بسـم اللّه الرّحـمٰـن الرّحـيـم

اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ! މިރޭ އަޅުގަނޑާއި ނަސްރީނާ ދަންނަވާލި ދަންނަވާލުމަކަށް، ތިޔަ ހުރިހާ ބޭފުޅުން މިތަނަށް ވަޑައިގެންދެއްވި ކަމަށްޓަކައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، ހުރިހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ޚާއްޞަކޮށް، އަޅުގަނޑުމެންނާއެކު ވަޑައިގެން މިތާނގައި މިތިއްބެވި މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް އަލްފާޟިލް ޙުސައިން ޝިހާބަށާއި، އަދި މިތާ ވަޑައިގެން ތިއްބެވި ދިވެހިރާއްޖޭގެ އަޑުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށާއި އަދި ޓެލެވިޜަން މޯލްޑިވްސްގެ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ޝުކުރު ދަންނަވައި މަރްޙަބާ ދަންނަވަން. ހަމަ އެއާއެކީގައި، އަތޮޅުތަކުގެ ސްކޫލްތަކުގެ ލަވަ މުބާރާތުގެ ބައިވެރިންނަށާއި، އެބައިވެރިންނާ އެކީގައި މާލެއަށް ވަޑައިގެންނެވި އެ ސްކޫލްތަކުގެ އޮފިޝަލުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން.

އާދެ! މިރޭގެ މިބައްދަލުކޮށްލުމަކީ، މިފަހަރުގެ އަތޮޅުތަކުގެ މަދަރުސާތަކުގެ ލަވަކިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް، މާލެ އައިސް ތިބި އަތޮޅުތަކުގެ ސްކޫލް، މަދަރުސާ، ތަޢުލީމީ މަރްކަޒުތަކުގެ ދަރިވަރުންނަށް މަރްޙަބާ ކިޔައި، އެކުދިންނާ ބައްދަލުކޮށްލުމަށް ބޭއްވި ބައްދަލުކޮށްލުމެއް. މިއީ، މިރޭ ނަސްރީނާއަށާއި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ސްކޫލް ކުދިންގެ ލަވަ މުބާރާތަކީ، ވަރަށްގިނަ ބަޔަކު، ވަރަށް ޝައުޤުވެރިކަމާއެކު، ބަލަމުންގެންދާ، އަޑުއަހަމުންގެންދާ މުބާރާތެއް. އޭގެ ދެބައެއް ހިމެނޭ. އެއްބަޔަކީ މާލޭ ސްކޫލް މަދަރުސާތަކުގެ މެދުގައި ބޭއްވޭ މުބާރާތް. އެކަން އިންތިޒާމު ކުރައްވައި ރާއްވަވައި ހިންގަވަމުން ގެންދަވަނީ، ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުން. އަނެއް މުބާރާތަކީ، އަތޮޅުތަކުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ ލަވަ މުބާރާތް. މި މުބާރާތް ރާއްވަވައި އިންތިޒާމު ކުރައްވާ ފަރާތަކީ، ދިވެހިރާއްޖޭގެ އަޑު. އެހެން ނަމަވެސް، މިދެމުބާރާތަކީވެސް މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދަވާ ދެމުބާރާތް. އަދި ވަރަށް ކާމިޔާބުކަމާއެކު މިވޭތުވެދިޔަ އަހަރުތަކުގައި ހިންގަވާފައިވާ ދެމުބާރާތް.

