ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ޒިޔާރާތްކުރައްވައި، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެޗް.އީ.އޯ.ސީ ގައި މިއަދު މެންދުރުކުރީގައި ބޭއްވެވި ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރިޔާސަތު ބަލަހައްޓަވާ ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަތިވި ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗް.އީ.އޯ.ސީ.ގެ ބައްލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި، މިއީ ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ކަންތައްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޒިޔާރަތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.