بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭގެ މިއުފާވެރި ބައްދަލުވުމުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ ހަތަރުވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރެވިފައިވާ ޑޮމެސްޓިކް ޓަރމިނަލް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިމުނާސަބަތުގައި، މި ޓަރމިނަލް ބޭނުންކުރައްވާ ހުރިހާ ދިވެހިންނަށް، ހުރިހާ ފަސިންޖަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެޔާއެކު، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގެ އިސްބޭފުޅުންނަށާއި މުވައްޒަފުންނަށާއި، މިކަމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޝައްކެތްނެތްގޮތުގައި، މިރޭ މިހުޅުވޭ ޓަރމިނަލްގެ ސަބަބުން، ދެންމެ މިނިސްޓަރ މުޙަންމަދު ސަޢީދު އެވިދާޅުވި ފަދައިން، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނެ، އަދި އަޅުގަނޑު ހިތުން ހަމަ ކުރިން އޮތްގޮތުންވިއްޔާ އިންޓަރނޭޝަނަލް ޓަރމިނަލް ބޭނުންކުރައްވާ ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެ. އެއީ، މިހާރު އެތެރޭގެ ދަތުރުތަކުގައި އުޅުއްވާ ބޭފުޅުންނަށާއި، ބޭރު ދަތުރުތަކުގައި އުޅުއްވާ ބޭފުޅުންނަށް، ތަންކޮޅެއް ތަނަވަސްގޮތެއްގައި ދެތަން ހަމަޖެހިގެންދިޔައީމާ.

އަޅުގަނޑަށް އެނގިފައިވާގޮތުގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މިފިޔަވަހީގެ ދަށުން، މިރޭ މިހުޅުވޭ ޓަރމިނަލުގެ ޚަރަދުގެ އެންމެބޮޑު ބައެއް ލިބިފައި މިވަނީ، ކުވޭތު ފަންޑުން. ކުވޭތު ފަންޑުން ނުވަދިހަ ޕަސެންޓް ދެއްވި. ދިވެހި ސަރުކާރުން އަނެއް ދިހަ ޕަސެންޓް. ގާތްގަނޑަކަށް ދެމިލިޔަން ޑޮލަރު ޚަރަދު ކުރެވިގެން ހެދިފައިވާ ތަނެއް މިއީ. އެހެންވީމާ، ކުވޭތު ފަންޑުން އަޅުގަނޑުމެންނަށް އެދެއްވި އެހީއަށްޓަކައި، އެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ތަރައްޤީގެ ކަންތައްތަކުގައި، އެކުވެރި ޤައުމުތަކުން ލިބޭ އެހީއަކީ، ވަރަށް މުހިންމު އެއްޗެއް. ޙަޤީޤަތުގައި ކުވޭތު ފަންޑުގެ އެހީ އެއަރޕޯޓަށް ލިބެން ފެށިތާ މިހާރު ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވެއްޖެ. އާދެ! އެހެން މިދެންނެވީ، އެންމެ ފުރަތަމަ އެކަމުގެ ތެރޭގައި އުޅެންޖެހުނު އެކަކަށް އަޅުގަނޑުވާތީ. 1976 ވަނަ އަހަރުން ފެށިގެން އަޅުގަނޑު ވަނީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެންމެ ފުރަތަމަ މަޝްރޫޢުގެ ތެރޭގައި ޢަމަލީގޮތުން އިސް މީހެއްގެ ގޮތުގައި އުޅެފައި. އަދި 1981 ވަނަ އަހަރު މާލޭ ބައިނަލްއަޤްވާމީ އެއަރޕޯޓް ހުޅުވައިދިނުމުގެ ޝަރަފުވެސް އަޅުގަނޑަށްވަނީ ލިބިފައި. އެހެންވީމާ، އެއަރޕޯޓާބެހޭ ކަންތައްތަކަކީ، އަބަދުވެސް އަޅުގަނޑަށް ވަރަށް މުހިންމު އަދި އަޅުގަނޑު އޭގެތެރޭގައި ކޮންމެވެސް ވަރަކަށް ހިމެނިގެން ގޮސްފައިވާ ކަންތައްތަކެއް.

އެއަރޕޯޓަކީ ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި ހުޅުވިފައިވާ އެންމެބޮޑު ދޮރޯށި. އެ ދޮރޯށިން އެތެރެވާ މީހުންނަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިން. އަދި އަޅުގަނޑުމެންނަށް މީގެ ބޭނުން މިކުރެވެނީ، ރާއްޖެއާއި ބޭރު ދުނިޔެއާ ގުޅުވައިލުމުގައި. މިގޮތުން ބަލާއިރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުވަތަ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް، މި ލިބޭ ކޮންމެ ކުރިއެރުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަށާއި ވިޔަފާރިއަށާއި، އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް. އެހެންވީމާ، އެކަންވެސް މިރޭ އަޅުގަނޑު ހަނދާންކުރަމުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ޑޮމެސްޓިކް ޓަރމިނަލް ހުޅުވައިދިނުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކާއި ޝަރަފެއް ކަމުގައި ދަންނަވާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.