އެހެންވީމާ، މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިދެމުބާރާތްވެސް ފެށިގެން އައީ، މިނިސްޓަރ އޮފް އިންފޮމޭޝަންގެ މަޤާމުގައި އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކު ހުންނެވި ދުވަސްވަރު ކަމަށްވާތީ، އަދި އެންމެ ގިނަ ދުވަސް ވަންދެން މިދެމުބާރާތް ހިންގަވައިދެއްވީ، އޭނާ ކަމަށްވާތީ، އޭނާއަށް މިރޭ އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކީގައި، އަލްފާޟިލް އަޙްމަދު ޢަބްދުﷲގެ ބެއްލެވުމުގެ ދަށުންވެސް އެއްއަހަރަކު މިދެމުބާރާތް ބޭއްވިއްޖެ. އެހެންވީމާ، އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިމުބާރާތް މިހާރު ބޭއްވެމުން މިދަނީ، މިހާރުގެ މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ނަޝީދުގެ ބެއްލެވުމުގެ ދަށުން ކަމަށްވާތީ، އޭނާއަށްވެސް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ދަރިވަރުންނަކީ، ގިނަގޮތްގޮތުން ވަރަށްގިނަ ހުނަރުތަކެއް ލިބިފައިވާ ބަޔެއް. ދަރިވަރުން ތަޢުލީމު ޙާޞިލު ކުރަމުން ގެންދާއިރު، އެކުދިންގެ ނަތީޖާތަކުންވެސް އަޅުގަނޑުމެންނަށް އެކަން ފެނިގެންދޭ. ހަމަ އެއާއެކީގައި، ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދިވެހި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނަ ގޮތުންވެސް، ވަރަށްގިނަފަހަރަށް އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ޚަބަރުތަކެއް ލިބޭ. ވަރަށް ބޮޑެތި ފަޚުރުތަކެއް ކުދިން ހާސިލުކުރޭ. އެއީ، ދިވެހިރާއްޖޭގެ ކުދިން، ރާއްޖެއިން ބޭރުގެ އެކިކޯސްތަކުގައި މަތީ ވަނަތައް ހޯދާތީ.

މީގެއިތުރުން، އެކިއެކި ހުނަރުތަކާއި ފަންނުތަކުގައިވެސް ދިވެހިންނަކީ ހަމަ ހުނަރުވެރި ބަޔެކޭ ދަންނަވަންޖެހޭ. އޭގެތެރޭގައި، މިޔުޒިކާއި ލަވައިގެ ދާއިރާ ހިމެނޭ. ހަމައެހެންމެ، ކުރެހުމާއި އަދި އެނޫންވެސް ފަންނީ އެކިއެކި ހުނަރުތައް ހިމެނޭ. މިހުރިހާ ގޮތަކުން ބަލާއިރުވެސް، އަޅުގަނޑުމެންނަކީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެކަށީގެންވާ ޤުދުރަތީ ހުނަރުތަކެއް ލިބިފައިވާ ބަޔެކޭ އަޅުގަނޑު މިދަންނަވަނީ ވަރަށްބޮޑު އުފަލަކާއެކު. އަޅުގަނޑުމެންގެ ވާޖިބަކަށްވާނީ، އެހުނަރުތައް ތަރައްޤީކުރުން. ޤުދުރަތީ ގޮތުން ލިބިފައިވާ ހުނަރެއްވެސް އޭގެ ޒާތުގައި އެއީ ކިތަންމެ ފެންވަރު ރަނގަޅު ހުނަރަކަށްވިޔަސް، އެކަން އަޅުގަނޑުމެން އެބަޖެހޭ ތަރައްޤީ ކުރަން. ކޮންމެ ހުނަރެއްވެސް އޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށް ދަސްކުރަން. ދަސްކޮށްގެން އެކަން ކުރިއަށް ގެންދަން.

