بسـم اللّه الرّحـمٰـن الرّحـيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ ލޮބުވެތި ރަށް، ތޮއްޑުއަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުاللّه ޚަލީލާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ތޮއްޑޫގެ ވެރިންނާއި، މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، ތޮއްޑޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިއަދު ތޮއްޑުއަށް މިއައީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރާ ދުވަހުގެ ގޮތުގައި މިއަދު ހަމަޖެހިފައިވާތީއާއި، އެކަމާބެހޭ ރަސްމީ ޖަލްސާ މިއަދު މިރަށުގައި ބޭއްވޭތީ، އެޖަލްސާގައި ބައިވެރިވުމަށްޓަކައި.

އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ، މިއަދެއް ނޫން. ކާބޯތަކެތީގެ ދުވަސް ރާއްޖޭގައި މިއަހަރު ފާހަގަކުރުމުގެ ރަސްމީ އިޙްތިފާލު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ، މިދިޔަ މަހުގެ ތެރޭގައި. ހަނދާންވާ ގޮތުގައި މިޖަލްސާ ބޭއްވުމަށް ކުރިން ރޭވިފައި އޮތީ، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު. އެހެން ނަމަވެސް، އެދުވަހު ދިމާވި ތަފާތު ސަބަބުތަކާހުރެ ޖަލްސާ ބޭއްވޭގޮތްނުވީ. އަދި އަޅުގަނޑަށްވެސް މިރަށަށް ޒިޔާރަތް ކުރެވޭގޮތްނުވީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ދެރަވާ ވާހަކަ ދަންނަވާލަން. އަދި ތިޔަބޭފުޅުން ވަރަށް ބޮޑަށް ރަށް ތައްޔާރު ކުރައްވާފައި އޮތުމާއެކުވެސް، އަދި ރަށުގެ ހުރިހާ އިންތިޒާމުތަކެއް ވަރަށް ފުރިހަމަގޮތެއްގައި ހަމަޖައްސަވާފައި އޮތް ކަމުގައިވިޔަސް، އެދުވަހު އެޖަލްސާ ނުބޭއްވުނު ކަމަށްޓަކައި އަދި އަޅުގަނޑަށް މިރަށަށް އެދުވަހު ޒިޔާރަތް ނުކުރެވުނު ކަމަށްޓަކައި، ވަރަށް ބޮޑަށް ދެރަވާ ވާހަކަ ދަންނަވާލަން. އެހެން ނަމަވެސް، މާތް اللّه ގެ ހެޔޮ ރަޙްމަތްފުޅާއި ވާގިފުޅާއެކީގައި، މިއަދު މިއޮތީ އަޅުގަނޑުމެންނަށް ޖަލްސާ ބޭއްވިފައި. އަދި މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ އިޙްތިފާލުތައް ތޮއްޑޫގައި މިހާރު މިދަނީ ބޭއްވެމުން. އަދި މިކަމަށްޓަކައި އަޅުގަނޑުވެސް މިރަށަށް އައުމުގެ ފުރްޞަތު މާތްﷲ ތަނަވަސްކޮށްދެއްވުމާއެކީ މިހިރީ އައިސް.

އާދެ! މިއަދަކީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރާއްޖޭގައި ރަސްމީގޮތުން ފާހަގަކުރާ ދުވަސް ކަމަށްވާތީ، މިއުފާވެރި މުނާސަބަތުގެ ތަހުނިޔާ، ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށް އަޅުގަނޑު ދަންނަވަން. ހަމައެހެންމެ، ރާއްޖޭގެ އެކިރަށްރަށުގައި ދަނޑުވެރިކަން ކުރައްވާ ހުރިހާ ފަރާތްތަކަށާއި، ދަނޑުވެރިކަމުގެ ވިޔަފާރި ކުރައްވާ ހުރިހާ ފަރާތްތަކަށްވެސް މިއަދުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށްޓަކައި، ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޢަބްދުاللّه ކަމާލުއްދީނަށާއި، އެމިނިސްޓްރީގެ އެންމެހާ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު ދަންނަވަން.

އާދެ! ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް މިއަހަރު ރާއްޖޭގައި މިފާހަގަކުރާ ރަށަކީ، ރާއްޖޭގައި ދަނޑުވެރިކަމުގެ ރޮނގުން ވަރަށް މަޝްހޫރު ރަށެއް. މިރަށުގެ ނަން އިވުމުން، ހަމަ ކޮންމެ މީހަކަށްވެސް، ކޮންމެ ދިވެއްސަކަށްވެސް އެކަން އެނގޭނެ. ތޮއްޑޫއޭ ބުނީމާ އެއީ ދަނޑުވެރިކަން ކުރާ ރަށް ކަމާއި، ދަނޑުވެރިކަމުގެ ތަފާތު އުފެއްދުންތައް ތޮއްޑޫން މާލެއަށާއި އެހެން ރަށްރަށަށް ގެންދާކަމާއި، މިކަންކަން އެއީ ރާއްޖޭގެ އެންމެން ދަންނަ މަޝްހޫރު ކަމެއް. އެހެންކަމުން، މިރަށުގައި މިއަހަރުގެ މިދުވަސް ފާހަގަކުރާ ކުރުން އަޅުގަނޑު ދެކެނީ، އެއީ ވަރަށް މުނާސިބު ކަމެއްގެ ގޮތުގައި ހަމަޖެހިގެންދިޔަ ކަމެއް ކަމުގައި.

