއެކު އަޅުގަނޑުމެންގެ މަޤްޞަދު އަޅުގަނޑުމެންނަށް ޙާޞިލުވެއްޖެ. އަޅުގަނޑު ދަންނަވާނީ ކޮލަމާފުށީގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ލޮބުވެތި ރައްޔިތުންތަކެކޭ. އާދެ! މިކަމަށްޓަކައި ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހޭފަދަ އެހީތެރިކަމެއް ދެއްވާފައިވޭ. ޚާއްޞަކޮށް އަޅުގަނޑުމެންގެ އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުﷲ ޖާބިރު އަޅުގަނޑުމެންނަށް މިކަމަށްޓަކައި ވެދެއްވި އެހީއަކީ، އަޅުގަނޑުމެން މިފުރްޞަތުގައި ހަނދާންކުރަންޖެހޭނެ ކަމަކަށްވާތީ، މިވާހަކަ ދަންނަވާލަން. ހަމައެހެންމެ، ކޮލަމާފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން، އަޅުގަނޑުމެންނަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަންވެސް މިފުރްޞަތުގައި ފާހަގަކުރަން.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑަށް އެނގޭ، ކޮލަމާފުށީ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، ވަރަށް ފުރިހަމަކޮށްކަން ހުރިހާ ކަމެއް ރާއްވަވައި އިންތިޒާމު ކުރައްވައި އަދި ހިންގަވާފައި ތިޔަވަނީ. ވަރަށް ފުރިހަމަގޮތަކަށް ރަށް ތައްޔާރު ކުރައްވާފައި. އަދި މިދުވަހާ ގުޅޭގޮތުން ކުރެވުނު، އޭގައި ހިމެނިފައިވާ ޕްރޮގްރާމްގައި ހިމެނިފައިވާ ހުރިހާ ކަންތައްތަކަކަށް ރައްޔިތުން ވަރަށްބޮޑު އެއްބާރުލުމެއް ދެއްވައިގެން ތިޔައޮތީ ތައްޔާރުކުރައްވާފައި. ތިޔަވިދާޅުވިހެން ވަރަށް ވިއްސާރަ ދުވަސްވަރަކާ މިދިމާވީ. އެ ވެހޭ ބޯވާރޭގެ ތެރޭގައިވެސް އަދި ކޮންމެ ގޮތަކަށް މޫސުމް އޮތް ކަމުގައިވިޔަސް، ތިޔަބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތް ތިޔަކޮށްދެއްވީ. ދެން ތިޔަވިދާޅުވިހެން ތިޔަކަމުގައި ބައިވެރިވެވަޑައިގެންނެވި ނުވަތަ އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ތިޔަވިދާޅުވީ ތިޔައަތޮޅުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު އެހީތެރިވެދެއްވި ވާހަކަ. އެހެންވީމާ، އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭނާ ފިޔަވައިވެސް ތިޔަކަންތަކުގައި ބައިވެރިވެވަޑައިގެންދެއްވައި އެހީތެރިކަން ވެދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އިބްރާހީމްދީދީ: އާދެ! އަދި އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންވެސް ބޭނުންފުޅުވަނީ ކޮލަމާފުށްޓަށް މަނިކުފާނު އެއްދުވަހަށް ނަމަވެސް ވަޑައިގަތުން ވަރަށް ކައިރި މުސްތަޤްބަލެއްގައި. އެހެންވީމާ، މިއީ އަޅުގަނޑުމެން އެދޭ ވަރަށްބޮޑު އެދުމެއް. އެހެންވީމާ، މަނިކުފާނަށް މިވާހަކަވެސް ދަންނަވާލަން.

ރައީސުލްޖުމްހޫރިއްޔާ: އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ. ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންނަށްވެސް ހަމަ ދެންނެވި ފަދައިން، އަޅުގަނޑު އިބްރާހީމްދީދީ އަރިހުވެސް ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ ހަމަ މާލަހެއްނުވެ ކޮލަމާފުށްޓަށް ޒިޔާރަތެއް ކުރާނަމޭ އިނގޭތޯ.

