بسـم اللّه الرّحـمٰـن الرّحـيـم

ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުވެސް މިއަދު ވަރަށް އުފާކުރަން. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އެޅިފައިމިވާ ސަބްމެރިން ކޭބަލް އިފްތިތާޙު ކުރެވޭތީ. އަޅުގަނޑު ދެކޭގޮތުގައި އެއީ، ރާއްޖޭގެ މުވާޞަލާތީ ޚިދްމަތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް. އޭގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ވިޔަފާރިއާއި އިޤްތިޞާދަށްވެސް ވަރަށްބޮޑު ކުރިއެރުން ލިބިގެންދާނެ.

އެހެންވީމާ، މިކަމުގައި އުޅުއްވި ހުރިހާ ފަރާތްތަކަކަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިއަދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ދެން، މިމަސައްކަތުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ދިރާގުގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޝާފިޢާއި، ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިސްމާޢީލް ވަޙީދާއި، ދިރާގުގެ ބޯޑު މެންބަރުންނާއި، އަދި ދިރާގުގެ ޓެކްނިކަލް ސްޓާފުންނާއި، މިހުރިހާ ބޭފުޅުން ކޮށްދެއްވި މަސައްކަތްތަކަށްޓަކައި، އެބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ސްރީލަންކާ ޓެލެކޮމާއި އަޅުގަނޑުމެންނާ ގުޅުނީމާ، ސްރީލަންކާ ޓެލެކޮމްގެ ހިންގުންތެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން. އަދި މިމަސައްކަތް ކޮށްދެއްވީ، ޖަޕާނުގެ އެން.އީ.ސީ ކުންފުނިން ކަމަށްވާތީ، އެކުންފުނީގެ މެނޭޖްމަންޓަށާއި ސްޓާފުންނަށްވެސް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.