މިރަށަކީ ޙަޤީޤަތުގައި ދަނޑުވެރިކަމުގެ ރޮނގުން ވަރަށްގިނަ ކާމިޔާބީތަކެއް ޙާޞިލު ކޮށްފައިވާ ރަށެއް. މިރަށުގެ ހީވާގި ދަނޑުވެރިން ވަރަށްގިނަ ކުރިއެރުންތަކެއް ހޯއްދަވާފައިވާ ރަށެއް. މިގޮތުން، ދަނޑުވެރިކަމުގެ ދާއިރާއިން ޢާންމު ޚިދްމަތުގެ ޝަރަފްވެރި ކަމުގެ އިނާމު މިދިޔަ އަހަރު މިރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށްވަނީ ލިބިފައި. އެކަމަށްޓަކައި، މިރަށުގެ ރަށްކުރިއަރުވާ ކޮމިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އާދެ! މިރަށުގައި ދަނޑުވެރިކަން ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށްޓަކައި، އެކޮމިޓީގެ ފަރާތުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރަމުން، އެކޮމިޓީއަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން. މީގެއިތުރުން، ތޮއްޑޫގެ ހީވާގި ދަނޑުވެރިންނަކީ، މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ކަމަށްވާތީ، ތޮއްޑޫގެ ހީވާގި ދަނޑުވެރިންނަށްވެސް ޝުކުރު ދަންނަވައި، ދުވަހުގެ ތަހުނިޔާ އަދާކުރަން.

ހަމައެޔާއެކު، ރާއްޖޭގެ ދަނޑުވެރިކަމުގެ ފައިދާ ވީހާވެސް ގިނަބަޔަކަށް ލިބޭގޮތަށް ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި، މިނިސްޓަރ ޢަބްދުاللّه ކަމާލުއްދީނަށާއި، އެމިނިސްޓްރީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދުގެ މިއުފާވެރި ޖަލްސާގައި، ދަނޑުވެރިކަމާ ގުޅޭ ވަރަށް މުހިންމު އިނާމުތަކެއް ލިބިގެން ހިނގައްޖެ. އޭގެ ޙައްޤުވެރި ފަރާތްތަކުން އިނާމުތައް ޙާޞިލު ކުރައްވައިފި. އެހެންކަމުން، ދަނޑުވެރިކަމުގެ ރޮނގުން ފާހަގަކުރެވޭ ރަށަކަށް ހޮވިގެން މިއަދު ތަށްޓާއި އިނާމު ޙާޞިލުކުރި ކޮޅުމަޑުލު ކަނޑޫދުއަށާއި، ޝަހީދު ޙުސައިން ޢަބްދުއްރަޙްމާންގެ ހަނދާނީ އިނާމު ޙާޞިލު ކުރެއްވި ށ.ފީވަކު ހިތަށްފިނިވާގޭ އަލްފާޟިލް ޢަބްދުއްރަޙްމާން ޙަސަނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. ހަމައެހެންމެ، މިދެންނެވި ދެރަށުގެ ރައްޔިތުން، ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި މިކުރައްވާ މަސައްކަތްތަކަށްޓަކައި، އެ ދެރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވައި ތަހުނިޔާ އަދާކުރަން.

އާދެ! އަޅުގަނޑުގެ ކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް އަޅުގަނޑާ ބެހޭގޮތުން ވަރަށް ހިތްޕުޅު ހެޔޮ ޝުޢޫރުތަކެއް ފާޅުކުރައްވައިފި. އެންމެ ފުރަތަމަ މިއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުاللّه ޚަލީލް. އަލްފާޟިލް ޢަބްދުاللّه ޚަލީލަކީ، ވަރަށް މަޝްހޫރު ދަނޑުވެރިއެއްގެ ދަރިކަލެއް. އެހެންވީމާ، ދަނޑުވެރިކަމަށް އޭނާ ދެއްވާ އަހަންމިއްޔަތަކީ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެކަމާ ދޭތެރޭގައި ޙައިރާންވާންވީ ކަމެއް ނޫން. އޭނާގެ ބަފާކަލުން ފ. ނިލަންދޫ އަލްފާޟިލް މޫސާ އަޙްމަދަކީ، ދަނޑުވެރިކަމުގެ ރޮނގުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް، މީގެކުރިން ކުރައްވާފައިވާ ބޭފުޅެއް. އަދި އޭނާއާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. އެހެންވީމާ، އޭނާގެ ދަރިކަލަކު މިއަތޮޅުގެ އަތޮޅުވެރިކަމުގައި ހުންނަވައިގެން، މިއަތޮޅުގެ ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާތީ، އެކަމާ ވަރަށް ބޮޑަށް އުފާކުރާ ވާހަކަ ދަންނަވައި، އޭނާއަށް ޝުކުރު ދަންނަވަން.