އަދި މިފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ މިފަދަ ހުނަރުތައް ތަރައްޤީ ކުރުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް ވާދަވެރި މުބާރާތްތަކެއްގައި ބައިވެރިވެ، މަތީ ވަނަތަކެއް ޙާޞިލު ކުރުން ކަމުގައި ވެގެނެއްނުވާނެއޭ. އެއީ، އަޅުގަނޑުމެންގެ އަމިއްލަ އުފަލަށްޓަކައި. އަޅުގަނޑުމެންގެ އަމިއްލަ ކުރިއެރުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައޭ އަޅުގަނޑުމެން ދެކެންވާނީ. އިމްތިޙާނުން ފާސްވުން އެއީވެސް ހަމަ އެކަހަލަ ކަމެއް. ކޮންމެހެން އޭގެ މާނައަކީ، ހުރިހާ ކުދިންގެ މެދުގައި ވާދަކޮށްގެން، ވަކި ކުދިބަޔަކު މޮޅު ކުދިން ކަމުގައި، އެނޫން ކުދިންނަކީ، އެއަށްވުރެ ދެރަ ފެންވަރު ކުދިން ކަމުގައި ބެލުމެއް ނޫން. އެއީ، އެކަން އޮންނަންވީ ގޮތެއް ނޫން. އެހެންވީމާ، ލަވަ މުބާރާތެއް ބާއްވާއިރުވެސް ކޮންމެހެން އޭގެ ބޭނުމަކީ، މޮޅު ކުދިންތަކެއް ހޮވާލާފައި، އެކުދިންނަށް އިނާމު ދިނުން ކަމުގައި ބަލައިގެން ނުވާނެ. ހުރިހާ ކުދިންނަށްވެސް ފުރްޞަތުދީ، ހުރިހާ ކުދިންވެސް އުފަލުގައި އެކަމުގައި ބައިވެރިވުން، އެއީ އޭގެ މަޤްޞަދަކަށްވާންޖެހޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ހުނަރުތައް ތަރައްޤީ ކުރުމުގެ ބޭނުމަކަށްވެސް ވާންޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ތަރައްޤީ ކުރުން. އަދި އަޅުގަނޑުމެންގެ އެ ހުނަރު ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ލިބޭ އިތުރު ކުރިއެރުމަކާއި ފަސޭހައަކާއި އުފަލަކަށްވާތީ، އެކަން އެގޮތުގައި ކުރުމަކީ، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ.

އާދެ! މިރޭ ދެން މާދިގު ވާހަކައެއް އަޅުގަނޑު ދައްކާކަށް ޤަޞްދެއްނުކުރަން. މިތާނގައި ހަމައެކަނި މިތިބީ ވަރަށް ޅަޢުމުރުގެ ކިޔަވާ ކުދިން ކަމަށްވާތީ، ކިޔަވާ ކުދިންނަށް ނަސޭހަތުގެ ގޮތުން އަޅުގަނޑު ހަމަ ދެތިން ބަހެއް ބުނެލާނަމޭ ހިތަށްއަރާ.

އާދެ! އޭގެތެރެއިން އެއްވާހަކައަކީ، ތިޔައިން ކޮންމެ ކުއްޖަކުވެސް ރަނގަޅަށް ކިޔެވޭތޯ މަސައްކަތް ކުރާށޭ. ތިޔައިން ކޮންމެ ކުއްޖަކަށްވެސް ލިބިފައިވާ ފުރްޞަތުގެ ބޭނުން ފުރިހަމައަށް ކުރެވޭތޯ ބަލާށޭ. ތަޢުލީމުގެ މައިދާނުގައި ކުރިޔަށް ދިޔުމުން، ތިޔަ ކުދިންނަށް އިތުރު އުފާވެރިކަމާއި ހަމަޖެހުމާއި ބާއްޖަވެރިކަން ލިބޭނެކަން ހަނދާންކުރާށޭ.

ދެން ބުނަން އޮތް ވާހަކައަކީ، ތިޔަ ހުރިހާ ކުދިންނަކީވެސް ވަރަށް އަޚްލާޤު ރަނގަޅު ކުދިން ކަމުގައިވުމަށް މަސައްކަތް ކުރާށޭ. އަޚްލާޤަކީ އެއާނުލައި އަޅުގަނޑުމެންނަށް ނޫޅެވޭނެ އެއްޗެއް. މީހާގެ ޤަދަރާއި އަގު، މުޖުތަމަޢުގައި މައްޗަށްދަނީ، އެމީހެއްގައި ހުންނަ ރީތި ސިފަތަކެއްގެ ސަބަބުން. އެހެންވީމާ، ތިޔައިން ކޮންމެ ކުއްޖަކީވެސް ވަރަށް އަޚްލާޤު ރަނގަޅު، ބަސްއަހާ، އެހެން މީހުންނަށް ކަމޭހިތާ، އެކުއްޖެއްގެ ޙަޔާތުގައި ވީހާ ރަނގަޅަކަށް އުޅެވޭ ކުއްޖެއް ކަމުގައި ބަލާށޭ.

