ވަޒީފާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 02/2008) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ 2020 ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ޙަވާލުކުރުމަށް ލާޒިމުކޮށްފައިވެއެވެ. އަދި، މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއި ހަމައަށް އެއްބަސްވުމުގެ ކޮޕީ ޙަވާލުނުކޮށްހުރި ފަރާތްތަކުން ވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ޙަވާލުކޮށް ނިންމުމަށް ވެސް މި އިޞްލާޙުގައިވެއެވެ. މީގެ އިތުރުން، މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ޙައްޤު މި އިޞްލާޙުގައި މުވައްޒަފުންނަށް ލިބިދީފައިވެއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް ގެނައި މި އިޞްލާޙުގައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާއި ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދީފައިވެއެވެ. މީގެ އިތުރުން، މި އިޞްލާޙުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން "ސަރވިސްޗާޖް" ނެގުމަށް ލާޒިމުކުރުމާއި، ސަރވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައް ހިމަނާފައިވެއެވެ.

މި އިޞްލާޙުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ޤާނޫނުގެ ދަށުން ވަޒިފާއާއިބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކުގެ ހަވާލުކުރެވިފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެހުންނެވި މިނިސްޓަރަކު ޤާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އުފެއްދުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މި އިޞްލާޙުގައި، ރާއްޖެއަށް އެއް ޤައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ގެނެވޭނެ ޢަދަދު ކަނޑައެޅުމާއި، ދިވެހިން ތަމްރީނުކުރުމަށާއި، ވަޒީފާ ދިނުމުގައި އިސްކަންދިނުމާއި، މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑާ ބެހޭ މާއްދާތައް ވެސް ހިމަނާފައިވެއެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި އިޞްލާހުގެ 12 ވަނަ މާއްދާފިޔަވާ އެހެން ހުރިހާ މާއްދާއަކަށް މި އިޞްލާހު މިއަދު ތަސްދީޤު ކުރުމާއެކު ޢަމަލުކުރަން ފަށާނެއެވެ.