އޭގެއިތުރުން، މިނިސްޓަރ ޢަބްދުاللّه ކަމާލުއްދީންގެ ވާހަކަފުޅުގައިވެސް އަޅުގަނޑާ ބެހޭގޮތުން ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ވަނީ ފާޅުކުރައްވާފައި. ރާއްޖޭގެ ދަނޑުވެރިކަން އެއީ ކުރެވޭނެ މަސައްކަތެއް ނޫން ކަމެއްގެ ގޮތުގައި ބަޔަކަށް ޤަބޫލުކުރެވިފައި އޮއްވައި، އަޅުގަނޑު ރައީސްކަމަށް އިންތިޚާބުވިފަހުން، މީގެ 28 އަހަރު ކުރިއްސުރެ ފެށިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރެވޭތޯ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުން އައި ވާހަކަ އެމަނިކުފާނު ވިދާޅުވެއްޖެ. އަދި އޭގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ދަނޑުވެރިކަމުގެ ރޮނގުންނާއި އަދި ދިރިއުޅުން ތަނަވަސްވުމުގެ ގޮތުންވެސް، ވަރަށްގިނަ ފައިދާތަކެއް ޙާޞިލުވެފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ޝުކުރު އަޅުގަނޑަށް އަދާކުރައްވައިފި. އަޅުގަނޑު ދަންނަވާނީ އެޝުކުރަކީ، އަޅުގަނޑަށް ޙައްޤު ޝުކުރެއް ނޫނޭ. އެ ޝުކުރުގެ ޙައްޤުވެރި ފަރާތަކީ، ރާއްޖޭގެ ހީވާގި ދަނޑުވެރިންނޭ. އެބޭފުޅުން އެކުރެއްވި މަސައްކަތުންނޭ އަޅުގަނޑުމެންނަށް މިހާތަނަށް އާދެވިފައި މިތިބީ.

ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވީ، މީގެ 35 އަހަރު ކުރިން ނުވަތަ 36 އަހަރު ކުރިން ރާއްޖެ ހިމެނިފައި އޮތީ، ދެކުނު އޭޝިޔާގެ އެންމެ ފަޤީރު ޤައުމުގެ ގޮތުގައޭ. އެހެން ނަމަވެސް، މިވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ތަފާތު މަސައްކަތްތަކުގެ ސަބަބުން، ޚާއްޞަކޮށް، ކުރެވުނު ތަފާތު އިޤްތިޞާދީ މަސައްކަތްތަކެއްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ވިޔަފާރިއާއި، މިކަންތައްތައް ކުރިއަށް ގެންދެވިފައިވާގޮތުން، މާތްاللّهގެ ހެޔޮ ރަޙްމަތްފުޅުން މިއަދު ރާއްޖެ މިހިމެނެނީ މިސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ބޮލަކަށްޖެހޭ އާމްދަނީގެ އަދަދު އެންމެގިނަ ޤައުމު ކަމުގައި. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ޖީ.ޑީ.ޕީ ޕަރ ކެޕިޓާ 2600 އެމެރިކާ ޑޮލަރަށްވަނީ އަރާފައި. އެއީ، މިސަރަޙައްދުގެ އެއްވެސް ޤައުމަކަށް އަދި ޙާޞިލު ކުރެވިފައިވާ ކުރިއެރުމެއް ނޫން. އެކަން އެހެންވެފައި އެވަނީ، ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ރައްޔިތުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން. އެހެންވީމާ، އެކަމުގެ ޝުކުރުގެ ޙައްޤުވެރި ފަރާތަކީ، އަޅުގަނޑު ދަންނަވާނީ އަދިވެސް ހަމަ ރާއްޖޭގެ ރައްޔިތުންނޭ. ރާއްޖޭގެ ރައްޔިތުންނަށް ސާބަހާއި އައްސަރިބަސް އަޅުގަނޑު ދަންނަވަން.

އާދެ! ސުނާމީ ކާރިސާއަކީ، ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދިން ވަރަށް ހިތާމަވެރި ހާދިސާއެއް. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، އެހާދިސާގެ ސަބަބުން އަޅުގަނޑުމެންގެ ދަނޑުވެރިކަން އޮތީ މުޅިން ހަލާކުވެ ގޮސްފައި. ދަނޑުތައް ހަލާކުވެފައި. ގޯތިތަކުގައި ހައްދާފައި ހުރި މޭވާގަސްތަކާއި، އެނޫން ގަސްތައްވަނީ ފަނާވެ ގޮސްފައި. އަޅުގަނޑުމެންގެ ބިންގަނޑުވެސް ވަނީ ހަލާކުވެފައި. ލޮނުވަދެފައި. އެގޮތްމިގޮތުން ތަފާތު ދަތިތަކާ އަޅުގަނޑުމެން އެދުވަހު ތިބީ ކުރިމަތިލާން ޖެހިފައި. އަދި އޭގެފަހުންވެސް.

އެހެން ނަމަވެސް، ރާއްޖޭގެ ހީވާގި ދަނޑުވެރިން އެކުރެއްވި މަސައްކަތްތަކުގެ ސަބަބުން މާތްاللّهގެ ވާގިފުޅާއެކު، މިހާރު އަޅުގަނޑުމެންނަށް މިވަނީ، އެ ވަޅުގަނޑުން އަރައިގަނެވިފައި. ރާއްޖޭގެ ދަނޑުވެރިކަން މިހާރު އެދަނީ ތަރައްޤީވަމުން. ދެންމެ އޭނާ އެވިދާޅުވި ވާހަކަފުޅުތަކުން އެނގޭ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އަޅުގަނޑު ހަނދާންވާގޮތުގައި މިއަހަރު 18 އިންސައްތަ މައްޗަށްދިޔަކަން. އެހެންކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް ޙާޞިލު ކުރެވިފައިވާ ވަރަށްބޮޑު ކުރިއެރުމެކޭ އަޅުގަނޑު ދަންނަވާނީ.

