ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮހާނާ ބެއްޑާޖު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ވ ރޮހާނާ ބެއްޑާޖު ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގެ މެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވައިލައްވާފައެވެ. އެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަކުރައްވައި، އެކަމުގެ ހަޤީޤަތަކީ ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރެއްވިއެވެ. އަދި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވަނީ، ތަޢުލީމު، ސަޤާފީ އަދި ޕަރފޯމަންސް އާޓްސްގެ ދާއިރާއިން އިތުރަށް ގުޅުންތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސްރީލަންކާގެ ސަފީރު ވަނީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދާއި ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްރީލަންކާގެ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ވެސް ހަރުދަނާ ވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ސްރީލަންކާގެ ސަފީރު ވެސް ވަނީ މި ސަރުކާރާއިއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.