އާދެ! އަޅުގަނޑުގެ ތިންވަނަ ނަސޭހަތަކީ، ތިޔަކުދިންގެ ތިޔަ ޅަޢުމުރުގައި އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް، ފަހުން ތިޔަކުދިން ދެރަވާނެ އެއްވެސް ކަމެއް ނުކުރާށޭ. ތިޔަކުދިންނަކީ ތިޔަކުދިންގެ ދިރިއުޅުމުގެ ކަންތައްތައް އަމިއްލައަށް ބަލަހައްޓާ ބަޔަކު ކަމުގައިވާށޭ. ތިމާއަށް މިހާރު ނުވަތަ މުސްތަޤްބަލުގެ އަހަރުތަކުގައި ކުރެވޭ ކަމެއްގެ ސަބަބުން ފަހުން ހިތާމަކުރާ ބަޔަކު ކަމުގައި ނުވާށޭ. މިއީ ވަރަށް މުހިންމު ކަމެއް. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ހުރިހާ ކަމެއްވެސް އަމިއްލަ ބެލުމުގެ ދަށުގައި ގެންގުޅުން. އެކުއްޖެއްގެ މައިންބަފައިންނާއި، ބެލެނިވެރިންނާއި، ޢާއިލާގެ ބޮޑެތި މީހުންދޭ ނަސޭހަތާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ރަނގަޅު ކުދިން ކަމުގައިވެގެން، އެއްވެސްކަހަލަ ނުބައި މަގަކުން އަމިއްލައަށް ހިނގައިނުގަނެވޭތޯ ބެލުމަކީ، ހަމަ ކޮންމެ ކުއްޖެއްގެވެސް ވަރަށްބޮޑު ވާޖިބެއް. ނުބައި ގޯޅިއެއް އެޅިއްޖިއްޔާ ފަހުން ވަރަށްބޮޑު ހިތާމައެއް ކުރަންޖެހޭނެ. އެހެންވީމާ، އެހެންވިޔަނުދީ ކޮންމެ ކުއްޖަކީވެސް، އެކުއްޖެއްގެ އަމިއްލަ ޙަޔާތުގެ ކޮންޓްރޯލް، އެކުއްޖެއްގެ އަތްމަތީގައި އޮންނަ ކުއްޖަކަށްވާށޭ. މިހާރު ކުރާ ކަމަކުން ފަހުން ދެރަވާގޮތަށް އެއްވެސް ކަމެއް ނުކުރާށޭ.

އާދެ! މިދެތިންބަހާ އެކީގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ކުދިންނަށާއި، އަދި ތިޔަކުދިންނާއެކީ ވަޑައިގެންނެވި އޮފިޝަލުންނަށާއި، އަދި ތިޔަކުދިންގެ ކަންތައްތައް ތަރައްޤީ ކުރައްވައި ބަލަހައްޓަވަން ތިއްބެވި ވަޒީރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިތަނަށް ވަޑައިގެން ތިއްބެވި ވަޒީރުންނަކީ، ތިޔަކުދިންނާބެހޭ ތަފާތު ކަންތައްތަކުގައި ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް އުފުއްލަވާ، ވަރަށް މުހިންމު ވާޖިބުތަކެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އެއިން ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ފުރިހަމަ ވަގުތާއި ވިސްނުންފުޅާއި، ހުރިހާ ފިކުރެއް އެއޮތީ، އެބޭފުޅެއްގެ ދާއިރާ ތަރައްޤީ ކުރައްވައި، ދިވެހި ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއަކާއި ހަމަޖެހުމެއް ހޯއްދަވައިދެއްވޭތޯ މަސައްކަތް ކުރެއްވުމުގައި. އެބޭފުޅުންގެ ހުރިހާ ވަގުތެއްވެސް ހޭދަކުރައްވަނީ މިކަމުގައި.

އެހެންވީމާ، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، ތިޔަކުދިންނަށް އުފާވެރި ދުވަސްތަކަކަށް އެދެމުން، އަދި މާލޭގައި ތިޔަތިބޭ ތިބުމަކީ، އުފާވެރި ތިބުމަކަށްވުމަށް އެދެމުން، އަދި ސަލާމަތް ދަތުރަކަށްފަހުގައި ތިޔަކުދިން އެނބުރި ތިޔަކުދިންގެ އަމިއްލަ ރަށްރަށަށް ގޮސް، ތިޔަކުދިންގެ މައިންބަފައިންނާއި ޢާއިލާއާ އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް މިންވަރު ކުރެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.