ދަނޑުވެރިކަމުގެ އުފެއްދުންތައް އަޅުގަނޑުމެން އިތުރުކުރަމުން ގެންދާއިރު، އަދި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުން ގެންދާއިރު، އެންމެބޮޑު އެއް އިސްކަމެއް ދޭންޖެހޭނީ، ކާބޯތަކެތީގެ ސަބަބުން އާބާދީއަށް ލިބޭ ޞިއްޙީ ފައިދާގެ މިންވަރު މަތިކޮށް، ކާބޯތަކެތީގެ ޔަޤީންކަން ޤާއިމުކުރުމަށް.

އާދެ! ދުނިޔޭގެ ކާބޯތަކެތީގެ ޖަމުޢިއްޔާއިން މިއަހަރުގެ ކާބޯތަކެތީގެ ދުވަހަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ، "ދަނޑުވެރިކަމަށް ކުރާ ހޭދަ - ކާނާގެ ޔަޤީންކަން" މިޝިޢާރުންވެސް އަޅުގަނޑުމެންނަށް މި ތަޞައްވުރު އެބަލިބިދޭ. އާދެ! އަޅުގަނޑުމެން މިބޭނުންކުރާ ކާބޯތަކެތީގެ ސަބަބުން އަޅުގަނޑުމެންގެ ޞިއްޙަތަށް، އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރަން އެބަޖެހޭ. ހަމައެޔާއެކީގައި، ކާބޯތަކެތީގެ ޔަޤީންކަން އިތުރުކޮށްދޭން އެބަޖެހޭ. އަތޮޅުވެރިންގެ ވާހަކަފުޅުގައި އެވިދާޅުވީ، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް އައި ބޮޑުތަދުގެ ވާހަކަ. އޭގެފަހުންވެސް، ތަދު އައިސްފައި އެބަހުރި ބައެއް އަހަރުތަކުގައި. އެކިއެކި މިންވަރަށް. އެއީ، ރާއްޖެ އޮންނަ ގޮތުންނާއި، ރާއްޖޭގެ ބިންގަނޑު ކުޑަކަމުންނާއި، ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ޢަދަދު މަދުކަމުން ވެގެންދިޔަގޮތެއް.

އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މިތިބެވެނީ އެހެން މަރްޙަލާއަކަށް ވާސިލުވެވިފައި. ރާއްޖޭގެ ބިން ބޮޑުވީކީ ނޫން. އަދި އެނޫން އެހެން ވަސީލަތްތައްވެސް އިތުރުވީކީ ނޫން. މިއައި ބަދަލަކީ، މީހުންގެ ވިސްނުމަށް އައި ބަދަލު. މީހުންގެ މަސައްކަތަށް އައި ބަދަލު. މީހުންގެ ޤާބިލިއްޔަތަށް އައި ބަދަލު. މިބަދަލުތައް މިހެން އައިސްގެން ހަމަ އޭރުވެސް އޮތް ކުޑަކުޑަ ރާއްޖެ، އޭރުވެސް އެހާ ފަޤީރު ބިމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެމުން އައި ބިން މިއަދު މިއޮތީ އެހެން ގޮތަކަށް ބަދަލުވެފައި. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، މާތް اللّهގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، މަސައްކަތުގެ ނަތީޖާ ފެންނާނޭކަން.

އާދެ! ދަނޑުވެރިކަމަކީ ނުވަތަ ބިމުން ގަސް ހައްދައި، ގަހުން ކާނާއާއި އެނޫން ފައިދާތައް ލިބިގަތުމަކީ، މާތް اللّه އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއް. އެނިޢުމަތުގެ ވާހަކަ ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި، އެތައް ސޫރަތެއްގައި، އެތައް އާޔަތެއްގައި ވަނީ ބަޔާންކޮށްދެއްވާފައި. މިއަދުގެ މިޖަލްސާ ފެށުނުއިރު އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ الانعام ސޫރަތުގެ އެ އާޔަތްތަކުގައިވެސް އެވަނީ ހަމަ އެވާހަކަ. މާތް اللّه އީ އޮށުންނާއި އޮށްޓަރުން ގަސް ފަޅުއްވައި، އޭގެ ސަބަބުން އިންސާނުންނަށް ކާބޯތަކެތީގެ ރިޒްޤު ދެއްވާ ރަސްކަލާނގެ. އަދި މާތް اللّهގެ ނިޢުމަތްތަކުގެ ތެރޭގައި، މަރުވެފައިވާ ބިންގަނޑަކުން އެއަށް ދިރުން ދެއްވައި، ކާބޯތަކެތި އަޅާ ގަސް ދިރޭގޮތް މިންވަރު ކުރައްވައި، އަދި އެގަސްގަހުން ތަފާތު ކާނާއާއި، އެހެން ފައިދާތައް އިންސާނުންނަށް ލިބިދެއްވާ ކަމަށް، މިއާޔަތްތަކުގައި ބަޔާންކުރައްވާފައި އެބައޮތް. އަދި ވަކިން ޚާއްޞަކޮށް، ބައެއް ބާވަތުގެ މޭވާގެ ވާހަކަ ވަރަށް ތަކުރާރުކޮށް، ކީރިތި ޤުރްއާނުގައި އައިސްފައި އެބައޮތް. މޭބިސްކަދުރުގެ ވާހަކަ. ކަދުރުގެ ވާހަކަ. އަންނާރުގެ ވާހަކަ. މިހެންގޮސް ތަފާތު މޭވާތަކާއި ކާބޯތަކެއްޗަކީ، މާތް اللّهގެ މަތިވެރި ނިޢުމަތެއް ކަމުގައި އަދި އެނިޢުމަތަށް އިންސާނުން ޝުކުރު އަދާކުރަންޖެހޭނެކަން އަންގަވައި، ކީރިތި ޤުރްއާނުގައި ވަރަށްގިނަ ސޫރަތްތަކުގައި، ވަރަށްގިނަ އާޔަތްތަކުގައި އެވާހަކަ ބަޔާންކޮށްދެއްވާފައި އެބައޮތް. އެހެންވީމާ، މުސްލިމުންގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން ދަނޑުވެރިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ.