އިބްރާހީމްދީދީ: އާދެ! ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ.

ޢަބްދުﷲ ކަމާލުއްދީން: ޢަބްދުﷲ އިނގޭތޯ. މިހާރު ދެން މިތަނަށް ވަޑައިގެން ތިއްބެވި ގާތްގަނޑަކަށް ވަރަށްގިނަ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަފުޅު ދައްކަވަން އުޅުއްވި ހުރިހާ ބޭފުޅުން ވާހަކަފުޅު ދައްކަވައި ނިމުނީ. އެހެންވީމާ، އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން. ރައީސް ފޯނުކޮށްލެއްވިކަން އެއީ، އަޅުގަނޑުމެން ހުރިހާ އެންމެންގެ ހިތްތަކަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ލިބުނު ކަމެއް. އަޅުގަނޑުމެން މިރަށުގެ ރައްޔިތުން ކުރެއްވި ވަރަށްބޮޑު ޤައުމީ މަސައްކަތެއް. އަޅުގަނޑު ކުރިން ދަންނަވާލިހެން އެބޭފުޅުންގެ މެދުގައި ހުރި ޚިލާފުތައް ފިލުވައިލައްވައިގެން، އެކަން ހަނދުމަފުޅު ނައްތަވައިލައްވާފައި، ސަރުކާރާ އެކީގައި ކުރެއްވި ވަރަށް މުހިންމު މަސައްކަތްޕުޅެއް މިއީ. އެހެންވީމާ، އެވާހަކަތައް ދަންނަވާލީ އަޅުގަނޑު.

ރައީސުލްޖުމްހޫރިއްޔާ: ވަރަށް ބޮޑަށް ޝުކުރިއްޔާ. ޢަބްދުﷲ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވައިފި. މަސްވެރިންގެ ދުވަސް ކޮލަމާފުށީގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށްޓަކައި. އެހެންވީމާ، މިނިސްޓަރުގެ ޙައިޘިއްޔަތުން ޢަބްދުﷲ އާއި އަދި ތިޔަމިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނަށް، ތިޔަކުރެއްވި މަސައްކަތަށާއި އަދި އަތޮޅުވެރިންނާއި ކޮލަމާފުށީގެ ވެރިންނާއި ރައްޔިތުންނާއި، މަސްވެރިންނާއި، އަދި އަންހެން ފިރިހެން ކުދިބޮޑު އެންމެން ތިޔަކުރެއްވި ހުރިހާ މަސައްކަތަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، އެއްބައިވަންތަކަމާއި ހަމަޖެހުމާ އެކީގައި ދެވޭތޯ ބެލުމަކީ، ވަރަށް މުހިންމު ކަމެއް. މިކަންވެސް މިއޮތީ ތިޔަބޭފުޅުން ދައްކަވައިދެއްވާފައި. އެކަމުގެ ވަރަށްރީތި ނަމޫނާއެއް ދައްކަވައިދެއްވާފައި. އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރީތި މިސާލެއް ދައްކަވައިދެއްވާފައި ތިޔަވަނީ. އެހެންވީމާ، ރަށުގެ ހުރިހާ ބޭފުޅުންނަށާއި، އަތޮޅުގެ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު އެކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި ތިޔަ ގޮތުގެ މަތިން ހަމަ ތިއްބަވައިގެން، ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންގޮސްދެއްވާށޭ ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހެންވީމާ، އަދިވެސް އެއްފަހަރު މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ކޮލަމާފުށީގެ ލޮބުވެތި ރައްޔިތުންނަށާއި، އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް، އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ޢަބްދުﷲ ކަމާލުއްދީން: ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަދަބު އިޙްތިރާމް.

ރައީސުލްޖުމްހޫރިއްޔާ: ޝުކުރިއްޔާ އިނގޭތޯ. السّلام عليــكم

ޢަބްދުﷲ ކަމާލުއްދީން: وعليــكم السّلام ورحـمــة اللّـه.