މިވާހަކަ އަޅުގަނޑު މިދަންނަވާލީ، އަޅުގަނޑުމެންގެ ރާއްޖެ މިހާރު ދަނޑުވެރިކަމުގެ ރޮނގުން އިތުރު ކުރިއެރުންތައް ޙާޞިލު ކުރަމުންދާތީ، އެއީ ވަރަށް ރަނގަޅު ގޮތަކަށް ކުރެވެމުންދާ ކަމެކޭ ދަންނަވާލުމުގެ ބޭނުމުގައި. އެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާންވީ. އެހެންދާއިރު، މިޒަމާނުގެ ހުނަރުވެރިކަމާއި ޢިލްމާއި ތަޖުރިބާ ހޯދަންޖެހޭ. މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކުރަންޖެހޭ. އެވަސީލަތްތައް ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ކާބޯތަކެތިން އާބާދީއަށް ލިބޭ ޞިއްޙީ ފައިދާ އިތުރުކުރެވޭނީ. ހަމައެޔާއެކީގައި ކާބޯތަކެތީގެ ޔަޤީންކަންވެސް އިތުރުކުރެވޭނީ.

އާދެ! މިމަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން އެބަޖެހޭ. އަދި އެ އުފެއްދުންތައް އިތުރުކުރުމާއެކު، އެތަކެތި މާކެޓް ކުރެވޭނެ ގޮތްތައްވެސް ހޯދަން އެބަޖެހޭ. މިކަންކަން މިހެން ކުރެވޭނީ، އިންވެސްޓް ކުރާ ފަރާތްތަކާއި ދަނޑުވެރިންނާ ގުޅިގެން މަސައްކަތްކޮށްގެންކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ. އެހެންވީމާ، ރާއްޖޭގެ ދަނޑުވެރިންނާއި އިންވެސްޓަރުން މިކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭ ކަމެއް ކަމުގައި ދަންނަވާލަން.

އާދެ! އަޅުގަނޑުމެންގެ ރާއްޖެއަށް ގިނަ އަދަދަކަށް ކާނާ އެތެރެކުރެވޭ. އެކަމަކު ރާއްޖޭގައި ދަނޑުވެރިކަމުގެ ކާނާ އުފައްދައި މާކެޓް ކުރުމުގެ ފުރްޞަތު މިހާރު މިވަނީވެސް ވަރަށްބޮޑުވެފައި. މިކަން މާލޭގެ ލޯކަލް މާރުކޭޓަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ހަމަ ފެނިވަޑައިގަންނަވާނެ. އެތާނގައި ހުންނަ ބާވަތްތަކާއި ތަކެތި އިތުރުވަމުންދާ މިންވަރު. އެހެންވީމާ، އެތަކެތި ވިއްކައިގެން ރާއްޖޭގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ޢާއިލާތަކަށާއި، އެކަމުގެ ވިޔަފާރީގައި އުޅޭ އެކިފަރާތްތަކަށް ލިބޭ އާމްދަނީ މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިއީވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރަމުންދާ ކަމުގެ ހެތްކެއް.

ރާއްޖޭގައި ހައްދާ ބާވަތްތަކުގެ މިންވަރު އިތުރުވަމުންދާކަން އަންގައިދޭ އަނެއް މިންގަނޑަކީ، ރާއްޖެއަށް ބޭރުން އެތެރެކުރެވޭ ބައެއް ބާވަތްތަކުގެ މިންވަރު، އަހަރުން އަހަރަށް ދަށްވަމުންދާކަން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އުފައްދާ ތަކެތީގެ އަގު ތަންކޮޅެއް ބޮޑުވީމާ، އަދި ބޭރުން ގެންނަ ތަކެތީގެ އަގު ހެޔޮވީމާ، އެއީ މައްސަލައަކަށްވާ ކަމަށް ވިދާޅުވި. އެހެން ނަމަވެސް، މިހާރު ބޭރުން ގެނެވޭ ތަކެތި މަދުކުރެވޭ ކަމަށްވަންޏާ، އެމައްސަލަވެސް ޙައްލުވެގެންދާނެ. އަދި އޭނާ އެވިދާޅުވި ގޮތުގެ މަތިން، އަޅުގަނޑުމެން ދަނޑުވެރިކަން ކުރާއިރު، މިކުރާ ޚަރަދު ކުޑަކުރެވޭ ގޮތަކަށް ބަލައިގެން، އުފައްދާ ތަކެތި އިތުރުކުރެވޭ ގޮތަކަށް ބަލައިގެން، އެއީ މިޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ކުރެވިދާނެ ކަމެއް. މިކަންކަން މިހެން ކޮށްފީވިއްޔާ، އެ ވާދަވެރިކަން އަޅުގަނޑުމެންނަށް ނައްތާލެވިދާނެ. އަދި އެ ވާދަވެރިކަން ނައްތާލެވުމުގެ ސަބަބުން އަޅުގަނޑުމެން އުފައްދާ ކާބޯތަކެއްޗަށް، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ! އެހެންވީމާ، މިއަދު އަޅުގަނޑުމެން މިވަނީ ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، އާ ގޮތްތަކެއް ހޯދަންޖެހިފައި. އާ ވަސީލަތްތަކެއް ބޭނުންކުރަން ޖެހިފައި. އަޅުގަނޑަކީ ދަނޑުވެރިކަމުގެ މާހިރަކަށް ނުވާތީ، އެވާހަކަތައް ކޮންމެހެން ދަންނަވާލާކަށް ނޫޅޭނަން. މިނިސްޓަރ ޢަބްދުاللّه ކަމާލުއްދީނުގެ ވާހަކަފުޅުގައި، އޭގެ ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައިފި. އޭނާ އެވިދާޅުވި ކަންތައްތަކާއި އަދި އެނޫންވެސް ކަންތައްތައް އަޅުގަނޑުމެން ދަސްކޮށްގެން، އެގޮތުގެ މަތިން ދަނޑުވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކޮށްފީވިއްޔާ، މިހާރު އަޅުގަނޑުމެންނަށް ދަނޑުވެރިކަމުން މި ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީ ލިބޭނެ. މިހާރު އަޅުގަނޑުމެންނަށް ލިބިފައިމިވާ ތަނަވަސްކަމަށްވުރެ ބޮޑު ތަނަވަސްކަމެއް، މާތް اللّهގެ ވާގިފުޅާއެކު ލިބޭނެ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެންމެންވެސް ސަމާލުވުމަކީ، ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މީގެކުރިންވެސް އަޅުގަނޑު ތޮއްޑުއަށް އައިކަން ގައިމުވެސް ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ. މީގެކުރިން، މިމަޤާމުގައި ހުރެގެން އަޅުގަނޑަށް ހަތަރުފަހަރަކު ތޮއްޑުއަށް ޒިޔާރަތް ކުރެވިއްޖެ. އެންމެފަހުން އާދެވުނީ 1998 ވަނަ އަހަރު. ދުވަސްކޮޅެއް ވެއްޖެ. އެހެން ނަމަވެސް، އެއީ އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި، އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް، ގިނަ ރަށްރަށަށް ޒިޔާރަތް ކުރަންޖެހޭތީއާ އެކީގައި އަޅުގަނޑު އެދޭހާ ގިނަފަހަރު މިރަށަށް އާދެވިފައި ނުވަނީ. ނުވަތަ އަޅުގަނޑު އެދޭހާ އަވަސް އަވަހަށް އެކިރަށްރަށަށް ޒިޔާރަތް ކުރެވޭގޮތް ނުވަނީ. މިކަން ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން އަދި ރަށްރަށުގެ ރައްޔިތުން ބަލައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

ކޮންމެއަކަސް އަތޮޅުތަކުގެ ޙާލަތު، އަތޮޅުތަކުގެ އިޖުތިމާޢީ ޙާލަތު، އަތޮޅުތަކުގެ އިޤްތިޞާދީ ޙާލަތު، އަތޮޅުތަކުގެ ފުދުންތެރިކަމުގެ ޙާލަތު، އަތޮޅުތަކުގެ ޞިއްޙީ ޙާލަތު، އަތޮޅުތަކުގެ ތަޢުލީމީ ޙާލަތު، މިހެންގޮސް އަތޮޅުތަކާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ޙާލަތު ރަނގަޅު ކުރެވޭތޯ ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.

ތިޔައިގެ ތެރެއިން ތަންކޮޅެއް ޢުމުރުން ދުވަސްވީ ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ. 1979 ވަނަ އަހަރު ސަރުކާރުން ފެށި މަޝްރޫޢެއްގެ ހަނދާން. އާދެ! އެއީ ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމުގެ މަޝްރޫޢެއް. މީގެ 27 އަހަރު ކުރިން އެމަޝްރޫޢު ފެށީ. އެމަޝްރޫޢުގެ މަސައްކަތްތައް، މެދުނުކެނޑި މިދަނީ ހިނގަމުން. އޭގެ ސަބަބުންވެސް، ރާއްޖެތެރެއަށް މިވަނީ ވަރަށްބޮޑު ދިރުމެއް ލިބިފައި. ވަރަށްގިނަ ކަންތައްތަކެއް ކުރެވިފައި. މިހާރު ތަފާތު ނަންނަމުގައި، ތަފާތު މަސައްކަތްތަކާއި މަޝްރޫޢުތައް ރާއްޖޭގެ އަތޮޅުތަކުގައި މިދަނީ ހިންގެމުން. މިކަންތައްތަކުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް، އިތުރު ފުރްޞަތުތައް ތަނަވަސްވެގެން އެބަދޭ. އަތޮޅުތަކުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ފެނިގެން އެބަދޭ. އެމީހުންގެ ތަނަވަސްކަން އިތުރުވާނެގޮތްތައް މާތް اللّه އެބަ މިންވަރު ކުރައްވާ.

އެހެންވީމާ، މިހާރު މިއޮތް ޙާލަތަކީ، މީގެކުރިން އޮތް ޙާލަތާ އަޅައިބަލާއިރު، ވަރަށް ތަފާތުކަން ބޮޑު ޙާލަތެއް. ދަންނަވަން މިއުޅޭ ވާހަކައަކީ، އަތޮޅުތަކުގެ ތަރައްޤީއަށް، ސަރުކާރުން ހުއްޓުމެއްނެތި މިއަންނަނީ މަސައްކަތް ކުރަމުންނޭ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ކުރަމުން ގެންދާނަމޭ. މިއީ ހަމައެކަނި އަޅުގަނޑު ކުރާ މަސައްކަތެއް ނޫން. އަޅުގަނޑަށް އެހީވެދެއްވާ މި ހުރިހާ މިނިސްޓަރުން، ވަޒީރުންނާއި އަދި މިނިސްޓްރީތަކުގެ ވެރިންނާއި މުވައްޒަފުންނާއި އަދި ތަފާތު އެހެން ދާއިރާތަކުގެ ބޭފުޅުން މިމަސައްކަތުގައި ވަރަށް އަވަދިނެތިކޮށް އުޅުއްވަމުން އެބަގެންދަވާ. އެހެންވީމާ، މި ހުރިހާ ބޭފުޅުންނާއި ފަރާތްތަކުގެ މަސައްކަތްޕުޅުގެ ސަބަބުން އަތޮޅުތަކަށް މިދަނީ އިތުރު ކުރިއެރުންތައް ލިބެމުން. އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަދި މިއަށްވުރެވެސް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ.

އާދެ! މިއަދު މިޖަލްސާގައި އަޅުގަނޑުމެންގެ ބައެއް ޢިއްޒަތްތެރި ވަޒީރުން އެބަތިއްބެވި. އަދި ވަޒީރުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ، އަދި ޚާއްޞަ މަޖިލީހުގެ މިއަތޮޅުގެ މެންބަރުން އެބަތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ މިއަތޮޅުގެ މެންބަރުން ކަމުގައިވާ އަލްފާޟިލް ޙުސައިން މުޙަންމަދާއި، އަލްފާޟިލް އަޙްމަދު ޒުބައިރު އެބަތިއްބެވި. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު މުޙަންމަދު މަޖީދު އިބްރާހީމް މިތާ އެބައިންނެވި. އެހުރިހާ ބޭފުޅުން މިޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވިކަމީ، މިޖަލްސާއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން. އަދި އެބޭފުޅުން އަޅުގަނޑާ އެކީގައި ވަޑައިގެންދެއްވީތީ، އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެން މިދައްކަނީ މާތް اللّهގެ ވާގިފުޅާއެކު، ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށްދާ ވާހަކަ. ރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށްދާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ، އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިއަންނަނީ، އަދި މިއަދުވެސް ދަންނަވާނީ، ރާއްޖޭގައި މިއޮތް ހަމަޖެހުން، ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުމާއި، އުޚުއްވަތްތެރި ކަމުގެ ވާހަކަ. ރާއްޖޭގައި މި ހަމަޖެހުން، މި އިޖުތިމާޢީ އަދި ސިޔާސީ، އިޤްތިޞާދީ ހަމަޖެހުން ނެތްނަމަ، ރާއްޖެފަދަ ޤައުމަކަށް އެއްގޮތަކަށްވެސް ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުމެން މިއަދު މިވާހަކަ ދައްކާ ކުރިއެރުމުގެ ވާހަކަ ދައްކާނެ ފުރްޞަތެއް ނުލިބޭނެ. މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމަތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް އެނގޭނެ އެއްޗެއް. ސަރަޙައްދީ ފެންވަރުގައިވެސް އަޅުގަނޑުމެން ނަޒަރު ހިންގައިލިޔަސް މިކަން އެނގޭނެ. އަވަށްޓެރި ޤައުމުތަކުގައި ކަންތައް ހިނގަމުންދާގޮތް. އެތަންތާނގައި އެހުރި ހަމަނުޖެހުމާއި، ފިތުނަފަސާދައާއި ދެކޮޅުވެރިކަމާއި ލޭއޮހޮރުވުމާއި، މިކަންކަން މިގޮތަށް ހިނގާތީ، އެޤައުމުތަކަށް އެތިބެވެނީ ކުރިއަށް ނުދެވިފައި. އެކަމުން އަޅުގަނޑުމެން އެބަޖެހޭ ޢިބްރަތެއް ޙާޞިލު ކުރަން.

އަޅުގަނޑުމެންގެ ރާއްޖެ ކިތަންމެ ހަލުވިކޮށް ކުރިއަށް ގެންދަން ބޭނުންވިޔަސް، ރާއްޖެއަށް ކިތަންމެ ބޮޑެތި އިޞްލާޙުތަކެއް ގެންނަން ބޭނުންވިޔަސް، އެ އިޞްލާޙުތައް އަންނަންޖެހޭނީ ހަމަޖެހުމާ އެކީގައި. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް އެއްވެސްކަހަލަ ބުރުލެއްނާރާ. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބަޔެއްގެ ގޮތުގައި ތިބެގެން. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ އެއްބަނޑުއެއްބަފާ ބަޔެއް. މުއުމިނުންނަކީ އެއްބަނޑުއެއްބަފާ ބަޔެއް. މިއީ، އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. މިއީ اللّـه سبحـانـه وتعـالى އަންގަވާފައިވާގޮތް. "إنماالمؤمنين إخوة". "މުއުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ." "إِنَّ هَذِهِ أُمَّتُكُمْ أُمَّةً وَاحِدَةً" މާތް اللّه ވަޙީކުރައްވަނީ "ހަމަކަށަވަރުން ތިޔަބައިމީހުންގެ މިއުންމަތަކީ، އެއްއުންމަތޭ." "وَأَنَا رَبُّكُمْ فَاتَّقُونِ" "އަދި ތިމަންރަސްކަލާނގެއީ ތިޔަބައިމީހުން ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެއޭ. ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށޭ." އެހެން އާޔަތެއްގައި "فَاعْبُدُون" "ތިމަން ރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށޭ." މިހެން އަންގަވާފައި އެބައޮތް.

އެހެންވީމާ، މިއީ اللّه ގެ އެންގެވުން. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމަކީ، އަޅުގަނޑުމެން އަމިއްލައަށް އުފެއްދި އެއްޗެއް ނޫން. އެއީ اللّه އަޅުގަނޑުމެންނަށް ދެއްވާފައިވާ ރަޙްމަތެއް. ދެއްވާފައިވާ ބޮޑު ނިޢުމަތެއް. މިފަދަ ނިޢުމަތްތަކުގެ އަގު ވަޒަން ކުރަންޖެހޭނެ. މިނިޢުމަތްތަކަށް ޝުކުރު އަދާކުރަންޖެހޭނެ. "وَإِن تَعُدُّواْ نِعْمَةَ اللَّهِ لاَ تُحْصُوهَا." "ތިޔަބައިމީހުން اللّهގެ ނިޢުމަތްތައް ގުނާ ޢަދަދުކުރަން މަސައްކަތް ކޮށްފިނަމަވެސް ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ގުނާ ޢަދަދެއް ނުކުރެވޭނެޔޭ." "لَئِن شَكَرْتُمْ لَأَزِيدَنَّكُمْ" މާތް اللّه އަންގަވަނީ "ހަމަކަށަވަރުން ތިޔަބައިމީހުން ތިމަންރަސްކަލާނގެ ނިޢުމަތްތަކަށް ޝުކުރުކޮށްފިނަމަ، އެނިޢުމަތްތައް ތިމަންރަސްކަލާނގެ ހަމަކަށަވަރުން އިތުރުކޮށްދެއްވާހުށީމޭ."

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، އަޅުގަނޑުމެންނަށް اللّه ދެއްވާފައިވާ ނިޢުމަތްތައް އިތުރުވާން. އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވާން. އަޅުގަނޑުމެންނަށް އިތުރު އާމްދަނީ ލިބެން. ތަރައްޤީގެ މަގުގައި އިތުރު ހަރުފަތްތަކަކަށް ވާސިލުވާން. މިކަންތައްވާނީ، اللّهގެ ނިޢުމަތްތަކަށް ޝުކުރުކޮށްގެން. އެންމެބޮޑު ނިޢުމަތަކީ އެކުވެރިކަމުގެ ނިޢުމަތް. އުޚުއްވަތްތެރިކަމުގެ ނިޢުމަތް. އެނިޢުމަތަށް އަޅުގަނޑުމެން ޝުކުރުކުރަންޖެހޭނެ. ޝުކުރު ކުރުމަކީ، އެކަންތައް ބަދަހިކޮށް ދެމެހެއްޓުން. އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަން ބަދަހިކޮށް ދެމެހެއްޓުމަކީ، އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅެން އޮތް އެންމެބޮޑު ބާރު.

އެހެންވީމާ، އެކަން އަޅުގަނޑުމެން ދުވަހެއްގައިވެސް ހަނދާންނައްތާލައިގެނެއް ނުވާނެކަމުގެ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވީ. މިވާހަކައަކީ، މިއަދު ފުރަތަމަފަހަރަށް އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އަޅުގަނޑު، ވެރިކަމާ ޙަވާލުވެގެން ކޮންމެ އަތޮޅަކަށް، ކޮންމެ ރަށަކަށް ކުރި ކޮންމެ ޒިޔާރަތެއްގައިވެސް މިވާހަކަ ނުބުނެއެއް ނޯންނާނެ. އެހެންވީމާ، މިއީ، އަބަދުވެސް މިކަން އޮތްގޮތް. އޮންނަންޖެހޭނެވެސް ގޮތް. އެހެންވީމާ، މިއަދުގެ ވާހަކައިގައިވެސް އަޅުގަނޑު އެވާހަކަ ދަންނަވާލީ.

އާދެ! އަޅުގަނޑުގެ ވާހަކަ ހީކުރިވަރަށްވުރެ ތަންކޮޅެއް ދިގުވެއްޖެ. އެކަމަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. ވަގުތުގެ ގޮތުންވެސް ވަރަށް ލަސްވެގެން ހިނގައްޖެ. ކޮންމެއަކަސް އަޅުގަނޑު މިރަށަށް އައުމުން، މިއަތޮޅުގެ އަތޮޅުވެރިންނާއި އަދި މިއަތޮޅުގެ އެހެން ރަށްރަށުގެ ވެރިންނާއި، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ތެދުމަގު ދެއްކެވުން. އަޅުގަނޑުމެންނަކީ، ހެޔޮގޮތުގައި ވިސްނުމުގެ ބޭނުންކުރާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލެއްވުން. އެކަލާނގެ ފޮނުއްވި މާތް ދީނުގެ ހިދާޔަތުގައި، ފައިތިލަ ސާބިތުކޮށްގެން ތިބެގެން، މާތްاللّه ރުއްސަވާވޮޑިގެންވާ މަގުން ހިނގާ ބަޔަކު ކަމުގައި ވުމުގެ ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ، އެކަލާނގެ އަޅުގަނޑުމެންނަށް ދައްކަވައި، ދިވެހިރާއްޖެއަކީ، އަމަންއަމާންކަން ލިބިފައިވާ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ އަދި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ޤައުމެއް ކަމުގައި ލެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.